Readers

Welcome to the blog of Zoyasham Stories. Here I've shared my long Dhivehi Stories with you. My blogs are made for those who are interested in reading dhivehi (specially fiction) stories. I hope you will love my all works and help me to write more. Please do comment to improve my writings. Make reading as a habit. It will improve your knowledge and language. Take your time well and enjoy reading stories.

Tuesday, September 4, 2012

Mulhi Umurahves Loabi Vaanameve...... (01)

މުޅި އުމުރަށްވެސް ލޯބިވާނަމެވެ.... (ފުރަތަމަ ބައި)


އަހަރެންގެ ނަމަކީ އަޔާންއެވެ. އާޢިލާގެ ނަމުންނަމަ އައިއްކޮއެވެ. މާލޭގެ މުއްސަދި އާޢިލާއަކަށް އުފަންވި އެންމެ ހަގު އަދި އެއާޢިލާއަށް ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅެވެ. އެހެންކަމުން އާޢިލާގެ އެންމެންވެސް އަހަރެންދެކެ އިންތިހާޔަށް ލޯބިވެއެވެ. މި ނަސީބު ލިބުމުން އަހަރެންވެސް އަހަރެންގެ އަމިއްލަ ނަފްސަށް ވަރަށް ފަޚުރުވެރިވަމެވެ. އެންމެންގެ ލޯތްބާއި އަޅާޅުން އިންތިހާޔަށް ލިބޭތީއެވެ. އޭގެ އިތުރުން ޤުދްރަތުން ހިތްކަތިލާފަދަ ރީތި ސޫރައެއް ދެއްވާފައި ވުމުންނެވެ. މިކަމާ އަހަރެން އަބަދުވެސް އެކަލާންގެ ހަޞްރަތަށް ޝުކުރު އަދާކުރަމެވެ. އަހަރެންގެ އާޢިލާގައި އަހަންނަށްވުރެ ދޮށްޓަށް މަންމަގެ ފަސް އަންހެންކުދިން ތިބެއެވެ. އެންމެ ދޮށީ ދައްތަ ފިޔަވާ އެންމެން ދިރިއުޅެނީ މާލޭގައެވެ. އެ ދައްތަ، އަހަރެންގެ ނަމުންނަމަ ތިއްތަ ދިރިއުޅެނީ ތިއްތަގެ ކުޑަ އާޢިލާއާއިއެކު މެލޭޝިޔާގައެވެ. މިއީ އަހަރެންގެ އުފާވެރި ދިރިއުޅުމުގައި ހިތާމައިގެ ސިއްކަޖެހިގެން ދިރިއުޅުން ބަދަލުވީ ގޮތުގެ ވާހަކައެވެ. ފަހަރުގައި ގަބޫލުކުރަން ދަތި ބައެއްވާހަކަތައްވެސް މި ވާހަކައިގައި ހުރެދާނެވެ. ނަމަވެސް މިއީ އަހަރެންގެ ތަޖުރިބާއެވެ.

މިއަދަކީ އަހަރެންގެ ޙަޔާތުން ބޮޑު އެހެނަސް ހިތްދަތި ދުވަހެކެވެ. ބޮޑު ދުވަހެކޭ މިބުނީ އަހަރެން ރާއްޖެ ދޫކޮށް އެއްކޮށް މެލޭޝިޔާއަށް ދާތީއެވެ. ހިތްދަތި ދުވަހަކަށް ވީ ކީއްވެކަން ފަހުން ކިޔައިދޭނަމެވެ. ހިތާއި އިދިކޮޅަށް ދާންޖެހޭތީވެ އަހަރެން މާބޮޑު ތައްޔާރީތަކެއް ނުވަމެވެ. އެހެނަސް ގޭމީހުން ތިއްތަޔަށް ފޮނުވާ ހަދިޔާތައް ވަރަށް ގިނައެވެ. ޗެކިން ފެށުމުގެ އެއްގަޑިއިރު ކުރިން އަހަރެން އެއަރޕޯޓަށް ގޮސްސީމެވެ. މިހާއަވަހަށް އަހަރެން އެއަރޕޯޓަށް ދިޔައީ އެންމެ ބޭނުމެއްގައެވެ. ނަމަވެސް އަހަރެން ފުރުވަން މުޅި އާޢިލާ ދިޔުމާއިއެކު އަހަރެން ކުރަން ބޭނުންވީ ކަންތައް ފުރަން ކައިރިވީ އިރުވެސް އަހަންނަކަށް ނުވިއެވެ. މިކަމާ އަހަރެން ވަރަށް މާޔޫސްވިއެވެ. ހިތަށް ތަދުވީވަރުން އަހަރެންގެ ލޮލުން ކަރުނަވެސް ހިލުނެވެ. މި މަންޒަރު ފެނިފައި އާޢިލާ އެންމެން ހީކުރީ އެމީހުންނާއި ދުރަށްދާތީވެ އަހަރެން ދެރަވީ ކަމަށެވެ. އެހެންވެ ފަހަރަކު މީހަކު އަހަރެން ގައިގައި ބައްދާފައި ހިއްވަރުދީ ނަސޭހަތްދީ ހެދިއެވެ. އެންމެންގެ މޫނުމަތިން ހިނިތުންވުން ފެންނަން ހުއްޓަސް އެތެރެއިން ހިތްދަތިވެފައިވާވަރު އެމީހުންގެ ވާހަކަތުންނާއި އުޅުމުން އަހަންނަށް އެނގުނެވެ. މިކަމާވެސް އަހަރެން ދެރަވިއެވެ.

ޓާމިނަލަށް ވަންނަމުން އެންމެ ފަހުފަހަރަށް އަހަރެން ފަސްއެނބުރި ބަލާލީމެވެ. ހިތްދަތިވެފައިވާ ހާލުގައެވެ. އެވަގުތު ލޮލުގެ ތެރޭގައި ޖަމާވެފައިވާ ކަރުނަތަށް ކޯތާފަތްމަތިން އޮހިގަތެވެ. ހަގީގަތުވެސް އަހަންނަށް އެވަގުތު ރޮވުނެވެ. އެންމެ އިންސާނަކު މަތިން ހަނދާންކޮށްފައެވެ. އާޢިލާ އެންމެން ހަނާއަޅާތަން ފެނުމުން އަހަރެން ގަދަކަމުން ހީނލާފައި އެތެރެއަށް ވަދެގެން ދިޔައީމެވެ. އެއީ އަހަރެން މެލޭޝިޔާއަށްދާ ތިންވަނަ ފަހަރުކަމުން އެތެރޭގެ ކަންތައްތައް ނިންމުމުގައި އަހަންނަކަށް އުނދަގުލެއް ނުވިއެވެ. ނަމަވެސް ޕަސެންޖަރުން ގިނަކަމުން އަހަންނަށް ޗެކިންކޮށް ނިމުނީ ބައިގަޑިއިރުވީފަހުންނެވެ. ފުރަން ގަޑިއޮތުމާއިއެކު އަހަރެން ބޯޑިން ނުކޮށް ދިޔައީ ރެސްޓޯރަންޓަށެވެ. އެތާގައި ފުދޭވަރަކަށް ގިނަމީހުން ތިއްބެވެ. ނަމަވެސް ދަންނަމީހަކު ނެތުމުން އަހަރެން ވަރަށް އެކަނިވިއެވެ. އެކަނިވީ ކަމުގައި ވިޔަސް އެވަގުތު އަހަންނަށް ހިންހަމަޖެހުން ލިބުނެވެ. އަހަރެން ބޭނުންވީ މާޒީގެ ހަނދާންތައް އާ ކޮށްލުމަށެވެ.

އެދުވަހު އަހަރެންގެ ނަސީބު ވަރަށް ރަނގަޅެވެ. ފްލައިޓް ތިންގަޑިއިރަށް ލަސްވީ ވާހަކަ އިވުމުން އަހަރެން އުފަލުން ފޮޅުނެވެ. އަވަސް އަވަހަށް ބޭރަށް ދިޔުމުގެ ހުއްދަޔާއެކު އަހަރެން ބޭރަށް ނުކުތްއިރު ނަސީބަކުން އާޢިލާގެ އެއްވެސް މީހަކު ފެންނާކަށްނެތެވެ. ފުންނޭވާއެއް ލާފައި އަހަރެން ހިނގައިގަތީ ޑޮމެސްޓިކް ޓާރމިނަލާ ދިމާލަށެވެ. އެތާ ކުރިމަތިން ފެރީ ފުރާތާ ކައިރީ އޮންނަ ކުޑަ ފިނިމައިދާންގެ ބެންޗުގައި އަހަރެން އިށީނީ އެއީ އަހަރެން އެންމެކުރަން ބޭނުންވީ ކަންތައްވުމުންނެވެ. އެވަގުތު ލިބުނު ހިންހަމަޖެހުމުން ހުރިހާ ހިތާމަތަކެއް ވަޅުޖެހުނު ކަހަލައެވެ. އަހަރެން ކުޑަވަގުތު ކޮޅަކަށް ދެލޯ މަރާލަމުން ފުންނޭވާއެއް ލީމެވެ. ދެން ދެލޯ ހުޅުވާ އެތަނުގެ ހިންހަމަޖެހުން އިޙުސާސް ކުރީމެވެ. މިދުނިޔެއިންވެސް އަހަންނަށް އެންމެ އަރާމު ލިއްބައިދޭ ތަނަކީ އެއީއެވެ.

ވަގުތަކީ އިރުއޮއްސެމުން ދިޔަ ވަގުތައް ވުމުން ބޮކިތަކުގެ އަލިން މުޅި ހިސާބުވަނީ ދިއްލާލާފައެވެ. އެއަލިތައް މޫދުގެ ލޮނުގަނޑަށް އެޅިފައިވާއިރު ހީވަނީ ރީތި ފިލްމީ މަންޒަރެއް ހެންނެވެ. އަހަރެން ލެޕްޓޮޕްނަގާ އުނގުމަތީގައި ބާއްވަމުން ހަމަޖެހިލީމެވެ. އޭރުވެސް ވަށައިގެން މީހުންތައް ހޭލަމޭލަށް އުޅެމުން ދިޔައެވެ. އެކިމީހުން އެކި ކަންކަމުގައެވެ. ނަމަވެސް އަހަރެންގެ ޚިޔާލު މަޑުމަޑުން ދަތުރުކުރަމުންދިޔައީ އޭގެ ހަތް އަހަރު ކުރިޔަށެވެ.

އެއީ 2004 ގެ މޭމަހުގެ ފުރަތަމަ ދުވަހެވެ. އޯލެވެލްއިން ޓޮޕްޓެންގައި ހިމެނިގެން އަހަންނަށް އާޢިލާގެ ފަރާތުން ލިބުނު މެލޭޝިޔާ ދަތުރު ނިންމާފައި ރާއްޖެއައި ދުވަހެވެ. ހަތަރުމަސް ރާއްޖެއިން ބޭރުގައި ހޭދަކޮށްފައި ރާއްޖެ އާދެވުމުން އަހަރެން ހުރީ ވަރަށް އުފާވެފައެވެ. އަހަރެންގެ އާޢިލާގެ އެންމެހާ މެންބަރުންނާއި ހުރިހާ ރައްޓެހިން އަހަރެން ބަލާ އައެވެ. އެއެންމެން ފެނުމުން އަހަރެން އަދިވަކިން ބޮޑަށް އުފާވިއެވެ. އޭރު އަހަރެންގެ ދިރިއުޅުމަކީ އެއީއެވެ. އާޢިލާގެ ލޯތްބާއި ކުލުނެވެ. ރައްޓެހިންގެ އެކުވެރިކަމާއި ހިންހަމަޖެހުމެވެ. އަހަރެން އުޅުނީ ވަރަށް އުފަލާއި މަޖަލުގައެވެ. އުމުރުން 17 އަހަރުވީނަމަވެސް އޭރުވެސް އަހަރެންގެ އާއިލާ އަހަރެން ގެންގުޅެ ދެކެމުން އައީ ފަސްއަހަރުގެ ތުއްތު ކުއްޖަކު ފަދައިންނެވެ. އަހަންނަށް މަދު އެއްވެސް އެއްޗެއް ނޯވެއެވެ. ބޭނުންވެގެން ނުލިބޭ އެއްޗެއްވެސް ނޯވެއެވެ. ވިސްނާ ފިކުރުކުރަންޖެހޭ ވަރުގެ ކަމެއްވެސް ނުމެއޮވޭމެއެވެ. ފަސްވަގުތު ނަމާދުކޮށް، ކިޔަވާ، ލިބޭ ހުސްވަގުތުގައި ގޭމްކުޅެ ރައްޓެހިންނާއިއެކު ވަގުތު ހޭދަކުރަމެވެ. އަދި ބައެއްފަހަރު މަންމަޔަށާ ދައްތަމެންނަށް އެހީވުމަށް ބަދިގޭގައިވެސް އެމީހުންނާއި އެކު ބައިވެރިވަމެވެ. އޭރު އަހަރެން ދެކެމުން އައީ އަހަންނަކީ މިދުނިޔޭގައި ހުރި އެންމެ ހިންހަމަޖެހޭ އުފާވެރި އިންސާނާ ކަމުގައެވެ.

ލަގެޖް ހިފައިގެން އަހަރެމެން ތިބީ މާލެދާންވެގެން ފެރީ ޓާރމިނަލުގައެވެ. ފެރީފުރަން އަދި ގަޑިއޮތުމާއިއެކު ރައްޓެހިންނާއި ވާހަކަދައްކަން ފިނިމައިދާނުގެ ބެންޗުގައި މަޑުކޮށްގެން ތިބީއެވެ. އަހަރެން ބެންޗްކުރިމަތީގައި ހުރި ގަހުގައި ލެނގިލައިގެން ހުރިއިރު ދެންތިބި މީހުންތިބީ ބެންޗުގައި އިނށީދެގެންނެވެ. މެންދުރުގެ އެންމެ ހޫނުގަދަ ވަގުތަށް ވީކަމުގައި ވިޔަސް ޖެހޭ ނަލަ ވައިރޯޅިތަކުން އެހޫނުކަމުންވެސް ހަށިގަނޑަށް އަރާމުލިއްބައި ދެމުންދިޔައެވެ. އަހަރުމެން އެކިއެކި ވާހަކަދައްކާފައި މަޖާނަގަމުން ދިޔައީމެވެ. އެވަގުތު އަހަރެންގެ ހިތް އެހެންދިމާލަކަށް ދިޔައީ ވަޔާ އުދުހިގެންއައި ސްކާރފެއް އަހަރެންގެ މޫނުމަތީގައި އެޅުމުންނެވެ. އެއިގެން ދުވި މީރުވަހުން އަހަރެންގެ ހިތުގެ އެންމެ ފުންމިނަށްވެސް އަސަރުކުރިއެވެ. މަޑުމަޑުން އަހަރެން ސްކާރފް ނަގަމުން ކުރިމައްޗަށް ބަލާލިއިރު އަންހެން ކުދިންތަކެއް ޓާރމިނަލް ތެރޭގައި އަހަންނާއި ދިމާލަށް ހެވިފައި ބަލަންތިއްބެވެ. އޭގެ ތެރެއިން މެދުގައި ހުރި އަންހެން ކުއްޖާ ހުރީ ކުޑަކުއްޖަކު އުރައިގެންނެވެ. އެކުޑަކުއްޖާ އަތް ދިއްކުރަމުން ސްކާފް ދިނުމަށް ބުނާކަހަލައެވެ. ކައިރީގައި ތިބި އަންހެންކުދިން އެކުއްޖާއަށް ބަލާފައި އަދި އަހަންނާއި ދިމާލަށް ބަލާފައި ހެނމުންދިޔައެވެ. އަހަރެންގެ ރައްޓެހިންވެސް ފަސްއެނބުރި ބަލާލާފައި ހެމުންދިޔައެވެ. އަހަންނަށް ޝައްކުވެގެން އަތުގެ އިޝާރާތުން ސްކާފް ދިއްކޮށްލަމުން އެއީ އޭނަގެ އެއްޗެއްތޯ އަނހާލީމެވެ. އެއަންހެން ކުއްޖާ ވަރަށް ލަދުންހުރެ ބޯޖަހާލިއެވެ. އެވަގުތު އަހަރެން ރައްޓެހިންނަށް ބަލާލުމުން އެއެންމެން ބުމަ މައްޗަށް އަރުވާލަމުން ދިޔުމަށް ބުންޏެވެ. ތަފާތު އިޙުސާސެއް އެވަގުތު ކުރެވުނެވެ. ހިތުގައި ޖެހިލުންވުމުގެ ރާޅުބާންޏެއް ދުވެލިއެވެ. ނަމަވެސް އަހަރެން ހިތްވަރުކޮށްފައި ގޮސް ފާރުމަތިން އެ ސްކާރފް އެ އަންހެން ކުއްޖާއާއި ހަވާލު ކުރީމެވެ. ލަދުން އިސްޖަހައިގެން ހުރި އެއަންހެން ކުއްޖާ އަހަރެން ކައިރިޔަށް ދިޔުމުން އަހަންނާ ދިމާލަށް ކަތިނަޒަރަކުން ބަލާލާފައި ސްކާރފް އަތުލައިގަތެވެ. އަތުލައިގަތް ވަގުތު އެހަންހެން ކުއްޖާގެ އަތުގެ އިނގިލިތައް އަހަރެންގެ އަތުގައި ބީހިލިއެވެ. އެއާއިއެކު އަހަރެން މުޅިގައިން ހީބިނހި ނަގައިގެން ދިޔައެވެ. އަހަންނަށް ހުރެވުނީ ބަސް ހުއްޓިފައެވެ. ދުނިޔެއިން އެއަށްވުރެ މާރީތި ކުދިންވެސް އަހަރެން ދެކުނީމެވެ. ނަމަވެސް އަންހެން ކުއްޖަކުފެނި ގޮތްނޭނގޭ އިޙުސާސްތަކެއް ކުރެވުނު އެއީ ފުރަތަމަ ފަހަރެވެ. އެކުއްޖާގެ އެ ކުޑަ ބީހިލުންވެސް އަހަރެންގެ ހަށިގަނޑުގެ އެންމެ ހިމަނާރުތަކަށް އަސަރުކުރި ކަހަލައެވެ. ސްކާފް އަތުލައިގަތުމާއިއެކު އަވަސްއަވަހަށް އެކުއްޖާ އެތަނުން ދިޔައެވެ. ހުދުކުލައިގެ ޓޮޕަކާއިއެކު ކަޅުކުލައި ޖިންސެއްގައި އެއަންހެން ކުއްޖާ ފެންނަލެއް ވަރަށް ރީއްޗެވެ. އެރީތިކަން އިތުރަށް ފުރިހަމަ ކޮށްދިނީ ނިއުޅުވާލައިފައިވާ ދިގު އިސްތަށިގަނޑެވެ. ދަމުން ދަމުން ސްކާރފް ކަރުގައި އޮޅާލަމުން އެކުއްޖާ ފަސް އެނބުރި ބަލާލާފައި ހިނިތުންވުމެއް ދިނެވެ. ހިވާގޮތުންނަމަ ޝުކުރުއަދާ ކުރީއެވެ. އަހަންނަށް ހީވީ އެވަގުތު ގައިގައި ކަރަންޓު ޖެހުނުހެންނެވެ. އެ ބަލާލުމާއި ހިނިތުންވުން އަހަރެންގެ ހިތުގެ ވިންދާއި ކުޅެލިއެވެ. އެ ސޫރަ އަހަރެންގެ ހިތުގައި ފުރަތަމަ ނަޒަރުން ބިންވަޅު ނެގިގެން ދިޔައެވެ. އެ ސޫރަޔަށް އަހަރެން ގެއްލިފައިވާ ވާވަރު އެނގުނީ ރައްޓެހިންގެ އަޑުން ސިހިގެން ދިޔައިމައެވެ. އަހަރެން އެނބުރި ދިޔުމުން އެމީހުން އަހަރެން ކައިރިން އެއީ ކޮންކުއްޖެއްތޯ އާއި ހިތްދެވުނީތޯއޭ އަހާލިއެވެ. އަހަރެން ހީނލަމުން ނޫނެކޭ ބުނެ އެއީ ކޮން ކުއްޖެއްކަން ނޭނގޭ ކަމަށްބުނީމެވެ. ނަމަވެސް މާލެ ދެވެންދެން އެމީހުން އަހަންނާއި ވަރަށް ދިމާކޮށް ހެދިއެވެ. ..................................... (ނުނިމޭ)