Readers

Welcome to the blog of Zoyasham Stories. Here I've shared my long Dhivehi Stories with you. My blogs are made for those who are interested in reading dhivehi (specially fiction) stories. I hope you will love my all works and help me to write more. Please do comment to improve my writings. Make reading as a habit. It will improve your knowledge and language. Take your time well and enjoy reading stories.

Thursday, October 11, 2012

Mulhi Umurahves Loabi Vaanameve...... (08)

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.... (އަށްވަނަ ބައި)

(ހަތްވަނަ ބަޔާއިގުޅޭ)..............

ހައިކަލް ކިތަންމެ ގިނަ ވާހަކައެއް ދެއްކިޔަސް އަހަރެން މާގިނަ ވާހަކަތަކެއް ނުދައްކަމެވެ. ހައިކަލްގެ ސުވާލުތަކަށް ކުރުޖަވާބުދިނީމެވެ. އެއީ ނުދަންނަ މޫނަކަށް ވުމާއިއެކު އޭނަޔާއި ހިއްސާކުރާކަށް އަހަންނަށް މާގިނަވާހަކަތަކެއް ނޭނގުނެވެ. ފަހަރުގައި އެއީ އަހަރެންގެ ބަދަލުވެފައިވާ މިޒާޖުގެ ސަބަބުން ކަމަށްވެސްވެދާނެވެ. މެލޭޝިޔާއަށް ދާން ފުރަންދެން ހައިކަލް އަހަންނާއި އެކިއެކި ވާހަކަދެއްކިއެވެ. އަހަރެންވެސް ހެވިލާފައި ހައިކަލްގެ ވާހަކަތަކާއި ބައިވެރިވީމެވެ. ބޯޓަށް އަރަންދިޔައީވެސް ދެމީހުން އެކުއެކީގައެވެ. ނަމަވެސް ބޯޓުގެ ތެރެއިން ދެމީހުން ވަކިވީ ދެމީހުން ދެބައިގައި އިންނަން ޖެހުމުންނެވެ. އަހަރެން ދަތުރުކުރީ ބިސްނަސް ކުލާހުންނެވެ. އޭނާ ދަތުރުކުރީ އިކޮނޮމީ ކުލާހުންނެވެ. އަހަރެން ޝީޓުގައި އިށީނދެ ހަމަޖެހިލީމެވެ. ކުޑަވަގުތުކޮޅަކަށް އަހަންނަށް ހައިކަލްއާއި ދޭތެރޭ ވިސްނުނެވެ. އޭނާ ބުނިގޮތުން އޭނާ އުޅެނީ ކައިވެނިކޮށްގެންނެވެ. އެއީވެސް އޭނާ އެންމެ ލޯބިވީ އަންހެންކުއްޖާއާއިއެވެ. އެކުއްޖާވެސް އޭނާދެކެ އިންތިހާޔަށް ލޯބިވެއެވެ. އެލޯބި ހޯދާކަށް އޭނާ އެއްވެސް ކަނޑެއް ގިރާނުކުރެއެވެ. އެއްވެސް ހިތާމައެއް ތަހައްމަލް ނުކުރެއެވެ. ހައިކަލްގެ މޫނުމަތިން ފެންނަން ހުންނަ ހިނތުންވުމާއި އުފާވެރިކަމުގެ އަސްލަކީ އޭނާގެ އެއުފާވެރި ދިރިއުޅުމެވެ. އޭނާ ދެރަވެ ހިތާމަކުރަންޖެހޭ ވަރުގެ ކަމެއް ނެތެވެ. ނަސީބު ތަންދިމާކުރިގޮތުން އޭނާޔަށްވަނީ ދިރިއުޅުމުގައި އޭނާ ބޭނުންވާ ހުރިހާ އުފަލެއް ލިބިފައެވެ. ހައިކަލްގެ ނަސީބާއިމެދު އަހަންނަށް ފުންކޮށް ވިސްނާލެވުނެވެ. އެފަދަ ނަސީބެއް އަހަންނަށް ލިބުނުނަމަ އަހަރެންވެސް ވާނީ އެފަދަ އުފާވެރި މީހަކަށެވެ. ނަމަވެސް ނަސީބަކީ ކަތީބަކު ދޭއެއްޗެއްނޫންތާއެވެ! އެހެންނޫންނަމަ އެނަސީބު އަހަރެން ބޮޑުއަގުދީފައިވެސް ގަތީމުހެވެ. ދުނިޔޭގައި އިންސާނުން ދިރިއުޅޭނީ އެކިފަހަރު އެކި ހާލަތުގައެވެ. އެންމެން އަބަދަކު އުފަލުގައި ނޫޅޭނެވެ. އެއްބަޔަކު އުފާކުރާއިރު ހިތާމަކުރާމީހުންވެސް ތިބޭނެވެ. މުއްސަދިން އުޅޭއިރު ފަގީރުންވެސް އުޅޭފަދައިންނެވެ. އަހަރެންގެ ސިކުޑީގައި މިފަދަ އެތަކެއް ޚިޔާލުތަކެއް ޓަކިޖަހަމުން ދިޔައެވެ. ހިތް ނުތަނަވަސްކުރަމުން މާޔޫސްކުރަމުންނެވެ. ދުނިޔެމަތިން ފޫހިކުރަމުން ދިރިއުޅުންމަތިން ފޫހިކުރަމުންނެވެ.

ބޯޓް ނައްޓާލުމާއިއެކު އަހަރެން ފުންނޭވާއެއްލަމުން ގޮނޑީގައި ހަމަޖެހިލީމެވެ. ބޭރުބަލާލިއިރު ތަނެއްދޮރެއް ފެންނަ ވަރެއް ނުވިއެވެ. ވިއްސާރަކަމުންނެވެ. އަހަރެންގެ ކައިރީގައި އިން ޝީޓުގައި އިނީ ބޭރުމީހެކެވެ. ޖެހިގެން އެފަރާތަށް އަންހެނަކުވެސް އިނެވެ. އުޅޭގޮތުން ހީވަނީ އޭނާގެ އަންހެނުން ހެންނެވެ. އެމީހުން ވާހަކަދައްކަނީ ނުދަންނަ ބަހުރުވައަކުން ކަމަށްވުމާއިއެކު ކިޔާނުކިޔާއެއްޗެއް ސާފެއްނުވިއެވެ. އަހަރެން ކުޑައިރުކޮޅަކު އެދެމީހުންގެ ހަރަކާތްތަކަށާއި ދައްކާ ވާހަކަތަކަށް ސަމާލުކަންދީގެން އިނީމެވެ. ޚިޔާލުތަކާއި ދުރަށް ދިޔުމަށްޓަކައެވެ. ބޯޓުތެރޭގައި ފިނިކަން އަހަންނަށް އިހުސާސުކުރެވުނީ އިރުކޮޅެއް ވުމުންނެވެ. އޭރު ބޯޓު މައްޗައްއަރާ ހަމަޖެހިލައިފިއެވެ. އަހަރެން ފްލައިޓުން ދީފައިއިން ފޮތިގަނޑު އުރައިން ނައްޓާލުމަށްފަހު ގައިގައި އޮޅާލީމެވެ. ފޮތިގަނޑު ގައިގައި އޮޅާލުމާއިއެކު އަހަރެން ހަނދާންވީ ތޫމަތިންނެވެ. ކުޑަހުވަދުއަށްދިޔަ ބޯޓުމަތީގެ އުފާވެރި ހަނދާންތަކެވެ. ދިރިއުޅުމުގެ ކޮންމެކަމަކުންވެސް އަހަންނަށް އޭނާގެ ހަނދާންތައް އާވެއެވެ. އުފާވެރި ހަނދާންތަކާއި ތަހައްމަލް ކުރަންދަތި ހިތްދަތި ހަނދާންތަކެވެ. ދިރިއުޅުމުގައި އެމީހަކަށް ލިބޭނޭ އެންމެބޮޑުވޭނަކީ ހިތާއި ފުރާނައިން ލޯބިވާ ލޯބިވެރިއެއްގެ ހިތްދަތި ހަނދާންތަކެވެ. އެއީ ގިނަފަހަރަށް ތަހައްމަލް ނުވެވޭވަރުގެ ބޮޑުއަނިޔާއެކެވެ. ހިތްދަތިލޯބިން އަމިއްލަ ފުރާނަދޭމީހުންނަކީ އެފަދަ އަނިޔާގެ ހެއްކެކެވެ.  އެކަން އަހަންނަށް ޔަގީން ކުރެވިއްޖެވެ. އެފަދަ ކޮންމެ ވަގުތެއްގައި ތޫއާއި އަހަރެން ބައްދަލުނުވިނަމަ ކިހާރަނގަޅުހޭ އަހަރެންގެ ހިތަށްއަރައެވެ. ނަމަވެސް އަމިއްލަ ފުރާނަޔަށް ގެއްލުމެއް ދިނުމަށްވުރެ އަހަރެންގެ އީމާންތެރިކަން ވަރުގަދައެވެ. އަހަރެން ދެކޭގޮތުގައި ލޯތްބަކީ ހަމައެކަނި ހާސިލް ކުރުމެއްނޫނެވެ. އެއީ ލޯބިވާ ލޯބިވެރިއަކަށް ހިނިތުންވުމާއި އުފާވެރިކަން ހޯދައިދިނުންވެސް މެއެވެ. އެލޯތްބަށްޓަކައި އަމިއްލަ ހުރިހާ އުފަލެއް ޤުރުބާން ކުރުންވެސްމެއެވެ. ތޫއަށްޓަކައި އަހަރެންގެ އުފާތައް ގުރުބާންކޮށް ދިރިއުޅުންވެސް އެހެންތަނަކަށް ބަދަލުކުރުމަށް އަހަންނަށް ހިތްވަރުލިބުނީ އަހަރެންގެ މިބުނި ނަޒަރިއްޔާއިންނެވެ. ބޯޓުގެ ބާރު އަޑުފަށްގަޑާއި މީހުން ދައްކަމުންދިޔަ ވާހަކަތަކުން ސިކުޑިއެއް އެއްފަރާތްކޮށް އަހަރެން ވިސްނަމުން ދިޔައީ ތޫއާއި ދޭތެރޭގައެވެ. އަހަރެންގެ ޚިޔާލުތައް މަޑުމަޑުން ދަތުރުކުރީ ތޫއާއިއެކު އަހަރެން ހޭދަކުރި ވަގުތުތަކަށެވެ.

އިރު ފެނުން ތޮޅިލިއިރުވެސް އަހަރުމެން ދެމީހުންތިބީ ތިބިތަނުގައި ހަމައެގޮތަށެވެ. އަހަރެންގެ ލޮލަކަށް ހަމައެއްފަހަރުވެސް ނިންޖެއްދާދެއެވެ. އަހަރެން ހުރީވެސް ނިދަން ބޭނުންނުވެފައެވެ. އެއީ ތޫއާއިއެކު ލިބުނު އެފަދަ އުފާވެރި ވަގުތެއް ކުރުކޮށް ނުލުމަށްޓަކައެވެ. އަހަރެންގެ ހިތުގައި އެތަކެއް ފޮނި ޝުޢޫރުތަކެއް ހިނގަމުންގޮސް އާދުވަހަކަށް ދުނިޔެ މަރުޙަބާކިޔެވެ. މި އާދުވަސް އަހަރެންގެ ހިތުގައި ފަވާލެވޭނެކަމަށް އުންމީދުކުރަމުން އަހަރެން ހިތާއި ހިތުން ދުޢާކުރަމުންދިޔައީމެވެ. ދޯނި ކުޑަކޮށް ތެޅިލުމާއިއެކު ސިހިފައި ތޫއަށް ހޭލެވުނެވެ. އެވަގުތު ތޫ އިސްއުފުލާ އަހަންނަށް ބަލާލިއެވެ. ދެމިހުންތިބީ ކައިރިކައިރީގައި ކަމުން ދެމީހުންގެ ހަތަރުކަޅި އެހާ ކައިރިން ބައްދަލުވި ވަގުތު އަހަންނަށް ހީވީ އަހަރެންގެ ހަށިގަނޑުގައި ކަރަންޓްޖެހުނު ހެންނެވެ. ހަށިގަނޑުގެ ހުރިހާ އިސްތައްޓެއް ކޮޅަށްޖެހުނެވެ. އެދެލޮލުގެ ތޫނު ނަޒަރުން އަހަރެންގެ ހިތް މުޅިން ކަތިލައިފިއެވެ. ތޫ ލަދުން އަވަހަށް ދުރަށް ޖެހިލިއެވެ. އަދި އެހާމެ އަވަހަށް ސޮރިއޭ ބުނެލިއެވެ. އަހަރެން ސޮރީބުނީ ކީއްވެހޭ އަހާލުމުން ތޫ ވަކި ޖަވާބެއް ނުދިނެވެ. ނަމަވެސް އޭނާގެ މޫނަށްއަރާ ފައިބަމުން ދިޔަކުލަވަރުން އަހަންނަށް ސަބަބު އެނގުނެވެ. އެފަދަގޮތަކަށް އަހަރެންގެ ކޮނޑުމަތީގައި ނިދަން އޮވެވުމުން އެކަމާއި ތޫ މަޢާފަށް އެދުނީއެވެ. އަހަރެން ހިނިތުންވެލާފައި އިޓްސް އޯކޭއޭ ބުނެލީމެވެ. ދެން އަހަރުމެން ދެމީހުންގެ ދެމެދަށް ވެރިވީ ހަމަހިމޭންކަމެވެ. އެކަކަށްވެސް އަނެކަކު ހިތުގައި ވާއެއްޗެއް ނޭގޭފަދައެވެ. ތޫ މަޑުމަޑުން ހިނގާފައިގޮސް ދަނގަޑުގެ ކައިރިޔަށް ހުއްޓުނެވެ.

ކުޑައިރުކޮޅެއްވަންދެން ހުރެލާފައި އަހަރުމެންގެ ހަމަހިމޭކަން ފޫއަޅުވާލީ ތޫއެވެ. ''އެފެންނަނީ އަހަރުމެންގެ ރަށް'' ކައިރިން ފެންނަމުންދިޔަ ރަށަކަށް އިޝާރާތް ކުރަމުން ތޫ އަހަންނާއި ދިމާލަށް ބަލާލާފައި ހިނިތުންވެލިއެވެ. އަހަރެންވެސް އެތާ ކައިރިޔަށްގޮސް އެރަށަށް ރަނގަޅަށް ބަލާލީމެވެ. އޭރު އިރުގެ އަލިން ދުނިޔެ އުޖާލާކޮށްލައިފިއެވެ. ކުޑައިރުކޮޅަކުން ނިހާލުމެންވެސް އެތަނަށް އައެވެ. ''އަދިވެސް ދެކުދިން ނުނިދާތަ؟'' އަހަރެން ހީކުރީ ތިދެމީހުން ފިނިން މަރުވީކަމަށް.....'' ނިހާލު ސަމާސާ ރާގަކަށް ބުނެލިއެވެ. ''އަހަރުމެންވެސް ނިދިން... ދެންމެ ހޭލެވިގެން ތެދުވީ.....ދޯ ތޫ...'' އަހަރެން މިހެން ބުނުމާއިއެކު ތޫ އަހަންނަށް ބަލާލާފައި ލަދުވެތި ހިނިތުންވުމެއް ރައްދުކުރިއެވެ. އެހިނިތުންވުމުން އަހަރެންގެ ބަޑުހައިކަން ފިލައިދިޔައެވެ. އަހަރެން އެހެން ބުންޏަސް އަހަރެންގެ ލޮލުން ނުނިދާކަން ނިހާލުމެންނަށް އެނގުނެވެ. އެމީހުން ހެވިލާފައި އަހަންނާއި ދިމާލަށް ބަލަންތިބުމުން އަހަންނަށް އެކަން އެނގުނެވެ.

މާގިނައިރުތަކެއްނުވެ ބޯޓު ކުޑަހުވަދޫ ފަޅުންވަދެ ޖެޓީއާއި ކައިރިކުރިއެވެ. ޖެޓީކައިރީގައި ފުދޭވަރަކަށް މީހުންތިއްބެވެ. ހީވާގޮތުންނަމަ ބޯޓުން އަންނަ މީހުން ބަލާ އައިސްތިބީއެވެ. އަހަރެން ބިސްމި ކިޔާފައި ފުރަތަމަ ފައިތިލަ އެރަށުގައި ޖެއްސީމެވެ. އެރަށުން އަހަރެންގެ ދިރިއުޅުމުގެ އެންމެބޮޑު މަގްސަދު ހާސިލުވުމަށްއެދި ހިތާއިހިތުން ދުޢާކުރަމުންނެވެ. އަހަރެން ވަށައިގެންތިބި މީހުންނަށް ބަލާލީމެވެ. އެއެންމެންގެ ނަޒަރު އަހަރުމެންނަށް ހުއްޓިފައި ހުއްޓެވެ. ފަހަރުގައި ނުދަންނަ ބަޔަކަށްވީމަ ކަމަށްވެސް ވެދާނެވެ. އެވަގުތު މީހަކުއައިސް އަހަންނާއި ސަލާންކުރަން އަތްދިއްކޮށްލިއެވެ. ''ފަހީމުގެ ދަރިފުޅު އަޔާންދޯ.....'' އަހަރެން ސަލާމުގެ ޖަވާބު ބަލައިގަންނަމުން ސުވާލުގެ ނަޒަރަކުން އެމީހާއަށް ބަލަލީމެވެ. ''މިއީ އުބައިދުބެ....'' އެވަގުތު އަހަރެން ހިނިތުންވެލާފައި ރައްޓެހިގޮތަކަށް އަހަރެން އެނގުނީ ކިހިނެއްތޯ އަހާލީމެވެ. އުބެއިދުބޭ ބުނީ އަހަރެން އަހަރެންގެ ބައްޕަޔާއި ވައްތަރުކަމުން އެނގުނީ ކަމަށެވެ. އެބުނީ ތެދެކެވެ. އަހަރެން ބައްޕަޔާއި ވަރަށް ވައްތަރުވާނެވެ. ހަމަ ހީވާނީ ކާބަން ކޮޕީއެއްހެންނެވެ. އުބައިދުބެ އަހަރުމެންގެ ސާމާނުތައް ކާރަށް އެރުވުމުގައި އުޅުނެވެ. އަހަރެން ބަލާލީ ތޫއަށެވެ. ތޫ އޭނާގެ ބައްޕަޔާއި ދެކޮއްކޮ ކައިރީގައި އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ތޫދެއްކި ފޮޓޯތަކުން އެމީހުން ވަކިކުރާކަށް އަހަންނަކަށް އުނދަގުލެއް ނުވިއެވެ. އަހަރެން ތޫކައިރިޔަށް ދިޔައީ އެނަޒަރުން އަހަރެން ކައިރީގައި އަންނަން ބުނާހެން ހީވެގެންނެވެ. އެންމެފުރަތަމަވެސް އަހަރެން ސަލާމްކުރަން އަތްދިއްކުރަމުން ތޫގެ ބައްޕަޔަށް ތަޢާރަފްވެލީމެވެ. ތޫގެ ބައްޕަވެސް ވަރަށް ގާތްގޮތަކަށް އަހަންނާއި ވާހަކަދެއްކިއެވެ. އަހަންނަށް ތޫއާއި އެއްވެސް ވާހަކައެއް ނުދެއްކިގެން އުޅެނީސް އޭނާ އަމިއްލައަށް އަހަރުމެން ބަލާ އުބައިދުބެމެންގެއަށް ހަވީރު ދާނެވާހަކަ ބުންޏެވެ. ތޫ ބުނެފައިވާގޮތުން އުބެއިދުމެންގޭ ހުންނަނީ ތޫމެންގެއާއި ވަރަށް ދުރުގައެވެ. ތޫމެންގޭ ހުންނަނީ ރަށުގެ ފުއްޓަރުފަރާތު އަތިރިއާއި ވަރަށް ކައިރީގައެވެ. ތޫ އެހެންބުނުމާއިއެކު ހަވީރު މާލަސްވާނެޔޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެން ބޭނުންވަނީ ތޫ އަބަދުއަހަރެންގެ ކުރިމަތީގައި ފެންނަން ހުންނާށެވެ. ނަމަވެސް ތޫގެ ބައްޕަ ހުރުމާއިއެކު އަހަންނަށް އިތުރުއެއްޗެއް ބުނާކަށް ނުކެރުނެވެ. އާނއެކޭ ބުނުމުގެ ގޮތުން ހަމައެކަނި އަހަރެން ކުޑަކޮށް ބޯޖަހާލީމެވެ. އަހަރެން އެތާ ހުއްޓާ ތޫމެން ދާން ހިނގައިގަތެވެ. ދަމުން ތޫއަހަންނަށް ފަސްއެނބުރި ދެފަހަރު ބެލިއެވެ. އަހަރެންގެ ހަށިގަނޑުގައި ބުނެދޭން ނޭނގޭކަހަލަ އެތަކެއް އިޙުސާސެއް ދައުރުވަމުންދިޔައެވެ. ލޯބީގެ ފޮނިކަން ހިތުގެ އެންމެ ފުންމިނަށް ވާޞިލްކޮށްދެމުންނެވެ.  

އަހަރުމެންވެސް ދެންދިޔައީ ގެއަށެވެ. އެގެއަކީ ވަރަށް ރީއްޗަށް ޒަމާނީ ފެންވަރަށް ހަދާފައިވާ ދެބުރިގެއެކެވެ. އަހަރުމެން ގެއަށް ވަނުމާއިއެކު އަންހެނަކު އަވަހަށް ސައިބޯން އަންނާށޭ ކިޔާފައި ޖޫހާއި ބިސްކޯދުހިފައިގެން ސިޓިންރޫމަށް އައެވެ. އެމީހާ އަހަރުމެންނަށް ތަޢާރަފްވެލިއެވެ. އެއީ އުބެއިދުބޭގެ އަންހެނުން ސީމައްތައެވެ. އެތާގައި އުބެއިދުބޭގެ ދޮށީ ދަރިފުޅު ސަމާހުއާއި ހަގުދަރިފުޅު ޒައިކްވެސް ތިއްބެވެ. ސީމައްތަ ބުނިގޮތުން އެގޭގައި އެމީހުންނާއި އެމީހުންގެ ތިންކުދިން ފިޔަވައި އިތުރު ބަޔަކު ނޫޅެއެވެ. އެއޮށްބޮޑުގޭގައި އުޅެނީ ހާދަ ކުޑަ ޢާއިލާއެކޭ އަހަރެންގެ ހިތަށްއެރިއެވެ. ސައިބޮއި ނިމިގެން އުބެއިދުބެ އެދުނީ އަވަހަށް ފެންވަރާ ތައްޔާރުވެލައިގެން ދަތުރުގެ ވަރުބަލިކަން ފިލުވާލުމަށް އަހަރުމެން އަރާމުކޮށްލަން ދިޔުމަށެވެ. އުބެއިދުބޭގެ އެދުމުގެ މަތިން ސަމާހު އަހަރުމެން ގޮވައިގެން ކޮޓަރިޔަށް ދިޔައެވެ. އެއީ މަތީގައިއިން ކޮޓަރިއެކެވެ. ކޮޓަރިޔާއި ހަމަޔަށް ދިޔަތަނުން ޖެހިގެން ހުރި ކޮޓަރިން އަންހެން ކުއްޖަކު ނުކުތެވެ. ....................... (ނުނިމޭ)


No comments:

Post a Comment