Readers

Welcome to the blog of Zoyasham Stories. Here I've shared my long Dhivehi Stories with you. My blogs are made for those who are interested in reading dhivehi (specially fiction) stories. I hope you will love my all works and help me to write more. Please do comment to improve my writings. Make reading as a habit. It will improve your knowledge and language. Take your time well and enjoy reading stories.

Saturday, September 8, 2012

Mulhi Umurahves Loabi Vaanameve...... (02)

މުޅި އުމުރަށްވެސް ލޯބިވާނަމެވެ..... (ދެވަނަ ބައި)



(ފުރަތަމަ ބަޔާއިގުޅޭ)..............

ހުދުކުލައިގެ ޓޮޕަކާއިއެކު ކަޅުކުލައި ޖިންސެއްގައި އެއަންހެން ކުއްޖާ ފެންނަލެއް ވަރަށް ރީއްޗެވެ. އެރީތިކަން އިތުރަށް ފުރިހަމަ ކޮށްދިނީ ނިއުޅުވާލައިފައިވާ ދިގު އިސްތަށިގަނޑެވެ. ދަމުން ދަމުން ސްކާރފް ކަރުގައި އޮޅާލަމުން އެކުއްޖާ ފަސް އެނބުރި ބަލާލާފައި ހިނިތުންވުމެއް ދިނެވެ. ހިވާގޮތުންނަމަ ޝުކުރުއަދާ ކުރީއެވެ. އަހަންނަށް ހީވީ އެވަގުތު ގައިގައި ކަރަންޓު ޖެހުނުހެންނެވެ. އެ ބަލާލުމާއި ހިނިތުންވުން އަހަރެންގެ ހިތުގެ ވިންދާއި ކުޅެލިއެވެ. އެ ސޫރަ އަހަރެންގެ ހިތުގައި ފުރަތަމަ ނަޒަރުން ބިންވަޅު ނެގިގެން ދިޔައެވެ. އެ ސޫރަޔަށް އަހަރެން ގެއްލިފައިވާ ވާވަރު އެނގުނީ ރައްޓެހިންގެ އަޑުން ސިހިގެން ދިޔައިމައެވެ. އަހަރެން އެނބުރި ދިޔުމުން އެމީހުން އަހަރެން ކައިރިން އެއީ ކޮންކުއްޖެއްތޯ އާއި ހިތްދެވުނީތޯއޭ އަހާލިއެވެ. އަހަރެން ހީނލަމުން ނޫނެކޭ ބުނެ އެއީ ކޮން ކުއްޖެއްކަން ނޭނގޭ ކަމަށްބުނީމެވެ. ނަމަވެސް މާލެ ދެވެންދެން އެމީހުން އަހަންނާއި ވަރަށް ދިމާކޮށް ހެދިއެވެ.

          އެދުވަހު އަހަންނަށް ކުރެވުނު އިޙުސާސުން އަހަންނަށް އާ ކަމެއް އެނގުނެވެ. އުފަލާއި ހިންހަމަޖެހުމަކީ ދިރިއުޅުމުގައި ހަމަދާއިމަށް ލިޔެވިފައިވާ އެއްޗެއް ނޫންކަމެވެ. އަހަރެންގެ އުފާވެރި ދިރިއުޅުމުގައި ހިތާމައިގެ ސިއްކަ ޖެހިގެން ދިރިއުޅުން ބަދަލުވީ އެދުވަހުއެވެ. އަހަރެންގެ އެއްވެސް ބާރެއްނެތިއެވެ. އެވަގުތުކޮޅު އަހަރެންގެ ޙަޔާތަށް ނައިނަމަ ކިހާ ރަނގަޅުވީސްއޭ މިއަދު އަހަރެންގެ ހިތަށް އަރައެވެ. ނަމަވެސް އެއީ ދިރިއުޅުމުގައި އަހަންނަށް ކުރެވުނު އެންމެފޮނި އިޙުސާސުގެ ފެށުމެވެ. އާދެ! އެއީ ލޯބި މިކިޔާއެއްޗެއްގެ ބިންވަޅު އަހަރެންގެ ހިތުގައި ނެގިގެން ދިޔަދުވަހެވެ.

އެދުވަހަށްފަހު އަހަރެންގެ މޫނުމަތިން އުފާވެރިކަން ގެއްލުނެވެ. ރޭނގަޑުގެ ނިދިން މަޙްރޫމްވިއެވެ. އާޢިލާއާއި ރައްޓެހިންނާއި އެކު ވަގުތު ހޭދަކުރާއިރުވެސް ނޭނގޭ އެކަނިވެރިކަމެއް އިޙުސާސް ކުރެވެންފެށުނެވެ. ހަފްތާއެއް ފާއިތުވެ ދިޔައިރުވެސް ޚިޔާލަށް ހަމައެކަނި އަންނަމުން ދިޔައީ އެ ނުދަންނަ ސޫރައެވެ. އެކަތި ބަލާލުމެވެ. އެނިޔަނެތި ހިނިތުންވުމެވެ. އެ މީރުވަސް އޭރުވެސް އަހަރެންގެ އަތުގައި ހަރުލާފައިވާ ފަދައެވެ. އެ ސޫރަދެކެން ހިތް ރޯކަހަލައެވެ. އެންމެ ދުވަހަކުން ފެނުނު ސޫރައެއްގެ ސަބަބުން މިވަރުވާކަން މީގެ ކުރިން އަހަންނަށް އެނގެނީ ހަމައެކަނި ފިލްމުތަކުން އެކަންޏެވެ. އެކަހަލަ ފިލްމްތައް ބަލާލާފައި އަހަރެން ވަރަށް ޖޯކުޖަހަމެވެ. ނަމަވެސް އެވެސް ޙަގީގަތަކަށް ވެދާނެކަމަށް އެދުވަހު އަހަންނަށް ކުރެވުނު ގޮތްނޭނގޭ އިޙުސާސްތަކުން އެނގުނެވެ. އަހަރެންގެ އެއްވެސް ބާރެއްނެތި އަހަރެންގެ ދިރިއުޅުން ދުވަހެއް ދުވަހަކަށް ދިޔައީ ބަދަލުވަމުންނެވެ. ބޭރަށް ނުކުމެ އުޅޭއުޅުމުގައި ތަންތަން ހޯދާބެލެންފެށުނެވެ. އެސޫރަ ފެނޭތޯއެވެ. އަހަންނަށް އަންނަމުންދިޔަ ބަދަލުތައް އެންމެނަށް ފާނހަގަވިއެވެ. ޚާއްސަކޮށް އަހަރެންގެ ރައްޓެހިންނަށެވެ. ގޭ މީހުންކައިރީ ކޮންމެވެސް ބަހަނާއެއް ދައްކާފައި އަހަރެން ކޮންމެފަހަރަކު އޮޅުވާލަމެވެ. ނަމަވެސް ރައްޓެހިންނަކަށް އޮޅުވާ ނުލެވުނެވެ. އެމީހުންކައިރީވެސް ކޮންމެވެސް ބަހަނާއެއް ދައްކަން އަހަރެން މެލޭޝިޔާއިން ދިމާވި ކުއްޖެއްމަތިން މާބޮޑަށް ހަނދާންވަނީއޭ ބުނެ އޮޅުވާލަން މަސައްކަތް ކުރީމެވެ. އަހަރެން ހީކުރި އަދި ދުވަސްކޮޅެއް ވުމުން ހަމަޔަކަށް އެޅިދާނެ ކަމަށެވެ.

            ދެހަފްތާ ފާއިތުވެއްޖެވެ. ނަމަވެސް އަހަރެންގެ ބަދަލުވީ އުޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެ ސޫރަ ބޮޑު ބައްޔެއް ފަދައިން ރެޔާއި ދުވާލު އަހަންނަށް އުނދަގޫ ކުރަމުންދިޔައެވެ. ބައްޔެކޭ މިބުނީ ފަހުން ފަހުން ގޮސް ގޭ މީހުންވެސް އަދި ރައްޓެހިންވެސް މަދުމަދުން ނަމަވެސް އަހަންނަށް ފެންނަމުން ދިޔައީ އެސޫރައިގައެވެ. ހެވިލާފައި އެމީހުންނަށް އަހަރެން ބަލަން ހުންނައިރު ބައެއްފަހަރު މޮޔައެކޭ ހިތަށްއަރައެވެ. ހަމަހޭވެރިކަން އަންނަނީ އަބަދުވެސް އެއިން މީހަކު ހަޅޭލަވައި ގަތުމުންނެވެ. މިއިޙުސާސްތަކަށް ކެތް ނުކުރެވިގެން އަހަރެން ރައްޓެހިންކައިރީ އެންމެފަހުން މިވާހަދެއްކީމެވެ. އަހަރެންގެ ވާހަކަތައް އަޑުއަހާފައި އެންމެފުރަތަމަ އެމީހުން އަހަންނަށް ޖޯކުޖެހީއެވެ. އެއީ ކާކުކަން ނޭނގޭ ކުޑަމިނުން އުޅޭތަނެއްވެސް ނޭނގޭ ކުއްޖަކަށް ހިތްދެވުނީމައެވެ. ނަމަވެސް އެމީހުން ފަހުން ސީރިޔަސް ވީއެވެ. އެމީހުންނާއި ވާހަކަދައްކައިގެން އަހަރެންގެ ހިތަށް ވަރަށްބޮޑު ފިނިކަމެއް ލިބުނެވެ. ދެން އަހަރުމެން ކުރަން ނިންމީ އެންމެ މޮޔަ ކަންތަކެވެ. އެއީ އެނޫން އެހެންގޮތެއް ނެތީމައެވެ.

އެކުއްޖާ މާލޭގައި އުޅެފާނެ ކަމަށް ބަލާފައި އަހަރުމެން ދެހަފްތާ ވަންދެން ރެޔާއި ދުވާލު މާލެތެރޭ ދުއްވާ ހޯދީމެވެ. ސުކޫލުތަކުގެ ކައިރިން، އޮފީސްތައް ކައިރިން، ބީޗުން، ރެސްޓޯރަންޓްތަކުންނެވެ. ނަމަވެސް ދެހަފްތާ ފާއިތުވެ ދިޔައިރުވެސް އެއަންހެން ކުއްޖެއް ނުފެނުނެވެ. އެހެންކަމުން ރައްޓެހިން ނިންމީ އެކުއްޖާ މާލޭގައި ނޫޅޭ ކަމަށެވެ. އެމީހުން އަހަންނަށް ވަރަށް ހިތްވަރުދިނެވެ. ކުޑަ ދުވަސްކޮޅަކުން ކިޔެވުން ފެށުމުން އެ ހަނދާންތައް ގޮސްދާނެކަމަށް ބުންޏެވެ. އަދި އާކޮޅުގައި އެހެންދިމާވާނޭ ކަމުގައިވެސް ބުންޏެވެ. ނަމަވެސް އަހަރެން ވަރަށް މާޔޫސްވިއެވެ. އުންމީދު އެއްކޮށް ގެއްލުނެވެ. އެންމެ ބޮޑުކަމަކަށްވީ އެވޭނުގައި އުޅެން ކުރިއަށްވުރެވެސް  ބޮޑަށް އުނދަގޫ ވިކަމެވެ. އެރެއަށްފަހު ކިޔެވުން ފެއްޓެންދެން އަހަރެން ގެއިން ބޭރަށް ދިޔުން ހުއްޓާލީމެވެ. ދާހިތް ނުވާތީއެވެ. ރައްޓެހިން ކައިރިން އެދުނީ ދުވަސްކޮޅަކު އަހަރެން އެކަނި އުޅެލަން ބޭނުންވާ ވާހަކައެވެ. ނަމަވެސް އެމީހުން އަހަރެން އެކަނި ނުކުރިއެވެ. އެކިވަގުތު ގެއަށް އައިސް އެކި ގޮތްގޮތުން އަހަރެންގެ ކުރީގެ ދިރިއުޅުން އަނބުރާ ގެނައުމަށް މަސައްކަތް ކުރިއެވެ. އެހެންގޮތެއް ނުވުމުން އެންމެފަހުން އަހަރެން ފަސްއިރު ފަސްނަމާދުގައި އެ އަންހެން ކުއްޖާއަށްޓަކާ ދުޢާކުރަން ފެށީމެވެ. ކެތްތެރިކަމާއި ހިންހަމަޖެހުން ދެއްވުމަށް އެދި ދުޢާކުރީމެވެ. ކޮންމެ ނަމާދަކަށްފަހު އަހަރެންގެ ހިތަށް ވަރަށް ފިނިކަން ލިބެމުންދިޔައެވެ. އެ ސޫރަޔާ ބައްދަލުވާނެ ކަމުގެ އުންމީދު ލިބެމުންދިޔައެވެ.

            އާދައިގެ މަތިން އެއްދުވަހެއްގެ ހެނދުނު ވަގުތެވެ. އަހަރެން ސައިބޯންއިންދާ އެއްކަލަ މީރުވަސް އަހަރެންގެ ނޭފަތުގައި ޖެހުނެވެ. އަހަރެންގެ ގައިންދިޔައީ ހީނބިހި ނަގައިގެންނެވެ. އަނގަޔަށް ލެވުނު ކާއެތިކޮޅުވެސް ބޭރުކޮށްލެވުނެވެ. ފުރަތަމަ އަހަރެން ހީކުރީ އަހަންނަށް ހީވި ގޮތެއް ކަމަށެވެ. ނަމަވެސް އެވަސް ކެނޑިގެން ނޮގޮސް ފަހަރަކަށްވުރެ ފަހަރަކަށް ގަދަވަމުން ދިއުމުން އަހަރެން ގޮޑިން ތެދުވެ އެވަސް އަންނަދިމާ ހޯދަންފެށީމެވެ. މަންމަ އަހަރެން ކައިރީ ތިހޯދަނީ ކޮންއެއްޗެއްތޯ ދެތިންފަހަރަކު އަހާލިއެވެ. ނަމަވެސް އަހަރެން އެއްޗެއް ނުހޯދަމޭ ބުނެ ހޯދަމުން ދިޔައިމެވެ. ފަހަރަކު ތަނެއް ބަލަމުން ދިޔައިރު ތުއްތަ ކޮޓަރީގެ ދޮރު ހުޅުވާފައިވާތަން ފެނުނެވެ. އަހަރެން ގޮސް ބަލާލިއިރު ތުއްތަ އޮފީހަށް ދާންވެގެން ތައްޔާރުވާން ހުއްޓެވެ. ނޭވާ އެތެރެއަށް ދަމާލުމާއިއެކު ވަސް އަންނަނީ އެކޮޓަރިންކަން އެނގުނެވެ. އަހަރެން ތުއްތަ ކައިރިއަށް ގޮސް އެދުވަނީ ހާދާ މީރުވަހެކޭ ބުނެލީމެވެ. ތުއްތަ ހީނލާފައި އެއީ ރޭ ގަތް އާސެންޓުފުޅިއެކޭ ބުނެލިއެވެ. އަހަރެން ސެންޓުފުޅި ނަގާ ދެއަތަށް ޖަހާލީމެވެ. އަދި ވަސް ބަލާލީމެވެ. އޯހް..... އަހަރެންގެ ހިތް ފުރުނެވެ. ހީވީ އެސޫރަ ކުރިމަތިން ފެނުނު ހެންނެވެ. ތުއްތަ އަހަންނަށް ބަލާފައި އަހަންނަށް އަންހެން ސެންޓް މީރުވަސްދުވާން ފެއްޓީ ކޮންއިރަކުހޭ އަހާލިއެވެ. އަހަރެން ހީނލަމުން އެކަހަލަ ކަމެއް ނޫނޭ ބުނެލީމެވެ. ނަމަވެސް ތުއްތަ ދެވަނަފަހަރަށް އަހަންނާއި ދިމާކޮށްލަމުން އަންހެން ކުއްޖަކަށް ހިތްދެވުނީހޭ އަހާލިއެވެ. އަހަރެން ނޯވޭ......އޭ ބުނެފައި އަވަސް އަވަހަށް އެތަނުން ދިޔައީމެވެ. އެދުވަހަށްފަހު އަހަރެން ކޮންމެ ދުވަހަކު ތުއްތަޔަށް ސިއްރުން އެ ކޮޓަރިޔަށް ވަދެ އަހަރެން ޖީބުގައި ގެންގުޅޭ ކުޑަ ފޮތިކޮޅަކަށް އެސެންޓު ޖަހަމެވެ. އެވެސް އެކަމަށްޓަކައި އަހަރެން ގެންގުޅޭ ފޮތިކޮޅެކެވެ. އަދި އެ ވަހާއިއެކު ރޭދުވާ ހޭދަކުރަމެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް ސީ.އެޗް.އެސް.ސީ ގެ ކިޔެވުން ފެށުމުގެ ކުރިން އޮންނަ ބެލެނިވެރިންނާއި ދަރިވަރުންގެ ބައްދަލުވުން ބޭއްވުނުދުވަހެވެ. މިބައްދަލުވުމަށް އަހަރެންދިޔައީ ތުއްތަ ގޮވައިގެންނެވެ. ބައްދަލުވުން ފެށެން ގަޑި އޮތުމާއިއެކު ތުއްތަކައިރީގައި އެބައަންނަމޭ ބުނެފައި އަހަރެން ހޯލުން ނުކުންނަން ދިޔައީ ނިހާލުއާއި ފާރިޝްމެން ފެނޭތޯއެވެ. ފުދޭވަރަކަށް ހަލުވިކޮށް ހޯލުން ނުކުތްވަގުތު ހޯލަށް ވަންނަން އައި ކުއްޖެއްގައިގައި ޖެހިފައި އެކުއްޖާ ނުވެއްޓުނީ ހަމަކިރިޔާއެވެ. އަހަރެން އަވަސްއަވަހަށް ސޮރީއޭބުނަމުން އިސްއުފުލާ އެކުއްޖަކަށް ބަލާލީމެވެ. އެވަގުތު އަހަރެންގެ ފިޔަވަޅަށް ހުއްޓުން އެރި ކަހަލައެވެ. އަތްފައިފިނިވެ މުޅި މީހާ ގަނޑުވިކަހަލައެވެ. ހިތުން ހަށިގަނޑުގެ ހުރިހައި ނާރުތަކަށް ލޭގެ ބަދަލުގައި ކަރަންޓު ފޮނުވައި ދިންކަހަލައެވެ. ނޭވާލާންވެސް ނޭގި އަހަންނަށް ހުރެވުނީ އެދިމާލަށް ބަލަހައްޓައިގެންނެވެ. އެކުއްޖާ ހިނިތުންވެލަމުން ހޯލަށް ވަދެގެންދިޔައެވެ. ނޭފަތުގައި އެއްކަލަ މީރުވަސް ހަރުލައްވާލާފައެވެ. މިފަހަރުވެސް ފަސްއެނބުރި ބަލާލާފައި ހިތްކަތިލާފަދަ ހިނިތުންވުމެއް ރައްދުކުރިއެވެ. އޯހް.... އަހަރެންގެ ހިތް ފުރިގެން ބަންޑުންވިއެވެ. މިހާރު އެއީ ކާކުކަން އެނގިއްޖެދޯއެވެ! އާނއެކެވެ. އެއީ އެއްކަލަ އަހަރެންގެ ހިތުގެ ރާނީއެވެ. އާވާރާއެއް ފަދައިން މުޅި މާލެތެރޭގައި އެކުއްޖަކު ހޯދުމަށް ދުއްވި ފަރި ކަމަނާއެވެ. ރޭދުވާ އެމީހެއްގެ ހަނދާނުގައި އަހަރެން ހޭދަކުރި، ނުދަންނަ، ފުރަތަމަ ނަޒަރުން އަހަރެންގެ ހިތް ގެންދިޔަ ސޫރައެވެ. ކުޑަ ސިކުންތުކޮޅަކަށްނަމަވެސް އަހަރެން ހީކުރީ އަހަންނަށް މިފެނުނީ ހުވަފެނެއްކަމަށެވެ. ހަމަހެޔަށް އައީ ރައްޓެހިން އައިސް ވާހަކަދައްކަން ފެށުމުންނެވެ. ފާޑަކަށް ހޯލަށް ބަލަހައްޓައިގެން ހުއްޓިހުރުމުން ރައްޓެހިން އެސުވާލު ކުރިއެވެ. އަހަރެން ކަންތައް ވީގޮތް ކިޔައިދިނީމެވެ. އުފަލުން ފޮޅިފައި ހުރެއެވެ. ހިތަށްކުރަމުން ދިޔަ ބުނެދޭން ނޭގޭ ހިންހަމަޖެހުން އަހަރެންގެ ވާހަކައިންނާއި ހަރަކާތްތަކުން ބޭރުވަމުންދިޔައެވެ. އެމީހުން އެކުއްޖާ ކޮބާހޭ އަހާލިއެވެ. ޔަގީންކޮށްލުމުގެ ގޮތުން ކަންނޭގެއެވެ. އެވަގުތު އަހަރެން މުޅި ހޯލަށް ނަޒަރު ހިންގާލީމެވެ. ނަމަވެސް އަހަރުމެން ތިބީ ފަހަތުގައި ކަމުން ފެންނަވަރެއް ނުވިއެވެ. ހަމަގައިމުވެސް އެކުއްޖަކު މިހޯލަށް ވަދެގެން ގޮސްސިޔޭ އަހަރެން އެވަގުތު ބުނީމެވެ. އެހެންކަމުން އަހަރެންގެ ރައްޓެހިން ހީކުރީ އެއީ އަހަންނަށް ހީވި ހީވުމެއް ކަމަށެވެ. އަބަދުވެސް އެކުއްޖަކު އަހަރެންގެ ލޯމަތިން ސިފަވާތީއެވެ. ނަމަވެސް އެއީ ކުރެވުނު ހީއެއް ނޫންކަން އަހަންނަށް އެނގެއެވެ. .................. (ނުނިމޭ)

2 comments:

  1. This is a nice story. Upload the next part soon.

    ReplyDelete