Readers

Welcome to the blog of Zoyasham Stories. Here I've shared my long Dhivehi Stories with you. My blogs are made for those who are interested in reading dhivehi (specially fiction) stories. I hope you will love my all works and help me to write more. Please do comment to improve my writings. Make reading as a habit. It will improve your knowledge and language. Take your time well and enjoy reading stories.

Sunday, September 30, 2012

Mulhi Umurahves Loabi Vaanameve...... (07)

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.... (ހަތްވަނަ ބައި)

(ހަވަނަ ބަޔާއިގުޅޭ)..............

އެހެންވެ ދެވަނަފަހަރަށްވެސް އަހަރެން ތޫދެކެ ލޯބިވާވާހަކަ ބުނީމެވެ. ތޫއަހަރެންގެ މީހަކަށް މުޅިއުމުރަށް ހަދަން ބޭނުންވާ ވާހަކަ ބުނީމެވެ. ތޫއާއި އެންމެ ފުރަތަމަ ބައްދަލުވީ ދުވަހުން ފެށިގެން ހުރިހާ ވާހަކައެއްވެސް ކިޔައިދިނީމެވެ. އަހަންނަށް ހީވީ އެއްނޭވައިން ހުރިހާ ވާހަކައެއް ކިޔައިދެވުނުހެންނެވެ. ހިތް އަވަސްވެފައިވާލެއް ބޮޑުކަމުންނެވެ. ލޯބިވާވާހަކަ ދުލާއިހަމަޔަށް ގެނެވުމުން އަހަރެންގެ ހިތަށް ވަރަށް ހިންހަމަޖެހުން ލިބުނެވެ. ނަމަވެސް އެހާވަރަށް ހިތް ނުތަވަސްވެސް ވިއެވެ. ތޫގެ ޖަވާބެއް ނޭނގޭތީއެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ ތޫގެ ޖަވާބަކަށެވެ.

އަހަންނަށް ސިހިފައި ލޯހުޅުވާލެވުނީ ފްލައިޓަށް އެރި ލޮޅުންގަނޑަކުންނެވެ. އަހަރެން ބޭރުބަލާލީމެވެ. އަނދިރިކަމުން ތަނެއް ފެންނަވަރުނުވިޔަސް ގަދަޔަށް ވިދަމުންދިޔަކަން އެނގުނެވެ. ވިދުވަރުގެ އަލިން ކޮޅިގިނަވެފައި ވާރޭވެހެމުން ދިޔަކަންވެސް އަހަންނަށް އެނގުނެވެ. އެވަގުތު ކެބިންކުރޫއެއް އައިސް އަހަރެން ކައިރީގައި އެއްވެސް އެއްޗެއް ބޭނުންތޯއޭ އަހާލިއެވެ. އަހަރެން ހަމައެކަނި ފެއްތައްޓަކަށް އެދުނީމެވެ. ގަޑިބަލާލުމުން ފްލައިޓް ޖައްސަން ކައިރިވެއްޖެކަން އަހަންނަށް އެނގުނެވެ. މާގިނައިރުތަކެއްނުވެ ފްލައިޓް ލަންކާގެ ބަންޑާރަނައިކް އެއަރޕޯޓުގައި ޖެއްސިއެވެ. މެލޭޝިޔާއަށް ދާން ފުރުންއޮތީ އަދި ތިންގަޑިއިރު ފަހުންކަމަށް ވުމާއިއެކު ފަސިންޖަރުންނަށް ޖެހުނީ ލޮބީގައި މަޑުކޮށްލާށެވެ. އެތާގައި އަހަރެން ބޭރަށް ނޮގޮސް މަޑުކޮށްލީ އަހަރެން އިތުރުކަމެއް ކުރާހިތް ނުވާތީއެވެ. ބަނޑުހައިވިޔަސް އަހަރެންހުރީ ކާހިތް ނުވެފައެވެ. އެހެންމީހުން އެކިއެކި ކަންކަމުގައި ބޭރަށް ނުކުމެ އުޅުނެވެ. ލޮބީ ފިނިކަމުން އަހަރެން ހުރީވެސް ކުޑަކޮށް ފިނިވެފައެވެ. އަހަރެން ގޮސް ޖައްސާލީ އެންމެ ފަހަތުގައި ހުރި ސޯފާބަރީގައެވެ. ކުރާނެ އިތުރު ކަމެއް ނެތުމާއިއެކު އަހަރެން ލެޕްޓޮޕް ނަގައިގެން ހުޅުވާލީ ވަގުތު ކުރުކޮށްލުމުގެ ގޮތުންނެވެ. ނަމަވެސް ޑެކްސްޓޮޕްގައި އިން ތޫގެފޮޓޯ ފެނުމާއިއެކު އަހަރެން ހުއްޓުން އެރިއެވެ. އިތުރުކަމެއް ކުރާހިތެއް ނުވިއެވެ. އެރީތިކަމަށް ހިތާއިހިތުން ތަޢުރީފުކުރަމުން އެމޫނަށް ބަލަހައްޓައިގެން އަހަރެން އިނދެވުނެވެ. އިނދެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. އަހަންނަށް ހީވީ ތޫ އަހަރެންގެ ކުރިމަތީގައި ހެވިލާފައި އަހަންނާއި ދިމާލަށް ބަލަހައްޓައިގެން އިންހެންނެވެ. ހަގީގަތެއް ނޫންކަން އެނގުނީ ކައިރިންދިޔަ  ކުޑަކުއްޖަކު ފައިގައި އަޅާފައި ވެއްޓުމުންނެވެ. ވެއްޓުނުހާ އަވަހަށް އެކުއްޖާ ތެދުވެގެން ހިނގައިގަތެވެ. އެކުއްޖާގެ މީހުން ދުރުގައި ހީ...ހީފައި ބަލަންތިއްބެވެ. އަހަރެންގެ މޫނަށްވެސް ކުޑަ ހިނދުކޮޅަކަށްނަމަވެސް ހިތުންވުމުގެ އަސަރު ފާޅުވިއެވެ. އެކުޑަ މައުސޫމު ކުއްޖާގެ ހަރަކާތްތައް ފެނުމުންނެވެ. އެއަށްފަހު އަހަރެން ފެންކަޅިވިއެވެ. ތޫއަށް ބަލާލުމުންނެވެ. އަހަރެންގެ ފެންކަޅިވެފައިވާ މޫނުން އަހަރެންގެ ހިތުގެ ހާލަތު ރީއްޗަށް ފެންނަމުންދިޔައެވެ. އަހަރެން މަޑުމަޑުން ތޫގެ މޫނުގައި އަތް ކާއްތާލީމެވެ. ތުންފަތާއިހަމަޔަށް އަތްގެނެސް އަހަންނަށް ހުއްޓެވުނެވެ. މަޑު ފިޔާތޮށިކުލައިގެ އެތުންފަތުގައި އަހަންނަށް ހީވީ ހަގީގަތުގައިވެސް އަހަންނަށް ބީހެވުނުހެންނެވެ. އަހަރެންގެ ހުރިހާ އިސްތައްޓެއް ކޮޅަށްޖެހުނެވެ. ހިތުގެ ވިންދު އަވަސްވިއެވެ. އަހަރެންގެ ހަނދާނަށް އައީ ތޫއާއިއެކު އަހަރެން ހޭދަކުރި އުފާވެރި ވަގުތުކޮޅެއްގެ ހަނދާނެވެ. އެއީ ދުވަހަކު އަހަރެން ހިތުން ފިލައިގެން ނުދާނޭ ވަގުތުކޮޅެކެވެ. ހަމައެކަނި އެވަގުތުކޮޅުގެ ހަނދާނުގައިވެސް އަހަރެން މުޅިއުމުރު ހޭދަކޮށްލަފާނަމެވެ. އެއީ އަހަރެންގެ ހަޔާތުގައި މިހާތަނަށް ލިޔެވިގެންދިޔަ އެންމެ ފޮނި ހަނދާނެވެ. އަދި ކުރެވުނު އެންމެފޮނި އިހުސާސްވެސްމެއެވެ.  

ތޫގެ ޖަވާބެއް ލިބޭތޯ އަހަރެން ފަސްވަރަކަށް މިނިޓްވަންދެން އިނީމެވެ. އޭރު އަހަރެންގެ ހިތް އާދަޔާ ޚިލާފަށް ތެޅެމުންދިޔައެވެ. އިމްތިޚާނެއް ބޯމަތިވުމުން ކުރާކަހަލަ އިޙުސާސެއް އަހަންނަށް ކުރެވެމުންދިޔައެވެ. ހިތާއިހިތުން ތޫ އަހަރެންގެ ލޯބި ގަބޫލުކުރުމަށްއެދި އަހަރެން ދުޢާވެސް ކުރީމެވެ. ތޫގެ ފަރާތުން ލިބުނު ހަމަހިމޭކަމުން އަހަރެންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. އަހަރެން މަޑުމަޑުން އެނބުރި ތޫއަށް ބަލާލީމެވެ. ތޫއިނީ ލެނގިލައިގެން އިން ދަނގަޑުގައި ބޯޖައްސާލައިގެން ދެލޯމަރައިގެންނެވެ. އެމޫނުމަތިން އެއްވެސްކަހަލަ ހާސްކަމެއް، ނުތަނަވަސް ކަމެއް އަދި ހިންހަމަނުޖެހުމުގެ އަސަރެއްވެސް ފެންނާކަށް ނެތެވެ. އަހަރެން އިރުކޮޅަކު ތޫއަށް ބަލަންއިނީމެވެ. އިނދެފައި މަޑުމަޑުން ތޫއަށް ގޮވާލީމެވެ. ތޫގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އަހަރެން ދެވަނަފަހަރަށްވެސް ގޮވީމެވެ. ޖަވާބެއް ނުލިބުނެވެ. ދެން އަހަރެން މަޑުމަޑުން ތޫގެ ކޮނޑުގައި ހިފާ ތަޅުވާލީމެވެ. ތޫއިނީ ނިދާފައެވެ. އަހަންނަށް ފުންނޭވާއެއްލެވުނެވެ. އަދި އެހާމެ މާޔޫސްވެސްވިއެވެ. އަހަރެން ދެއްކި އެއްވެސް ވާހަކައެއް ތޫއަށް އަޑުނީވުމުންނެވެ. އެހާމެ ރަނގަޅު ވަގުތެއްގައި، އެހާމެ މަސައްކަތުން ހިތްވަރުކޮށްފައި ހިތުގައިވާ ހުރިހާ އެއްޗެއް ބުނެވުނުއިރު އަޑުއިއްވަން ބޭނުންވިމީހާއަށް އެއްވެސްއެއްޗެއް އަޑެއްނީވުނެވެ. ތަޤުދީރު އަހަންނާއި ކުރަނީ ކޮންކަހަލަ ސަމާސާއެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންގެ ނަސީބާއިމެދު އަހަރެން ދެރަވިއެވެ. ދެން އެފަދަވަގުތެއް ލިބޭނެބާވައޭ އަހަންނަށް ހިތާއިހިތާއި ސުވާލުކޮށްލެވުނެވެ. އަހަންނަށް ބަލާލެވުނީ ދިމާކުރިމަތިން ފެންނަން ހުރި ހަނދަށެވެ. އެވަގުތު ހަނދު ވިލާކޮޅަކާއި ނިވާވެލިއެވެ. ހަނދުވެސް އަހަރެންގެ ނަސީބާއިމެދު މަލާމަތްކުރަމުން ފިލީބާއޭ އަހަރެންގެ ހިތަށްއެރިއެވެ.

މާޔޫސްވެފައިވާ ނަޒަރަކުން އަހަރެން އަނެއްކާވެސް ތޫއަށް ބަލާލީމެވެ. ނިދާފައިވާއިރު އެމައުސޫމު މޫނުގެ ރީތިކަން ދެގުނައަށް ރީއްޗެވެ. އަހަރެންގެ މޫނުމަތިން މާޔޫސްކަން ފިލައިގެންދާކަށް މާގިނަވަގުތެއް ނުނެގިއެވެ. އެއަށްވުރެ އެމޫނުގެ ޖާދޫ މާވަރުގަދައެވެ. އަހަރެން ތޫއަށް ބަލަހައްޓައިގެން އިންދާ ތޫ ވެއްޓެން އުޅޭހެން ދެފަހަރަކު ހީވިއެވެ. އެގޮތަށް ވެއްޓި ތޫގެ އަރާމު ނިދިގަނޑު ހަލާކުވާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. އެހެންވެ ނުކެރިފައި ހުރެވެސް އަހަރެން މަޑުމަޑުން ކައިރޔަށް ޖެހިލާފައި ތޫގެ ބޯގެނެސް އަހަރެންގެ ކޮނޑުމަތީގައި ބާއްވާލީމެވެ. ތޫއަށް ހޭނުލެވުނުކަން ނަސީބެވެ. އެހެންނޫންނަމަ އެފަދަ އުފާވެރި ވަގުތުކޮޅެއް ތޫއާއިއެކު ހޭދަކޮށްލަން ނުލިބުނީހެވެ. ތޫ ހަމަޖެހިލައިގެން ރީއްޗަށް ނިދާލާފައި އޮތެވެ. ގައިމަތީގައި އަޅާފައިވާ ފޮތިގަނޑުން ބައެއް ނެގިފައި އޮތުމާއިއެކު އަހަރެން އޯގާތެރިކަމާއިއެކު އެނަގާ ތޫގެ ހަށިގަނޑުގައި އޮޅާ ރަނގަޅަށް ނިވާކުރީމެވެ. ފިނިވެގެންވެސް ތޫގެ އަރާމު ނިންޖަށް އުނދަގޫ ވެދާނެތީއެވެ. އަހަންނަށް ބަލާލެވުނީ ތޫގެ މޫނަށެވެ. ނިދީގައިވެސް އެމޫނުމަތިން ހިނިތުންވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އަހަންނަށް ހިތާއިހިތުން އެހިތްގައިމުކަމަށް ތަޢުރީފުކޮށްލެވުނެވެ. އެހާކައިރިން ތޫގެ މޫނުފެނުމާއިއެކު އަހަރެން ގައިން ހީބިހިނެގިއެވެ. ބުނެދޭން ނޭނގޭ ކަހަލަ ފޮނި އިހުސާސްތަކެއް ކުރެވެމުންދިޔައެވެ. އެއިޙުސާސްތައް ކޮންޓްރޯލް ކުރަންވެސް އުނދަގޫވިއެވެ. ނުވާންވީ ކީއްވެހެއްޔެވެ؟ އަހަރެން ހިތާއި ފުރާނައިން ލޯބިވާ ފަރިކަމަނާ އޮތީ އަހަރެންގެ ކޮނޑުމަތީގައި އަރާމު ފުންނިންޖަކުން ނިދާފައެވެ. އޭނާގެ ހަށިގަނޑުވަނީ އަހަރެންގެ ހަށިގަނޑާއި ޖެހިފިތިފައެވެ. ވައިރޯޅިއަކަށްވެސް އެދޭތެރެއިން ނުދެވޭހާ ވަރަށެވެ. އެހަށިގަނޑުގެ ލުއިމީރުވަސް އަހަރެންގެ ނޭފަތުގައި ޖެހިޖެހި ހުއްޓެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ތޫގެ މޫނުމަތީގައި ވަޔާއިއެކު ބީހެމުންދިޔަ ކުރުއިސްތަށިތައް އެއްފަރާތް ކޮށްލެވުނެވެ. އެއާއިއެކު އެރީތިކަމަށް ގެއްލިފައި އިނދެ މަޑުމަޑުން އަހަންނަށް އެރީތި ދޮންޖަންބެއްފަދަ ކޯތާފަތުގައި އަތުގެ ނުފުށުން ބީހިލެވުނެވެ. އެވަގުތު ތޫ ކުޑަކޮށް ތެޅިލިއެވެ. އަހަންނަށް ކުރެވުނުކަންތައް އިހުސާސްވީ ދެނެވެ. ވަގުތުން އަހަރެން އަނެއްފަރާތަށް އެނބުރުނީމެވެ. އަހަރެން ވަރަށް ލަދުގަތެވެ. އެހާމެ ދެރަވެސްވިއެވެ. ތޫގެ ހުއްދަޔާއިނުލައި އަހަންނަށް އެމޫނުގައި ބީހިލެވުމުންނެވެ. އެއީ ގޯހެކެވެ. އެފަދަ ކަމެއް ކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. ހިތުތެރޭގައި އުތުރިއަރަމުންދިޔަ ޝައިތާނާގެ ވަސްވާސްތަކުން ހިތް މައިތިރި ކުރަން އަހަރެން މަސައްކަތް ކުރީމެވެ. އެހެން ޚިޔާލުތަކުން ސިކުޑި ބަރުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

އަހަރެން ސިހުނީ ދާދި ކައިރިން ފޯނެއްގެ އަޑުހަރު ރިންގުގެ އަޑަށެވެ. ބަލާލިއިރު ކުރިމަތީގައި އިން މަންމައުމުރުގެ އަންހެނެއްގެ ފޯނު ރިންގްވީއެވެ. އެއަޑަށް އެތަނުގެ އެންމެންގެ ސަމާލުކަން ދަމައިގަތެވެ. އެއީ ރިންގްޓޯންއަކަށްއިނީ ނައިފަރު ދޮހޮއްކުގެ ރީތި މުސްކުޅިލަވައަކަށް ވީތީ ކަންނޭނގެއެވެ. އެމީހާ އެންމެނަށް ބަލާލާފައި ލަދުން ހިނިތުންވެލިއެވެ. އަދި ފޯނާއި ކުޅެން ފެއްޓިއެވެ. އޭރުވެސް އަހަންނަށް އިނދެވުނީ ތޫގެ މޫނުގައި އަތްލީގޮތަށެވެ. ވަގުތު ފާއިތުވީވަރު އަހަންނަށް އެނގުނީ ގަޑިޔަށް ބަލާލުމުންނެވެ. މަންމަޔަށް ގުޅަންވެސް ހަނދާންވީ އެވަގުތުއެވެ. އަދި ފާޚަނާޔަކަށް ދާންބޭނުންވެފައިވާ ވަރުވެސް އިޙުސާސްވީ ދެނެވެ. އަހަރެން ލެޕްޓޮޕް ލައްޕާލަމުން ދަބަހަށްލީމެވެ. ފޯނަށްބަލާލިއިރު ފޯނުއޮތީ ފްލައިޓްމޯޑަށް ލީގޮތަށެވެ. އަހަރެން މަންމަގެ ނަންބަރަށް ޑައިލްކުރަމުން ލޮބީއިން ބޭރަށް ނުކުތީމެވެ. އަދި މަންމަޔާއި ވަހަކަދައްކަން ކުޑައިރުކޮޅަކު މަޑުކޮށްލާފައި ފާޚަނާޔާއި ދިމާލަށް މިސްރާބުޖެހީމެވެ.

އަހަރެން އެނބުރި ލޮބީއަށްއައީ ކައިގެންނެވެ. ކާހިތްނުވެފައި ހުރެވެސް ކެއީ ހަށިގަނޑު ވަރުބަލިވުމުން ސަލާމަތް ކުރުމަށްޓަކައެވެ. ލޮބީތެރެއިން ނުދަންނަ ފިރިހެން ކުއްޖަކު އަހަންނާއި ވާހަކަދެއްކިއެވެ. އެކުއްޖާއިނީ އަހަރެން ކުރިންއިންތަނުގައި އިށީދެނގެންނެވެ. ކައިރީގައި އަހަރެންވެސް ޖައްސާލުމާއިއެކު ހިނިތުންވެލާފއި އެކުއްޖާ ވާހަކަދެއްކީއެވެ. ރަޚްމަތްތެރި ގޮތަކަށް ވާހަކަދެއްކުމުން އަހަރެންވެސް ވާހަކަދެއްކީމެވެ. އެކުއްޖާވެސް ދަތުރުކުރީ އެކަނި ކަމަށްވުމާއިއެކު ރަޚްމަތްތެރި ވެލަންވެގެން ވާހަކަދެއްކީއެވެ. އެއީ ހައިކަލްކިޔާ ދިވެހި ކުއްޖެކެވެ. އެކުއްޖާގެ ވާހަކައިން އެއީ މެލޭޝިޔާގައި ކިޔަވަންއުޅޭ އަހަންނާއި އެއްއުމުރެއްގެ ކުއްޖެއްކަން އެނގުނެވެ. ހައިކަލް އަހަންނާއި ވަރަށްގިނަ ވާހަކަތައްދެއްކިއެވެ. އެއީ މަޖާމިޒާޖެއްގެ ހިންހެޔޮ، އަޚްލާގް ރަނގަޅު ކުއްޖެއްކަން އޭނަގެ ވާހަކަތަކުން އެކުޑަ ވަގުތުކޮޅުގެ ތެރޭގައި އަހަންނަށް އެނގުނެވެ. އަހަރެން އޭނަގެ ވާހަކަތަކާއި ވަރަށް ގަޔާވިއެވެ. އަހަރެންގެ ހިތާމަތަކަށް ކުޑަ ލުޔެއް ލިބުނުހެން ހީވީމައެވެ. އަހަރެން ވަރަށް ނިހާލުމެންމަތިން ހަނދާންވިއެވެ. ދިރިއުޅުމުގެ ހުރިހާ އެއްޗެއް ދޫކޮށްލާފައި އަހަރެން މެލޭޝިޔާއަށްދަނީ އާދިރިއުޅުމެއް ފެއްޓުމުގެ ބޭނުމުގައެވެ. އެގޮތުން އަހަރެން ޖެހޭނީ އާރައްޓެހިންވެސް ހޯދާށެވެ. ހައިކަލްއަކީ ރައްޓެއްސެއްގެ ގޮތުގައި ދެކެން ރަނގަޅު ޒުވާނެކެވެ. ހައިކަލް ކިތަންމެ ގިނަ ވާހަކައެއް ދެއްކިޔަސް އަހަރެން މާގިނަ ވާހަކަތަކެއް ނުދައްކަމެވެ. ހައިކަލްގެ ސުވާލުތަކަށް ކުރުޖަވާބުދިނީމެވެ. އެއީ ނުދަންނަ މޫނަކަށް ވުމާއިއެކު އޭނަޔާއި ހިއްސާކުރާކަށް އަހަންނަށް މާގިނަވާހަކަތަކެއް ނޭނގުނެވެ. ފަހަރުގައި އެއީ އަހަރެންގެ ބަދަލުވެފައިވާ މިޒާޖުގެ ސަބަބުން ކަމަށްވެސްވެދާނެވެ. ..................... (ނުނިމޭ)

1 comment: