ލާރާ (ދެވަނަ
ބައި)
(ފުރަތަމަ
ބަޔާއިގުޅޭ)..........
އަހަރެން
ބައިގަޑިއެއްހާއިރު މަޑުކޮށްލާފައި އަވަހަށް ގެއަށްދިޔައީ ލަސްވެދާނެހެން
ހީވެދާނެތީއެވެ. އެއިރުން ކުރިމަތިލާންޖެހިދާނެ ވޭނެއްގެ ކޮޅެއްވެސް ނޭގޭނެވެ.
އަހަރެން ގެއަށް ވަނުމާއިއެކު ނަޒަރު ހުއްޓުނީ ގޭތެރޭގައި އިން ދޮން މީހަކާއި
ދިމާލަށެވެ. އެއީ އިނގިރޭސިއެކެވެ. އޭނާ އަހަންނާއި އިނގިރޭސި ބަހުން
ވާހަކަދެއްކިއެވެ. ގޭގެ އެންމެންވެސް އޭރު އެތާގައި ތިއްބެވެ. އެންމެން ކަހަލަ
ގޮތަކަށް އަހަންނަށް ހީނފައި މަލާމާތް ކުރިއެވެ. އެމީހުން ހީކުރީ އަހަންނަށް
އިނގިރޭސިބަހުން ވާހަކަދައްކަން ނޭނގޭ ކަމަށެވެ. އަހަރެން އެމީހާއަށް ޖަވާބު
ދިންގޮތުން އެންމެން ތިބީ އަނަގަ ހުޅުވިފައެވެ. އަހަރެން ކޮންމެދުވަހަކު
އެލެކްސްއަސް ސިޓީލިޔަމެވެ. އެވެސް އިނގިރޭސިންނެވެ. އަހަރެން ފުރަތަމަ ހީކުރީ
އެމީހާއައީ މަންމަމެން ބުނެގެން އަހަރެން ގެންދަން ކަމަށެވެ. އެހެންވެ ހިތް ކެކި
އުތުރިއެރިއެވެ. ވީވެސް އެހެންނެވެ. އެމީހާއައީ އަހަރެން ގެންދަން ވެގެންނެވެ.
އެކަމަކު މަންމަމެން ބުނެގެން ނޫނެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު
ދެމިގެންދިޔަ ކަހަލައެވެ. ގޭގެ މީހުން އަހަރެން ތިރީސްހާސް ރުފިޔާއަށް އެމީހާއަށް
ވިއްކާލީއެވެ. އެކުވެރިންނޭވެ! މިއީ ގާތްތިމާގެ މީހުންނާއިދޭތެރޭ މީހުން ކަންތައް
ކުރާގޮތް ހެއްޔެވެ؟.........
އެމީހާ އައީ
އަހަރެން އެތާ ކައިރީ ރިސޯޓަކަށް ގެންދާށެވެ. އަހަރެންގެ ލޮލުން
ހިފެހެއްޓުމެއްނެތި ކަރުނަ ފޭބިއެވެ. ބިރުގަންނަން ފެއްޓިއެވެ. އަހަރެން މާމަޔާއި ކައިރިވެލިމެވެ.
ރޮއެ އާދޭސް ކުރީމެވެ. އެފަކީރު ކިއްކުރާނީ ހެއްޔެވެ؟ މާމަގެ އެއްވެސް ބާރެއް
އެގެއަކު ނޮފޯރައެވެ. އަހަރެން އަހަރެންގެ ބަސުނަސީބު ކަމާއިމެދު ދެރަވިއެވެ.
އަހަރެން މިވިއްކާލީ ނީލަމަށް ލާފައިހުރި މުދާގަނޑެއް ފަދައިންނެވެ.
އަހަރެން މާމަދިން
ކުޑަ ފޮށްޓެއްގެ ތެރެއަށް އަހަރެންގެ ހެދުންތައްއެޅީމެވެ. އަތުގައި އޮންނަނީވެސް
ބާވެފައި އޮންނަ ދެތިން ހެދުމެވެ. އަހަރެން ފޮށި ފުރުވާލީ އަހަރެން އެލެކްސަށް
ލިޔުނު ސިޓީތަކުންނާއި އަހަރުމެން ދެމީހުންގެ ކުޑައިރުގެ ފޮޓޯތަކުންނެވެ. އެވަގުތު
އޭގައިއޮތް މަންމަޔާއި ބައްޕަގެ ފޮޓޯއެއް އަހަންނަށް ފެނުނެވެ. ހިތަށް ތަދުވިލެއް
ބޮޑުކަމުން އަހަރެން ވުގުތުން އެފޮޓޯ ވީދާ ކުދިކުދިކޮށް ޑަސްޕިނަށްލީމެވެ. ހިތުގެ ތެރޭގައި
އަނދަމުންދިޔަ އަލިފާންގަނޑު އެފޮޓޮއަށް ބޭލުނީ މިހުރިހާ ކަމެއްގެ ފެށުމަކީ
އެމީހުން ކަމަށްވާތީއެވެ. އަހަރެން ފޮށިހިފައިގެން ބޭރަށް ނުކުތީމެވެ. މުސްކުޅި މާމަގެ
ލޮލުން އަހަންނާއި ވަކިވެދިޔމުގެ ކަރުނަ ފެނިފައި އަހަންނަށްވެސް ރޮވުނެވެ. ނަމަވެސް
ހިތްވަރުކޮށްލާފައި ނިކަންލޯބިން އަހަރެން މާމަގެ ގައިގައި އޮޅުލައިގަތީމެވެ. އެންމެފަހުގެ
ވަދާއީ ސަލާމް މާމަޔާއިކޮށްފައި އަހަރެން އެގެއިން ނުކުތީމެވެ.
އަހަރެން ބަލާއައި
މީހާ އަހަރެންގެ އަތުން ފޮށިނެގިއެވެ. އަދި ރިސޯޓަށްދާން ފުރުމަށް ޖެޓީއާއި
ދިމާލަށް ހިނގައިގަތީމެވެ. އޭނާގޮސް އެރީ ކުޑަވަރެއްގެ ލޯންޗަކަށެވެ. އަހަރެންގެ އަތުގައި
ހިފައި އަހަރެންވެސް އެއަށް އެރުވުއެވެ. ލޯންޗިމަތީގައި ހޭދަވީ ބައިގަޑިއިރެވެ.
ލޯންޗްގޮސް މަޑުކޮށްލީ ވަރަށްރީތި ރިސޯޓަކަށެވެ. ބޮޑުދޮންވެލި ތުޑިއެއްވާ
ހިތްގައިމު ރަށެކެވެ. ދަތުރުމަތީގައި ދެކެވުނު ވާހަކައިން އަހަރެން ގެންދަނީ
ރިސޯޓުގެ ބޮޑުމީހާ ބުނެގެންކަން އަހަންނަށް އެނގުނެވެ. އެމީހާ އަހަރެން ގެންދަނީ
އެމީހާގެ ގައުމަށް ލަންޑަނަށްކަން ބުނުމުން އަހަންނަށް ގަބޫލުކުރަންވެސް
ދަތިވިއެވެ. އަހަންނަށް ހީވީ އެއްފަހަރުން އަހަރެންގެ މަންޒިލާއިހަމަޔަށް ފައިތިލަ
ސާބިތުވާން އުޅެނީހެންނެވެ. ވީ އުފަލާއި އެއްވަރަށް ހިތުގައި ސުވާލުގެ
އޮއިވަރެއްވެސް އުފެދުނެވެ. އަހަރެން އެތަނަށް އެމީހާ ގެންދަނީ ކީއްވެގެންކަން
ނޭނގޭތީއެވެ. އަހަރެން ބިރުގަންނަން ފެއްޓިއެވެ. މިހާރު އަހަންނަކީ އޭނާގެ
އަޅެއްގެ ގޮތުގައި ހުންނަން ޖެހޭ މީހެކެވެ. އެއީ ކާކު، ކިހިނެއްހުރި މީހެއް
ކަމެއްވެސް އަހަންނަކަށް ނޭގެއެވެ. ދުނިޔޭގެ ކޮންމެ ފިޔަވަޅަކީވެސް
ހަނގުރާމައެކެވެ. ޖިހާދެކެވެ. މިހަގުރާމައިގައިވެސް އަހަރެން ކާމިޔާބުލިބޭތޯ
މަސައްކަތް ކުރާނަމެވެ. ހަތިޔާރު މައިދާނަށް ދޫކޮށްފައި ފިލަން ނުދުވާނަމެވެ. އެއީ
ކާމިޔާބަމކީ ކެތްތެރިންގެ ހައްގެއްކަމަށްވާތީއެވެ.
ރިސޯޓަށް ފޭބުމަށްފަހު
އެމީހާ އަހަރެން ގޮވައިގެން ދިޔައީ ރޫމަކަށެވެ. ރޫމުގެ ތަޅުދަނޑި އަހަންނަށް
ދިއްކޮށްލާފައި އެމީހާ ހިގައްޖެއެވެ. އަހަރެން ރޫމަށް ވަނީމެވެ. ކުޑަދޮރު ހުޅުވާލުމުން
މާސިންގާ ކަނޑު ފެންނަންއޮތެވެ. އަހަރެން ފުންނޭވާއެއްލުމަށްފަހު އެނދުގައި
ޖައްސާލީމެވެ. ކުއްލިއަކަށް ސިހުނީ މީހަކު ދޮރުގައި ޓަކި ޖަހާލުމުންނެވެ. އަހަރެން
ބިރުންހުރެ ދޮރު ހުޅުވައިލީމެވެ. އޭރު ރޭނގަޑުން ނުވަގަޑިބައި ވެއްޖެއެވެ.
އެތެރެއަށް ވަނުމަށް ހުއްދައަށް އެދުނީ ވެއިޓަރެވެ. ބަލާލުމުން އެއީ
ދިވެއްސެއްކަން އެނގުނެވެ. އޭނާ ވާހަކަދެއްކީ އިނގިރޭސިންނެވެ. އޭނައައީ ރޭގަނޑުގެ
ކެއުން ހިފައިގެންނެވެ. އަހަރެން ދިވެހިން ވާހަކަދައްކަން ފެއްޓުމުން އޭނާހުރީ
ހައިރާންވެފައެވެ. އޭނާ ބުނިގޮތުގައި އަހަންނާ ދިވެއްސަކާއި ވައްތަރެއްނޫނެވެ.
ކާއެއްޗެހި ބެހެއްޓުމަށްފަހު އޭނާ ރޫމުން ދިޔައެވެ. އަހަރެން އަނެއްކާވެސް އެނދުގައި
އޮށޯވެލީމެވެ. ކޮޓަރިތެރެ ރަނގަޅަށް ބަލާލީމެވެ. އެކޮޓަރި ރީތިވަރު އަހަންނަށް
އެނގުނީ އަދިކިރިޔާއެވެ. އަހަރެން ތެދުވެ ފާޚަނާއަށް ވަނީމެވެ. ކޮޓަރިއާއި އެއްވަރަށް
ފާޚަނާވެސް އެހާރީއްޗެވެ. އެހާމެ ފުރިހަމައެވެ. މިއީ ލަންޑަނުގައި ހުންނަކަހަލަ
ތަންނަނޭވެސް އަހަރެންގެ ހިތަށް އެރިއެވެ.
ފެންވަރައިނިމިގެން
ބަޑުފުރެންދެން އަހަރެން ކައިލީމެވެ. އެހާ ރަނގަޅު ކެއުމެއް ނުކެވޭތާވެސް އެހާގިނަ
ދުވަސްވެއްޖެއެވެ. ކެއުމަށްފަހު އެމަޑުކަފަކޮޅެއްފަދަ ތަންމަތީގައި އަހަރެން
އޮށޯވެލީމެވެ. އަހަރެން ކަޅިއެއްލާލީ ކުޑަދޮރާއި ދިމާލަށެވެ. އަހަރެން އެނދުން
ތެދުވެ ކުޑަދޮރުކައިރިއަށް ޖެހިލީމެވެ. މުޅި ސަރަޙައްދުގައި މީހެއްގެ ހިލަމެއްވެސް
ފެންނާކަށް ނެތެވެ. ފަޅުވެފައިވާ މިސަރަޚައްދުގައި ދިއްލިފައިވާ ކުޑަބޮކިތަކުގެ
އަލިކަން ފިޔަވައި އެހެންއަލިކަމެއް ނެތެވެ. ފިނި ވައިރޯޅިތައް ކުޑަދޮރުން
އެތެރެއަށް ވަދެވަދެ ހުއްޓެވެ. އެވައިރޯޅިތަކުން އިސްތަށިގަނޑު ސަލާމަތް ކުރުމަށްޓަކައި
އަހަރެން ވޫލްކޮޅަކުން އިންތަށިގަނޑު ބަދެލީމެވެ. މިފަދަ ގަޑިއެއްގައި މިފަދަ
ހިތްގައިމު މާހައުލެއްގައި ވަގުތުހެދަކޮށްލަން ލިބޭނީ ހާދަ ނަސީބުވެރިންނަށްހޭ
އަހަރެންގެ ހިތަށްއެރިއެވެ. އަހަރެން އަވަސްވެގަތީ ބޭރަށް ނުކުތުމަށްޓަކައެވެ.
ކޮޓަރިން ނުކުމެ އަހަރެން ވަށައިގެން ނަޒަރު ހިންގާލީމެވެ. ގެސްޓުންގެ ދެތިންމީހަކު
އެތާގައި ބޭރުގައި އުޅުނެވެ. އަހަރެން މިސްރާބުޖެހި ގޮނޑުދޮށާއި ދިމާލަށެވެ.
ފައިވާން އަތަށް ނަގައިގެން މަޑުދޮންވެލި ގަނޑުމަތީގައި ހިނގަން ފެއްޓީމެވެ.
ކުޑަތަންކޮޅަކަށް ގޮސްފައި އަހަރެން މަޑުކޮށްލީމެވެ. އަދި ދޮންވެލިގަނޑުމަތީގައި
ހަމަޖެހިލައިގެން އިށީނީމެވެ. އަހަރެންގެ ނަޒަރު ހުއްޓިފައިވީ ސާފުވައިރޯޅިތަކާއިއެކު
ކަނޑުން އަރައިގެން ދޮންވެލިގަނޑަށް ބީއްސަމުންދިޔަ ރާޅުބާނީތަކަށެވެ.
އުޑުމަތީގައި ދައުރުކުރަމުންދިޔަ ގިނިހިލަތަކަށް ބަލަންވެސް އަހަންނަށް ހުރެވުނު
އިރެއް ނޭގެއެވެ. މާގިނަ އިރުތަކެއްނުވެ އުޑުމަތި ބަނަކޮށްލީ ހަމަކުއްލިއަކަށެވެ.
އަހަރެން ވަގުތުން ހަނދާންވީ އެލެކްސް މަތިންނެވެ. މީގެ އެތައް އަހަރެއް ކުރިން
ރާއްޖެއިންބޭރުގެ ރިސޯޓެއްގައި ފެމިލީ ދަތުރެއްގައި، ހަމަމިކަހަލަ ހިތްގައިމު
ރެއެއްގައި، ހަމަމިކަހަލަ ދޮންވެލި ތުޑިއެއްގައި ދެމީހުން ސަކަރާތްގަނެ ހެދި
މަންޒަރެވެ. އެލެކްސް އެންމެ ހިންހަމަޖެހޭނީ ރޭގަނޑުގައި ގޮނޑުދޮށުގައި ވާރެއާއި
ތެމުމެވެ. އަހަރެން ހިތަށްއެރިއެވެ. މިރޭވެސް ވާރޭވެހޭނެނަމަ އެ ހިތްގައިމު މާޒީ
ހަނދާންކުރަން އިތުރު ފަސޭހަތަކެއް ވީމުސްއެވެ. އިރުކޮޅެއްފަހުން ވިއްސާރަވެ
ވައިގަދަވިއެވެ. އަހަރެން ވަށައިގެން ބަލާލީމެވެ. މީހެއްގެ ހިލަމެއްވެސް ފެންނާކަށް
ނެތެވެ. ކުރިއަށްވުރެ އުޑުމަތި ބަނަވެ އަނދިރިހެންވެސް ހީވިއެވެ. އަހަރެން ތެދުވެ
ދާންހިނގައިގަތީމެވެ. އެވަގުތު ބޮޑެތި ފެންތިކިތަކުން ބާރަކަށް ވާރޭވެހެން
ފެއްޓިއެވެ. އަހަރެން ވަރަށް އުފާވިއެވެ. ކުޑަ ހިނދުކޮޅެއްގެތެރޭގައި އަހަރެން
މުޅިންތެމުނެވެ. ހަށިގަނޑުފިނިވެ، ހީކަރުވައި، ތުރުތުރުއަޅަން ފެށިއެވެ.
ތަނަށްވެރިވެފައިވާ ފަނޑު އަދިރިކަމާއި، ވާރެޔާއި ވައިގެ ސަބަބުން ރަނގަޅަށް ކުރި
ނުފެނުނަސް އަހަރެން ހިނގުންމަޑުނޮކޮށް ދިޔައީމެވެ.
ކުއްލިއަކަށް އެއްޗެއްގައި
އަޅައިގެންފައި އަހަރެން ވެއްޓުނެވެ. ވެއްޓުނީ...............................
(ނުނިމޭ)

No comments:
Post a Comment