ލާރާ (ފަސްވަނަ
ބައި)
(ހަތަރުވަނަ
ބަޔާއިގުޅޭ)..................
އެލެކްސް އަހަރެން އެރަށަށް ގެނައީ އަހަންނަށް
ހެދުންގަތުމަށެވެ. މަހެއްވަންދެން ތަކުރާރުނޮކޮށް ލެވޭވަރަށް އޭނާ އަހަންނަށް ހަވީރު
ހެދުންގަނެފައި ދިނެވެ. ހުސް އޭނާގެ ޗޮއިސްއެވެ. އެއީ އަހަރެން ލައިއުޅޭ
ވައްތަރުގެ ހެދުންތަކެއްވެސް ނޫނެވެ. ހުސް އަތްކުރު ޓޮޕާއި ޖިންސެވެ. އަހަރެން
އެހެދުމުގައި ހުރިތަންފެނުމުން އެލެކްސްހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
އަހަންނަށް ހިވީ ގައިން އެއްބައި މަދު ހެންނެވެ. އެކަމަކު އެހެދުމުގައި އަހަރެން
ހުންނައިރު އެލެކްސްއަށް މާރީއްޗެވެ. އެހެދުންތަކުގެ އިތުރަށް ކުރު ސޯޓާއި ޓީޝާޓުވެސް
ގަތީމެވެ. އަދި ރީތިވާން ބޭނުންވާ ހުރިހާ ސާމާނެއްވެސް ގަތީމެވެ. ދެން އެލެކްސް
އަހަރެން ގޮވައިގެން ދިޔައީ ސެލޫނަކަށެވެ. އެތަނަށްގޮސް އަހަރެން ފޭޝިޔަލް
ހެއްދީމެވެ. އަދިވެސް ޒީނަތްތެރިވުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންތައްވެސް
ކުރީމެވެ. ހުރިހައި ކަމެއް ނިންމާލުމަށްފަހުވެސް މޫނުގައި މަލަންކޮޅު އަޅަން
އަހަރެން ހަނދާން ނައްތައެއްނުލަމެވެ. ހަމައެތާގައި އެމަލަންކޮޅު އަޅައިގެން
ބޭރަށް ނުކުތްއިރު އެލެކްސް ބޭރުގައި އިން ސޯފާއެއްގައި މެގަޒިންއެއް ހިފައިގެން
އެއަށް ގެއްލިފައި އިނެވެ. އަހަރެން އެލެކްސްއަށް ގޮވާލުމާއިއެކު އެލެކްސް ބަލާލިއެވެ.
އޭނަ ހުރީ އަހަންނަށް ބަލަހައްޓައިގެން ހުއްޓިފައެވެ. ފަހަރުގައި އަހަރެންގެ
ބަދަލުވެފައިވާ ސިފަ ފެނުމުން ކަމަށްވެދާނެވެ. އަހަރެން ކުޑަކޮށް ލަދުވެސް ގަތެވެ.
އަހަރެން އިސްޖަހާލުމާއިއެކު އެލެކްސްއަށް ހިނތުންވުމަކާއިއެކު އެއްޗެކޭނުބުނެ އެތަނުން
ނުކުންނަން ހިނގައިގަތެވެ. އަހަރެންވެސް އޭނާގެ ފަހަތުން ނުކުތީމެވެ.
ދުވަސްތައް ހޭދަވީ އުފަލާއި މަޖަލުގައެވެ. ހުނުމާއި
ސަމާސާ ކުރުމުގައެވެ. މިހުނުމާއި ސަމާސާގައި އަހަންނަށް އެލެކްސްއަށް މާބޮޑަށް
ހިތްދެވުނެވެ. އިންތިހާޔަށެވެ. އެހާވަރުންވެސް އެލޯބި ފޮރުވީމެވެ. ދެންއައީ އަހަރުމެންގެ
ކައިވެންޏެވެ. ވަރަށް ސިރުގައެވެ. އެއްވެސް ބަޔަކަށް ނޭގެއެވެ. ކައިވެންޏަށްފަހު ވެސް
އެލެކްސް އަހަރެން ދެކުނީ ގާތްރައްޓެއްސެއްގެ ގޮތުގައެވެ. ދެމީހުން އުޅުނީ ހަމަ
ކުރީގައިވެސް އުޅޫނުގޮތަށެވެ. އެކަމަކު އަހަރެންގެ ޚިޔާލާއި ވިސްނުން
ބަދަލުވިއެވެ. މިކަން އޭނަޔަށްވެސް ފާހަނގަ ކުރެވުނެވެ. އޭނާ އަހަންނަށް
ޤަދަރުކުރިއެވެ. އަހަންނަށް ތަޢުރީފު ކުރެއެވެ. އަހަރެންކަހަލަ އަތްބެއް
ނުލިބޭނެއޭވެސް ބުނެއެވެ. މައްސަލައަކީ އެންމެ މައްސަލައެކެވެ. އެއީ އޭނަގެ ފިރުމުންތަކަށް
އަހަރެން ކެތްމަދުވުމެވެ. ހިތަށް ހާސްފަހަރު އަހަންނަކީ ކާކުކަން ބުނެލާނަމޭ
ހިތަށްއަރައެވެ. ނަމަވެސް އަދި ވަގުތު ނުޖެހެއޭ ސިކުޑިބުނަމުން ދެއެވެ. އެލެކްސް އޭނާ
ލޯބިވާކުއްޖަކު ހުންނަވާހަކަ އަހަރެންގާތު ބުންޏެވެ. އަހަރެން ދެރައެއްނުވަމެވެ.
އޭގެ ބަދަލުގައި އޭނާގެ ދުލުން އެހެންބުނާ ކޮންމެފަހަރަކު އަހަރެން ވަނީ އުފަލެވެ.
އެއީ އަހަރެންކަން އަހަންނަށް އެނގޭތީއެވެ. ކައިވެންޏަށް ހަފްތާއެއްވީދުވަހު
އަހަރުމެން ލަންޑަނަށް ފުރީމެވެ. އަހަރެން ހުރީ އެބިމުގައި ފައިޖެއްސޭލެއް
ލަސްވެފައެވެ. އެއީ އަހަރެންގެ ގެ ދެކެލުމަށެވެ. އަދި އަހަރެންގެ ހިތުގައިވާ ހުރިހާ
ޝަކުވާތައް އޭގެ ވެރިންނަށް ރައްދު ކުރުމަށްޓަކައިވެސްމެއެވެ.
ފުރިދުވަހު މެންދުރު އަހަރުމެންނަށް ގައުމަށް
ދެވުނެވެ. އެލެކްސްގެ ކާރުގައި އަހަރެން އެގެއަށް ދިޔައީމެވެ. އެމާހައުލަކީ ގިނަދުވަސްވިޔަސް
އަހަންނަށް އާމާހައުލެއް ނޫނެވެ. އަހަރެންބެލީ އެލެކްސްގެ ގެއާއި ޖެހިގެންހުރި
އަހަރެންގެ ގެއަށެވެ. އެހާ ގިނަދުވަސްވީއިރުވެސް އެގެއަށް މާބޮޑުބަދަލެއް
އައިސްފައިނުވެއެވެ. ނަމަވެސް އެލެކްސްގެ ގެވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ. ތިންބުރިޔަށް
ހުރި ގޭވަނީ ފަސްބުރިޔަށް ނަގާފައެވެ. ހީވަނީ ބޮޑު ގަނޑުވަރެއް ހެންނެވެ. ގޯތިތެރޭގައިވެސް
އެކިވައްތަރުގެ މާމެލާމެލީގެ ގަސްތައް ހައްދާފައިވެއެވެ. ދޮރުން ވަންނަތާ
ކުރިމަތީގައި ބޮޑު ފެންއަރުވާ ވަޑާމެއް ހުއްޓެވެ. މަންމަޔާއި ބައްޕަ
ކޮންމެގޮތަކަށް ކަންތައް ކުރިޔަސް އަހަރެންހުރީ އެމީހުން ދުށުމަށް
ކެތްމަދުވެފައެވެ. ގްރޭންޑްމާއާއި ގްރޭންޑްޕާވެސް މެއެވެ.
އެލެކްސްގެ ގޭގެ ދޮރު ހުޅުވާލުމާއިއެކު ފެނުނީ
އޭނާގެ މަންމަޔާއި ބައްޕައެވެ. އަހަރެމެންގެ އުމުރަށް އައިބަދަލާއި އެއްވަރަށް
އެމީހުންނަށްވެސް ހުރީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެދެމީހުން އެކީގައި
ކަހަލަގޮތަކަށް އައިސް އެލެކްސްގެ ގައިގައި ބައްދައިގަތެވެ. ރާއްޖޭގައި އެލެކްސް
އުޅުނަސް މަހަކު އެއްފަހަރު ކަހަލަގޮތަކަށް އޭނާ މަންމަމެން ކައިރިޔަށް ދާކަމަށް
އޭނާ ބުނެފައި ވެއެވެ. އިރުކޮޅަކުން އެތަނަށް އެހެން އަންހެނަކު އައެވެ. އޭނާވެސް އައިސް
އެލެކްސް ގައިގައި ބައްދައި ގަންނަމުން ވެލްކަމް ހަނީއޭ ބުނެލިއެވެ. އަހަރެން ހައިރާންވެފައި
ބަލަން ހުރީމެވެ. އެއީ އަހަރެން ދަންނަ މީހެއްނޫނެވެ. ކުރިން އެގެއިން ދެކުނު
މީހެއްވެސް ނޫނެވެ. އަހަރެންގެ ހިތުގައި ނޭގޭ ރިހުމެއް އުފެދުނެވެ. އެލެކްސް އަހަންނާއި
ދިމާލަށް ބަލާލިއެވެ. ''މިއީ އަހަރެންގެ އަންހެނުން ޕޯލީ....'' އެލެކްސް އެންމެން
ތަޢާރަފް ކޮށްފައި އެއަންހެންމީހާވެސް ތައާރަފްކޮށްލިއެވެ. އެލެކްސްގެ ދުލުން
ބޭރުވި އެޖުމްލައިން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ކަހަލައެވެ.
މުޅިމީހާ އެތެރެއިން ފުޑުފުޑުވިއެވެ. އަހަރެންގެ ހިތުގައި އެތަކެއް ޝަކުވާތަކެއް
އުފެދުނެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ހިތަށްވަމުން ދިޔަތަދު ލޮލާއި
ހަމަޔަސްވެސް އައެވެ. ނަމަވެސް ހަލުވިކޮށް އެސްފިޔަޖަހާލަމުން އަހަރެން
އެހެންމީހުންނަށް އެކަން ސިއްރުކުރުމަށް މަސައްކަތް ކުރީމެވެ. ނަމަވެސް އެލެކްސްއަށް
އެކަން ފާހަގަ ކުރެވުނީ ކަންނޭގެއެވެ. އެސްފިޔަ ޖަހާނުލާ އޭނާ އަހަންނާއި ދިމާލަށް
ބަލަންހުރީތީއެވެ. އެލެކްސް ގޭމީހުންނަށް އަހަރެން ތަޢާރަފްކޮށްދިނެވެ. އެވަގުތު ގޭގައި
ގެންގުޅޭ ހެދުމުގައި ހުރި މީހަކު ކުޑަ ބޭބީއެއް ގޮވައިގެން އައެވެ. އަހަންނަށް ބަލާލެވުނީ
އެލެކްސްގެ މޫނަށެވެ. އެވަގުތު އެލެކްސް އެއީ އޭނާގެ ދަރިފުޅުކަމަށް ބުންނެވެ.
އަހަރެންގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ދިރިއުޅުމަށް ކުރި ހުރިހާ
އުންމީދެއް ސިކުންތުކޮޅަކުން ވިއްސި ވިހާލެވިގެންދިޔައީއެވެ. އެލެކްސްއަކީ އެހެންމީހެއްގެ
މިލްކެކެވެ. އަހަންނަށް އެލެކްސްއާއި ބައްދަލުވެވުނުއިރު ވަގުތުވަނީ
ފާއިތުވެފައެވެ. އަހަރެންގެ ދިރިއުޅުމާއިއެއްވަރަށް އަހަރެންގެ ހުވަފެންތައްވެސް
ވަނީ ބަދަލުވެފައެވެ. ''ލީޝާ މިގެއަށް ގެނެވުނީ ހަމައެކަނި މިދަރިފުޅުގެ
ހުރިހާކަމެއް ބެލެހެއްޓުމަށް...'' އެލެކްސްގެ މަންމަ އެތުއްތު ދަރިފުޅު ބޮލުގައި
ފިރުމާލަމުން އަހަރެންގެ އަތަށްދިނެވެ. އެވަގުތު އަހަންނަށް ބަލާލެވުނީ
ޕޯލީއަށެވެ. ދަރިފުޅުގެ މަންމަ ހުއްޓާ އެހެންމީހަކާއި ދަރިފުޅު ބެލުމުގެ ކަންތައް
ހަވާލުކުރަނީ ކީއްވެހޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެން ލޯބިން އެދަރިފުޅު އުރާލީމެވެ.
އަދި ފެންކަޅިވެފައިހުރެ އެދަރިފުޅަށް ބަލާލީމެވެ. އަހަރެންގެ ލޯ ކަރުނުން
ތެމުނެވެ. ހިތްރޯވެ އަދަމުންދިޔައެވެ. އަހަންނަށް މިނަސީބުކުރެއްވީ ކޮންކަހަލަ ކަމެއްބާއޭ
ހިތަށްއެރިއެވެ. އަހަންނަކީ އަހަރެންގެ ފިރިމީހާގެ ދެވަނަ އަނބިމީހާއެވެ. އެވެސް އެހެންމީހުންނަށް
ސިއްރުންނެވެ. ލޯބިވާމީހާއާއި ކައިވެނިކޮށްގެންވެސް އަހަންނަށް އުޅެންމިޖެހުނީ
ގޭގައި ގެންގުޅޭ މީހެއްގެ ހައިސިއްޔަތުންނެވެ. އަހަންނަށް ހީވީ ޚުދް އަހަރެންގެ
ނަފުސުވެސް އަހަންނަށް މަލާމާތް ކުރާހެންނެވެ.
ގޭގައި ގެންގުޅޭމީހަކު އަހަންނަށް އަހަރެންގެ
ކޮޓަރި ދެއްކިއެވެ. އެލެކްސްގެ ބައްޕަގެ އެދުމުގެ މަތިންނެވެ. އަހަރެން ކޮޓަރިޔަށް
ދިޔައީމެވެ. އެލެކްސްގެ ދަރިފުޅާއިއެކުއެވެ. އެދަރިފުޅު އަހަރެންގެ އަތުތެރޭގައި
ލޯބިން ނިދާލާފައި އޮތެވެ. އަހަރެން ކަޅިޖަހާނުލާ އެދަރިފުޅަށް ބަލަމުންދިޔައީމެވެ.
އެދަރިފުޅު އެންމެ ވައްތަރީ އެލެކްސްއާއިއެވެ. އެހެންވެ އެލެކްސާއި އެއްވަރަށް
އެދަރިފުޅުވެސް އެހާ ރީއްޗެވެ. އަހަރެންގޮސް އެނދުގައި އިށީނީމެވެ. ގަނޑުވެފައިވާ ބުދެއްހެންނެވެ.
އެލެކްސްގެ ލޯބި ނުލިބުނަސް ހެވެވެ. އޭނާ ދެކެވާ ލޯބި އޭނާގެ
ދަރިފުޅަށްދެވިދާނެވެ. އަހަރެންގެ ދިރިއުޅުމުގެ މަގުސަދު ޖެހޭނީ ބަދަލުކޮށްލާށެވެ.
އެދަރިފުޅުގެ ހައްގުގައެވެ. ލާރާ އަބަދައްޓަކައި ޖެހޭނީ ކަފުންކޮށްފައި
ވަޅުލާލާށެވެ. ލީޝާގެ ގޮތުގައި އެލެކްސްއާއި އިންގޮތަށް ދިރިއުޅުމުގެ އެންމެ
ފަހުވަގުތާއިހަމަޔަށްވެސް އުޅޭނީ އެގޮތުގައެވެ. އެލެކްސްގެ ދަރިފުޅު
ތަރުބިއްޔަތުކޮށް އެދަރިފުޅު އަޚުލާގު ރަނގަޅު މާތް ކުއްޖަކަށް ހެދުމަކީ މިއަދު
އަހަރެންގެ ޒިންމާއެކެވެ. މިއަދުން ފަށައިގެން އަހަރެންގެ މަންޒިލަކަށް ވާންޖެހޭނީ
އެކަމެވެ. މިކަހަލަ އެތަކެއް ވާހަކަތަކަކުން އަހަރެންގެ ހިތް ހަމަޖައްސަން އަހަރެން
މަސައްކަތް ކުރީމެވެ.
އަހަރެން ސިހުނީ މީހަކު ދޮރު ހުޅުވާލުމުންނެވެ. ބަލާލިއިރު އެއީ
އެލެކްސްއެވެ. އެލެކްސް އެތެރެއަށްވަނެވެ. އެވަގުތު އަހަރެން ހިފަހައްޓަމުންއައި
ކަރުނަތަށް އިޚްތިޔާރުން ބޭރުވެގެން އޮހިގަތެވެ. ދެރަވިވަރުންނެވެ. އެލެކްސްގެ ކުރިމަތީގައި
އަހަރެން ރޯކަށް ބޭނުމެއް ނުވިއެވެ. އެހެންވެ އަތުގެ ނުފުށުން ކަރުނަތައް ފޮހެލާފައި ހިތްވަރުކުރެވޭތޯ ބެލީމެވެ. އެލެކްސް އަހަންނަށް ބަލަންހުއްޓެވެ.
ދެރަވެފައެވެ. ''ސޮރީ. އަހަރެން ކުރީގައި މެރިޑްއޭ ނުބުނެވުމުން.'' އެލެކްސް
އިސްޖަހާލިއެވެ. އަހަންނާއި ހަތަރުކަޅި ހަމަކުރަން ބޭނުންނުވީ ކަންނޭގެއެވެ.
އަހަރެން ކުޑަމީހާ އެނދުގައި ރީއްޗަށް ބާއްވާލީމެވެ. ނުވެއްޓޭނެ ގޮތަށެވެ.
އަދިއެއަށްފަހު އެލެކްސް ކައިރިޔަށް ދިޔައީމެވެ. ''ކީއްވެ އޮޅުވާލީ؟'' އަހަންނަށް
ގިސްލެވުނެވެ. ''ކީއްވެ އަހަރެން ކައިރީގައި ހުރިހާ ކަމެއް ކުރިން ނުބުނީ؟
އަހަންނާއި ކައިވެނި ކުރަން ބޭނުންވަނީ ހަމައެކަނި އެލެކްސްގެ ދަރިފުޅު
ބަލަންކަމުގައި ކީއްވެ ނުބުނީ؟ ދަރިފުޅުބަލަން އަހަންނާއި ކައިވެނި ކުރީ
ކޮންބޭނުމަކު؟ ކައިވެނި ނުކުރިޔަސް އެލެކްސް އަހަރެން ކައިރީގައި އެކަމަށް
އެދުނުނަމަ އުފަލުން ކޮށްދިނީމުސް... އަހަންނަކީވެސް އިންސާނެކޭ....
އަހަރެންގެވެސް ހިތެއް އޮވެޔޭ...'' އަހަންނަށް ރޮމުން ބިންމައްޗަށް ތިރިވެވުނެވެ. ''އެލެކްސްއާއި
ކައިވެނި ކުރެވުމުން އަހަރެން ހީކުރީ އަހަރެންގެ ދިރިއުޅުން ބަދަލުވީކަމަށް....
އެކަމަކު.....'' އަހަންނަށް މިހާހިސާބަށް ބުނެވުނުތަނާ އެލެކްސް އަހަރެންގެ ކޮނޑުގައި
ހިފާ ތެދުކުރިއެވެ. ''ލީ... ޕްލީޒް.. ހުއްޓާލާ.... އަހަރެން ލީއަށް ދެރަގޮތެއް
ނަހަދާނަން.... ލީއަށް މަދުވާނެ އެއްވެސް އެއްޗެއް ނޯންނާނެ..... އަހަންނަށް އެނގޭ
ލީއަށް ހަގީގަތް އެނގުމުން ދެރަވާނެކަން. ކުރީގައި އަހަންނަށް ހުރިހާ ވާހަކައެއް
ކިޔައި ނުދެވުނީ މަޖުބޫރުވީވަރުން. އަހަރެން ހީކުރީ ހުރިހާ ކަމެއް އެނގިގެން ލީ
އަހަންނާއިއެކު ލަންޑަނަށް ނައަންނާނެ ކަމަށް. އެހެންވެ ކައިވެނި ކުރަންބުނީވެސް.
އަހަންނަށް މިވަގުތު ލީގެ ބޭނުން ވަރަށް މުހިންމު.. އަހަރެން ބޭނުމެއް ނޫން
އަހަރެންގެ ދަރިފުޅު އެހެންދީނެއްގެ މީހަކަށް ވާކަށް. ޕޯލީއަކީ ކްރިސްޓިޔަނެއް.''
އެލެކްސް ފެންކަޅިވެފައިހުރެ ބުނެލިއެވެ. އަހަންނަށް އެނާގެ މޫނަށް ބަލާލެވުނެވެ.
''އަހަރެންގެ އަންހެނުންނަކީ އަހަރެންގެ މަންޒިލެއްނޫން. އަހަރެންގެ މަންޒިލަކީ
އެހެންމީހެއް. އެއީ އަހަރެންގެ ގެއްލިފައިވާ ލޯބި.'' އެލެކްސް ވަރަށް އަސަރާއިއެކު
ވާހަކަދައްކަމުން ދިޔައެވެ. ''އެއީ ވަރަށް ދިގުވާހަކައެއް. އެހެންފަހަރަކުން ކިޔައިދޭނަން.
އަހަރެން ޕޯލީއާއި މެރީކުރީ މަންމަމެންގެ އެދުމުގެ މަތިން. އަދި ދަރިއެއް ހޯދީވެސް
އެމީހުން ބޭނުންވެގެން. މިލޯބި ލާރާ އަހަރެން ދެކެނީ އަހަރެން ހަމައެކަނި ލޯބިވާ
ލާރާގެ ނިޝާނެއްގެ ގޮތުގައި. މިތުއްތު ލާރާގެ މޫނަށް ބަލާލާ ކޮންމެފަހަރަކު އަހަންނަށް އަހަރެންގެ ލާރާގެ ހަނދާންތައް އާވޭ. އެމޫނު ސިފަވެގެންދޭ...'' އެލެކްސް ނިދާފައިއޮތް ތުއްތު ލާރާގެ ކޮލުގައި ލޯބިން ފިރުމާލަ ފިރުމާލާއިނެވެ. އަހަންނަށް ހުރެވުނީ ހައިރާންވެފައި ބަލަހައްޓައިގެންނެވެ.
.................. (ނުނިމޭ)
.................. (ނުނިމޭ)

No comments:
Post a Comment