Readers

Welcome to the blog of Zoyasham Stories. Here I've shared my long Dhivehi Stories with you. My blogs are made for those who are interested in reading dhivehi (specially fiction) stories. I hope you will love my all works and help me to write more. Please do comment to improve my writings. Make reading as a habit. It will improve your knowledge and language. Take your time well and enjoy reading stories.

Wednesday, September 26, 2012

Laaraa (04)

ލާރާ (ހަތަރުވަނަ ބައި)

(ތިންވަނަ ބަޔާއިގުޅޭ)...................

ރޫމަށްވަދެ އަހަރެން ފްރެޝްވެލީމެވެ. ތައްޔާރުވެ ނިމުނުތަނާހެން މީހަކު ދޮރުގައި ޓަކިޖަހާލިއެވެ. އަހަރެން ދޮރުހުޅުވާ ބަލާލިއިރު ދޮރުމަތީގައިހުރީ އެލެކްސްއެވެ. އޭނާގެ މޫނު ސާފުކޮށް ފެނުނީ އަދިކިރިޔާއެވެ. އަހަންނަށް ހުރެވުނީ އަނގަ ހުޅުވިފައެވެ. ''އަހަރެން ފެނުނީމަ އަނގަ ހުޅުވެނީ ކީއްވެތަ؟'' އެލެކްސް ސަމާސާ ރާގަކަށް ބުނެލިއެވެ. އޭރު އަހަރެން ހުރީ ބޮލުގައ ތުވާލި އޮޅައިގެންނެވެ. ''އެތެރެއަށް ވަނުމަށް ހުއްދައެއް ނުދޭނަންތަ؟'' އޭނާ އެހިއެވެ. ''ނޫނޭ... ވަދޭ... އަވަހަށް ވަދޭ....'' އަހަރެން ތަންދެމުން ބުނެލީމެވެ. އެލެކްސް އެތެރެއަށްވަދެ ދޮރުލެއްޕިއެވެ. އަހަރެން އަވަހަށް އެނދުމަތީގައި ހުރި އަހަރެންގެ ހެދުންތައް ނަގައި އޭނަ ކައިރީގައި އެނދުގައި އިށީނުމަށް ބުނީމެވެ. އޭނާ އެނދުގައި އޮށޯވެގެން އޮންނަ ކަހަލަގޮތަކަށް އިށީނެވެ. އަހަރެން ގޮސް ހުއްޓުނީ ލޯގަނޑު ކުރިމައްޗަށެވެ. އަހަރެން އަބަދުވެސް ލަނީ އަތްދިގު ހެދުމާއި ހަރުވާޅެވެ.

ބޯފޮހެމުން އަހަރެން ލޯގަނޑުން ފެންނަންހުރި އެލެކްސްއަށް ބެލީމެވެ. އޭނާއޮތީ އަހަންނަށް ބަލާށެވެ. އަހަންނަށް ހުއްޓުންއެރިއެވެ. އޭނާ ހަމަބަލަނީއެވެ. އަހަރެން އަހާލާހިތްވިއެވެ. ކަލާ ތިހާވަރަށް ތިބަލަނީ ކީއްވެހެއްޔެވެ؟ އަހަރެން ސިހުނީ އެލެކްސް ކަރުކެހެލި އަޑަށެވެ. އެލެކްސް އޭނާ ވާހަކައެއް ބުނަންހޭ އަހާލިއެވެ. އަހަރެން އިސްތަށިގަނޑުން ފެންހިއްކަމުން އާނއެކޭ ބުނީމެވެ. ''އަހަންނަށް ކީއްވެގެންތަ ހީވަނީ ލީޝާ އަހަރެން ދަންނަހެން؟ ނޭނގޭ.... ކޮންމެވެސް ތަނަކުން އަބަދުވެސް ދެކޭ ދަންނަ މޫނެއްތިއީ....'' އޭނާ މިހެން ބުނީ އިނގިރޭސިންނެވެ. އެވަގުތު އަހަރެންގެ ހިތް ބުންޏެވެ. އަހަރެން ފެންނަނީ ކަލާގެ ހުވަފެންތަކުންނެވެ. ހަމަ ނޭނގެނީ ހެއްޔެވެ؟.... ރަނގަޅަށް އަހަންނަށް ބަލާފައި ބުނެބަލާށެވެ. އަހަންނަކީ ކަލާގެ ލޯބިވާ ކަލާގެ ލާރާއެވެ. ނޫންހެއްޔެވެ؟..... ''ލީޝާ... އެލެކްސް ގޮވާލިއަޑަށް އަހަރެން ސިހުނެވެ. ''ޔާ.... ތިބެދާނެއްނު ވައްތަރު މީހުންވެސް. އެހެންނޫނަސް އަހަންނަކީ ދިވެއްސެއް ތިއީ އިނގިރޭސިއެއް. އަހަރެން ދުވަހަކުވެސް ރާއްޖެއިން ބޭރަކަށް ނުދަން. އަދި މިކަހަލަ މާހައުލަކަށްވެސް ނައަންނަން. ދެން ކީއްވެ؟.....'' އަހަރެންގެ ހިތުގައިވާ ޝުއޫރުތައް ސިއްރުކުރުމަށް އަހަރެން އަވަސްއަވަހަށް އެލެކްސްގެ ސުވާލަށް ޖަވާބުދިނީމެވެ.

''ބަލާމީހަކު ނުބުނާނެ ތީ ދިވެއްސެކޭ... ވާހަކަދެއްކުންވެސް އެހާމޮޅު. އެހާމެރީތި. މިރިސޯޓުގައިވެސް ނުހުންނާނެ ތިހާފުރިހަމަ ރީތި އަންހެނަކު. އަދިކޮބާ؟.... ތިދެލޮލުގެ ކަޅިވެސް ތިހިރީ މަޑުނޫކުލައިގަ. މިހުރިހާ ކަންތައް އިއްތިފާގަކަށް ވެދާނެތަ؟'' އެލެކްސް ހުރީ އަދިވެސް އަހަންނަށް ބަލާށެވެ. އޭނާގެ އެބެލުމުން އަހަރެން ލަދުގަތެވެ. އުނދަގޫވެސްވިއެވެ. އަހަންނަށް އިތުރަށް ބުނާނެއެއްޗެއް ނޭނގުނެވެ. އަސްލު އަހަންނަކީ ދެވެއްސެއް ނޫންކަން އޭނާޔަށް އެހީވާހީވުމަކީ ތެދެކެވެ. އަހަރެން ވައްތަރީ އަހަރެންގެ ބައްޕަޔާއިއެވެ. ''ކީއްވެ ޖަވާބެއް ނުދިނީ؟'' އެލެކްސް އަހާލިއެވެ. ''ހަމަވެދާނެއްނު....'' އަހަންނަށް އިތުރަށް އެންމެ އެއްޗެއްވެސް ބުނަންނޭނގުނެވެ. އެލެކްސްއަށް އަހަރެން ދޮގުހަދަނީކަން ޝައްކުވަނީ ކަންނޭނގެއެވެ. ''ކޮބާ ބައްޕަޔާއި މަންމަ؟....'' އެލެކް އަނެއްކާވެސް އެހެން ސުވާލެއް ކޮށްލިއެވެ. މަންމަޔާއި ބައްޕަގެ ވާހަކައިވުމުން އަހަރެންގެ ހިތަށް ވަރަށް އުނދަގޫވިއެވެ. އެހާމެ ތަދުވެސްވިއެވެ. ކުރަމުންދިޔަ ކަންތައް ހުއްޓާލާފައި، އަހަންނަށް ދެލޯމަރާލެވުނީ އެހިތި ހަނދާންތައް އާވުމުންނެވެ. އަބަދުވެސް ވާފަދައިން މިފަހަރުވެސް އެހަނދާންތަކުން އަހަރެންގެ ދެލޯ ތެންމާލިއެވެ. ނަމަވެސް އެހެންފަހަރެކޭ އެއްގޮތަށް މިފަހަރު އަހަރެންގެ ލޮލަށް ޖަމާވި ކަރުނަތައް އަހަންނަށް ހިފަހައްޓާނުލެވުނެވެ. ފަހަރުގައި އެލެކްސް ކުރިމަތީގައި ވީމަކަމަށްވެދާނެވެ. ''މަރުވެއްޖެ. ވަރަށް ކުޑައިރު.'' އަހަންނަށް މިހެން ބުނެވުނީ ގިސްލަމުންނެވެ. އެލެކްސް އަވަހަށް އެނދުން ތެދުވިއެވެ. އޭނާ އަހަރެންގެ ކައިރިއަށްއައެވެ. އަހަރެން ހުރީ އިސްޖަހައިގެންނެވެ. އެލެކްސް ސޮރީއޭ ބުނަމުން އަހަރެންގެ ކޮނޑުގައި އަތްޖެއްސިއެވެ. އެވަގުތު އަހަރެން އިސްއުފުލައި އެލެކްސްއަށް ބެލީމެވެ. އަހަރެންގެ ކަރުނަތައް ކޯތާފަތްމަތިން ފައިބަމުން ދިޔައެވެ. ''ތިއީ.... އަހަރެން ދަންނަން...'' އެލެކްސް ވަރަށް ރަނގަޅަށް އަހަންނަށް ބަލަންހުރެފައި މިހެން ބުނެލުމާއިއެކު އަހަރެން އޭނާޔަށް ފުރަގަސްދިނީމެވެ. އޭރު އަހަރެންގެ ހިތުގެ ވިންދު ވަރަށް އަވަސްވިއެވެ. އަހަރެން ހިތަށްއެރިއެވެ. އެލެކްސްއަށް އަހަންނަކީ ކާކުކަން އެނގުނީބާވައެވެ.

''މިދުނިޔެއަކު ނޫޅޭނެ އަހަރެންގެ އެއްވެސް ބަޔަކު. ޢާއިލާ މީހުން ކައިރީގައި އުޅެބޮޑުވީ ނޯކަރެއްހެން. ކޮށްޓެއްގައި ބަންދުވެފައި އިން ދޫންޏެއްހެން. އަހަންނަށް ތިކޮށްދޭ ކަންތަކަށް ވަރަށްބޮޑަށް ޝުކުރުވެރިވަން....'' އަހަރެންގެ އަޑުގައި ހުރީ ހިތްދަތިކަމެވެ. އަހަރެންގެ ވާހަކަ އަޑުއަހާފައި އެލެކްސް ވަރަށް ދެރަވިއެވެ. ''އަހަރެން ކަމަކަށް އެދުނިއްޔާ ކޮށްދޭނަންތަ؟'' އެލެކް އަހަންނާއި ސުވާލުކުރިއެވެ. އޭރުވެސް އަހަރެން ހުރީ އެލެކްސްއަށް ފުރަގަސްދީގެންނެވެ. ''އާނ... ތިޔައީ އަހަރެންގެ ސާހިބުމީހާ... އަހަރެންގެ ހަށިގަނޑަކު އަހަރެންގެ މިލްކެއް ނެތް...'' އަހަރެން ވިސްނުމެއްނެތި ބުނީމެވެ. ''އަހަންނާއި މެރީކޮށްފާނަންތަ؟ އެއީ ލީޝާ ބޭނުމިއްޔާ.....'' އެލެކްސްގެ އެޖުމްލައިން އަހަންނަށް ވަގުތުން އެނބުރި އޭނާޔަށް ބަލާލެވުނެވެ. އެއީ އެލެކްސްގެ ދުލުން އަހަރެން އަޑުއަހަން ކެތްމަދުވެފައިހުރި ބަހެކެވެ. އެކަމަކު އެލެކްސްއަށް އަހަންނަކީ ކާކުކަންވެސް ނޭނގެނީސް އަހަންނާއި މެރީ ކުރުމުގެ ބޭނުމަކީ ކޮބާހޭ އަހަރެންގެ ހިތަށްއެރިއެވެ. އޭނާ އޭނާގެ ލޯބިވާ ލާރާއާއި މެރީނުކޮށް އެހެން އަންހެން ކުއްޖެއްގެ ގާތުގައި މެރީކުރަން އެދުމުގެ ބޭނުމަކީ ކޮބާހޭވެސް އަހަރެންގެ ހިތަށްއެރިއެވެ. އަހަރެންގެ ހިތުތެރޭގައި އެތަކެއް ސުވާލެއް އުފެދުނެވެ. އެކަމަކުވެސް ޖަވާބަކަށް ނޭދެމެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ ވާންއުޅޭ އަލަތު ފިރިމީހާއެވެ. ''އެލެކްސް ބޭނުންގޮތެއް...'' އަހަރެންގެ ހިތް އުފަލުން ނަށަމުންދިޔައެވެ. ނަމަވެސް އެކަމެއް އަހަރެން ބޭރަކަށް ނުދައްކަމެވެ.

''އަހަރެން ބޭނުން ލަންޑަނަށް ދިޔުމުގެ ކުރީގައި މެރީކުރަން. އެކަމަކު އަހަރެންގެ ފެމިލީގެ މީހަކަށް މިކަން އެނގިގެންނުވާނެ. އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް މެރީކުރަން. އަހަންނަށް އެނގޭ ލީޝާ ކުރަންބޭނުންވާ ބައިވަރު ސުވާލު ހުންނާނެކަން. އެކަމަކު ހުރިހާ ސުވާލެއްގެ ޖަވާބު އަހަންނަށް ދެވެންއޮތީ އެކޮޅަށް ގޮސްސަ. އޯކޭތަ؟....'' އެލެކްސް އަހަރެންގެ ކޮނޑުގައި އަތްޖެއްސިއެވެ. އަހަރެން އާއެކޭ ބުނަމުން އެލެކްސްއަށް އިސްއުފުލާ ބަލާލީމެވެ. އެލެކްސް ބުނިފަދައިން އަހަރެންގެ ހިތުތެރޭގައި ޖަވާބު ބޭނުންވާ އެތަކެއް ސުވާލެއް ހުއްޓެވެ. "ލީ ކިޔަސް އޯކޭތަ؟'' އެލެކްސް އަހަންނާއި ސުވާލުކުރީ ވަރަށް ގާތްގޮތަކަށެވެ. އަހަރެން މަޑުމަޑުން ބޯޖަހާލީމެވެ. ''އަހަރެންދެކެ ބިރު ނުގަންނަށްޗޭ! އަހަރެން އަބަދުވެސް ލީ ދެކޭނީ ގާތް ރައްޓެއްސެއްގެ ގޮތުގަ. އަހަންނަށް ކުށެއް ކުރެވެންޏާ ކުރީބައިގަ މަޢާފް.'' އެހާހިސާބަށް އެލެކްސްއަށް ބުނެވުނުތަނާ އަހަންނަށް އިޚްތިޔާރަކާނުލައި އޭނާގެ އަނގަމަތީގައި އަތްއެޅުނެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ''އަހަންނަކީ މާކުރިއްސުރެވެސް ކަލާގެ މިލްކެއް.'' ވިސްނުމަކާއި ނުލައި އަހަންނަށް މިހެން ބުނެވުނެވެ. ބުނެވުނުއެއްޗެއް ހަނދާންވީ އެލެކްސް އެކަމާއި ކަންބޮޑުވުމުންނެވެ. އެލެކްސް ސީދާ ބަލަންހުރީ އަހަރެންގެ މޫނަށެވެ. ސުވާލުން ފުރިގެންވާ ދެލޮލަކުންނެވެ. އަހަރެން އަތްނެގީމެވެ. ''ކާންދާން ބަލާދޯ ތިއައީ.'' އަހަރެން ހަމަޖެހިލަމުން އަނެއްފަރާތަށް އެނބުރި ވާހަކަ އޮޅުވައިލެވޭތޯ މަސައްކަތް ކުރީމެވެ. އެކަމަކު އޭނާ މާހުށިޔާރެވެ. އަހަރެންގެ އަތުގައިހިފާ އޭނަޔާ ދިމާލަށް އަނބުރާލިއެވެ. ''ތީކާކު؟...'' އެލެކްސް ކުރީ ވަރަށް އެހެންކަހަލަ ސުވާލެކެވެ. ''ލީޝާ... އަހަންނަކީ ލީޝާ...... ކިހިނެއްވީ؟'' އަހަރެން ވަރަށް ހަމަޖެހިލަމުން އެލެކްސްއަށް އޮޅުވާލަން މަސައްކަތްކުރީމެވެ. ''ކަމެއްނުވޭ.... ކީއްވެ އެހެންބުނީ......'' އަހަރެންގެ ހިތުގައިވާއެއްޗެއް ނޭނގުނަސް ކަންބޮޑުވުމާއިއެކު އަހަރެން ދެއްކި ވާހަކަތަކުން އެލެކްސްއަށް ރަނގަޅަށްވެސް އޮޅުނެވެ. އޭނާޔަށް މިހާރު ކުޑަކޮށް ޝައްކުވަނީ ކަންނޭނގެއެވެ. އަހަންނާއި ލާރާއި ވައްތަރުހެން އޭނާޔަށް ހީވަނީ ކަންނޭނގެއެވެ. މިވީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަހަރެން ދެމީހުން އެކަކު އަނެކަކަށް ވަރަށް ބޮޑަށް އެނގިއްޖެވެ. ހީވަނީ އަބަދުވެސް ދިމާވާ ބައްދަލުވާ ދެމީހުންހެންނެވެ. ''އެއީ އަހަރެން އެހެންބުނި އެއްޗެއްނޫން..'' އަހަރެން ވާހަކަ އޮއްބާލީމެވެ. އެލެކްސް ހަމަޖެހިލައިގެން އެނދުގައި އިށީނެވެ. އަދި ކާންދާން ބުނުމުން އަހަރެން އޭނަޔާއިއެކު ކާންދިޔައީމެވެ. އޭނާ އަހަރެން އެންމެނަށް ތަޢާރަފްކޮށްދިނެވެ. އެންމެންވެސް ދެއްކީ އަހަރެންގެ ރީތިވާހަކައެވެ. ރާއްޖެ ކުއްޖެކޭ ބުނުމުން އެމީހުންނަށްވެސް ގަބޫލުކުރަންދަތިވިއެވެ.

ކެއުން ނިންމާލުމަށްފަހު ދާންޖެހުނީ ރިސޯޓާއި ވަރަށް ކައިރީގައިއޮތް މީހުންއުޅޭ ރަށަކަށެވެ. އެލެކްސްއާއިއެކުއެވެ. އޭނާގެ އެދުމުގެ މަތިންނެވެ. އެއޮށްހުރިހާއިރުވެސް އަހަރެން އެލެކްސްއަށް ފެންނަހިސާބުގައި މޫނުމައްޗަށް ހިނިތުންވުމެއް ނުގެންނަމެވެ. އަހަރެން އުޅެންޖެހުނީ އެކަމަށް ވަރަށް ވިސްނައިގެންނެވެ. މޫނުގައި އެކަޅުތިލަ އެހިސާބުގައި ނިއިންނަނަމައޭ އަހަރެންގެ ހިތަށްއެރިއެވެ. އެރަށަށްދާން ފުރުމުގެ ކުރިން އަހަންނަށް ލިބުނު މޮޅު ޚިޔާލުން އަހަރެން އެކަޅުތިލަ އިންނަހިސާބުގައި ކުޑަ މަލަންކޮޅެއް އެޅީމެވެ. އަހަރެން ހީކުރިފަދައިން އެލެކްސްގެ ސުވާލާއި އަހަރެން ކުރިމަތިލާން ޖެހުނެވެ. އެހެންވެ އަހަރެން އެލެކްސްއާއި ކުރިމަތިލީ އެކަމަށް ތައްޔާރުވެގެންނެވެ. އަހަރެން ދެއްކި ބަހަނާ އެލެކްސްއަށް ފަސޭހައިން ގަބޫލުކުރެވުނެވެ. ލޯންޗުތެރޭގައި އެލެކްސްގެ މަޖާވާހަކަތަކުން އަހަންނަށް ވަރަށް ހެވުނެވެ. ދިހަވަރަކަށް މިނިޓްގެ އެދަތުރަށްފަހު އަހަރުމެން އެރަށަށް ފޭބީމެވެ.

އެލެކްސް އަހަރެން އެރަށަށް ގެނައީ އަހަންނަށް ހެދުންގަތުމަށެވެ. މަހެއްވަންދެން ތަކުރާރުނޮކޮށް ލެވޭވަރަށް އޭނާ އަހަންނަށް ހެދުންގަނެފައި ދިނެވެ. ހުސް އޭނާގެ ޗޮއިސްއެވެ. އެއީ އަހަރެން ލައިއުޅޭ ވައްތަރުގެ ހެދުންތަކެއްވެސް ނޫނެވެ. ހުސް އަތްކުރު ޓޮޕާއި ޖިންސެވެ. އަހަރެން އެހެދުމުގައި ހުރިތަންފެނުމުން އެލެކްސްހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. 
...................... (ނުނިމޭ)