Readers

Welcome to the blog of Zoyasham Stories. Here I've shared my long Dhivehi Stories with you. My blogs are made for those who are interested in reading dhivehi (specially fiction) stories. I hope you will love my all works and help me to write more. Please do comment to improve my writings. Make reading as a habit. It will improve your knowledge and language. Take your time well and enjoy reading stories.

Thursday, October 11, 2012

Laaraa (06)

ލާރާ (ހަވަނަ ބައި)

(ފަސްވަނަ ބަޔާއިގުޅޭ)..................

މިލޯބި ލާރާ އަހަރެން ދެކެނީ އަހަރެން ހަމައެކަނި ލޯބިވާ ލާރާގެ ނިޝާނެއްގެ ގޮތުގައި. މިތުއްތު ލާރާގެ މޫނަށް ބަލާލާ ކޮންމެފަހަރަކު އަހަންނަށް އަހަރެންގެ ލާރާގެ ހަނދާންތައް އާވޭ. އެމޫނު ސިފަވެގެންދޭ...'' އެލެކްސް ނިދާފައިއޮތް ތުއްތު ލާރާގެ ކޮލުގައި ލޯބިން ފިރުމާލަ ފިރުމާލާއިނެވެ.  އަހަންނަށް ހުރެވުނީ ހައިރާންވެފައި ބަލަހައްޓައިގެންނެވެ. އަހަރެންގެ ހިތަށް ލިބުނު ވޭން އެލެކްސްގެ ވާހަކަތަކުން އެއްކޮށް ފިލައިގެންދިޔައެވެ. ''ލާރާ ހޯދަން އަހަރެން ވަރަށް މަސައްކަތް އެބަކުރަން. މުޅި އުމުރު އެމަސައްކަތުގައި ހޭދަކޮށްލަންޖެހުނަސް ފަރުވާލެއް ނެތް. އިރާދަ ކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އަހަންނަށް ލާރާ ފެންނާނެ. އަހަރެން ލާރާ އަހަރެންގެ މީހަކަށް ހަދާނަން. މިތުއްތު ދަރިފުޅަށް އެމަންމަގެ ލޯބިދޭނަން...'' އެލެކްސް ތުއްތު ލާރާއަށް ބަލަމުން ދިޔައެވެ. އެލެކްސްގެ ދަރިފުޅަށް ކިޔަނީ ލާރާކަން އެނގުމުން އަހަރެން ވަރަށް ހިންހަމަޖެހުނެވެ. އެލެކްސް އަހަންނާއި ދިމާލަށް ބަލާލުމުން އަހަންނަށް ހިނިތުންވެލެވުނެވެ. އެތެރެއިން އުފަލުން ފޮޅިފައިހުރެއެވެ. އަހަރެން އެލެކްސްދެކެ ލޯބިވާ ވަރަށް އޭނާވެސް އަހަރެންދެކެ ލޯބިވާކަން އެނގުނީ އަދި ކިރިޔާއެވެ.

އަހަރެން ހަމަޖެހިލީމެވެ. ''ލާރާ އެލެކްސް ހަޔާތަށް އައުމުން އަހަރެން.....'' އަހަރެން ބުނަން އުޅުނު އެއްޗެއް ނުބުނެވެނީސް އެލެކްސް އަހަރެން ހުއްޓުވިއެވެ. އަހަރެން ބޭނުންވީ އެލެކްސް ބުނާއެއްޗެއް ބަލާލާށެވެ. ''ލާރާ އަހަރެންގެ ޙަޔާތަށް އަޔަސް އަހަރެން ލީއަކަށް ދެރަގޮތެއް ނަހަދާނަން. ލީ ބޭނުންވާކަހަލަ އުފާވެރި ދިރިއުޅުމެއް ލީއަށް ހޯދައިދެވޭތޯ އަހަރެން އަބަދުވެސް މަސައްކަތް ކުރާނަން. މިހާރެކޭ އެއްގޮތަށް އެދުވަހަކުންވެސް ލީ ބޭނުންގޮތެއް ނިންމުމުގެ އިޚްތިޔާރު ލީއަށް އޮންނާނެ. އަހަރެންގެ ލާރާއަކީ އެއަށްވުރެ މާ އަންޑަސްޓޭންޑިންގ މީހެއް. އޭނާވެސް ލީއަށް ތެރަގޮތެއް ވާކަށް ނޭދޭނެ.'' އެލެކްސްގެ ވާހަކަތަކުން އަހަރެން ވަރަށް ހިންހަމަޖެހުނެވެ. އެހާމެ އެތެރެއިން ހެވުނެވެ. އަހަރެން އެލެކްސްއަށް އޭނާގެ ލޯބި ލިބޭނެކަމުގެ ޔަގީންކަންދީ ހިތްވަރު ދިނީމެވެ. އެލެކްސް އަހަރެން އަންޑަސްޓޭންޑިންގ ވީކަމާއިމެދު އަހަންނަށް ޝުކުރުވެރިވިއެވެ. އެއަށްފަހު ކޮޓަރިން ދިޔައެވެ. އަހަރެން ލާރާ ނަގައި މެޔާއި ލައްކޮށްލަމުން ލޯބިކޮށްލީމެވެ. އަދި މިއީ ދަރިފުޅުގެ މަންމަކަމުގައި މަޑުމަޑުން ބުނީމެވެ. އެކުޑަ ނޫރު އަހަރެންގެ އުނގުތެރޭގައި ނިދާފައި އޮތް އިރު އަހަންނަށް އިހުސާސް ވަމުންދިޔަ އުފާވެރިކަން ބުނެދޭންވެސް ނޭނގެއެވެ. ހަމައެއާއިއެކު އަހަރެންގެ ލޮލަށް އުފާވެރިކަމުގެ ކަރުނަ ޖަމާވިއެވެ. އެކަރުނަތައް އޭގެ މަގާމު ދޫކޮށް ވެއްޓިއްޖިއްޔާ ވެއްޓޭނީ އަހަރެންގެ އުނގަށެވެ. އަހަރެން ހަލުވިކޮށް އެސްފިޔަ ޖަހާލަމުން އެކަރުނަތައް ވެއްޓުނަނުދީ ހިފެހެއްޓީމެވެ. އަހަރެންގެ އުނގުތެރޭގައި ނީދާފައިވާ އަހަރެންގެ ލޯބިވާ ދަރިފުޅަށް އޭގެއިން ޖެހޭކަށް އަހަރެން ބޭނުންނުވާތީއެވެ. އެއީ އެކަރުނަތިކިންވެސް އޭނާޔަށް އަނިޔާއެއް ލިބިދާނެހެން ހީވާތީއެވެ.

އަހަރެން ވޭތުކުރަމުން ދިޔައީ އުފާވެރި ދުވަސްކޮޅެކެވެ. ލަންޑަނުގައި ހަފްތާއެއް ހޭދަވިއިރު އަހަންނަށް ހީވީ އެތައްހާސް ދުވަހުގެ އުފާ އަހަންނަށް ލިބުނު ހެންނެވެ. އަހަރެން ކުޑަ ލާރާއާއި މަޖާކޮށް ވާހަކަދައްކާއިރު އޭނަގެ އެހުންނަ މަޖާ ހުނުމުގެ ސަބަބުން އަހަރެން ހުންނަނީ ވަރަށް އުފާވެފައެވެ. އަބަދުވެސް އަހަރެން ވަގުތު ހޭދަކުރަނީ އޭނަޔާއި އެކީގައެވެ. އެލެކްސް އަބަދުވެސް އުޅެނީ އޭނަގެ އޮފީސް ކަންތަކުގައި ބިޒީވެގެންނެވެ. ޗުއްޓީގައި މިކޮޅުގައި ހުންނައިރުވެސް އޭނަ އަބަދު އުޅެނީ މިކޮޅުގެ އޮފީސް މަސައްކަތުގައި މަސްޣޫލުވެގެންނެވެ. ވޭތު މިދިޔަ ހަފްތާ ތެރޭގައި އަހަންނަށް ވަރަށްގިނަ އެއްޗެހި އެނގުނެވެ. އެލެކްސްއަށް ޕޯލީގެ ފަރާތުން އެއްވެސް އުފަލަކާއި ހިންހަމަޖެހުމެއް ނުލިބޭކަމެވެ. އެއްތަނެއްގައި އުޅުނަސް އެދެމީހުންގެ ގުޅުން ރަނގަޅުނޫންކަމެވެ. ޕޯލީ އުޅެނީ އަބަދުވެސް ބޭރުގައެވެ. ރައްޓެހިންނާއިއެކު އުފަލާއި މަޖާކުރުމުގައެވެ. އޭނާޔަށް ފިރިމީހާއަކީ މާމުހިންމު މީހެއްނޫނެވެ. އަހަރެން އެކަމާއިމެދު ވަރަށް ދެރަވެއެވެ. އެލެކްސްއަށްވެސް ރަނގަޅު އަންބެއްގެ އޯގާތެރިކަން ބޭނުންވާނެކަން އަހަންނަށް އިޙުސާސް ކުރެވެއެވެ. އަހަރެން އެމަގާމުގައި ހުރިނަމަ އެލެކްސްއަށް އެއްވެސް ހިތްދަތިކަމެއް އިޙުސާސް ވިޔަކަ ނުދޭނަމެވެ. އެހާވަރަށް ލޯބިދޭނަމެވެ.

ވަގުތަކީ މެންދުރު ވަގުތެވެ. ގޭގައި އަހަންނާއި އެލެކްސް އަދި ބޭބީ ފިޔަވައި އިތުރު މީހަކު ނޫޅެއެވެ. އަހަރެން ބޭބީ ނިންދަވާލާފައި ބޭރަށް ނުކުތް ވަގުތެވެ. ގޭގައި މީހަކު ނޫޅޭކަން އަހަންނަށް އެނގެއެވެ. އެހެންވެ އަހަރެން މިސްރާބުޖެހީ އެލެކްސްގެ ކޮޓަރިޔާއި ދިމާލަށެވެ. ނަސީބަކުން ދޮރުވެސް ހުރީ ހުޅުވާފައެވެ. އަހަރެން ދޮރުކައިރިޔަށް ހުއްޓިހުރެ އެތެރެއަށް ނަޒަރުހިންގާލީމެވެ. އެލެކްސް ފެނޭތޯއެވެ. އެވަގުތު އެލެކްސް އުޅެނީ ފާޚަނައިގައިކަން އަހަންނަށް އެނގުނެވެ. އަހަރެން އެތެރެއަށް ވަނީމެވެ. ވަނުމާއިއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ ފާރުގައި ހަރުކޮށްފައިހުރި ފޮޓޯތަކެވެ. އަހަންނާއި އެލެކްސްގެ ކުޑައިރުގެ ފޮޓޯތަކެވެ. މުޅި ކޮޓަރީގައިހުރީ އަހަރުމެންގެ ފޮޓޯތަކެވެ. އަހަރެން ވަކިންހުރި ފޮޓޯތައްވެސް ވަރަށްގިނައެވެ. އަހަރެން ވަރަށް އުފާވިއެވެ. ކޮންމެ ފޮޓޯއަކަށްވެސް ބަލާލުމާއިއެކު އެހަނދާންތައް މަންޒަރުތަކެއް ފަދައިން ލޯމަތިން ސިފަވަމުންދިޔައެވެ. އަހަރެން ސިހުނީ އެލެކްސް ފާޚަނާއިން ނުކުތުމުންނެވެ. އަހަރެން ވަރަށް ލަދުގަތެވެ. ދާން ހިނގައިގަތްތަނާ އެލެކްސް މަޑުކޮށްލުމަށް އެދުނެވެ. އޭނާ އަހަންނަށް ބަލާލި ވަގުތު އޭނާގެ ކަޅި ހުއްޓުނީ އަހަރެންގެ މޫނުގައި އިން މަލަން ކޮޅަށެވެ. އޭނާގެ ސުވާލަކަށްވީ އެމަލަންކޮޅެވެ. އަދިވެސް ރަނގަޅު ނުވަނީހޭ އަހާލުމުން އަހަރެން ކުރުކޮށް ޖަވާބުދިނުމަށް އާއެކޭ ބުނީމެވެ. އަހަރެން އެލެކްސްއާއި ފޮޓޯތަކާއި ބެހޭގޮތުން ސުވާލުކުރީމެވެ. އޭނާގެ ހުރިހާ ޖަވާބެއް މިފަހަރު އަހަންނަށް ލިބުނެވެ. ލިބުނީވެސް އަހަރެން ބޭނުންވީ ގޮތަށެވެ. އޭނާ އަހަރެން ކުރިމަތީގައި ހުރެގެން އަހަރެންދެކެ ލޯބިވާވަރު ހާމަކުރިއެވެ. ހަގީގަތުގައިވެސް އަހަންނަކީ ލާރާކަން އޭނަޔަށް އެނގޭނަމަ ކިހާރަނަގަޅުހޭ އެވަގުތު ހިތަށްއެރިއެވެ. އެއީ ވަގުތުވެސް ރަނގަޅުވީމައެވެ.

އެލެކްސް އޭނާ އަހަންނާއިނުލައި ވޭތުކުރި ޙަޔާތް ކުރުގޮތަކަށް ކިޔައިދިންއިރު އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އަހަރެން ހޯދުމަށް މިއަދުވެސް އޭނާވަނީ ނާކާމިޔާބުވެފައިކަން އޭނާ ބުންޏެވެ. އަދި މިހާރު އޭނާގެ އުންމީދު ފުސްވަމުންދާކަމަށްވެސް އޭނާ ބުންޏެވެ. އަދި އޭނާ ބޭނުންވަނީ ޕޯލީ އަބަދައްޓަކައި ދޫކޮށްލުމަށް ކަމަށް ބުނުމުން އަހަރެން ސިހުނެވެ. އެއީ ޕޯލީވެސް ބޭނުންވާގޮތް ކަމަށް އެލެކްސް އަހަރެންގާތު ބުންޏެވެ. ޕޯލީއަށް ލާރާއިބެހޭ ހުރިހާ ހަގީގަތެއް އެނގޭނެކަމަށް އޭނާ ބުންޏެވެ. އަހަރެންއިނީ އެނދުގައި އިށީދެގެންނެވެ. އެލެކްސް އަހަރެން ކައިރިޔަށް އައިސް ދެކަކޫމައްޗަށް ތިރިވިއެވެ. އަހަރެން އިސްޖެހީމެވެ. އެވަގުތު އެލެކްސް އަހަރެންގެ ދެއަތުގައި ހިފިއެވެ. އޭނާ އަހަރެންގެ އުނގުގައި ބޯއަޅާލިއެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. އެލެކްސްވަނީ މިއަދު ވަރުބަލިވެފައިކަމަށް ބުންޏެވެ. ލާރާހޯދުމަށް ދަތުރުކޮށްކޮށެވެ. އޭނާބޭނުންވަނީ ތަނެއްގައި މަޑުކޮށްލުމަށެވެ. ދިރިއުޅުމުގެ އުފަލާއި އަރާމު ހޯދުމަށެވެ. އޭނާ ބޭނުންވަނީ މީހެއްގެ އެހީއެވެ. އަހަރެން އެލެކްސްގެ އިސްތަށިގަނޑުގައި ފިރުމާލީމެވެ. އެވަގުތު އަހަރެން ހިތަށްއެރިއެވެ. އަހަންނަކީ ލާރާކަން އަހަރެން ސިއްރުކުރަންވީ ކީއްވެހެއްޔެވެ؟ މިއަދު އަހަރެންގެ ފިރިމީހާއެވަނީ އެކަނިވެފައެވެ. ޙަޔާތުގެ މައިދާނުގައި ބައިވެރިޔަކަށް ބޭނުންވެފައެވެ. ނަމަވެސް ސިކުޑި އެކަމާއި އެއްބަހެއްނުވިއެވެ. ޕޯލީއާއި ދެމީހުން ވަރިނުވަނީސް ބުނުމަކީ ރަނގަޅުކަމެއްކަމަށް އަހަންނަށް ނުފެނުނެވެ.

އެލެކްސް އަދިވެސް އަހަރެންދެކެނީ ރައްޓެއްސެއްގެ ގޮތުގައެވެ. އެގޮތުން އަހަރެން އޭނަޔަށް އަޅާލަމެވެ ވަގުތު ތަންދޭގޮތުން އަހަރެންގެ ވާޖިބު އަދާކުރަމެވެ. އެއީ އެލެކްސްއަށް ޚިދްމަތްކުރުމުގައެވެ. އެލެކްސް އެގޮތަށް ކޮންމެފަހަރަކު އަހަންނާއި ކައިރިވުމުން އަހަރެންގެ އިޚްތިޔާރުން ބޭރުވާކަހަލައެވެ. އަހަރެންގެ ސިއްރު އަމިއްލައަށް ފަޅާއަރުވާލާނަމޭވެސް ހާސްފަހަރަކު ހިތަށްއަރައެވެ. ނަމަވެސް އެލެކްސް އަހަންނާއި ކައިރިވަނީ އަހަރެން ދެކޭ ނަޒަރަކުންނޫނެވެ. އަހަރެން އެލެކްސްއަށް އެވަގުތުވެސް ހިތްވަރުދިނީމެވެ. އެލެކްސް އެދުވަހު އަހަރެން ގެންދިޔައީ އަހަރެންގެ ގެއަށެވެ. ގޭގައި ބަޔަކު ނޫޅޭތީ، އޭނާ އޮފީހަށް ދާންޖެހުމުން ބޭބީއާއި އަހަންނާއި ދެމީހުން އެކަނިވާނެތީ އަހަރުމެން އެގެއަށް ގެންދިޔައީއެވެ. އަހަންނާއި ފުރަތަމަވެސް ދިމާވީ ގްރޭންޑްމާއެވެ. ގްރޭންޑްޕާ އެވަގުތު ފެންނާކަށްނެތެވެ. އެލެކްސް އަހަރެންގެ ވާހަކަ ގްރޭންޑްމާ ކައިރީގައި ކިޔައިދިނެވެ. އެއަށްފަހު އޭނާ އޮފީހަށްދިޔައީ އަހަރެން އެގޭގައި ބަހައްޓާފައެވެ. ގްރޭންޑްމާ ވަރަށްބަލިކަށިއެވެ. މުސްކުޅިއެވެ. ގްރޭންޑްމާ އަހަރެން އަތުން ބޭބީ ނެގިއެވެ. އަހަރެންހުރީ ބަސްހުއްޓި ކަޅިހުއްޓިފައެވެ. އެގެއަކީ އަހަރެން ދިރިއުޅުމުގެ އެއްބައި ހޭދަކުރިގެއެވެ. އަހަރެން ވަށައިގެން ބަލާލީ މަންމަޔާއި ބައްޕަގެ ހިލަމެއްވޭތޯއެވެ. ނަމަވެސް އެގެއެކޭ ފަޅުގެއެކޭ އެއްވަރެވެ. މުޅި ގޭތެރޭގައިވަނީ ހަމަހިމޭންކަމެވެ. ކުރީގެ ހަލަބޮލި މާހައުލުވަނީ މުޅިން ބަދަލުވެފައެވެ.  

ގްރޭންޑްމާ ބޭބީ ގޮވައިގެންގޮސް ކޮޓަރީގައި ބޭއްވިއެވެ. ބޭބީއޮތީ ހޭލާއެވެ. ނަމަވެސް ރޯލެއް މަދުކަމުން ގެންގުޅެން އެންމެނަށްވެސް ވަރަށްފަސޭހައެވެ. ގޭތެރޭގެ ވަރަށް ގިނަތަންތާގައި މަންމަޔާއި ބައްޕަގެ ފޮޓޯތައް ހުއްޓެވެ. އަދި އަހަންނާއި، މަންމަޔާއި ބައްޕަގެ ބޮޑު ފޮޓޯއެއް ގޭގެ ސިޓިންރޫމުގައި ހުއްޓެވެ. އަހަރެންގެ ހިތުގައި އެދެމީހުންނާއިމެދު ރޯވި އަލިފާންގަނޑު އަދިވެސް ނުނިވެއެވެ. އެކަމަކު ގްރޭންޑްމާ ފެނުމުން ވަރަށް ބައްދާލާ ހިތްވިއެވެ. މާމަގެ ބަލިކަން ހިތަށްއެރުމުންނެވެ. މާމަ އަހަންނާއިމެދު ސުވާލުކުރިއެވެ. އަދި މާމަގެ ދަރިއަކު ރާއްޖޭގައި ވީކަމަށް ބުންޏެވެ. އަހަރެން މަންމަޔާއި ބައްޕަގެ ފޮޓޯއަށް ނަޒަރުހިންގައި އެއީ ކޮންބައެއްތޯ އަހާލީމެވެ. އަހަރެންގެ ސުވާލުން މާމަގެ މޫނުމަތީގައިހުރި ހިނިތުންވުން ގެއްލުނެވެ. މާމަ އެއީ ކޮންބައެއްކަން ބުނެދިނެވެ. މާމަގެ އަޑުގައި ހުރީ ނުތަނަވަސްކަމާއި މަޑުމޮޅިކަމެވެ. ދެން މާމަގެ ދުލުން ނުކުތް ޖުމްލައިން އަހަންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. މުޅިދިނިޔެ ބަންޑުންޖެހުނުހެންނެވެ. މާމަބުނީ މީގެ އެތަކެއް އަހަރު ކުރީގައި ދިމާވި އެކްސިޑެންޓެއްގައި އެދެމީހުން ނިޔާވެފައިވާ ވާހަކައެވެ. އަހަރެންގެ ގައިން ވަރުދޫވިކަހަލައެވެ. އަހަރެން ގޮޑިއަށްވެއްޓުނެވެ. ފެންކަޅިވެފައިވާ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތުމާއިއެކު ރޮއެގަނެވިއްޖެވެ. ގްރޭންޑްމާ ހާސްވިއެވެ. އަހަންނަކީ ކާކުހޭ އެހީ ދެނެވެ. އަހަރެން ފަސްޖެހުމެއްނެތި މިއީ މާމަގެ ލާރާކަމަށް ބުނީމެވެ. އަހަރެންގޮސް މާމަގެ އުނގުތެރެއަށް ވެއްޓި ރޮއެގަތީމެވެ. ބާރަށެވެ. އޭރު މާމަގެ ހަށިގަނޑު ތުރުތުރު އަޅަމުންދިޔައެވެ. މާމަ އަހަރެންގެ ގައިގައި އޮޅުލާފައި ބޮސްދެމުންދިޔައެވެ. ........................... (ނުނިމޭ)


No comments:

Post a Comment