Readers

Welcome to the blog of Zoyasham Stories. Here I've shared my long Dhivehi Stories with you. My blogs are made for those who are interested in reading dhivehi (specially fiction) stories. I hope you will love my all works and help me to write more. Please do comment to improve my writings. Make reading as a habit. It will improve your knowledge and language. Take your time well and enjoy reading stories.

Tuesday, August 6, 2013

Mulhi Umurahves Loabi Vaanameve...... (12)

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.... (ބާރަވަނަ ބައި)

(އެގާރަވަނަ ބަޔާއިގުޅޭ)..............

ތިއްތަބެޔާއި ވާހަކަދައްކަމުންގޮސް ލަގެޖްތައްލާފައި އަހަރެންގޮސް ކާރުގެ ފަހަތު ޝީޓަށް އަރާފައި ހަމަޖެހިލީމެވެ. ތިއްތަބެ ކާރުދުއްވާލިއެވެ. ކާރުތެރޭގައި އަޑުމަޑުކޮށް ފަހުގެ އިނގިރޭސި ލަވަތައް ޖަހާފައި ހުއްޓެވެ. އަހަރެން ފޯނުނަގައި ފުރަތަމަވެސް ގުޅީ މަންމަޔަށެވެ. ނަމަވެސް ފޯނުނުނެގުމުން އަހަރެން ދެންގުޅީ ކުޑާއްތައަށެވެ. ގުޅިހާއިރުން ކުޑާއްތަ ފޯނުނެގިއެވެ. އަހަރެން މެލޭޝިޔާއަށް ދެވެނުވާހަކަ ބުނީމެވެ. އަދި އެކަން މަންމަޔާއި ބައްޕަޔަށްވެސް އަންގައިދިނުމަށް ބުނީމެވެ. ކުޑާއްތަޔާއި ވާހަކަދައްކަން އަހަރެން އިރުކޮޅަކު ހުރީމެވެ. ކުޑާއްތަގެ ހިތްވަރުގެ ބަސްތަކުން އަހަންނަށް ހަމަޖެހުން ލިބުނެވެ. އަހަރެންގެ ދިރިއުޅުމަށް އަދި އުފާވެރިކަން އަންނާނެޔޭ ކުޑާއްތަ ބުނަމުންދިޔައެވެ. އެކަން އަހަންނަށް ގަބޫލުނުކުރެވެއެވެ. ތޫ އާއިނުލައި އަހަންނަށް އުފާވެރި ދިރިއުޅުމެއް ލިބިދާނެކަމަށް ހިތް ގަބޫލުނުކުރެވެނީއެވެ. ނަމަވެސް ތަޤްދީރަކީ އެކަކަށްވެސް އެނގޭނެއެއްޗެއް ނޫނެވެ. ހިތާމަޔަކަށްފަހު އުފަލެއްވެސް އަންނާނެޔޭ މީހުން ބުނެއެއް ނޫންހެއްޔެވެ. ފޯނު ބާއްވާފައި އަހަރެން ޝީޓްމަތީގައި އޮށޯވެލީމެވެ. އަދި ނިތްކުރިމަތީގައި އަތްބާއްވާލަމުން ދެލޯ މަރާލީމެވެ. މަޑުމަޑުން އަހަރެން ދަތުރުކުރީ މާޒީއަށެވެ.

ކުޑަހުވަދޫން މާލެ ދިޔަފަހުން އަހަރެންގެ ޙަޔާތަށް ބޮޑުބަދަލެއް އައެވެ. އަހަރެންގެ މޫނުމަތީގައިވި އުފާވެރިކަން އަނެއްކާވެސް ގެއްލުނެވެ. ނަމަވެސް މިފަހަރު ކުރިޔާއަޅާ ބަލާފައި ހާސްބައި ތަފާތެވެ. މިފަހަރު އަހަރެންގެ ހިތްވަނީ މުޅިން ކުދިކުދިވެފައެވެ. އެހިތަށް ޝިފާއެއް ނެތްފަދައެވެ. ލޯބީގެ ހިތްދަތިކަން އޭގެ އެންމެ ހޫނުކަންމަތީގައި އަހަރެންގެ އަރުތެރޭގައި އަށަގަންނަމުންދިޔައެވެ. އެލިބޭވޭން ބުނެދޭން އެނގޭނީ ހަމައެކަނި އެކަން ތަޙައްމަލް ކުރުމުންނެވެ. ދުނިޔޭގައި އަންހެން ކުދިން މަދީހެއްޔެވެ؟ ލޯބި ދެވަނަފަހަރަށްވެސް ވެވިދާނެވެ. އޯގާތެރި އަތެއްގެ ފިރުމުންތަކުން ހިތުގެ ޒަޚަމްތަކަށް ލުޔެއްވެސް ލިބިދާނެވެ. މިކަހަލަވާހަކަތަކުން ހިތްހަމަޖައްސަން މަސައްކަތްކުރަމުން އަހަރެން ދުވަސްތައް ގުނީމެވެ. މާލެ ދިޔަފަހުންވެސް ތޫ އަހަންނަށް ވަރަށް ގިނައިން ގުޅިއެވެ. މެސެޖްކުރިއެވެ. ނަމަވެސް އަހަރެން ޖަވާބެއް ނުދެމެވެ. ޖަވާބު ނުދިނަސް އޭނާގެ އެންމެ މެސެޖަކާއި ފޯނުކޯލަކުންވެސް އަހަރެންގެ ހިތްފުރެއެވެ. ބައެއްފަހަރަށް އެއަށް އިންތިޒާރުވެސް ކުރެވެއެވެ. އޭ ލޯބި އެކުލެވިގެންވާނަމަ އެއަށްވުރެ އަގުބޮޑު ޖަވާހިރުތަކެއް ނުވީސްކަން ޔަގީނެވެ. ހިތާއި އިދިކޮޅަށް އަހަރެން ނަންބަރު ބަދަލުކުރީމެވެ. އެނޫން އެހެން ދިރިއުޅުމެއްގެ ނިޔަތުގައެވެ. އެކަމަށް އަހަންނަށް ލަފާދިނީ ކުޑާއްތައެވެ. ގޭ އެހެންމީހަކަށް ނޭނގުނަސް އަހަރެން ކުޑަހުވަދޫން އެހާއަވަހަށް މާލެއައީ ކީއްވެގެންކަށް ކުޑާއްތަޔަށް ދެނެގަންނާކަށް މާއުދަގުލެއް ނުވިއެވެ. ކުޑާއްތަ އެހުމުންވެސް ފުރަތަމަ އަހަރެން ނޭނގޭ ކަމަށް ހެދުނީމެވެ. ނަމަވެސް ފަހުން ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ހިތުގެ ޝަކުވާތައް ބޭރުކޮށްލެވުމުން ކުޑަ ހިންހަމަޖެހުމެއް ލިބުނެވެ. ކުޑާއްތަ އަހަންނަށް ވަރަށް ނަސޭޙަތްދިނެވެ. ދެން ދިރިއުޅުން ކުރިޔަށް ގެންދާނެ ގޮތުގެ ޚިޔާލުތައްދިނެވެ. އެހެން ލޯތްބެއްވެސް ލިބިދާނެޔޭ ބުނީ ކުޑާއްތައެވެ. އެހެންމީހެއްގެ ފިރުމުންތަކުން އަހަރެންގެ ޒަޚަމްވެފައިވާ ހިތަށް ފިނިކަން ލިބިދާނެޔޭވެސް ބުންޏެވެ. ދުވަސްތައް ވޭނުގައި ގުނަންޖެހުނަސް އެދުވަސްތައް ކަޑައްތުކުރުމުގައި ކުޑާއްތަގެ އެހީ އަހަންނަށް ވަރަށްލިބުނެވެ.

ޗުއްޓީގެ ގިނަދުވަސްތަކަށްފަހު ކިޔެވުން ފެއްޓުނެވެ. ފުރަތަމަދުވަހު އަހަރެން ސުކޫލަކަށް ނުދަމެވެ. އެހިތްވަރު ނުލިބުނީއެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން ތޫއާއި ކުރިމަތިލާން ޖެހޭނެކަން އެނގޭތީއެވެ. އެމޫނުފެނުމުން ދެންވާނެގޮތެއް ނޭނގޭތީއެވެ. އެހާމަސައްކަތުން އަހަރެން ހޭދަކުރިދުވަސްތަކުގެ ބޭނުން ރަނގަޅުގޮތުގައި ނުހިފިދާނެތީއެވެ. ނަމަވެސް އަހަރެން އޭނަޔާ ކުރިމަތިލާން ޖެހޭނެވެ. ދިރިއުޅުމަކީ އެކަހަލަ އެއްޗެކެވެ. އެމީހަކު ބޭނުންވާގޮތަކަށް ދިރުއުޅުމުގައި ކަންތައްތައް ވެވޭނަމަ އެއްވެސްމީހަކު ހިތާމަކުރާކަން ނުޖެހުނީސްކަން ކަށަވަރެވެ. ދެވަނަދުވަހު އަހަރެން ކުލާހަށް ދިޔައީމެވެ. އެއްވެސް މީހަކަށް ނުބަލާ އަހަރެން ހުރިގޮތަށްގޮސް ޖައްސާލީމެވެ. ދުވަސް ނިމިގެންދިޔައިރުވެސް މީހަކު ހުރިތޯ ނުވަތަ މީހަކު އަހަންނަށް ބަލާތޯވެސް އަހަރެން ނުބަލަމެވެ. ނިހާލުމެންކައިރީގައިވެސް އަހަރެން ބުނެފައިއޮތީ އަހަރެން ކައިރީގައި ތޫގެވާހަކަ ނުދެއްކުމަށެވެ. އެދުވަހު ގެޔަށް ދިޔުމަށްޓަކައި ދޮރާށިން ނުކުންނަން އުޅުނުތަނުން ކުއްޖަކު އަހަންނަށް ގޮވާލިއެވެ. އަޑުން އަހަންނަށް އެއީ ކާކުކަން އެނގުނެވެ. ފަސްއެނބުރި ބަލާވެސްނުލާ އަހަރެން ހިނގައިގަތީ އެހެންވެއެވެ. ހިތަށް ވަރަށް ތަދުވެސްވިއެވެ. ނަމަވެސް އަހަރެންޖެހޭނީ އެގޮތުގައި ހިފަހައްޓާލާށެވެ. ތޫއަށް ހިންހަމަޖެހޭ ދިރިއުޅުމެއް ލިބޭނީ އޭރުންނެވެ.

އަހަރެންގެ ކޮންމެ ދުވަހެއް ދިޔައީ އެގޮތަށެވެ. ތޫ އަހަންނާއި ވާހަކަދައްކަން ކޮންމެ ދުވަހަކު މަސައްކަތް ކުރެއެވެ. އޭނަޔާއި ވާހަކަ ނުދައްކަންވީ ސަބަބެއް ހަމައެކަނި ބުނެދިނުމަށް އެދުނެވެ. އަހަރެންގެ ރަޚްމަތްތެރިކަން އޭނަ ބޭނުންވާ ވާހަކަ ތަކުރާރުކޮށް ބުންޏެވެ. އަހަރެން ވަރަށް ކެތްތެރިކަން ގަދަދޯއެވެ. ފުރާނަފަދައިން ލޯބިވާ ތޫގެ އާދޭސްތަކަށް އަހަރެން ދެމުންއައީ ބީރުކަންފަތެކެވެ. ގިނަ ފަހަރަށް އަޑުއިވުނަސް އަހަރެން އަޑުނީވޭކަމަށް ހަދަނީއެވެ. ތޫއަށް ވިސްނޭނެނަމައެވެ. އަހަރެންގެ ޢަމަލުތަކުން މާނައެއްވެސް ނެގޭނެނަމައެވެ. އަހަރެން އެނަދެކެ ލޯބިވާކަން އިހުސާސުކުރެވޭނެ ނަމައެވެ. ނަމަވެސް އެފަދަގޮތަކަށް ތޫއަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ އިތުބާރު އަހަރެން ނާގާލީ ކަމުގައި ހީކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ވިސްނާ ވިސްނާ ސިކުޑި ސުމަކަށްދާ ފަހަރުވެސް އާދެއެވެ. އަހަރެން ތޫއަށް ސަބަބު ބަޔާންކޮށްދޭނީ ކޮންދުލަކުންހެއްޔެވެ؟ އެހާ އެކުވެރިކޮށްއުޅެފައި އަހަރެން އޭނަޔާ ރުޅިވާންޖެހުނީ އަހަރެންގެ މިނިކަމެތި ހިތް އޭނަޔަށް ދެވުމުންނޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް ތޫއާއި އެޑަމްގެ ގުޅުން ކަމުނުދެޔޭ ހާމަކުރާނީ ކޮން ހައިސިއްޔަތަކުންތޯއެވެ؟ ތޫއާއި ވާހަކަ ނުދައްކާ ހުރުމަށްވުރެ އޭނާގެ ސުވާލުތަކަށް ބީރުކަންފަތެއް ދިނުންވެސް އަހަންނަށް މާއުނދަގޫވިއެވެ. އޭނަ އަހަންނާއި އެވަރަށް ވާހަކަދައްކަން އުޅޭ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރެން ބޭނުންވަނީ އޭނާ އުފަލުގައި އުޅުމަށެވެ. ވީއިރުން ތޫ ހަމަޖެހިގެން ނޫޅެންވީ ކީއްވެހެއްޔެވެ؟ އަހަރެން އެވަރަށް ވާހަކަ ނުދައްކަން މަސައްކަތް ކުރާއިރުވެސް އަހަރެންގެ މައްސައްކަތަށް އޭނަ ހުރަސްއަޅަނީ ކީއްވެހެއްޔެވެ؟ އަހަރެން ކަހަލަ ރައްޓެއްސަކު އޭނާޔަށް އަދިވެސް ލިބިދާނެވެ.

އެގޮތުގައި ތިންމަސް ފާއިތުވެދިޔައެވެ. ފަހުންފަހުން އައިސް ތޫ އޭނާގެ ޝަކުވާތައް ހުއްޓާލިއެވެ. ވަރުބަލިވީ ކަންނޭނގެއެވެ. ނޫނީ ދެން އަހަރެން އޭނަޔާއި ވާހަކަ ނުދައްކާނެކަން ޔަގީންވީ ކަންނޭނގެއެވެ. ކުރިމަތިން ފެނުނަސް ދެމީހުން ދެފަރާތަށް އެނބުރިގެން ދާދުވަސްވެސް ޖެހުނެވެ. އަހަރުމެން ދެމީހުން ދެބީރައްޓެހިންނަށް ވެއްޖެއެވެ. އޭނަ މަދުންނަމަވެސް އަހަރެންގެ ރައްޓެހިންނާއި ވާހަކަދައްކައެވެ. އެއަޑު އަހަރެން ބައެއްފަހަރު ފިލާހުރެ އަޑުއަހަމެވެ. އެއަޑުންވެސް އަހަރެންގެ ޒަޚަމްވެފައިވާ ހިތަށް ލުއިކަން ލިބޭތީއެވެ. ހަގީގަތަށް ބުނަންޏާ ތޫއަހަންނާއި ޝަކުވާކުރުން ހުއްޓާލުމުންވެސް އަހަރެން މާބޮޑަށް ދެރަވިއެވެ. ކޮންކަހަލަ ހިތެއް ހެއްޔެވެ؟ ދިރުމެއްނެތް އެއިޙުސާސްތަކުން އެހިތަށް އެހާވޭންލިބެނީ ކީއްވެހެއްޔެވެ؟ އަހަރުމެން ދެމީހުންގެ ދޭތެރޭގައި އޮތް ގުޅުން ކެނޑުނަސް އަހަރެންގެ ހިތުން އަދިވެސް އެނަން ފިލުވާލެވޭވަރު ނުވެއެވެ. އެލޯބި ކަފުންކޮށްފައިވީނަމަވެސް އޭގެ ރާހަތު އަދިވެސް އަރުތެރެއިން ފިލައިގެން ނުދެއެވެ. އެސޫރަޔަކީ އަދިވެސް އަހަރެންގެ ހުވަފެންތަކުގެ މަލިކާއެވެ. އަހަރެންގެ އެހިތް އެހެންމީހަކަށް ނޭދެއެވެ. އެދޭނެނަމަ ކިހާ ރަނގަޅުވީސްއެވެ. އެހެންނޫންނަމަ އެބަލިން އަހަރެން ސަލާމަތްވީހެވެ. އެވަބާގެ ދަށުނުވެ އެހެން ގޯޅިއަކަށް އެޅުނީހެވެ. ނުލާހިކު ރީތި ރަނގަޅު ކުދިން އަހަންނާއި ދިމާވެއެވެ. އަހަރެންގެ އެންމެ ބެލުމަކަށް އެކުދިން ޡަނާކިޔައެވެ. ނަމަވެސް އަހަރެންގެ ހިތް އެހެންދިމާލަކަށް ނުގެންދެވުނެވެ. 

ދުވަސްތައް ފާއިތުވަމުންގޮސް އަހަރެންގެ ޙަޔާތަށް އާރައްޓެއްސަކު އައެވެ. ކޮންމެހެން ތޫއަށް ދައްކަން ހޯދި ރައްޓެއްސެއް ނޫނެވެ.  އަހަންނާއި އަހަރެންގެ ރައްޓެހިން ފިޔަވައި އޭނަ ދަންނަ އިތުރު ބަޔަކު ނުތިބޭތީއެވެ. އެއީ ނުހާއެވެ. އުބޭދުބޭގެ އަންހެން ދަރިފުޅެވެ. ރަށުން އޯލެވެލް ނިންމުމަށްފަހު އޭލެވެލް ކިޔަވަން އޭނާ މާލެ އައީއެވެ. އޭނާ ހުންނަނީވެސް އަހަރުމެންގެ ގޭގައެވެ. އަހަންނާއި ނުހާއާއި ދޭތެރޭގައި ފުދޭވަރެއްގެ ރަނގަޅު ގުޅުމެއް އުފެދުނެވެ. ނުހާއަކީ ވަރަށް އަޚުލާގު ރަނގަޅު މަޑުމައިތިރި ކުއްޖަކަށްވީތީއެވެ. އެނާ އަހަރެންގެ މައިންބަފައިންނަށް ވަރަށް ކަމުދިޔައެވެ. އަހަރެންގެ ޙަޔާތުގެ ބައިވެރިއެއްގެ ގޮތުންނެވެ. ނުހާ ގެއަށް އައިތާ ގިނަދުވަސްތަކެއް ނުވަނީސް އެމީހުން އެކަމާއި ވިސްނާފައި އަހަންނާއި ވާހަކަދެއްކިއެވެ. ކޮންމެހެން ސީރިޔަސް ވެގެންނޫނެވެ. ހަމައެކަނި ނުހާއަކީ ޙަޔާތުގެ ބައިވެރިޔަކަށް ހެދުމަށް ރަނގަޅު ކުއްޖެކޭ ބުނެ ޚިޔާލެއްދިނީއެވެ. އަހަރެން ވަރަށް ހިނިވެސް އައެވެ. ބުނާނެ އެއްޗެއް ނޭނގުމާއިއެކު އަހަރެން އެކަމާއި ވިސްނާނަމޭ ބުނީމެވެ. އަހަރެންގެ ހިތުގެ ހާލަތު މަންމަމެންނަށް އެނގޭނަމަ ނުހާގެ ވާހަކަ އަހަރެންގެ ގާތުގައި ނުދެއްކީސްކަންނޭގެއެވެ. އޭގެފަހުންވެސް މަންމަމެން ފާޑުފާޑުގެ އެއްޗެހި ކިޔައެވެ. ނުހާވެސް ބައިންދައިގެން ތިބެއެވެ. ނުހާ ކިބައިން އޭނަ ނުރުހޭކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. މަންމަމެންގެ ވާހަކަތަކުން އޭނަޔަށް ހުރިހާކަމެއް ރަނގަޅަށް އެނގޭނެވެ. އަހަރެން އެމީހުން ދައްކާ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދެމެއެވެ. އެއީ އަހަންނަށް އެފަދަގޮތަކަށް ނުހާއާއި ދޭތެރޭ ނުވިސްނޭތީއެވެ. ނުހާވެސް އަހަރެންގެ ކައިރީގައި އެކަހަލަ ވާހަކައެއް ނުދައްކައެވެ. ނަމަވެސް އޭނާޔަށް އަހަރެން ވަރަށް ލޯބިވާ ކުއްޖަކު ހުންނަކަން އެނގޭނެއެވެ. އެއްދުވަހަކު ވާހަކަދައްކައިގެންގޮސް ބުނެވުނީއެވެ. އެކުއްޖަކީ ކާކުކަމެއް ނޭނގޭނެވެ. އޭނަ އަހަރެންގެ ކައިރިން އަހަންވެސް އެހިއެވެ. އަހަރެން ހަމައެކަނި ބުނީ ވަގުތުޖެހުމުން ބުނާނަމޭއެވެ.  އަހަރެން އެހެން ބުނުމުން އޭނާ ކިބަޔަށް އައީ ހިންޏެވެ. އޭނާ ހިތަށްއެރީ ކޯޗެއްކަމެއް ނޭގެއެވެ. ހިތަކީ އެމީހަކު އަމިއްލައަށް ބަދަލު ކުރެވޭ އެއްޗެއް ނޫނެވެ. އެހެންނޫންނަމަ އަހަރެން ނުހާ އަހަރެންގެ ޙަޔާތުގެ ބައިވެރިޔަކަށް ގެނައީމުހެވެ. އެފަދަ މާތް ރަނގަޅު ކުއްޖަކު މަދުންނޫނީ ނުވާނެކަން ގައިމެވެ.  

އަހަރެން ހީނހީނފައި ނުހާއާއި ވާހަކަދައްކާތަން ތޫއަށް ފެންނާނެވެ. ބައެއްފަހަރު އޭނާ ބަލާލައެވެ. އަނެއްބައި ފަހަރު ނުވެސް އެނގޭކަމަށް ހަދާފައި ދެއެވެ. އަހަރުމެން ދެމީހުންގެ ދޭތެރޭގައި އޮތް ބީރައްޓެހިކަން ނުހާއަށްވެސް ފާހަނގަ ކުރެވުނެވެ. ނުހާއަށް އެނގޭ ގޮތުގައި އެހީ އަހަރެންގެ ރައްޓެއްސެކެވެ. އަހަރުމެން ދެމީހުން ވާހަކަ ނުދައްކަނީ ކީއްވެތޯ ނުހާ އަހަރެންގެ ކައިރިން އެހިއެވެ. އަހަރެން މާބޮޑުކަމެއް ނުވެޔޭ ބުނެ، ކުޑަމައްސަލައެއް ޖެހިގެން ދެމީހުން ވާހަކަ ނުދައްކަނީކަމުގައި ބުނީމެވެ. ނުހާ އޭގެފަހަކުން ތޫއާއި ބެހޭގޮތުން ސުވާލެއް ނުކުރެއެވެ.

ދިރިއުޅުމަށް މާބޮޑު ބަދަލުތަކެއް ނައައިސް ފޫހިކަމާއި އެކަނިވެރިކަމުގައި ދުވަސްތައް ފާއިތުވަމުންދިޔައެވެ. ބޮޑުޗުއްޓީލިބުމުން މަންމަމެން ނުހާއާއިއެކު ކުޑަހުވަދުއަށް ދިޔުމަށް އަހަރެން ކައިރީގައި އެދުނެވެ. ކުޑަކޮށް ވިސްނާލާފައި އަހަރެން ދާންބޭނުންނުވާ ވާހަކަބުނުމުން އެވަގުތު އެތާގައިހުރި ނުހާގެ މޫނުގެ ކުލަވަރު ބަދަލުވިތަން އަހަރެން ދުށީމެވެ. އަހަރެން ދާނެކަން އޭނާ ހީކުރީ ކަންނޭނގެއެވެ. މަންމަމެން ދިޔުމުން އަހަންނާއި ނުހާއި އެކަނިވިއެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު  ނުހާ އަހަރެންގެ ކައިރިން ތޫއާއި ބެހޭގޮތުން ސުވާލުކުރިއެވެ. އޭނަ އެފަދަ ސުވާލުތަކެއް ކޮށްފާނެކަމަށް އަހަރެން ހީވެސްނުކުރަމެވެ. އޭނާއަށް ކޮންމެވެސް ކަމެއް ޝައްކުވީ ކަންނޭގެއެވެ. އަހަންނާއި ތޫއާއި ދެމީހުންގެ ދޭތެރޭގައި އޮތް ގުޅުން ކެނޑުމުގެ ސަބަބުން ދާންބޭނުންނުވަނީހެއްޔޭ އޭނާ އެހިއެވެ. ނޫނީ އެދެމެދުގައި އެހެން ގުޅުމެއް ވާތީހެއްޔޭ އެހިއެވެ. ނުހާ އެސުވާލުކުރީ ކޮންމަޤްޞަދެއްގައިކަން އަހަންނަށް އެނގެއެވެ. ނަމަވެސް އޭނާގެ އެ ސުވާލުން އަހަރެންގެ މޫނުމަތި ބަނަވިއެވެ. އެއްވެސް ޖަވާބެއްނުދީ އަހަރެން ކުޑައިރުކޮޅަކު މަޑުކުރީމެވެ. ނުހާ އަހަންނަށް ބަލަންއިނީ އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކުރާފަދަ ގޮތަކަށެވެ. އަހަރެން ގަދަކަމުން ހީނލާފައި އެފަދަ ކަމެއް ނެތޭ ބުނީމެވެ. ފަސޭހައިންނެވެ. އަދި ތޫ އުޅެނީ އެރަށު ކުއްޖަކާއި ރައްޓެހިވެގެންކަމުގައި ބުނީމެވެ. ނުހާއާއި އެކީ ނުދާން އަހަރެން ނިންމީ ދާންބޭނުން ނުވާތީކީ ނޫކަން ހާމަކުރީމެވެ. އަހަންނާއި ރައްޓެހިން އިތުރުކަމެއް ރާވާފައި އޮތުމުން ދެވެން ނެތީކަމުގައި ބުނީމެވެ. އަހަރެންގެ ވާހަކަތައް ނުހާ ގަބޫލުކުރިއެވެ. އެކަން އޭނާގެ މޫނުމަތިން އެނގެއެވެ. އޭނާގެ މޫނުން އުދާސްކަން ފިލައިދިޔައެވެ. އަހަރެން ދައްކަން ބޭނުންވި ހިތް އެނގުނީމަ ކަންނޭނގެއެވެ.  އޭނާ އެނބުރި ރަށަށް ދިޔައީ އަދި ފެންނާނެކަމުގައި ބުނެފައެވެ. އަދި ދޭތެރެއަކުން ގުޅާނެކަމުގައިވެސް ބުނެފައެވެ. އަހަރެން ބޯޖަހާލީ ހިނިތުންވެހުރެއެވެ. އެކަމާއި ރުހޭ ފަދައިންނެވެ. އޭނާޔަށް އަހަރެން ބާއްޖަވެރި ދަތުރަކަށް އެދުނީމެވެ.


ޗުއްޓީއާއިއެކު ތޫވެސް އަހަރެންގެ ލޯމަތިން ގެއްލުނެވެ. ދުވަސްކޮޅެއްވަންދެން އޭނަނުފެނި އުޅެންޖެހުނީއެވެ. ނަމަވެސް އަދިފެންނާނެކަމުގެ އުންމީދުގައި އަހަރެން ދުވަސްތައް ގުނަމުންދިޔައީމެވެ. ......................... (ނުނިމޭ)


Sunday, July 28, 2013

Mulhi Umurahves Loabi Vaanameve...... (11)

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.... (އެގާރަވަނަ ބައި)


(ދިހަވަނަ ބަޔާއިގުޅޭ)..............

އަހަރެން ބޭނުންވަނީ އަހަރެންގެ އުފަލަށްވުރެ ތޫގެ ހިންހަމަޖެހުމެވެ. އެދެމީހުން ހީނހީނފައި ވާހަކަދައްކަމުން ދިޔައެވެ. އަހަރެން ފެންކަޅިވެފައި ބަލަން ހުރީމެވެ. އެމީހުން އަހަންނަށް ބަލާލުމާއިއެކު ގަދަކަމުން ހީލަމުންނެވެ. އެމީހުންގެ ވާހަކައިގައި ބައިވެރިވަމުން ހަލުވިކޮށް އެސްފިޔަޖަހާލަމުން އަހަރެންގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިފަހައްޓަމުން ދިޔައީމެވެ. ނިހާލުމެން ގެއަށްއައީ އަހަރުމެން އެތާ ތިއްބައެވެ. އެމީހުންފެނުމާއިއެކު އަހަންނަށް ކުޑަ ހިންހަމަޖެހުމެއް ލިބުނެވެ. އެމީހުން އެވަގުތު އެތަނަށް އައުން އެއީ ނަސީބޭ ހިތަށްއެރިއެވެ.

ނިހާލުމެން ފެނުމާއިއެކު އަހަރެން ވަގުތުން އެމީހުންނަށް ގޮވީމެވެ. އެމީހުން އަހަރުމެން ކައިރިޔަށް އައެވެ. ނިހާލުއާއި ފާރިޝް އަހަންނާއި ދިމާލަށް ބަލާލަމުން ލޮލުގެ އިޝާރާތުން އެޑަމްއަކީ ކާކުތޯ އަހާލިއެވެ. އަހަރެން އެމީހުންނަށް އެޑަމް ތަޢާރަފްކޮށްދިނީމެވެ. އެވަގުތު އެމީހުން އަހަންނާއި ދިމާލަށް ބަލާލީ ހައިރާންކަމުގެ ނަޒަރަކުންނެވެ. އެމީހުންގެ މޫނުމަތިން އަހަންނަށްޓަކައި ހިތާމަވެރިކަން ފެންނަން ހުއްޓެވެ. ފާރިޝް އެއްޗެއް ބުނަންވެގެން އުޅުނުތަނުން އަހަރެން އާނާގެ އަތުގައި ހިފަހައްޓާ ބާރުކުރަމުން އެއްވެސް އެއްޗެއް ނުބުނުމަށް އިޝާރާތްކުރީމެވެ. އެޑަމް އަހަންނާއި ދިމާލަށް ބަލަންހުރީ ނޭނގޭ އެއްޗެއް އެނގޭ ފަދައިންނެވެ. އަހަރެންގެ ހަރަކާތާއި، ޢަމަލުންނާއި، ވާހަކަތަކުން އެޑަމްއަށް ފަހަރެއްގައި އެއްޗެއް ހީވީ ކަންނޭގެއެވެ. ފަނަރަވަރަކަށް މިނިޓްވަންދެން އަހަރުމެން ވާހަކަދައްކަން ތިބީމެވެ. އެޑަމް އޭގެ ހަފްތާއެއްފަހުން އޮތް އޭނާގެ ކޮއްކޮގެ ކައިވެނީގެ ހަފްލާއަށް އަހަރުމެންނަށް ދަޢުވަތުދިނެވެ. އެވަގުތު ފާރިޝްއާއި ނިހާލު ބަލާލީ އަހަރެންގެ މޫނަށެވެ. އަހަރެން ހީލަމުން މަޖާވެލާފައި އަންނާނެކަމަށް ބުނީމެވެ. ނިހާލުމެން އަހަރެންގެ ހަރަކާތްތަކަށް ބަލަމުންދިޔައީ ހައިރާންވެފައި ތިބެއެވެ. ފަހަރުގައިވެސް އަހަރެންގެ ހިތުތެރޭގައި އަނދަމުންދިޔަ އަލިފާން އެހެންމީހަކަށް ނޭނގެއެވެ.

ތޫ އެޑަމްގެ ސައިކަލުފަހަތަށް އަރައިގެން ދިޔަ މަންޒަރު ބަލަން އަހަރެންހުރީ ފެންކަޅިވެފައެވެ. ހިތަށް ވަރަށް ތަދުވިއެވެ. އެއަސަރު ލޮލުންވެސް ފެންނަން ހުއްޓެވެ. އިތުރަށް އަހަންނަށް ކެތްނުކުރެވުނެވެ. އަހަރެން މިސްރާބުޖެހީ ކޮޓަރިޔަށް ދިޔުމަށްޓަކައެވެ. ގޭތެރެއިން މީހަކާއި ދިމާނުވެ، އަވަސްފިޔަވަޅުތަކެއްގައި އަހަންނަށް ކޮޓަރިޔާއި ހަމަޔަށް ނުދެވެނީސް ނުހާ ކޮޓަރިން ވަރަށް ބާރަށް ނުކުތެވެ. އަހަރެންގޮސް ޖެހުނީ އޭނާ ކުރިމައްޗަށެވެ. އެވަގުތު އަހަރުމެންގެ ހަތަރުކަޅި ހަމަވިއެވެ. އިޚްތިޔާރަކާއިނުލައި އަހަރެންގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އެމަންޒަރު ނުހާއަށް ނުދެއްކުމަށް އަހަރެން ވަގުތުން ނުހާ ފަސްދީގޮސް ކޮޓަރިޔަށް ވަނީމެވެ. ނަމަވެސް އަހަރެންގެ ވޭނީ ލޯ ނުހާއަށް ރަނގަޅަށް ފެންނާނެވެ. އަހަރެން ފަސްއެނބުރުމެއްނެތި ކޮޓަރީގެ ދޮރުލައްޕާލުމަށްފަހު ގޮސް ސޯފާއަށް ވެއްޓިގަތީމެވެ. އަހަރެންގެ ލޯމަތިން ސިފަވަމުންދިޔައީ ތޫއާއި އެޑަމްއެވެ. ކަންފަތުގައި ގުގުމަމުންދިޔައީ ތޫބުނި ޖުމްލައެވެ. ''މިއީ އަހަރެންގެ ބޯއިފްރެންޑް......'' ލޯމަރާލަމުން އަހަރެން ދެކަންފަތުގައި އަތްއެޅީމެވެ އިތުރަށް ކެތްނުވުމުންނެވެ. އެވަގުތު ނިހާލު އައިސް ކޮޓަރިޔަށްވަނެވެ. ފަހަތުން ފާރިޝްވެސް ވަނެވެ. އެމީހުން އައުމާއިއެކު އަހަރެން ހަމަޖެހިލީމެވެ. ނިހާލުމެން އަހަރެން ކައިރީ ސޯފާގައި އިށީނެވެ. އެމީހުން އަހަރެން ހިންހަމަޖައްސަން އެކިއެކި ވާހަކަދެއްކިއެވެ. އަހަރެން ހިންހަމަ ޖެހޭނެ ހެއްޔެވެ؟ އެހާވަރަށް އަހަރެން ލޯބިވާ، މުޅިމިދުނިޔެއިންވެސް އަހަރެން ހަމައެކަނި ބޭނުންވާ އަހަރެންގެ ތޫއަކީ އެހެންމީހެއްގެ މީހެކެވެ. ނިހާލުމެންކައިރީގައި އަހަރެން ބޭނުންވާނީ އެކަނިވާންކަމުގައި ބުނީމެވެ. އެމީހުންވެސް އިތުރުއެއްޗެކޭ ނުބުނެ އެތަނުންދިޔައީއެވެ.

އަހަރެން ވަރަށްގިނައިރުވަންދެން އެހެންއިނީމެވެ. ސިކުޑީގައި އެތަކެއް ޚިޔާލުތަކެއް އެނބުރެމުންދިޔައެވެ. އަހަރެންގެ ހިތްވަނީ މުޅިން ކުދިކުދިވެފައެވެ. އެހިތަށް އަލުން ދެން ދިރުމެއްނުލިބޭނޭފަދައެވެ. އަހަރެންގެ ނަސީބަކީ އެއީކަމަށްހީކޮށް އަހަރެން ހިތަށް ވިސްނުވައިދިނުމަށް މަސައްކަތްކުރީމެވެ. އަހަރެންގެ ނަސީބުގައި ތޫގެ ލޯބި ލިޔެވިފައިވާނަމަ އެލޯބި އަދި އަހަންނަށް ލިބޭނެކަމުގައި ހީކުރީމެވެ. ވަރުގަދަ ލޯތްބަކީ އުނދަގުލުން ހާސިލްވާނެ އެއްޗެކެވެ. ނަމަވެސް ތޫގެ ހިތުން އަހަންނަށް ހަމައެކަނި ދެވިފައިވަނީ ރަޚްމަތްތެރިކަމެވެ. ވީއިރުން އެލޯބި ހާސިލްވާނީ ކިހިނެއްހެއްޔެވެ؟ އަހަރެން ދެން ތޫއާއި ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ އޭނަޔާއި ހެވިފައި ވާހަކަދައްކާނީ ކިހިނެއްހެއްޔެވެ؟ އެހިތްވަރު އަހަރެންގެ ކިބައިގައި ހުންނާނެ ހެއްޔެވެ؟ ސިކުޑީގައި އެތައްކަހަލަ ސުވާލުތަކެއް ފުނިޖެހެމުންދިޔައެވެ. އަހަންނަށް އުނދަގޫވަމުންދިޔައެވެ. ތެދުވެގެންގޮސް އަހަރެން އެނދުގައި އޮށޯތީމެވެ. ބަނޑުންއޮވެ އަހަރެން ހިތްފުރެންދެން ރޯލީމެވެ. ފިރިހެނަކަށްވިޔަސް ކަރުނައަކީ ހިފެހެއްޓޭނެ އެއްޗެއްނޫނެވެ. ހިތުގައި އަޅަމުންދާ ވޭންތައް އެކަރުނުން ބޭރުކޮށްލެވުމުން ހިތަށް އަރާމުލިބެޔޭ ބައެއްމީހުންބުނެއެވެ. އަހަންނަށްވެސް ހިތްފުރެންދެން ރޯލެވުމުން ހިތަށް ކުޑަލުޔެއް ލިބުނެވެ.
އެނދުގައި އެހެންއޮވެ އަހަރެން ވަރަށްވިސްނީމެވެ. ދެންހަދާނެ ގޮތަކާއިދޭތެރޭގައެވެ. އަހަރެންގެ ދިރިއުޅުން ދެން ކުރިޔަށްގެންދާނެ ގޮތަކާއި ދޭތެރޭގައެވެ. އަހަންނަށް ވިސްނުނު އެންމެ ރަނގަޅުގޮތަކީ ތޫގެ ދިރިއުޅުމުން ދުރަށްދިޔުމެވެ. އޭނަޔާއި އޮތް ހަމައެކަނި ގުޅުންކަމަށްވާ ރަޚްމަތްތެރިކަންވެސް ކަނޑާލުމެވެ. އަހަރެންގެ ސަބަބުން އޭނަގެ އުފާވެރި ދިރިއުޅުމަށް އަނދިރި ހިޔަންޏެއް އެޅިދާނެތީއެވެ. އަހަރެންގެ ލޯބިން އޭނާޔަށް ހިތްދަތިކަމެއް ލިބިދާނެތީއެވެ. އަހަރެންގެ ޢަމަލުން އެޙަޔާތުގައި ކޫރުމެއް އެޅިދާނެތީއެވެ. އަހަރެން ބޭނުންވަނީ ތޫ އަބަދުވެސް އުފަލުގައި ވުމަށެވެ. އޭނާގެ ހިންހަމަޖެހުމަކީ އެޑަމް ކަމުގައިވާނަމަ އެގޮތްވެސް އަހަންނަށް ރަނގަޅެވެ. އޭނަޔާއިއެކު އަހަރެން އުޅުނު ކުޑަދުވަސްކޮޅުގެ އުފާވެރިކަމުގައިވެސް އަހަރެން މުޅި އުމުރު އެކަނި ހޭދަކޮށްލަފާނަމެވެ. އެއްވެސް ޝަކުވާއެއްނެތިއެވެ. ވަރަށް ގިނައިރު އެހެން ވިސްނަންއޮވެފައި އަހަރެންގެ ހިތް ކުޑަކޮށް ހަމަޔަކަށް އެޅުނެވެ.

ތެދުވެގެން ފާޚަނަޔަށްވަދެފައި އަހަރެން ބޭރަށްނުކުތީ އެއްވެސް މީހެއްގެ ޚަބަރެއްނުވާތީއެވެ. އަހަރެން ނުކުތްއިރު އެންމެން ސިޓިންރޫމުގައި ތިއްބެވެ. އެންމެންގެ މޫނުމަތީގައިވި ހިނިތުންވުމުން އެމީހުންގެ ތެރޭގައި ކޮންމެވެސް މަޖާވާހަކައެއް ދެއްކުނީކަން އެނގެއެވެ. އެމީހުން އަހަރެން ފެނުމާއިއެކު އަހަރެން ކައިރީގައި އިށީނުމަށް ބުންޏެވެ. އަހަންނަށް ބަލާލެވުނީ ކުރިމަތީގައި އިން ނުހާއަށެވެ. އޭނާވެސް އިނީ އަހަންނަށް ބަލާށެވެ. ކުޑަކޮށް ވިސްނާލާފައި އަހަރެންގެ ބޭނުން އެންމެން ތިއްބާ ބުނީމެވެ. އަހަރެން އެނބުރި ރަށަށްދާން ބޭނުންވާވާހަކައެވެ. އެންމެންގެ މޫނުމަތިންވެސް އުފާވެރިކަން ގެއްލިދިޔައެވެ. ''ކީއްވެ މާއަވަހަށް ދާން ތިނިންމީ؟ އަޔާންއަށް މިގެ ކަމުނުދަނީތަ؟ މީހަކު އެއްޗެކޭ ބުނީތަ؟'' އުބޭދުބެ ވަރަށް ސީރިޔަސްވެލާފައި ބުންޏެވެ. އެންމެންތިބީ އަހަންނަށް ބަލާށެވެ. އަހަންނަށް ބަލާލެވުނީ ނިހާލުމެންގެ މޫނަށެވެ. އަހަރެން ދާންބޭނުންވާ ސަބަބު އެމީހުންނަށް އެނގޭތީވެ އެމީހުން އެއްޗެކޭނުބުނެ އިސްޖަހާލިއެވެ. ''ނޫން... މަންމަ ވަރަށްބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި ބާއްވާފައޮތީ.... އެހެންވެ އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެކޮޅަށްދާން.'' އަހަރެން މާޔޫސްވެފައި އިނދެ ދޮގެއް ހެދީމެވެ. އަހަރެން ދިޔަޔަކަސް ނިހާލުމެންކައިރީގައި އަހަރެން މަޑުކުރުމަށް ބުނީމެވެ. އެމީހުން ޗުއްޓީ އެކޮޅުގައި ހޭދަކޮށްލާފައި އައުމަށް އެދުނީމެވެ. ނަމަވެސް އެމީހުން އެގޮތާއި އެއްބަސް ނުވިއެވެ. އެމީހުން ބޭނުންވީ އަހަންނާއިއެކު ދިޔުމަށެވެ. ''ދަރިފުޅު ބޭނުންގޮތެއް ނިންމާ... މާދަމާރޭ މިކޮޅުން ފުރާ ބޯޓެއްއެބައޮތް. ދަރިފުޅުމެން ދާން ބޭނުމިއްޔާ ތައްޔާރުވާތި.'' އުބޭދުބޭ އެހެން ބުނެފައި ކޮޓަރިޔާއި ދިމާލަށް ދިޔައެވެ. ދެދުވަސް ނުވަނީސް އަހަރެން ފުރާވާހަކަ ބުނުމުން އުބޭދުބޭ ހިންހަމަނުޖެހުނީ ކަންނޭގެއެވެ.

އެދުވަހަށްފަހު އަހަރެން ތޫއަށް ނުގުޅަމެވެ. ބޭނުންވީ އަހަރެން ނިންމިފަދައިން އޭނާގެ ދިރިއުޅުމުން ދުރަށްދިޔުމެވެ. ނަމަވެސް ތޫ އަހަންނަށް ވަރަށްގިނައިން ގުޅިއެވެ. އެތަކެއް މެސެޖެއްވެސް ކުރިއެވެ. އަހަރެން ކޮންމެ ފަހަރަކު މެސެޖް ކިޔާލާފައި ޑިލީޓްކޮށްލަނީއެވެ. އަހަރެން ކުޑަހުވަދޫން ފުރައިގެން އައީ ތޫއާއި ހަވާލުކުރުމަށް ކުޑަނޯޓްކޮޅެއް ނުހާއަތަށް ދީފައެވެ. އަހަރެން ހޯދަން ތޫބާ ކިޔާ ކުއްޖަކު އައިއްސިއްޔާ އެ ގަނޑުކޮޅު ހަވާލުކުރުމަށްއެދި ބުނެފައެވެ. އެގަނޑުކޮޅުގައި އަހަރެން ލިޔެފައިވާނީ ބޮޑުކަމެއް ޖެހިގެން އަހަރެން ރަށަށް ފުރަން ޖެހުނުވާހަކަ އެކަންޏެވެ. ނުހާ އަހަރެން ކައިރިން އިތުރު ސުވާލެއް ނުކޮށް އާއެކޭ ބުނާފަދައިން ބޯޖަހާލީއެވެ. ދިރިއުޅުމުގައި އަދި ތޫއާއި ކުރިމަތިލާންޖެހޭނެކަންވެސް އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން މަސައްކަތްކުރާނީ ދެން ތޫއާއި ވާހަކަނުދައްކާވޭތޯއެވެ.

މެލޭޝިޔާގެ ކުއާލަލަމްޕޫރް އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޯޓް ޖެއްސުމާއިއެކު އަހަރެން ދެލޯ ހުޅުވާލީމެވެ. ހީވީ އެތައް ދުވަސްތަކަކަށްފަހު ދެލޯ ހުޅުވާލިހެންނެވެ. ލަގެޖް ހިފައިގެން ބޭރަށް ނުކުތްއިރު ތިއްތަބެ އަހަރެން ބަލާ އައިސް ހުއްޓެވެ. ތިއްތަޔާއި ކުޑަމީހުން ފެންނަންނެތުމުން އަހަރެން އެވާހަކަ އެހީމެވެ. ތިއްތަބެ ބުނީ ކުޑަދެމީހުންވެސް ހުންއައިސްގެން އުޅެތީ ތިއްތައަށް ނާދެވުނީ ކަމަށެވެ. ތިއްތަބެ އައިސް އަހަރެންގެ ހަށިގަނޑަށް ރަނގަޅަށް ބަލާލާފައި ކަރުގައި އައްޖާސާލާފައި ބަލިވެހޭ ތިއުޅެނީ އަހާލިއެވެ. އަހަރެންގެ މޫނުމަތިން ތިއްތަބެޔަށް އެހެންހީވީ ކަންނޭނގެއެވެ. ހީވެދާނެވެ. އަހަރެންގެ ހަށިގަނޑު ކުރިޔާ އަޅާބަލާފައި ވަރަށް ބޮޑުތަން ހިއްކެވެ. ގަވައިދުން ނުކެވުމުގެ ސަބަބުން ކަމަށްވެސް ވެދާނެވެ. ނޫނީ ކަންކަމާއި މާބޮޑަށް ވިސްނާތީ ކަމަށްވެސް ވެދާނެވެ. އަހަރެން ފާޑަކަށް ނޫނެކޭ ބުނެފައި މިދުވަސްކޮޅު ކުޑަކޮށް ބަލިވެއުޅޭވާހަކަ ބުނީމެވެ. އަދި އޭރުވެސް އަހަރެންގެ ބޮލުގައި ރިއްސާވާހަކަވެސް ބުނީމެވެ.

ތިއްތަބެޔާއި ވާހަކަދައްކަމުންގޮސް ލަގެޖްތައްލާފައި އަހަރެންގޮސް ކާރުގެ ފަހަތު ޝީޓަށް އަރާފައި ހަމަޖެހިލީމެވެ. ތިއްތަބެ ކާރުދުއްވާލިއެވެ. ކާރުތެރޭގައި އަޑުމަޑުކޮށް ފަހުގެ އިނގިރޭސި ލަވަތައް ޖަހާފައި ހުއްޓެވެ. އަހަރެން ފޯނުނަގައި ފުރަތަމަވެސް ގުޅީ މަންމަޔަށެވެ. ނަމަވެސް ފޯނުނުނެގުމުން އަހަރެން ދެންގުޅީ ކުޑާއްތައަށެވެ. ގުޅިހާއިރުން ކުޑާއްތަ ފޯނުނެގިއެވެ. އަހަރެން މެލޭޝިޔާއަށް ދެވެނުވާހަކަ ބުނީމެވެ. ......................... (ނުނިމޭ)


Sunday, July 21, 2013

Mulhi Umurahves Loabi Vaanameve...... (10)

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.... (ދިހަވަނަ ބައި)

(ނުވަވަނަ ބަޔާއިގުޅޭ)..............

ފެށުނީއްސުރެ އަހަންނަށް އަބަދުވެސް އެކިއެކި ކަންކަމާއި ގުޅިގެން ހުވަފެން ފެނެވެ. އަބަދުވެސް ހަގީގަތަށް ކަންތައްވަނީ އަހަންނަށް ފެންނަ ހުވަފެންތަކާއި އިދިކޮޅަށެވެ. އެއީ ހަގީގަތުގައި ވާގޮތްކަމެއް ނޫނީ އަހަންނަށް އަބަދުވެސް އެގޮތަށް ވިސްނޭތީ ވާގޮތެއް ކަމެއް ނޭގެއެވެ. އެނގޭހާވެސް އެއްޗަކީ އަހަންނަށް ހުވަފެނެއް ފެނިއްޖެނަމަ އަބަދުވެސް އަހަރެން ކުރިމަތިލާންޖެހޭނީ އޭގެ އިދިކޮޅެވެ. އަހަރެން މާޔޫސްވިއެވެ. މީހާ ފެންކަޅިވިއެވެ. އޭގެ މާނަޔަކީ ތޫއަހަރެންގެ ދެކެ ލޯބި ނުވުން ހެއްޔެވެ! ނޫނީ ތޫ އަހަރެންގެ ލޯބި ގަބޫލު ނުކުރުން ހެއްޔެވެ! ނޫނީ ތޫ އެހެންމީހަކު ދެކެ......... އަހަރެންގެ ސިކުޑިއަށް އަރާ ފައިބަމުންދިޔަ ވާހަކަތައް އަހަރެން ހުއްޓުވީމެވެ. ތޫ އެހެން މީހެއްގެ މީހަކަށް ވެދާނެކަމަށް އަހަރެން ޚިޔާލުވެސް ކުރާކަށް ބޭނުންނުވާތީއެވެ.

ހުވަފެނުގެ ޚިޔާލާއި ދުރަށް ދިޔުމަށް އަހަރެން އެނދުން ތެދުވެގެންގޮސް ކުޑަދޮރުކައިރިޔަށް ޖެހިލީމެވެ. ސާފު ވައިރޯޅިތައް މޫނުގައި ބީހިބީހި ހުއްޓެވެ. އަހަރެންގެ ނަޒަރު ހުއްޓުނީ ގޯތިތެރޭގައި ހުރި ބޮޑު ހިރުދުގަހުގައި އަޅުވާފައިވާ އުނދޯއްޔެއްގައި އޮތް އެއްކަލަ އަންހެން ކުއްޖާއަށެވެ. ނުހާއަށެވެ. ނުހާ ދެލޯމަރައިގެން އޮތެވެ. ނިދާފައިކަމެއް ނޫނީ ކަމަކާއި ވިސްނަން ދެލޯމަރައިގެން އޮތީކަމެއް ނޭނގެއެވެ. އެދިމާލަށް ބަލަން އަހަންނަށް ކުޑައިރުކޮޅަކު ހުރެވުނެވެ. ކީއްވެގެން ކަމެއް ނޭނގުނެވެ. އަހަރެން ބަލަންހުއްޓާ ނުހާ ކުއްލިއަކަށް ދެލޯ ހުޅުވާލިއެވެ. އެވަގުތު އޭނާއަށް އަހަރެން ފެނުނެވެ. އަހަރެން ވަގުތުން އެތެރެއަށް ޖެހިލީމެވެ.

ފާރިޝްއާއި ސަމާހުއާއި ދެމީހުން ޓީވީބަލަން ތިއްބެވެ. ނިހާލުނެތުމުން އަހަރެން އެކަމާއި ސުވާލުކުރުމުން އެނގުނީ އޭނާ އުބޭދުބޭގެ ސަމާހުއާއިއެކު ބޭރަށް ދިޔަކަމެވެ. އަހަރެން އަވަސްވެގަތީ މެންދުރުނަމާދަށް ބަންގިދޭންވާއިރަށް ތައްޔާރުވެލައިގެން މިސްކިތަށް ދިޔުމަށެވެ. ނަސީބަކުން އުބޭދުބޭމެން ގެކައިރީގައި މިސްކިތެއް ހުރެއެވެ. އަހަރުމެންދިޔައީ އެމިސްކިތަށެވެ. އަހަރުމެން ތިންމީހުން މިސްކިތުން ފޭބިއިރު ނިހާލުމެން ސައިކަލުންއައިސް ގޭދޮށަށް މަޑުކުރީއެވެ. އަހަރުމެން ފެނިފައި އެމީހުން ބޭރުގައި މަޑުކުރިއެވެ. ނިހާލު ކައިރީގައި ދިޔައީ ކޮންތާކަށްހޭ އެހުމުން ބުނީ ފޫހިވެގެން ރަށުތެރެ ބަލާލަން ދުއްވާލަން ދިޔައީ ކަމުގައެވެ. އޭނާ ބުނި ގޮތުގައި އެރަށް ވަރަށް ރީއްޗެވެ. އަދި ފުދޭވަރަކަށް ބޮޑުވެސްމެއެވެ.

މެންދުރުގެ ކެއުމަށްފަހު އަހަރުމެން ފިނިކޮށްލަން ބޭރަށް ނުކުތީމެވެ. އުބޭދުބޭމެންގޭ ކުރިމަތީގައި ބޮޑު ގަސްފީންޏެއް އޮވެއެވެ. އެތާގައި ހޮޅުއައްޓަކާއި ޖޯލިތަކާއި އަދި ގަސްތަކުގައި އެކި ވަރުގެ އުނދޯލިތައް އަޅުވާފައި ހުއްޓެވެ. އަހަރުމެން ދިޔައިރުވެސް އެތާގައި އަހަރުމެން ވަރުގެ ދެތިން ޒުވާނަކު އުޅުނެވެ. އެމީހުންނާއި ވާހަކަދައްކައި އަހަރުމެން ރަޚްމަތްތެރިވެސް ވީމެވެ. އެތާގައި އަހަރުމެން ތިއްބާ ނުހާ އޭނާގެ ދެތިން ރައްޓެހިންނާއިއެކު ގެއާއި އަރާ ހަމަވިއެވެ. ނުހާ ބުނިއެއްޗަކަށް އޭނާގެ ރައްޓެހިން އަހަރުމެންނަށް ބަލާފައި ހިނިތުންވެލިއެވެ. ބޭރުގައި އެމީހުން އިރުކޮޅަކު ވާހަކަދައްކަން ތިބެފައި އެހެންކުއްޖަކު އައުމުން ގޭތެރެއަށް ވަނެވެ. އެމީހުން މަޑުކުރީ އެކުއްޖާ އަންނަންދެން ކަންނޭގެއެވެ. ބޭރުގައި މަޑުކުރި ވަގުތުކޮޅުގައި ނުހާ އަހަންނަށް ބަލަމުންދިޔަކަން އަހަންނަށް ފާހަނގަ ކުރެވުނެވެ. އެއީ އަހަރެން ބަލާލާ ކޮންމެފަހަރަކު ނުހާގެ ނަޒަރު ދިމާވާތީއެވެ. ނުހާއަށްވެސް ހީވާނީ އެހެންކަންނޭގެއެވެ. ވަންނަމުންވެސް ނުހާ ފަސްއެނބުރި އަހަންނަށް ބަލާލިއެވެ. އެވަގުތު ކައިރީގައި އިން ފާރިޝް އަހަރެންގެ ފައިގައި ކޮއްޓާލިއެވެ. ''އެމަންޖެ ހާދަވަރަކަށޭ ކަލެޔަށް އެބަލަނީ....'' ފާރިޝް މިހެންބުނީ އެތާގައި ދެންތިބި މީހުންނަށް ނީވޭވަރަށެވެ. ''ހޫމް.... ތީ ކަލެޔަށް ހީވާގޮތް....'' އަހަރެން ނޭނގޭ ކަމަށް ހަދާލީމެވެ. ހީނލާފައި ފާރިޝް އިތުރު އެއްޗެކޭ ނުބުނެ އުނދޯލިގައި އޮށޯތެވެ. އަހަރެންވެސް އޮށޯންނަމުން ދެލޯމަރާލީމެވެ. އޭރުވެސް ފެނުނު ހުވަފެނުގެ ސަބަބުން އަހަންނަށް އުނދަގޫތަކެއް ވަމުންދިޔައެވެ.

ހަވީރު ހަތަރުގަޑި ބައިވިއިރު އަހަރުމެންތިބީ ތޫމެންގޭގައެވެ. ތޫ އޭނާގެ ބައްޕަޔާއިއެކު އަހަރުމެން ބަލާއައެވެ. އަހަރުމެން އެގެއަށް ދިޔައީ ފައިމަގުގައެވެ. ތަންކޮޅެއް ދުރުނަމަވެސް ތޫ ފެންނަން ހުރުމުން ދުރުކަމެއް އިޙުސާސު ނުވިއެވެ. ތޫގެ ގެއާއި އަރާ ހަމަވިއިރު އަހަންނަށް ހީވީ ވަރަށް އަވަހަށް އާދެވުނުހެންނެވެ. ތޫގެ މަންމަޔާއި ބައްޕަ ވަރަށް ހެވެއެވެ. އަހަންނަށް އެމީހުންނާއިއެކު ގާތްކަމެއް އިޙުސާސު ކުރެވުނެވެ. އެގޭގައި އުޅެފައި އަހަރުމެން ގެއަށް އަންނަން މިސްރާބުޖެހީ އަނދިރިވާން ކައިރިވެފައި ވަނިކޮށެވެ. އަހަރުމެންނާއިއެކު ތޫއައެވެ. އަހަރެން އެއްބަސް ނުވުމުންވެސް ތޫ އަހަރުމެންނަށް މަގުއޮޅިދާނޭ ކިޔާފައި އައީއެވެ. ދުލުން އެހެން ބުނެވުނަސް އަހަރެން ހުރީ ވަރަށް އުފާވެފައެވެ. ތޫއާއިއެކީ ވަގުތު ހޭދަކުރަން ލިބުމުންނެވެ. އަހަރެން ބޭނުންވީ އަންނަ މަގުމަތީގައި ތޫކައިރީގައި އަހަރެންގެ ހިތުގެ ހާލަތު ބަޔާންކުރުމެވެ. އެއީ ވަގުތުވެސް ރަނގަޅުކަމުންނެވެ. ވީވެސް އެހެންނެވެ. ފާރިޝްމެން އަހަންނަށް ބަލާފައި އެއްލޯ މަރާލަމުން އެމީހުން ހަލުވިކަމާއިއެކު ކުރިޔަށް ހިނގައިގަތެވެ. އަހަންނާއި ތޫއަށް ވަގުތުދެމުންނެވެ. ތޫ އެމީހުންނަށް ގޮވާވެސް ހެދިއެވެ. އަހަންނަށް ހުރެވުނީ ފާޑަކަށް ތޫއަށް ބަލަހައްޓައިގެން ހިނިއައިސްފައެވެ. ތޫ އަހަންނަށް ބަލާލުމާއިއެކު ވަގުތުން އަހަރެން އެހިނި އޮއްބާލީމެވެ. ކަމެއް ސިއްރުކުރާ ފަދައިންނެވެ.

އަހަރުމެން ދެމީހުން ވާހަކަދައްކަމުން ގޮސް ތޫ އަހަރެން ކައިރީގައި އޭނާ ވަރަށް ބޮޑު ވާހައެއް ބުނަން ބޭނުންވެފައިވާ ވާހަކަ ބުންޏެވެ. އަހަރެންގެ ހިތް ވަގުތުން ތެޅިގަތެވެ. ކުރިޔަށްއެޅި ފިޔަވަޅުވެސް ހުއްޓުނެވެ. ތޫއަށް ބަލަހައްޓައިގެން އެއްޗެއް ނުބުނެ އަހަންނަށް ހުރެވުނެވެ. ތޫ އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. ތޫ ބުނަންބޭނުންވަނީ ކޮންވާހަކައެއްތޯ އަހަރެންގެ ހިތަށްއެރިއެވެ. ވަގުތުން އަހަރެންގެ ހަނދާނަށް އައީ ފެނުނު ހުވަފެނެވެ. އެވަތު ހިތުގައި ނޭނގޭ ރިހުމެއް އުފެދުނެވެ. ''އަސްލު އެއީ ސަޕްރައިޒެއް.'' ތޫގެ ދުލުން ނުކުންނަ ކޮންމެ ޖުމްލައަކުން އަހަރެންގެ ހިތުގައިވި ރިހުން ބޮޑުވަމުންދިޔައެވެ. ތޫގެ ވާހަކަތަކުން އަހަންނަށް ވިސްނެނީ އެހެންއެއްޗެއް ކަމުގައިވީތީއެވެ. ''ސަޕްރައިޒް.... ކޮންކަމެއް؟'' އަހަރެން އިތުރަށް ސުވާލުކުރީމެވެ. ''އަދިފަހުން. އަހަރެން މިރޭ ގެއަށް ދިޔުމުގެ ކުރިން އެސަޕްރައިޒް ދޭނަމޭ...'' ހީނލަމުން ތޫ ކުރިޔަށް ހިނގައިގަތެވެ. ތޫ ދޭންއުޅެނީ ކޮން ސަޕްރައިޒެއްތޯ ޚިޔާލުގައިހުރެ އަހަރެންވެސް ތޫގެ ފަހަތުން ހިންގައިގަތީމެވެ. އަދި އޭނަޔާއި ހިނގުން އެއްވަރުކުރީމެވެ. އެޚިޔާލުގައި ވުމުން އަހަރެން ތޫ ކައިރީގައި ބުނަން ބޭނުންވި ވާހަކަވެސް ނުބުނެވުނެވެ. ބުނާނެ ހިތްވަރު ނުލިބުނީއެވެ. ބޮޑަށް އަހަރެން ބަލަންބޭނުންވީ ތޫ ދޭންއުޅޭ ސަޕްރައިޒެއް ހޯދުމަށެވެ. އަހަރެން އޭނަޔާއި ވަރަށް ސުވާލު ކުރީމެވެ. އެވާހަކަ އޮޅުންފިލުވުމަށެވެ. ނަމަވެސް އޭނާގެ ފަރާތުން ވަކިޖަވާބެއް ނުލިބެނީސް އަހަރުމެންނަށް ގެއާއި ހަމަޔަށް އާދެވުނެވެ. ތޫ އެދުނީ އަހަރެން ކައިރީގައި ކުޑައިރުކޮޅަކު ބޭރުގައި މަޑުކޮށްލަދިނުމަށެވެ.

ފިކުރުގައި ހުރެގެންގޮސް އަހަރެން ޖައްސާލީ ކުރިމަތީގައި ހުރި ޖޯލިފަތީގައެވެ. ކަންމަތީގައި ދިއްލާފައިހުރި އޮރެންޖް ބޮކީގެ އަލިކަން މުޅި އެހިސާބަށް ފެތުރިފައި ހުއްޓެވެ. ނަމަވެސް އެއަލިކަމުގެ ތެރެއިން ގަސްތަކުގެ ހިޔަނި އެޅިފައިވުމުން ބިރުވެރި އަނދިރިކަމެއް އެތާގައި ހުއްޓެވެ. ތޫ ހުރީ އޭރު ފޯނެއްގައެވެ. ހީނލާފައި ތޫ ފޯނުން ވާހަކަދައްކަމުން ދިޔައިރު އެހިނިތުންވުންވެސް އެވަގުތު އަހަންނަށް އުނދަގޫ ކުރިއެވެ. އެކޮޅުން ވާހަކަދައްކަނީ ކާކުކަން ނޭނގެތީއެވެ. ފޯނު ބާއްވަމުން ތޫ އައިސް އުނދޯލީގައި ޖައްސާލިއެވެ. އަހަރެން އަނެއްކާވެސް ތޫކައިރިން ދޭންއުޅޭ ސަޕްރައިޒްގެ ވާހަކަ އަހާލީމެވެ. އަހަންނަށް އެކަމެއް ބަލާލަން ކެތްމަދުވެފައިވާ ކަހަލައެވެ. ތޫ އެދުނީ އަދި މަޑުކުރުމަށެވެ. ވަގުތަކަށްފަހު ވަގުތަކަށް އަހަރެންގެ ހިތުގެ ތެޅުން ބާރުވަމުންދިޔައެވެ.


މާގިނައިރުތަކެއްނުވެ އެތަނަށް ސައިކަލުގައި ފިރިހެން ކުއްޖަކުއައެވެ. ތޫ ފެނުމާއިއެކު އެކުއްޖާ ހީނލިއެވެ. ތޫވެސް ހިނިތުންވެލަމުން އުނދޯލިން ތެދުވެގެންގޮސް އެކުއްޖާ ކައިރިޔަށް ހުއްޓުނެވެ.  އެއީ ކަޅު އެހެނަސް ބަލާބެލުމަށް ރީތި ކުއްޖެކެވެ. އެކުއްޖާ ކައިރީގައި ހުއްޓެމުން ތޫ އަހަންނަށް ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ. އަހަންނަށް ހުރީ ވާނުވާ ނޭނގިފައެވެ. އެހާވަރަށް ހާސްވެސް ވެފައެވެ. އެކުއްޖާއާއިއެކު ތޫ ހުރިތަން ފެނުމުންނެވެ. އަހަންނަށް ތެދުވެވުނެވެ. ސުވާލުގެ ނަޒަރަކުން އަހަރެން ދެމީހުންނަށް ދެފަހަރު ބަލަމުން ގެންދިޔައީމެވެ. އަހަރެންގޮސް ތޫމެން ކައިރިޔަށް ހުއްޓުނީމެވެ. އެއާއިއެކު އެކުއްޖާ އަހަންނާއި ސަލާމްކުރަން އަތްދިއްކޮށްލިއެވެ. ''ހައި... މިއީ އެޑަމް. ތިއީ އަޔާންދޯ...'' އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. އަދި ގަދަކަމުން ހިނިތުންވެލަމުން އެޑަމްއާއި ސަލާމްކުރީމެވެ. އަހަންނަށް ބަލާލެވުނީ ތޫއަށެވެ. އަހަރެންގެ ބެލުމުން ތޫއަށް އަހަރެންގެ ހިތުގައި ވާއެއްޗެއް އެނގުނީ ކަންނޭގެއެވެ. ''މިއީ އަހަރެން ދޭންއުޅުނު ސަޕްރައިޒަކީ. އެޑަމްއަކީ އަހަރެންގެ ބޯއިފްރެންޑް....'' ތޫ ވަރަށް އުފާވެފައި ހީލަމުން ބުންޏެވެ. ''އެޑަމް. މިއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އަޔާން.'' ތޫ އެޑަމްއަށް ބަލާލިއެވެ. އަހަންނަށް ހީވީ އަހަރެންގެ ކަންފަތަށް ތޫނުއެއްޗެއް ހެރުނުހެންނެވެ. އަހަންނަށް ބުނާނެއެއްޗެއް ނޭނގުނެވެ. ނޭވާ އަރުތެރޭގައި ބެދުނު ކަހަލައެވެ. މޫނުމައްޗަށް އަނދިރިވިހެންވެސް ހީވިއެވެ. އަހަރެންގެ މޫނުމަތީގެ ކުލަވަރުން އެޑަމްއަށް އެއްޗެއް ވިސްނިދާނެހެން ހީވުމުން އަހަރެން ކުރިޔަށްވުރެ ބޮޑަށް ގަދަކަމުން ހީލީމެވެ. ''ތޫ ނުވެސް ބުނަމެއްނު އެޑަމްގެ ވާހަކައެއް. ކޮންއިރަކު ހިނގި ކަމެއްތީ؟'' ހިތުގައި އަޅަމުންދިޔަ ވޭން ފޮރުވަމުމަށް ބޭރުފުށުން އަހަރެން ހީލަމުން އެމީހުންނާއި އެއްވެސްކަމެއް ނުވާފަދައިން މުޚާތަބްކުރަން މަސައްކަތް ކުރީމެވެ. ''އަޔާން އެއްފަހަރުވެސް ނާހަމެއްނު. އެޑަމްއާއި އަހަރެންގެ ގުޅުމަށް މިހާރު ދެއަހަރު ވެދާނެ. އެޑަމް އުޅެނީ މިކޮޅުގައި.'' ތޫ އަހަންނަށް ބަލާލުމާއިއެކު އަހަރެން ވަގުތުން އެޑަމްއަށް ބަލާލީމެވެ. އެލޮލާއި ލޯ ހަމަނުކުރަންވެގެންނެވެ. އަހަރެން އެހާ ހިތްދަތިވެފައި ހުރިއިރުވެސް ތޫގެ މުނުގައިވި އުފާވެރިކަން ފެނިފައި ހިތަށް ހިންހަމަޖެހުން ލިބުނެވެ. ފަހަރުގައި ލޯތްބަކީ އެއީއެވެ. އަހަރެން ބޭނުންވަނީ އަހަރެންގެ އުފަލަށްވުރެ ތޫގެ ހިންހަމަޖެހުމެވެ. އެދެމީހުން ހީނހީނފައި ވާހަކަދައްކަމުން ދިޔައެވެ. އަހަރެން ފެންކަޅިވެފައި ބަލަން ހުރީމެވެ. އެމީހުން އަހަންނަށް ބަލާލުމާއިއެކު ގަދަކަމުން ހީލަމުންނެވެ. އެމީހުންގެ ވާހަކައިގައި ބައިވެރިވަމުން ހަލުވިކޮށް އެސްފިޔަޖަހާލަމުން އަހަރެންގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިފަހައްޓަމުން ދިޔައީމެވެ. ނިހާލުމެން ގެއަށްއައީ އަހަރުމެން އެތާ ތިއްބައެވެ. އެމީހުންފެނުމާއިއެކު އަހަންނަށް ކުޑަ ހިންހަމަޖެހުމެއް ލިބުނެވެ. އެމީހުން އެތަނަށް އައިކަން ނަސީބޭ އަހަރެންގެ ހިތަށްއެރިއެވެ. ......................... (ނުނިމޭ)

Friday, January 4, 2013

Laaraa (08) Last Part

ލާރާ (އަށްވަނަ ބައި) ފަހުބައި

(ހަތްވަނަ ބަޔާއިގުޅޭ).................

އަހަރެން އެރޭނިދީ އަނެއްދުވަހަށް އިންތިޒާރު ކުރަމުންނެވެ. ބޭބީ މަންމަމެންނާއި އަހަރެން ހަވާލުކުރީ ކުރާހިތަކުންނޫނެވެ. ބޭބީ ދޫކޮށް އަހަރެން ދާހިތެއް ނުވިއެވެ. އަހަރެން ފުރަން އެއަރޕޯޓަށް ދިޔައީ އެންމެންގެ ހެޔޮދުޢާއާއިއެކުއެވެ. ގޭގެއެންމެނަށް އަހަންނަކީ ލާރާކަން އެނގޭތީއެވެ. އަހަރެން ރާއްޖެއަންނަން ފުރީ ވަރަށް ތައްޔާރުވެގެންނެވެ. އެލެކްސްއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުންނެވެ. އޭނާއަށް ވަރަށްބޮޑު ހަދިޔާއެއް ހިފައިގެންނެވެ. އަހަރެން ހުރިހާދުވަހު ލިޔުނު ސިޓީތައް ހިފައިގެންނެވެ. ފޮޓޯތައްވެސް ހިފައިގެންނެވެ.

ރާއްޖެއައިސް ދެމީހުންދިޔައީ ރިސޯޓަށެވެ. ދެމީހުންތިބީ ކުރީގައިވެސް ތިބިގޮތަށެވެ. ދެމީހުން ދެކޮޓަރީގައެވެ. ތަޤްދީރު ނިޔާކުރިގޮތުން އެރޭވަނީ އަހަރުމެންގެ އެނގޭޖްމެންޓް ކުރެވުނުތާ އެގާރައަހަރު ފުރޭ ދުވަހަށެވެ. އެކަން އެލެކްސްއަށްވެސް އެނގޭނެއެވެ. ރިސޯޓަށް އާދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. އަހަރެން ބޭނުންވަނީ އަރާމުކޮށްލަންށޭ ބުނެ އަހަރެން މަސައްކަތްފެއްޓީ އެރެއަށް ތައްޔާރުވުމަށެވެ. އަހަރެންގޮސް ބިޒީވެލީ ރޫމްތައްޔާރުކުރުމަށެވެ. އަހަރެން އެތަން ވަރަށް ރީތިކުރީމެވެ. ހަނީމޫން ބައިވެރިންގެ ފުރަތަމަ ރޭގައި އެނދު ހުންނަގޮތަށް ރަތްފިނިފެންމަލުގެ ފިޔައިން އެނދު ތައްޔާރުކުރީމެވެ. އަދި ކޮޓަރިވެސް ހަމައެގޮތަށް ތައްޔާރުކުރީމެވެ. މުޅި ކޮޓަރީގައި ދެމީހުންގެ ފޮޓޯތައް ހަރުކުރީމެވެ. އެއަށްފަހު އަހަންނާއި އެލެކްސް ދިމާވީ ރޭގަނޑުގެ ކެއުމުންނެވެ. ދިހަގަޑި ބައިވާން އުޅެނިކޮށެވެ. އަހަރެން ކެއުން ވަރަށް އަވަސްއެރުވީމެވެ. އެލެކްސް ހުރީ ހައިރާންވެފައެވެ. އަހަރެން ބަހަނާއަކަށް ދެއްކީ ނިންޖެވެ. އެއީ ބާރަޖަހަންވާއިރަށް އަހަރެން ފެންވަރައި ތައްޔާރުވަށެވެ. ކައިނިމުމުން އަހަރެން ލަންޑަނުން އެލެކްސްއަށް ގެނައި ހަދިޔާއެއް އޭނަޔާއި ހަވާލުކުރީމެވެ. އޭގައި ވާނީ ކަޅުކުލައިގެ ގަމީހަކާއި ހަމައެކުލައިގެ ފަޓްލޫނެކެވެ. އެއީ އެލެކްސްއަށް އެންމެ ރީތި ކުލައެވެ. އެއާއިމެދު އެލެކްސް ސުވާލު ކުރިއެވެ. އަހަރެން ޖަވާބެއްނުދީ ގަނޑުކޮޅެއް ދިއްކޮށްލައިފައި ރޫމަށްއައީމެވެ. އޭގައި އޮންނާނީ އެރޭ ބާރަޖަހާއިރު އެހެދުމުގައި ބައްދަލުކޮށްލަން ބޭނުންވާވާހަކައެވެ. އަހަރެންގެ ރޫމުގައެވެ.

އަހަރެން ރޫމަށް އައިސް ވަރަށް ރީއްޗަށް ތައްޔާރުވެލީމެވެ. ދުވަހަކުވެސް ރީތި ނުވާހާ ވަރަށެވެ. އަދި ކޮލުގައިއިން މަލަންކޮޅުވެސް ނައްޓާލީމެވެ. އެތަންހުރީ ހުދުވެފައެވެ. އަހަރެންލީ ހުދުހެދުމެކެވެ. އެއީ އެލެކްސްގެ މަންމަދިން ހެދުމެކެވެ. ކައިވެނީގެ ހެދުމެކެވެ. އެއީ ވަރަށްވެސް ރީތި ހެދުމެކެވެ. ހެދުން ހުރީ އަހަރެން ގަޔަށް ވަރަށް ރީތިކޮށް ފިޓްވެފައެވެ. އަހަރެން މޭކަޕްކޮށްލުމަށްފަހު ހެދުމާއިއެކުގައި އޮތް މޫނުނިވާކުރާ ފޮތިކޮޅުން މޫނު ނިވާކޮށްލީމެވެ. މުޅިކޮޓަރިތެރެ ހުރީ ހުދުކުލައިގައެވެ. ކޮޓަރިތެރޭގައި ދުވަނީ މަޑުމަޑު ސެންޓެއްގެ ވަހެވެ. އަހަރެން ގަޑިޔަށް ބަލާލީމެވެ. ބާރަޖަހަން ފަނަރަ މިނިޓަށް ވެއްޖެވެ. އަހަރެން ސިޓީ ގިފްޓް ނަގައި އެނދުމަތީގައި ބެހެއްޓީމެވެ. އަދި އޭގެ ކައިރީގައި އަހަރެންގެ އެންގޭޖްމެންޓް ރިންގް ޕާރުސަލްކޮށްފައި ހުރި ގިފްޓް ބެހެއްޓީމެވެ. އެލެކްސްއާއި ދިމާވި ދުވަހުން ފަށައިގެން އަހަރެން އޮންނަނީ އެ ރިންގް ފޮރުވާފައެވެ. އޭގައި އޭނަގެ ނަން ލިޔެފައިވާތީއެވެ.

ވަގުތު ކުޑަތަންވަމުން ދާވަރަކަށް އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. އެންމެ ސިކުންތެއްވެސް އެހާވަރެވެ. އެހާ ކެތްމަދެވެ. އަހަރުތަކެއްގެ އިންތިޒާރުގެ ނިމުމުގެ ސިއްކަ މިހިތްގައިމުރޭ ޖެހޭނެކަން އަހަންނަށް އިހުސާސުވިއެވެ. އަހަރެން ސިހުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖެހުމުންނެވެ. އަހަރެން ގަޑި ބަލާލީމެވެ. ބާރަޖަހަން ތިންމިނިޓް ހުއްޓެވެ. އަހަރެން އަވަހަށް ލައިޓް ނިއްވާލީމެވެ. އޭރު އަހަރެންހުރީ ހުރިހާ އުއްބައްތިތަކެއް ދިއްލާފައެވެ. ކޮޓަރި ތެރޭގައިހުރީ ވަރަށް ރީތި އަލިކަމެކެވެ. އަހަރެން ގޮސް ހުއްޓުނީ ކޮޓަރީގެ ކުޑަދޮރު ކައިރީގައެވެ. އެލެކްސް ދޮރުން ވަންނައިރު އަހަރެން ހުންނާނީ އޭނަޔަށް ފުރަގަސް ދީގެންނެވެ. އަހަރެން ވަނުމަށް ގޮވާލީމެވެ. އެއާއިއެކު އެލެކްސް މަޑުމަޑުން އެތެރެއަށް ވަނެވެ. އޭނަގެ ސެންޓުގެ ވަހުން އަހަންނަށް އެއީ އެލެކްސްކަން ޔަގީންވިއެވެ. އަޑެއް ނީވުމުން، އެލެކްސް އެތެރެއަށްވަދެ ބަސްހުއްޓުނީހޭ އަހަރެންގެ ހިތަށްއެރިއެވެ. އޭނަ ހަމަގައިމުވެސް ހުންނާނީ ވާނުވާ ނޭނގިފައެވެ. އޭރުވެސް އަހަރެން ފަހަތަށް ނޭބުރެމެވެ. އަހަރެން އެދުނީ ގިފްޓް ކެނޑުމަށެވެ.

އެލެކްސް ގިފްޓް ކަޑާއަޑު އަހަންނަށް އިވުނެވެ. އިރުކޮޅަކަށް އަހަންނަށް ޖެހުނީ ކެތްކޮށްލާށެވެ. އަހަންނަށް ދެލޯ މަރާލެވުނީ އެލެކްސްގެ ދުލުން ލާރާއޭ ބުނުމުންނެވެ. ހަމައެއާއިއެކު އަހަރެން އެނބުރުނީމެވެ. އޭރު އެލްކްސްހުރީ ކޮޅަށެވެ. އަހަންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާހުރީ އަހަރެންދިން ހެދުންލައިގެން ވަރަށް ރީތިވެލައިގެންނެވެ. މޫނުގައިވަނީ ހައިރާންކަމެވެ. އެނދުމަތީގައި ދެތިން ސިޓީ ކިޔާފައި އޮތެވެ. އެލެކްސްހުރީ ހިތް އަވަސްވެފައި ކަންނޭނގެއެވެ. އޭނާގެ އަތުގައި އަހަރެންގެ ރިންގް އޮތެވެ. އޭނާ އަހަންނަށް އެސްފިޔަ ޖަހާނުލައި ބަލަމުންދިޔައެވެ. އަހަރެން ކުޑަކޮށް ލަދުވެސް ގަތެވެ. އަހަރެން މޫނުގައި އަޅާފައިއޮތް ފޮތިކޮޅު މަޑުމަޑުން ހިއްލާލީމެވެ. އެލެކްސް އަހަރެން ކައިރިޔަށް އައެވެ. އަދި އެރިންގާއި ސިޓީތަކާއި ލިބުނީ ކިހިނަކުންހޭ ހައިރާންކަމާއިއެކު އަހާލިއެވެ. އޭރު ދެމީހުންތިބީ ވަރަށް ކައިރީގައެވެ. ހަތަރުކަޅި ބައްދަލުވެފައެވެ. އަހަރެން މޫނުމައްޗަށް އުފާވެރިކަމުން ފުރިގެންވާ ހިނިތުންވުމެއް ގެނައީމެވެ. އަހަރެންގެ މޫނުގައި އިން އަޑިކޮޅާއި، އޭގެތެރޭގައިއިން ކަޅުތިލަ އެލެކްސްއަށް ދެއްކުމަށްޓަކައެވެ. އެލެކްއަށް ހަމަރަނަގަޅަށްވެސް އަހަރެންގެ މޫނު ފެނުނީ ކަންނޭގެއެވެ. އޭނާގެ އަތުން ވަގުތުން ރިންގް ވެއްޓުނެވެ. އޭނާ ހުރީ ބަސްހުއްޓިފައެވެ. މޫނުމަތީގައި ހުރި ހައިރާންކަން ދެގުނަވިއެވެ. އަހަރެން މަޑުމަޑުން އެލެކްސްއަށް ގޮވާލީމެވެ. އެލެކްސްގެ ލޮލުން ފޭދިގެން ކަރުނަ ވެއްޓުނެވެ. އެއާޢިއެކު އެލެކްސް ކުރިޔަށް ޖެހިލާފައި އަހަރެން ގައިގައި ބާރަށް ބައްދާލިއެވެ. އަހަންނަށް މިފަހަރު ލޯ މަރާލެވުނީ އުފަލާއިއެކުއެވެ.

އެލްކްސްއަށް އޭނާގެ ލާރާ ލިބުނީއެވެ. އޭނާއަށް ކިޔާނެ ނުކިޔާނެ އެއްޗެއްވެސް ނޭގުނެވެ. ދެމީހުންގެ ނޭވާގެ ވައިޖެހޭ ހިސާބަށް އެލެކްސް އޭނާގެ މޫނު އަހަންނާއި ކައިރިކުރިއެވެ. އެލެކްސް އެއްޗެއް ބުނަންވެގެން އަނގަހުޅުވާލި ވަގުތު، އަހަރެން އޭނާ ހުއްޓުވީމެވެ. މާދަމާ ހުރިހާ ސުވާލަކަށް ޖަވާބުދޭނަމޭ ބުނަމުންނެވެ. އެލެކްސް އަހަރެން ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ. އެއަށްފަހު އަހަރެން ގޮވައިގެންގޮސް އެނދުގައި އިށީނީ އަހަންނަށް ބަލަމުންނެވެ. ދުވަހަކުވެސް ފެނިފައިނުވާ މީހެއް ފަދައިންނެވެ. އެލެކްސް އަހަންނާއި ކައިރިވުމާއިއެކު އަހަރެންގެ މޫނަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ. އަހަރެން އެންމެ އަޑުއަހަން ބޭނުންވި އަގުބޮޑުބަސް އެލެކްސް ބުނެލީ ދެނެވެ. އޭނާ އިންތިހާޔަށް އަހަރެންދެކެ ލޯބިވާ ވާހަކައެވެ. އަހަރެންވެސް ޖަވާބު ރައްދުކުރީމެވެ. އެލެކްސް އަހަންނާއި ކައިރިވުމާއިއެކު އަހަންނަށް އެހެން އިޙުސާސެއް ނުކުރުވިއެވެ. އޭނަގެ ޖަޒުބާތީ ފިރުމުންތަކުން އަހަރެން މަސްތުވިއެވެ. ދައްކަމުންދިޔަ ވާހަކަތަކަށް ނިމުންއައިސް މާހައުލު ހަމަހިމޭންވިއެވެ. މާހައުލަށް އެހެންކުލައެއް ވެރިވިއެވެ. ހަމަހިމޭންކަމަކީ ދުލުން ބުނާވަރަށްވުރެ ތޫނު ހަތިޔާރެކެވެ. އެލެކްސްގެ ހަށިގަނޑުގެ މީރުވަސް އަހަރެންގެ ހުރިހާ ހިއްސުތަކާއި ގުޅުނެވެ.

ލޯބީގެ މިހިތްގައިމުރޭ ނިމުނީ  ކިހިނެއްކަމެއްވެސް ނޭނގެއެވެ. ނިމުނުލެއް ކިތަންމެހާވެސް އަވަހެވެ. ނިދުނީވެސް ކޮންއިރަކު ކަމެއް ނޭނގެއެވެ. ހޭލެވުނުއިރު އަހަންނަށް އޮވެވުނީ އެލެކްސްގެ މޭމަތީގައި ބޯއަޅައިގެންނެވެ. އިރުކޮޅަކުން އެލެކްސްއަށްވެސް ހޭލެވުނެވެ. ހަމައެއާއިއެކު އުފާވެރި ހެދުނުގެ ތަހުނިޔާ ކިޔެވެ. އެއަށްފަހު ލޯތްބާއިއެކު އޭނާގެ ސުވާލުތައް ކުރިޔަށް ގެންދިޔައީމެވެ. އަހަރެން ހުރިހާ ސުވާލެއްގެ ޖަވާބުދިނީމެވެ. އެލެކްސްއަށް އަދިވެސް ގަބޫލުކުރަން ދައްޗެވެ. އޭނާ ދެރަވީ އެއޮށްހުރިހާދުވަހު ގާތުގައި އުޅުނުއިރު އަހަންނަކީ ލާރާކަން ނޭގުމުންނެވެ. އެކަމަކު މިހާރު އޭނަ އުފާކުރެއެވެ. އޭނާ ބުނިގޮތުގައި އޭނާއަށްވުރެ ބޮޑު ނަސީބުވެރިއަކު މިދުނިޔޭގައި ނުހުންނާނެވެ.

އެކުވެރިންނޭވެ! މިއީ ދޮގެއް ހެއްޔެވެ؟ ފުރަތަމަލޯބި ހާސިލުވުމަކީ ހާދަބޮޑު ނިޢުމަތެކެވެ. މިއީ ކެތްތެރިކަމުގެ ފޮނިމޭވާ ނޫންހެއްޔެވެ؟ ކައިވެންޏަކީ ކޮންމެމީހަކުވެސް ދެކޭނޭ ހުވަފެނެކެވެ. އެއީ އާޙަޔާތުގެ ފެށުމެވެ. އެޙަޔާތުގެ ފުރަތަމަ ޞޮފްޙާއެވެ. އެގޮތުން އަހަރެންވެސް އަހަރެންގެ އާޙަޔާތުގެ ފުރަތަމަ ޞޮފްޙާ އެލެކްސްއާއިއެކު އެއްލާލީ އެހާ ހިސާބުންނެވެ.

އަހަރުމެން ލަންކާއަށް ފުރީ އޭގެ ދެހަފްތާ ފަހުންނެވެ. އުފާވެރި ފޮނި ވަގުތުތަކެއް އެކުގައި ހޭދަކޮށްލާފައެވެ. އެއުފާތައް ދުވަހަކު ހަނދާނުން ފިލައިގެން ނުދާނެވެ. އަހަރެން އެނބުރި ދިޔައީ މާމަވެސް ގޮވައިގެންނެވެ. އެއީ އެނުބައި މީހުންއުޅޭ ގޭގައި މާމަ ނޯކަރެއްގެ ގޮތުގައި ބަހައްޓަން އަހަރެން ބޭނުންނުވާތީއެވެ. އަދި މާމަވެސް އަހަރެންނާއިއެކު ދާންބޭނުންވެފައި ވުމުންނެވެ. އެއަށްފަހު އަހަރެން އަހަރެންގެ ކުޑަ ޢާއިލާއާއިއެކު ހޭދަކުރަމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ. ﷲގެ އިރާދަފުޅާއިއެކު އަބަދުގެ އަބަދައްޓަކައެވެ.

................. (ނިމުނީ) ..................


Wednesday, January 2, 2013

Laaraa (07)

ލާރާ (ހަތްވަނަ ބައި)

(ހަވަނަ ބަޔާއިގުޅޭ)..................

އަހަރެން ގޮޑިއަށްވެއްޓުނެވެ. ފެންކަޅިވެފައިވާ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތުމާއިއެކު ރޮއެގަނެވިއްޖެވެ. ގްރޭންޑްމާ ހާސްވިއެވެ. އަހަންނަކީ ކާކުހޭ އެހީ ދެނެވެ. އަހަރެން ފަސްޖެހުމެއްނެތި މިއީ މާމަގެ ލާރާކަމަށް ބުނީމެވެ. އަހަރެންގޮސް މާމަގެ އުނގުތެރެއަށް ވެއްޓި ރޮއެގަތީމެވެ. ބާރަށެވެ. އޭރު މާމަގެ ހަށިގަނޑު ތުރުތުރު އަޅަމުންދިޔައެވެ. މާމަ އަހަރެންގެ ގައިގައި އޮޅުލާފައި ބޮސްދެމުންދިޔައެވެ. އެލެކްސްގެ އެހީގައި މާމަ އަހަރެން ހޯދާތާ އެތައްދުވަހެއް ވެއްޖެކަމަށް މާމާ ބުންޏެވެ. މަންމަޔާއި ބައްޕަ ނިޔާވީ ރާއްޖެއިން އެމީހުން ލަންޑަނަށް އައި މަގުމަތީކަންވެސް މާމަ ބުންޏެވެ. މިއޮށް ހުރިހާދުވަހު އަހަރެން އެމީހުންނަށް ނަފްރަތުކޮށް އެއްޗެހި ކިޔުނުކަމާއިމެދު އަހަރެން ވަރަށް ދެރަވިއެވެ. އަހަރެންގެ ހިތުތެރޭގައި ރޯވެފައިވި އަލިފާންގަނޑު އެއްފަހަރުން ނިވުނެވެ. އަދި އެމަންމަޔާއި ބައްޕަދެކެވީ ލޯބި ދެގުނައަށް އިތުރުވިއެވެ. އެމީހުން ނެތުމުގެ ހަޤީގީ އިޙުސާސް ކުރެވުނީ އަދި ކިރިޔާއެވެ. އަހަރެން މާމަގައިގާ އޮޅުލަމުން ރޮމުން ގެންދިޔައީމެވެ. މާމައަށް އަހަރެން ފެނުމުގެ އުފާ ކެތްނުކުރެވޭ ކަހަލައެވެ. އެވަގުތު ގްރޭންޑްޕާވެސް އެތަނަށް އައެވެ. އަހަރެން ގްރޭންޑްޕާ ފެންނައިރަށް  ދުވެފައިގޮސް ބައްދައިގަތީމެވެ. ގްރޭންޑްޕާ ހުރީ ނޭނގުމެއްގެ ތެރޭގައެވެ. އޭރުވެސް އަހަރެން ރޮނީއެވެ. މާމަ އަހަންނަކީ ކާކުކަން ބުނުމުން ގްރޭންޑްޕާ އުފަލުން މޮޔަވި ކަހަލައެވެ. ހަމަ މާމަޔަށް ވީވަރު ގްރޭންޑްޕާއަށްވެސް ވިއެވެ. އަހަރެން އަހަރެންގެ ޙަޔާތް އެދެމީހުންނަށް ކިޔައިދިނީމެވެ. ފެންކަޅިވެފައި އިނދެއެވެ. ރަށުގައި އަހަރެން ހޭދަކުރި ވޭނީ ދިރިއުޅުމުގެ ވާހަކަޔާއި، އެލެކްސްއާއި އަހަރެން ދިމާވިގޮތުގެ ވާހަކައެވެ. އެލެކްސްއަށް އަހަރެން ނޭނގޭކަންވެސް އަހަރެން ބުނީމެވެ. އަހަރެންގެ ދިރިއުޅުން އަޑުއަހާފައި ގްރޭންޑްޕާ އެމީހުންގެ ދިރިއުޅުން ދިޔަގޮތްވެސް އަހަންނަށް ކިޔައިދިނެވެ. ބައްޕަ ނިޔާވުމަށްފަހު ބިސްނަސްގެ ކަންތައް ކުރިޔަށް ގެންދިޔައީ ގްރޭންޑްޕާއެވެ. ނަމަވެސް މިހާރު ހުރިހާ ކަމެއް ބަލަހައްޓަނީ އެލެކްސް ކަމަށް ބުންޏެވެ. އޭނާ އަހަރެންގެ އާއިލާއާއިމެދު ބަހައްޓާ އޯގާތެރިކަން ދެމީހުން ކިޔައިދިނެވެ.

އެލެކްސް އަހަރެންގެ އާޢިލާއަށް ވަރަށް ރަނގަޅެވެ. އޭނާ ބަލަނީ މާމަޔާއި ކާފައަކީ މަންމަޔަކާއި ބައްޕައެއްގެ ގޮތުގައެވެ. އަހަރެން އަހަރެންގެ ކަންތައް ސިއްރުކޮށްދިނުމަށް މާމަމެން ކައިރިން އެދުނީމެވެ. އަހަރެން އެދުވަހު ގެއަށްދިޔައީ މާމަމެންނާއިއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައެވެ. އެމީހުންގެ ލޯބީގެ ފިރުމުންތައް އިހުސާސު ކޮށްލާފައެވެ. އެމީހުން އަހަރެންދެކެ ވަރަށްލޯބިވެއެވެ. ވާނީވެސް އެހެންތާއެވެ. އަހަންނަކީ ހަމައެކަނި މިދުނިޔޭގައި އެމީހުންގެ ހުރިމީހާއެވެ.

އަހަރެން ދުވަސްތައް ގުނަމުން ދިޔައީ އަހަރެންފަދަ ނަސީބުވެރިޔަކު މިދުނިޔޭގެ އެއްވެސް ކަނަކު ނުވާނޭކަމުގައި ދެކިގެންނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އަހަންނަށް އެންމެންގެ ލޯބިލިބެއެވެ. މަޔަކާއި ބަފައެއްގެ ލޯބި ގްރޭންޑްމާއާއި ގްރޭންޑްޕާގެ ފަރާތުން ލިބެއެވެ. އަދި އެލެކްސްގެ މަންމަޔާއި ބައްޕަވެސް އަހަރެންދެކެ އެހާވަރަށް ލޯބިވެއެވެ. އެމީހުންނަށް އަހަންނަކީ ކާކުކަން އެނގުނީ ގްރޭންޑްމާމެންނަށް އެނގުނުތާ ދުވަސްކޮޅެއް ފަހުންނެވެ. އެމީހުންގާތުގައި އެސިއްރު ބުނެދިނުމަކީ މުހިންމުކަމެއް ކަމުގައި އަހަންނަށް މަޝްވަރާދިނީ ގްރޭންޑްމާއާއި ގްރޭންޑްޕާއާއި ދެމީހުންނެވެ. އެމީހުންނަށް އަހަންނަކީ ލާރާކަން އެނގުމުން އިހުނަށްވުރެ ބޮޑަށް ލޯބިވިއެވެ. އެމީހުން އެމީހުންގެ ދަރިފުޅުގެ ދިރިއުޅުމަށް ކުރަމުން ގެންދާ އުންމީދު ފުރިހަމަ ވެއްޖެކަމަށްވެސް ބުންޏެވެ. އެމީހުން ދެން ދިރިއުޅުމަށް ކުރާނެ އިތުރު އުންމީދެއް ނެތްކަމަށްވެސް ބުންޏެވެ. މިހުރިހާ ކަމެއްވީއިރުވެސް އެލެކްސްއަށް މީގެ އެއްވެސް ޚަބަރެއް ނުވެއެވެ. ނަމަވެސް ގޭމީހުން އަދަޔާއި ޚިލާފަށް އަހަރެންދެކެ ލޯބިވާކަން އޭނަޔަށް ފާހަގަވިއެވެ. އެހެނަސް އޭގައި ފޮރުވިފައިވާ ސިއްރު އޭނާއަށް ނޭގެއެވެ.

ދުވަހަކީ އެލެކްސްއާއި ޕޯލީގެ ވަރިއަށް ކޯޓަށް ދާންޖެހޭ ދުވަހެވެ. ފެމިލީގައިވަނީ ހަމަހިމޭންކަމެވެ. އެއީ ޕޯލީއަކީ ބޭބީގެ އަސްލު މަންމަޔަށްވެފައި އޭނާ ބޭބީ ގެންދަން އުޅެފާނެތީއެވެ. ނަމަވެސް ޕޯލީ ބޭނުންވަނީ މަޖާދިރިއުޅުމެކެވެ. އޭނާއަކީ މަންމައެކޭވެސް މީހަކު ނުބުނާނެއެވެ. އެދުވަހު ވަރިއަށްފަހު އޭނާ އެގެއިން ދިޔައެވެ. އެކަނިއެވެ. ނޭގިނަމަވެސް އަހަރެންގެ ދިރިއުޅުމުގެ އުފާތައް އަހަންނަށް އަމާނާތެއްހެން ޚިޔާނަތްނުވެ ރައްދުކޮށްދީފައެވެ. ލޯތްބަށްޓަކައި އަހަރެންގެ އަރުތެރޭގައި އުފެދިފައިވާ ކަރުހިއްކުމަށް ނިމުން އަންނާނެ ދުވަހަކަށް އަހަރެންކުރި އިންތިޒާރަށް އެދުވަހު ފޮނިރަހަލިބުނެވެ.

ކޯޓުން އައިގޮތަށް އެލެކްސް ކޮޓަރިންވެސް ނުނިކުމެވެ. އަހަރެން އޭނަގެ ފެނިލުމަކަށް ވަރަށް އިންތިޒާރުކުރީމެވެ. ނަމަވެސް އިންތިޒާރު ކޮޅުންލައިގެން ދާންއުޅޭހެން ހީވީމާ އަހަރެންގޮސް އެލެކްސްގެ ދޮރުގެ ތަޅުގައި ހިފާލީމެވެ. އެތެރެއިންހުރީ ތަޅުނުލައެވެ. އަހަރެން އެތެރެއަށް ވަނީމެވެ. އެލެކްސްއިނީ އެނދުގައި އިށީނދެގެން ފޮޓޯތަކަށް ބަލާށެވެ. ކޮޓަރީގައި ހުރީ ފަނޑު އަދިރިކަމެވެ. އަހަރެން ހިތަށްއެރިއެވެ. މިވަގުތު އެލެކްސްއާއި ވާހަކަދެއްކުން ރަނގަޅެއް ނުވާނެވެ. ކޮންމެއަކަސް އޭނާއިނީ ޑިވޯސްއަކަށްފަހު އެކަމާއި މާޔޫވެފައެވެ. އަހަރެން ކުރިޔަސް އެޅި ފިޔަވަލު ފަހަތަށްއެޅިމެވެ. ވަރަށް މަޑުމަޑުންނެވެ. އެކަމަކު އެލެކްސްއަށް އެނގިގެން މަޑުމަޑުން އަހަންނަށް ގޮވާލިއެވެ. އަހަންނަށް ދެންހަދާނެގޮތެއް ނޭނގުނެވެ. އެލެކްސް އެދުނީ ކޮޓަރީގައި ތަޅުލުމަށެވެ. އަހަރެން މަޑުކޮށްލުމަށްފަހުގައެވެ. އަހަރެންގެ ހިތް ބާރަށް ތެޅެންފެށިއެވެ.

އެލެކްސްއެދުނީ އަހަރެން އިށީނުމަށެވެ. އޭނާ ކައިރީގައެވެ. އަހަރެން އިށީނީމެވެ. އެލެކްސް ބަލަމުންދިޔައީ އަހަރުމެން ދެމީހުންގެ ކުޑައިރުގެ ފޮޓޯތަކަށެވެ. އެލެކްސް އަހަންނަށް ބެލީ ވަރަށް އެހެންކަހަލަ ގޮތަކަށެވެ. ހީވީ އޭނަޔަށް ނޭނގޭ އެއްޗެއް އެނގިގެން އުޅެނީ ހެންނެވެ. ''ކީއްވެ އަހަރެންގާތު ނުބުނީ؟ އެނގެއެއްނު އަހަންނަށް ސިއްރުނުވާނެކަން.'' އެލެކްސްގެ މިޖުމްލައިން އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަހަރެން ހިތަށްއެރިއެވެ. ފަޅާއެރީއެވެ. މިއަދު މިއޮތީ ފަޅާއަރާފައެވެ. ދެންހަދާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު އެލެކްސްއަށް އެނގުނީ ކިހިނެއްހެއްޔެވެ؟ ''ކޮންކަމެއް؟'' ވަރަށް ނޭނގޭކަމަށް ހަދާލާފައި އަހަރެން އަހާލީމެވެ. އެލެކްސް ތެދުވެ މޭޒުމަތީގައި އޮތް ދެޓިކެޓެއް އަހަރެންގެ އަތަށް ދިއްކޮށްލިއެވެ. އަހަރެން ބެލީމެވެ. އެއީ ރާއްޖެއަށް ދިޔުމަށް ނަގައިފައިވާ ދެޓިކެޓެވެ. އަހަރެން އެލެކްސްއާއި ދިމާލަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ''އަދިވެސް ނޭނގޭތަ؟ އެނގެއެއްނު އަހަރެން ކިތަންމެ ބިޒީކޮށް އުޅުނަސް އަހަރެން ލީޝާގެ ކަމެއް ދޫކޮށްނުލާނެކަން! ތިއީ މިހާރު އަހަރެންގެ.......'' މިހާހިސާބުން އެލެކްސް ޖުމްލަ ކުރުކޮށްލިއެވެ. އަހަންނަށް އަދިވެސް ވާނުވާއެއް ނޭނގެއެވެ. އަހަންނަށް އިނދެވުނީ ހަމައެގޮތަށެވެ. ''ކީއްވެ ލީޝާގެ މާމަ ބަލިވެއުޅޭ ވާހަކަ ނުބުނީ؟ އަހަންނަށް އެނގުނީ މަންމަގެ ފަރާތުން މިއަދު. ލީޝާއަށް އަހަރެން ވަރަށް ޤަދަރުކުރަން. ލީޝާގެ އާއިލާމީހުން ލީޝާ ވިއްކާލީ ކޮންމެހެން އަހަރެން ގަންނަން ބޭނުންވެގެންނެއްނޫން. އަހަރެން ބެލީ އަހަރެންގެ ދަރިފުޅު ބަލަން ރަނގަޅު މީހަކުވޭތޯ. އަހަންނާއިއެކު މިތަނަށް އާދެވޭނެމީހަކު ވޭތޯ. ލީގެ ފެމިލީ ލީ ވިއްކާލުމުން އަހަރެންވެސް ދެރަވި. އެކަމަކު އާއިލާގެ މީހަކު ބަލިވުމުން އެމީހުން ކައިރިޔަށް ނުދާނަމެކޭ އަހަރެން ނުބުނަމެއްނު. އަހަރެން ލީ ގޮވައިގެން ދާނަން. އޯކޭތަ އަހަރެން ދިޔަޔަސް.'' އެލެކްސް އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލަމުން އަހަންނަސް ބަލާލިއެވެ. އަހަންނަށް ވިސްނުނީ އަދިކިރިޔާއެވެ. އެއީ އެލެކްސްގެ މަންމަ ކުރި ޕްލޭނެކެވެ. އެލެކްސްއަށް އަހަންނަކީ ލާރާކަން އެންގުމަށެވެ. ކޮންމެހެން އަހަރެންގެ މާމަ ބަލިވެގެނެއް ނޫނެވެ. އެހެންނޫނަސް އަހަރެން ލަންޑަނަށް އައިފަހުން އެމީހުންގެ އެއްވެސް ޚަބަރެއް އަހަންނަކަށް ނުލިބެއެވެ. އެލެކްސްއަށް އެތަންކޮޅު ނުވިސްނުނެވެ. އަހަރެންގެ އާއިލާގެ މީހުން އަހަރެންދެކެ އެހާ ފޫހިވާއިރު އެމީހުން ކަމެއް ދިމާވުމުން  އަހަންނަށް އަންގާނެހެއްޔެވެ؟

އަހަރެން ސިހުނީ އެލެކްސް އިނގިލިތަކުން ޓައްކެއް ޖަހާލުމުންނެވެ. އަހަރެން އެއާއިއެކު އާއެކޭ ބުނީމެވެ. އެލެކްސް އަނެއްކާ އަހަރެންގެ ގާތު އިށީނެވެ. އޭނާގެ މޫނުގައިވަނީ މާޔޫސްކަމެވެ. އޭނާ ބަލަމުން ގެންދިޔައީ ފޮޓޯތަކަށެވެ. އެލެކްސް އަހަރެން ކައިރިން މަޢާފަށް އެދުނެވެ. އޭނަގެ ފަރާތުން އަހަންނަށް ލިބެންޖެހޭ ލޯބި ނުދެވޭތީއެވެ. އަހަރެން އަނގަޔަކުން ނުބުނަމެވެ. އެލެކްސްގެ އަޑުގައިވަނީ ރިހުމެވެ. ވޭނެވެ. އަހަންނަށް ވަރަށް އުނދަގޫވިއެވެ. އެތައްފަހަރަކު އެލެކްސްގެ އަތުތެރެއަށް ގޮސްދާނަމޭ ހިތަށްއެރިއެވެ. އެއްފަހަރާ ހުރިހާ އުފަލެއް ދީފާނަމޭ ހިތަށްއެރިއެވެ. އަހަރެން އަހަރެންގެ ކެތްތެރިކަމުގެ ފިޔަވަޅުގައި ހުރިގޮތަށް ސާބިތުވެލީ މާދަމާ ރާއްޖެއަށް ފުރާތީއެވެ. އިންތިޒާރުގެ ނިމުން އަންނާތީއެވެ. އެލެކްސް އަދިވެސް ދެވަރެއް ނުކުރެއެވެ. އޭނާ ބޭނުންވަނީ އަހަންނެވެ. އޭނާގެ އުންމީދުތައްވަނީ ވަޅުޖެހިފައެވެ. ގޮތްހުސްވެފައެވެ. އެލެކްސް އަހަރެންގެ އަތުގައި ހިފައި އެހީއަކަށް އެދުނެވެ. އަހަންނަށް ކެތެއް ނުކުރެވުނެވެ. އެލެކްސްއަށް ރޮވުނެވެ. އަހަރެން އޭނާ ހިންހަމަޖައްސަން ވަރަށް ހިތްވަރުދިނީމެވެ. ރަނގަޅު ރައްޓެއްސެއްގެ ގޮތުގައެވެ. އެލެކްސްގެ ލޮލުން ކަރުނަ ފެނުމުން އަހަންނަށް ވަރަށް އަސަރުކުރިއެވެ. އެލެކްސް އަހަރެން ގައިގައި ބައްދާލިއެވެ. އޭނާ ޝަކުވާކުރަނީ ދުނިޔެއާއިއެވެ. އަހަންނަށް ދެލޯ މަރާލެވުނެވެ. ހިތުގެ ވިންދު އަވަސްވިއެވެ. އެލެކްސްގެ ހިތުގެވިންދު އަހަންނަށް އަޑުއިވޭކަހަލައެވެ. އެލެކްސް ބުނަމުން ގެންދިޔައީ އޭނާ ބޭނުންވަނީ އޭނާގެ ލާރާކަމެވެ. އެއީ އަބަދުވެސް އަހަންނަށް އިވޭ ބަހެކެވެ. އަހަރެންގެ ހިތްވަރުގެ ބަސްތަކުން އެލެކްސް ކޮންމެފަހަރަކު ހަމަޖެހެއެވެ. މިފަހަރުވެސްވީ އެހެންނެވެ.

އަހަރެން އެރޭނިދީ އަނެއްދުވަހަށް އިންތިޒާރު ކުރަމުންނެވެ. ބޭބީ މަންމަމެންނާއި އަހަރެން ހަވާލުކުރީ ކުރާހިތަކުންނޫނެވެ. ބޭބީ ދޫކޮށް އަހަރެން ދާހިތެއް ނުވިއެވެ. އަހަރެން ފުރަން އެއަރޕޯޓަށް ދިޔައީ އެންމެންގެ ހެޔޮދުޢާއާއިއެކުއެވެ. ގޭގެއެންމެނަށް އަހަންނަކީ ލާރާކަން އެނގޭތީއެވެ. އަހަރެން ރާއްޖެއަންނަން ފުރީ ވަރަށް ތައްޔާރުވެގެންނެވެ. އެލެކްސްއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުންނެވެ. އޭނާއަށް ވަރަށްބޮޑު ހަދިޔާއެއް ހިފައިގެންނެވެ. އަހަރެން ހުރިހާދުވަހު ލިޔުނު ސިޓީތައް ހިފައިގެންނެވެ. ފޮޓޯތައްވެސް ހިފައިގެންނެވެ. ........................... (ނުނިމޭ)