Readers

Welcome to the blog of Zoyasham Stories. Here I've shared my long Dhivehi Stories with you. My blogs are made for those who are interested in reading dhivehi (specially fiction) stories. I hope you will love my all works and help me to write more. Please do comment to improve my writings. Make reading as a habit. It will improve your knowledge and language. Take your time well and enjoy reading stories.

Tuesday, September 11, 2012

Mulhi Umurahves Loabi Vaanameve...... (03)

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.... (ތިންވަނަ ބައި)


(ދެވަނަ ބަޔާއިގުޅޭ)..............

ބައްދަލުވުން ކުރިޔަށް ދިޔައިރުވެސް އަހަންނަށް ހޯދުނީ އެކުއްޖަކު ފެނޭތޯއެވެ. ނަމަވެސް ފުދޭވަރަކަށް ކުދިންގިނަވެފައި އަންހެންކުދިންތިބީ ފިރިހެންކުދިންގެ ކުރީގައި ކަމުން ފަހަތުން އެކުއްޖަކު ސިފަކުރާކަށް ނޭނގުނެވެ. މިކަމާއި އުޅެގެން އަހަންނަށް ބައްދަލުވުމުގައި ދެއްކި އެއްވެސް ވާހަކަޔަކަށް ސަމާލުކަމެއް ނުދެވުނެވެ. ބައްދަލުވުންވެސް ނިމިއްޖެއެވެ. ހުރިހާ ކުދިންނާއި ބެލެނިވެރިން ހޯލުންވެސް ނުކުންނަންފެށިއެވެ. އަހަރެން އަވަސް އަވަހަށް ރައްޓެހިންނާއި ދުރަށް ހޯލުގެ އެއްކައިރިޔަށް ޖެހިލާފައި އެކުއްޖާ ފެނޭތޯ ހޯދީމެވެ. ނުފެނުނެވެ. ހޯލުން ނުކުމެގެންވެސް އެހާވަރަށް ހޯދީމެވެ. ނަމަވެސް ނުފެނުނެވެ. މީހުން ގިނަވުމުން ކަންނޭގެއެވެ. އަހަރެން ވަރަށް ވަރަށް މާޔޫސްވިއެވެ. ތުއްތަޔާއި ރައްޓެހިންވެސް އަހަރެން ހޯދަމުން ބޭރަށް ނުކުތެވެ. ހިތްދަތިވެފައިވާ ހާލު އަހަރުމެން ގެޔަށް ދިޔުމަށްޓަކާ ހިނގައިގަތީމެވެ. އޭރުވެސް އަހަރެން ތަންތަން ހޯދީމެވެ. އަހަރެން އުޅޭގޮތުން ތުއްތަ ކިހިނެއްވީހޭ އަހާލިއެވެ. އަހަންނަށް ބަލާލެވުނީ އަހަރެންގެ ރައްޓެހިންގެ މޫނަށެވެ. އެމީހުން ދިމާކުރާ ފާޑަކަށް ހީލަހީލާ ތިއްބެވެ. ތުއްތަ އަނެއްކާވެސް ހަމައެސުވާލު ކުރިއެވެ. މިފަހަރު އަހަރެން ކަމެއް ނުވެޔޭބުނެ ހިނިތުންވެލީމެވެ. ގެއަށްދިޔަ މަގުމަތީގައި އަހަރެންގެ ހިތް އަހަރެން ހަމަޖައްސައިދިނީ އެކުއްޖާއާއި އަދި ބައްދަލުވާނެކަމަށް ބުނަމުންނެވެ. އެއީ އެއް ސުކޫލެއްގައި ކިޔަވަންޏާ ކޮންމެވެސް ދުވަހަކުން ފެންނާނެކަން އެނގޭތީއެވެ.

އަހަރެންގެ ނަސީބު ތަންދިމާކުރީ އަހަރެން ހީކުރި ވަރަށްވުރެވެސް ރަނގަޅަށެވެ. އެއީ ކިޔެވުން ފެށުނު ފުރަތަމަ ދުވަހެވެ. އަހަންނާއި ނިހާލް ފިޒިކްސް ކްލާސް ނިންމާލާފައި ދިޔައީ ބަޔޮލޮޖީ ކުލާހަށެވެ. ކުލާހުގެ އެތެރެއަށްއެޅި ފުރަތަމަ ފިޔަވަޅާއިއެކު އަހަންނަށް އެހެންކަހަލަ އިހުސާސެއް ކުރެވުނެވެ. އެއްކަލަ ސެންޓުގެ ވަސް އަހަރެންގެ ނޭފަތުގައި ޖެހުނުހެން ހީވެގެންނެވެ. އަހަރެން އެއްމިޔަކަނުން ހީނލުމަށްފަހު ހިތަށް ވިސްނުވައިދިނީ އެއީ އާކަމެއް ނޫންކަމެވެ. އެވަހާއިއެކު އަހަރެން ރޭދުވާ ހޭދަކުރާތީވެ އެވަސް ވަނީ އަހަރެންގެ ނޭފަތުގައި ހަރުލާފައި ކަމެވެ.   އަހަރެން ހިނގައިގަތްތަނުން ގަލަމެއް ވެއްޓިގެންއައިސް އަހަރެންގެ ކުރިމަށްޗަށް ޖެހުނެވެ. އެވަގުތުއަހަރެން ގަލަން ނަގާ އޭގެ ވެރިފަރާތަށް ރައްދުކުރުމަށް އެދިމާލަށް ބަލައިލީމެވެ. އެކުއްޖާވެސް ޑެސްކު ކައިރީގައި ވެއްޓިފައިހުރި އެހެނިހެން ސާމާނުތައް ނެގުމަށްފަހު އަހަންނާއި ދިމާލަށް ބަލައިލިއެވެ. އަހަންނަށް ފެންނަމުން ދިޔަމަންޒަރު ގަބޫލުކުރަން ދަތިވިއެވެ. އަހަރެންގެ ހުވަފެންތަކުގެ ރާނީ ހުރީ އަހަރެންގެ ކުރިމަތީގައެވެ. އޭނާގެ ގަލަން އޮތީ އަހަރެންގެ އަތުގައެވެ. އޭނަ ފެންނަ ކޮންމެފަހަރަކު އަހަންނަށް ވާގޮތްތައް މިފަހަރުވެސްވިއެވެ. ގަލަން ހިފަހައްޓައިގެން އަހަރެން ބަލަން ހުރުމުން އެކުއްޖާ ގަލަން ހޯދުމަށް އަތްދިއްކޮށްލިއެވެ. ހިނިތުންވެލައިގެން ހުރެއެވެ. ނިހާލަށް އެއީ އެއަންހެންކުއްޖާކަން ޝައްކުވިއެވެ. ނިހާލު ކޮޑުން އަހަރެންގައިގައި ޖަހާލުމުން ސިހިފައި އަހަންނަށް ނިހާލުއަށް ބަލާލެވުނެވެ. ''އެއްކަލަ ކުއްޖާދޯ؟........ ހާދަ ވަރުގަދަ އިއްތިފާގެއް؟'' ނިހާލު ސިއްރުން އަހަރެން ކަންފަތް ކައިރީ ބުނެލިއެވެ. އަހަރެން ހީނލަމުން ގަލަން ދިއްކޮށްލީމެވެ. މިފަހަރުވެސް ވާހަކަދައްކާނެހާ ހިތްވަރެއް އަހަންނަށް ނުލިބުނެވެ. އަހަރެން އަވަސްއަވަހަށް ހިނގާފައިގޮސް ފަހަތުގައި ހުރި ގޮޑިއެއްގައި ޖައްސާލީމެވެ. ''ކީއްވެ އެއްޗެކޭ ނުބުނީ؟.... ކުޑަމިނުން ނަންވެސް އަހާލިނަމަ...'' ނިހާލު އައިސް ކައިރީގައި ހުރި ގޮޑީގައި ޖައްސާލަމުން އެހެންމީހަކަށް އަޑުނީވޭވަރަށް ބުނެލިއެވެ. އަހަންނަށް ނިހާލުގެ ސުވާލަކަށް ސަމާލުކަމެއް ނުދެވުނެވެ. އަވަސް ނޭވާލަމުން އަހަރެން މަސައްކަތް ކުރަމުންދިޔައީ އަހަރެންގެ ބާރުބާރަށް ތެޅެމުންދިޔަ ހިތް މައިތިރި ކުރެވޭތޯއެވެ. ދޭތެރެއަކުން އަހަރެން އެއްކަލަ ކުއްޖާއަށް ކަޅިއެއްލާލަމެވެ. ފަހަތުން ފެނުނަސް އެއީ އޭނަކަން އެނގުމުން ހިތަށް ވަރަށް ހިންހަމަޖެހުން ލިބުނެވެ. އެއްވެސް ކަމެއްނެތި އަހަންނަށް ހިނިތުންވެލެވެއެވެ. ކުލާސް ނިމުނުއިރުވެސް އަހަރެންގެ ހާލަކީ މިއީއެވެ. އެދުވަހު އަހަރެން ބާކީދިޔަ ހުރިހާ ކުލާހަކަށް އެކުއްޖާވެސް ދިޔައެވެ. އެކަކުއަނެކަކަށް އަހަރުމެން ދެމީހުންނަކީ ދެ ބީރައްޓެހިންކަމުގައި ވިޔަސް ލޯބައްދަލުވާ ކޮންމެ ފެނިލުމަކުންވެސް އަހަރުމެން އެކަކު އަނެކަކަށް ހިނިތުންވުމެއް ރައްދުކުރަމެވެ. އޭނާގެ ހިނިތުންވުމުގައި ޖާދުވީ ބާރެއްވާ ކަހަލައެވެ. އެހިނިތުންވުން އަހަރެން އެހެން ހުރިހާކަމަކުން ހަނދާންނެތިކޮށްލުވައެވެ. ފުރަތަމަދުވަސް ދިޔައީ އެކަހަލަ ގޮތަކަށެވެ.

އަހަރެން ގެއަށް އައީވެސް އެކުއްޖާ ގެއަށް ދިޔުމުންނެވެ. ދުރުން އަހަންނާއި އަހަރެންގެ ރައްޓެހިންތިބީ އެމަންޒަރު ސިއްރުން ބަލާށެވެ. އެކުއްޖާ ރައްޓެއްސަކާއިއެކު ދާންވެގެން ދެވުނީ ފުދޭވަރަކަށް ލަހުންކަމަށް ވުމާއިއެކު އަހަންނަށް ޖެހުނީ ނިހާލުމެންވެސް ހިފަހައްޓައިގެން މަޑުކޮށްލާށެވެ. އާދައިގެ މަތިން މިކަންވެސް ވީ އެމީހުންނަށް މަޖާކަމަކަށެވެ. ނުވާންވީ ކީއްވެހެއްޔެވެ! އެއީ ދުވަހަކު އަހަރެން ކުރިކަމެއް ނޫނެވެ. އެދުވަހު ގެއަށްގޮސް އަހަރެން އުޅުނުގޮތް އެހެން ހުރިހާ ދުވަހަކާއި މުޅިންތަފާތުވިއެވެ. މޫނުމަތިން ހިނިތުންވުން އެއްފަހަރު ކެނޑިނުދެއެވެ. ތަސްވީރެއް ފަދައިން އެއަންހެންކުއްޖާގެ އެކި މަންޒަރުތައް އަހަރެންގެ ސިކުޑީގައި ދާއިމަށް އެނބުރެމުންދިޔައެވެ. ފާޚަނަޔަށް ވަދެ ފެންވަރައިލައިގެން ހުސްގަޔާ ލޯގަނޑުން ބަލާލިއިރު އެލޯގަނޑުންވެސް ފާޅުވީ އެއަންހެން ކުއްޖާއެވެ. އަހަންނަށް ލަދުން ވަގުތުން ތުވާލިން ހަށިގަނޑު ފޮރުވާލެވުނެވެ. އަދި އަމިއްލަ މޮޔަކަމާއިމެދު ހިނިއާދެވުނެވެ.

އެރޭގެ ދިގުކަމާއިމެދު އަހަރެން ހަމަ ހައިރާންވިއެވެ. ހެނދުނުވާލެއް އަހަރެން ހުރީ ލަސްވެފައެވެ. ކުރާނެ މާބޮޑުކަމެއް ނެތުމާއިއެކު އަހަރެން ފަނަރަވަރަކަށް މިނިޓް ވަންދެން ގޭމް ކުޅުނީމެވެ. ނަމަވެސް އެއަކަށް މާބޮޑު ފަރުވާތެރިކަމެއް ނުދެވުނެވެ. ބޭނުންވީ ވީހާވެސް އަވަހަކަށް ނިދާލާށެވެ. އަވަހަށް އަނެއްދުވަހަށް ލޯހުޅުވުމަށްޓަކައެވެ. އެހެންކަމުން ކިޔަންފަށާފައިވާ ވާހަކައެއް ނަގައިގެން ކިޔަންފެށީމެވެ. އެއީ އަހަންނަށް އެންމެފަސޭހައިން ނިދޭ ގޮތްކަމަށް ވާތީއެވެ. ނަމަވެސް ނިދުނީވެސް އެހާ ގިނައިރުވީ ފަހުންނެވެ. އަދި ހަމަ ލޯޖެހުމާއިއެކު ހޭލެވެއެވެ. އިރުއަރަންދެން އަހަރެން އުޅުނީ މިސަކަރާތެއްގައެވެ.

ދެހަފްތާވަރު ފާއިތު ވަންދެން އަހަރެން އުޅެންޖެހުނީ މިހާލެއްގައެވެ. މި ދެހަފްތާ ތެރޭގައި އަހަންނަށް ހަމައެކަނި އެނގުނީ އެކުއްޖާގެ ނަން އެކަންޏެވެ. އެވެސް އެހެންމީހެއްގެ ދުލުން ކީއަޑު އިވިގެންނެވެ. ތޫބާއެވެ. އޭނާގެ ރައްޓެހިން އޭނަޔާދިމާލަށް ލޯބިން ގޮވަނީ ހަމައެކަނި ތޫއޭ ކިޔާފައެވެ. އެއްކުލާހެއްގައި ކިތަންމެ ވަގުތެއް ހޭދަކުރިކަމުގައިވިޔަސް އިސްވެ އަހަންނަށް ތޫއާއި ވާހަކަދައްކާކަށް ނުކެރެއެވެ. އަހަންނަށްވުރެ ނިހާލުވެސް މާކެރެއެވެ. އޭނަ މަދުމަދުން ތޫއާއި ވާހަކަދައްކައެވެ. ތޫ ފެންނަ ހިސާބުގައި އަހަރެން އަބަދުވެސް މަސައްކަތްކުރަނީ އަހަރެންގެ އިހުސާސްތައް އޭނާއަށް ފޮރުވޭތޯއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަހެން ދެމީހުންގެ ދޭތެރޭގައިވާ ބީރައްޓެހިކަން ދުވަހެއް ދުވަހަކަށް ކެނޑެމުންދިޔައެވެ. ތޫފެނުމުން އަހަންނަށް ކުރާ އިހުސާސްތަކަށް ބަދަލެއް ނަޔަސް އެއިހުސާސްތައް ކޮންޓްރޯލް ކުރަން އަހަންނަށް ދަސްވިއެވެ. ހިތުތެރޭގައި އަބަދުވެސް އުންމީދުގެ ހުޅުކޮޅެއް ދިއްލިފައި އިނދެއެވެ. ތޫ އަހަރެންގެ މީހަކަށް ކޮންމެވެސް ދުވަހަކުން ވާނެކަމެވެ. ތޫއާއި އެންމެފުރަތަމަ އަހަރެން ވާހަކަދެއްކީ ކުލާސްތެރެއިންނެވެ. ބަޔޮލޮޖީއިން ހަވާލުކުރި ޕެޔަރ ޕްރޮޖެކްޓެއްގައި ދެމީހުން މަސައްކަތް ކުރަންޖެހުމުންނެވެ. އަހަންނަށް އެންމެފުރަތަމަ ތޫއާއި ވާހަކަދެއްކުނީ އަޅައަޅައި ގަންނަމުންނެވެ. ފިރިހެނަކަށްވެހުރެ އަހަރެންގެ ފިނޑިކަމާއިމެދު ހައިރާންވިއެވެ. ނަމަވެސް އެއީ އަހަރެން ތޫދެކެވާ ލޯތްބެވެ. މިހިތުން އޭނަޔަށް ދެވިފައިވާ ގަދަރާއި މަތިވެރި މަގާމެވެ. އެއީ އަހަންނާއި ތޫގެ ގުޅުމުގެ ފެށުމެވެ. އަދި ތޫ ހޯދުމަށް އަހަރެން އެޅި ލޯބީގެ ފުރަތަމަ ފިޔަވަޅުވެސްމެއެވެ.

އެއްމަސްދުވަހަށް މަސައްކަތް ކުރަންޖެހުނު މިބުނި ޕްރޮޖެކްޓް ނިމުނުއިރު އަހަރުމެން ދެމީހުންގެ ގުޅުން ހީކުރިވަރަށްވުރެ ބަދަހިވިއެވެ. ތޫއަކީ ވަރަށް އެކުވެރި މަޖާ މިޒާޖެއްގެ ކުއްޖެކެވެ. އެއީ ވަރަށް މަޑުމައިތިރި، ހިތްތިރި، ކެތްތެރި އަދި އެހާމެ ހިތްވަރުގަދަ ކުއްޖެއްވެސްމެއެވެ. ތޫއާއި ބެހޭގޮތުން އަހަންނަށް ވަރަށް ގިނައެއްޗެހި އެނގުނެވެ. ދޭތެރެއަކުން އޭނަ ދިރިއުޅުމުގެ ވާހަކަތައް ހިއްސާ ކުރާތީއެވެ. ތޫގެ އުފަންރަށަކީ ދ. ކުޑަހުވަދޫއެވެ. ތޫގެ މަންމަޔާއި ބައްޕަގެ ހަތްކުދިން ތިބެއެވެ. އޭގެތެރެއިން ތޫއަކީ އެންމެ ދޮށީ ކުއްޖާއެވެ. ތޫގެ އާޢިލާއަކީ ރަށުގެ ފަގީރު އާއިލާއެކެވެ. މާލޭގައި ތޫ ދިރިއުޅެނީ އޭނާގެ ބައްޕަގެ ރައްޓެއްސެއް ކައިރީގައެވެ. އެންމެ ކުޑައިރުއްސުރެ ތޫގެ އުންމީދަކީ ކިޔަވައިގެން ހަރުދަނާ މީހަކަށް ވެގެން އާޢިލާގެ ޒިންމާނެގުމެވެ. އޭނާއަށްވުރެ ހަގަށްތިބި ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދަދިނުމެވެ. ކިޔަވައިނިމިގެން ތޫ ބޭނުންވަނީ ޑޮކްޓަރަކަށް ވުމެވެ. ނަމަވެސް އެހުވަފެން ހަގީގަތަކަށް ނުވާނެކަމަށް ތޫބުނެއެވެ. އެއީ އެކަމަށް ހޭދަވާނޭ ދުވަސްތައް ގިނަވުމުންނެވެ. އެހުވަފެން އަވަހަކަށް ކާމިޔާބު ނުވިނަމަވެސް ކޮންމެވެސް ދުވަހަކުން އޭނާ ޑޮކްޓަރަކަށް ވުމަކީ އޭނާގެ އަބަދުގެވެސް އުންމީދެވެ. ތޫގެ މިޒާޖާއި އަދި އޭނަޔާއި ބެހޭގޮތުން އަހަންނަށް އެނގެމުން ދިޔަވަރަކަށް އަހަރެންގެ ހިތުން ތޫއަށް ދެވިފައިވާ މަޤާމް ދިޔައީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންނެވެ. ތޫދެކެ އަހަރެންވާ ތެދުވެރި ލޯބި ދިޔައީ ދުވަހެއް ދުވަހަކަށް ފުންވަމުންނެވެ.

            މާޒީގެ އުފާވެރި ސޮފްޙާތަކުން އަހަންނަށް ބޭރަށް އާދެވުނީ .......................... (ނުނިމޭ)



Laaraa (03)

ލާރާ (ތިންވަނަ ބައި)



(ދެވަނަ ބަޔާއިގުޅޭ)...........

ކުއްލިއަކަށް އެއްޗެއްގައި އަޅައިގެންފައި އަހަރެން ވެއްޓުނެވެ. ވެއްޓުނީ މީހެއްގެ ގައިގެ މައްޗަށެވެ. އޭނާއަށް ވަރަށް ތަދުވިއެވެ. ދޮންވެލިގަނޑުމަތީގައި މީހަކު އެގަޑީގައި، އެއޮށް ބޯވާރޭތެރޭގައި އޮށޯވެގެން އޮވެދާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟..... މޫނު ހިއްލާލާ ރަނގަޅަށް ބަލާލުމުން އެއީ ޒުވާން ފިރިހެނެއްކަން އަހަންނަށް އެނގުނެވެ. އަހަރެން ސޮރީއޭ ބުނެލަމުން އަވަހަށް ތެދުވީމެވެ. އޭނާ ވާހަކަދެއްކުމުން އެއި ބޭރުމީހެއްކަން އަހަންނަށް އެނގުނެވެ. އަހަރެންވެސް ވާހަކަދެއްކީ އިނގިރޭސިންނެވެ. އޭނާވެސް ހީކުރީ އަހަންނަކީ އިނގިރޭސިއެއްކަމެވެ. ނަމަވެސް ލާފައިހުރި ހެދުމުންވެސް އަހަންނަކީ ދިވެއްސެއްކަން ނޭނގެނީ ހެއްޔެވެ؟ ހިޔާކޮށްފައި ހުރި ތަނަކާއި ދިމާލަށް އިޝާރާތް ކޮށްލަމުން އޭނާ އަހަރެންގާތު އިށީނުމަށް އެދުނެވެ. ދެމީހުން އެކީގައި ކަހަލަގޮތަކަށް ގޮސް އެތާގައި އިށީނީމެވެ. އެއިރުވެސް ގަދަޔަށް ވާރޭވެހެމުން ދިޔައެވެ. އޭނާ އަހަރެންގެ ނަން އޮޅުންފިލުވިއެވެ. އަހަރެންގެ ނަން ބުނުމާއިއެކު އޭނަޔަށް އަހަރެން އެނގިއްޖެއެވެ. އެވަގުތު އަހަންނަށްވެސް އެއީ ކާކުކަން އެނގުނެވެ. އެއި އަހަރެންގެނައި ރިސޯޓުގެ ބޮޑުމީހާއެވެ. އެކަމަކު ބަލާބެލުމަށް އޭނަ ހީވަނީ ޅަކުއްޖެއް ހެންނެވެ. ރިތި ބުރުސޫރައެއް ލިބިފައިވާ ފިރިހެންވަންތަ ބަރުއަޑެއްގެ ވެރިއެކެވެ.

އެއީ އަހަރެން ގެނައި މީހާކަން އެނގުމުން އަހަރެން ލަދުގަތެވެ. އަނެއްކާ ތެދުވެ ސޮރީއޭ ބުނެލީމެވެ. އޭނާ ކަންބޮޑުނުވުމަށް ބުނެލިއެވެ. އަހަރެން އިށީނީމެވެ. އެއީ ބޮޑުމީހާކަން އެނގުމުން ހަތަރުކަޅި ހަމަކުރާކަށް އަހަންނަކަށް ނުކެރުނެވެ. އޭނާ ސަލާމްކުރަން އަތްދިއްކޮށްލިއެވެ. އަދި އޭނާ ބުނީވެސް އައްސަލާމް ޢަލައިކުމް މިހެންނެވެ. އަހަރެން ހައިރާންވިއެވެ. ވަޢަލައިކުމުއްސަލާމްއޭ ބުނެލަންވެސް އަހަންނަށް ނޭނގުނެވެ. ދެލޯ ބޮޑުކޮށްލަމުން އަހަންނަށް އޭނަޔަށް ބަލާލެވުނެވެ. އޭނަޔަކީ މުސްލިމެއްކަން ބުނުމުންވެސް އަހަންނަށް ގަބޫލުކުރަން ދަތިވިއެވެ. އަހަރެން އެއަތުގައި ހިފާލަމުން ސަލާމުގެ ރައްދުދިނީމެވެ. އެވަގުތު އޭނަގެ ނަމުން އޭނާ ތަޢާރަފްވެލިއެވެ. އަހަރެންގެ ހަތަރު އުދަރެސް އެނބުރުނުކަހަލައެވެ. އޭނާއަކީ ލަންޑަނަށް އުފަން މިލިޔަނަރެއްގެ ދަރިއެކެވެ. މުސްލިމް އާއިލާއަކަށް އުފަން މީހެކެވެ. މަންމަޔަކީ ރާއްޖޭ މީހެކެވެ. ނަމަކީ އެލެކްސްއެވެ. އެއީ ކާކުކަން އަހަންނަށް އެނގުނީ އެވަގުތުއެވެ. އެއި އަހަރެންގެ އެލެކްސްއެވެ. އަހަންނަށް އިނދެވުނީ އޭނާ އަހަރެންގެ އަތުގައި ހިފިގޮތަށެވެ. އެއަތުން ދޫކުރާހިތް ނުވެފައެވެ. މިއޮށްހުރިހާ ދުވަހު އިންތިޒާރުކުރަމުން ގެންދިޔަމީހާ މިއަދު އެއިނީ އަހަރެންގެ ކުރިމަތީގައެވެ. ހާދަރީއްޗެވެ. ހާދަ ފުރިހަމައެވެ. އަހަންނަށް ބަލައިލެވުނީ އޭނާ މެދު އިނގިލީގައި އަޅާފައިއޮތް އަނގޮޓިއަށެވެ. އެއީ ހަމަ އެއަނގޮޓިއެވެ. އަހަރުމެންގެ އެންގޭޖްމެންޓް ރިންގެވެ. އޭގައި ވަނީ އަހަރެންގެ ކުރީގެ ނަމެވެ ލާރާއެވެ. އެފަޑު އަދިރީގައިވެސް އަހަންނަށް އެއީ ހަމަ އެއަނގޮޓިކަން ފާހަނގަ ކުރެވުނެވެ.

އަހަރެން އިނީ އެލެކްސްގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާ ދައްކާ ވާހަކަތައް އަހަންނަށް ނީވޭކަހަލައެވެ. އެއިރުވެސް އަހަރެން ހުރީ އޭނާ ސަލާމްކުރި ގޮތަށެވެ. އަހަރެން ބަލަމުން ގެންދިޔައީ އޭނާ ވާހަކަދައްކަމުން ގެންދިޔަ ހަލުވި ތުންފަތަށެވެ. އޭނާ ކިޔާ ނުކިޔާ އެއްޗެއް އަހަންނަކަށް ނޭނގެއެވެ. ވީ އުފަލެއް ބަރުދާސްތުކުރަން ނޭގިފައި ގަނޑުވެފައި އަހަރެން އިންދާ އެލެކްސް އަހަރެންގެ އަތުގައި ހިފާފައި ތަޅުވާލިއެވެ. އެވަގުތު އަހަރެންގެ ހަށިގަނޑަށް ދިރުން އައިކަހަލައެވެ. އެލެކްސް އަހަރެންގެ އަތުން ދޫކޮށްލަމުން އޯކޭހޭ އަހާލިއެވެ. އަހަރެން އާއެކޭ ބުނީމެވެ. ހިތަށްއެރިއެވެ. މިއަތަކުން ދެން ކާހިތެއްވެސް ނުވާނެވެ. ދެރަކަމަކީ އެލެކްސްއަށް އަހަރެން ނޭނގުނުކަމެވެ. މައްސލައެއްނެތެވެ. އަހަރެން ބޭނުންވީ އޭނަޔަށް ސަޕްރައިޒެއް ދޭންށެވެ. އަހަރެން އަހަރެންގެ ވާހަކަތަކާއިގެން މަސްޢޫލުވެލީމެވެ. އަހަރެން ބޭނުންވީ އޭނަގެ ޙަޔާތާއިމެދު އޮޅުންފިލުވުމެވެ. އެއީ އެއޮށް ކުޑަވަގުތުކޮޅުގައިވެސް އެލެކްސް އަހަންނާއި ރަޙްމަތްތެލިވީލެއް އަވަސްކަމުންނެވެ. އޭނާ ވަރަށް ހިތްހެވެއެވެ. ވަރަށް އޯގާތެރިއެވެ. އަހަރެން ލަންޑަނަށް ގެންދަނީ ކީއްވެތޯ އަހަރެން ސުވާލުކުރީމެވެ. އޭނާ ޖަވާބުދިނީ އަހަރެން ބޭނުންވި ގޮތަކަށް ނޫނެވެ. އެލެކްސް ބުނީ އަހަރެން އެކޮޅަށް ގެންގޮސް އޭނާ ޖަވާބު ދޭނެކަމަށެވެ.

އަހަންނަކީ ލާރާކަން އެލެކްސަށް ކުޑަކޮށްވެސް ޝައްކެއް ނުވިއެވެ. އޭނާ އަހަންނާއި ބެހޭގޮތުންވެސް ސުވާލުކުރިއެވެ. އަހަންނަށް ޖެހުނީ ދޮގު ހަދާށެވެ. އަހަރެން ބުނިގޮތުގައި އަހަރެންގެ މަންމަޔާއި ބައްޕަޔަކީވެސް ރާއްޖެ ބައެކެވެ. އެކަމަކު އޭނަގެ ސުވާލަކަށްވީ އަހަންނާއި ޔޫރަޕް އެހެންކުދިންނާއި އެއްވެސް ތަފާތެއް ނެތްކަމެވެ. އެއީ ކީއްވެތޯއެވެ؟ އަހަރެންގެ ޖަވާބަކަށްވީ ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމެވެ. އޭނަޔަށް ގަބޫލުކުރަން ދަތިވިއެވެ. އަހަރެން ބުނީމެވެ. ހަމަމިކަހަލަ ކުދިން މިރާއްޖޭގައިވެސް އުޅެއެވެ. އެލެކްއަށް އަދި ނުފެންނަނީއެވެ. އެލެކްސް ބުންޏެވެ. ''އަހަރެން ރާއްޖޭގައި މަސައްކަތް ކުރާތާ ފަސްއަހަރު ވެއްޖެ. އަހަރެން މިތަނަށް އައުމުގެ ވަރަށްބޮޑު މަޤްސަދެއްވެސް އެބައޮތް. އެކަމަކު ތިކަހަލަ ކުއްޖެއް މިރާއްޖެއަކުން އަހަރެން ނުދެކެން.'' ''އެއީ މިކަހަލަ ކުއްޖެއް ހޯދަންތަ ރާއްޖެއައީ؟ އަހަރެންގެ ސުވާލުން އެލެކްސް ސިހުނެވެ. ''އާނނ..... ކީކޭ؟ ކިހިނެއް އެނގުނީ؟...''އެލެކްސް އަޅައަޅައިގަންނަމުން އަހާލިއެވެ. ''އެލެކްސް ޖަވާބުދިންގޮތުން ހީވީ...'' އަހަރެން ކަންބޮޑުވިއެވެ. އަވަހަށް ވާހަކަ އޮޅުވާލެވޭތޯ ބެލީމެވެ.

އަހަންނަށް ޔަގީންވީ އެވަގުތުއެވެ. އެލެކްސް ރާއްޖެ އައިސްގެން އުޅެނީ އޭނަގެ ގެއްލިފައިވާ ލޯބި ހޯދުމަށެވެ. އަހަރެން އުފަލުން ފޮޅުނީމެވެ. އެކަމަކު މޫނުމައްޗަށް އެކަމުގެ އަސަރެއް ނުގެންނަމެވެ. އެއީ އެލެކްސްއަށް އަހަރެންގެ އެންމެ އިޝާރާތަކުން އަހަންނަކީ ލާރާކަން އެނގޭނެތީއެވެ. އެއީ އަހަރެންގެ މޫނުމައްޗަށް ހިނިތުންވުން އަންނައިރު ވާތްފަރާތުގެ ކޮލުގައި އިންނަ އަޑިކޮޅުގެ ތެރޭގައި އިންނަ ކަޅުތިލައިންނެވެ. މިހާރުވެސް މުޅިމޫނުގައި އިންނަ ހަމައެކަނި ކަޅުތިލައަކީ އެއީއެވެ. މޫނުމައްޗަށް ވަރުގަދަ ހިނިތުންވުމެއް ގެނެސްސިއްޔާ އަހަރެން ފަޅާއަރާނެވެ. އެލެކްސް ކުރީގައި އަބަދުވެސް ބުނެއެވެ. އަހަރެން ނޫން އެހެންމީހެއްގެ މޫނަކުން އޭނަ އެކަހަލަ ފުރިހަމަކަމެއް ނުދެކެމެވެ.

އެލެކްސް ވަރަށްގިނަ ވާހަކަތައް އަހަންނާއި ދެއްކިއެވެ. އަދި ޖެހިގެން އަންނަ ހަފްތާގައި ފުރާވާހަކަވެސް ބުންޏެވެ. އޭނާ ލާރާއާއި ބެހޭގޮތުން އިތުރުވާހަކައެއް އަހަރެން ގާތަކު ނާހައެވެ. އަހަރެންވެސް ނާހަމެވެ. އޭނާޔަށް ޝައްކުވެދާނެތީއެވެ. އޭނާ އަހަރެން ރޫމާއިހަމަޔަށް ގެންގޮސްދިނެވެ. އަދި ގުޑްނައިޓްއޭ ބުނެފައި މާދަމާ ބައްދަލުވާނެކަމަށް ބުނެފައި ފަސްދީ ހިނގައިގަތެވެ. އަހަރެން ދޮރުކައިރީގައި އެލެކްސް ގޮސް ގެއްލެންދެން އޭނަޔަށް ބަލަންހުރީމެވެ. އޭނާހުރީ ކުރުޝޯޓެއް ލައިގެންނެވެ. ޓީޝާޓް ކޮނޑުމަތީގައި ބާއްވާފައިއޮތެވެ. ދިގުއިސްކޮޅަކާއި ފުރިހަމަ ބައްޓަމަކުން އޭނާގެ ރީތިކަން ހާމަކުރެއެވެ. އަހަންނަށް ހުރެވުނީ ހަމަބަލާށެވެ. ހިތަށްއެރިއެވެ. މާދަމާ އިރުއަރާނީ ކޮންވަގުތަކުބާވައެވެ. އަހަރެން ކޮޓަރިއަށް ވަނީމެވެ. ހެދުންބަދަލުކޮށް އެނދުގައި ޖައްސާލީ ނިދޭތޯއެވެ. އެކަމަކުވެސް ނިދޭގޮތެއް ނުވިއެވެ. ގަޑިން ތިނެއް ޖެހީވެސް ދެފަރާތަށް ފުރޮޅި ފުރޮޅި އޮއްވައެވެ. ހިތުގައި އެތަކެއް ހުވަފެންތަކެއް ފުރިހަމަކުރުމުގެ އުންމީދު އާލާވިއެވެ. އަހަރެންބެ ލޯބިވެރިޔާ، އަހަރެންގެ ވާންއުޅޭ ފިރިމީހާ މިއަދު އެވަނީ އަހަރެންގެ ނަޒަރުގައެވެ. އޭނާޔަށް އަހަންނަކީ ލާރާކަން އެނގޭ ދުވަހަކުން ކިހިނެއްވާނެބާއެވެ؟ އެކަމަކު ހިނިތުންވުމެއްނެތި އޭނަގެ ކުރިމަތީގައި އުޅެން ހާދަ އުނދަގޫ ވާނެބާއޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެންގެ ލޯބި ކިހާ ދުވަހެއްވަންދެން ފޮރުވައިގެން ގެންގުޅެވޭނެ ހެއްޔެވެ؟ އަހަރެންގެ ހިނިތުންވުން ކިހާދުވަހަކަށް ސިއްރުކުރެވޭނެ ހެއްޔެވެ؟ މިކަހަލަ ސުވާލުތަކުން ސިކުޑި ބަރުވުމުން އަހަރެން ތެދުވެ ފޮށީގައި ހުރި ސިޓީތައް އެނދުމައްޗަށް އޮސާލީމެވެ. ދެއަހަރުވަންދެން ކިޔަސް ހުސްނުވާނެހާ ބައިވަރު ހުއްޓެވެ. އަހަރެން ސިޓީތައް ރީތިކޮށް ތަރުތީބުކޮށްފައި ފޮށްޓަށް އަޅައި ދެންވެސް އޮށޯތީ ނިދޭތޯއެވެ. ފޮނިހުވަފެންތަކުގެ ޚިޔާލުގައި އޮށްވައި އަހަންނަށް ނިދުނުއިރެއްވެސް ނޭނގެއެވެ.

މާގިނައިރުތަކެއްނުވެ އަހަންނަށް ހޭލެވުނެވެ. އަހަރެން ގަޑި ބަލައިލީމެވެ. ހެނދުނު ހަތެއްޖަހީއެވެ. އެއީ އަހަންނަށް ހީވިގޮތެވެ. ނިދުނީ ދެންމެއަކުހެންނެވެ. އަހަރެން ހަނދާންވީ މާމަ މަތިންނެވެ. މިގަޑިއަކީ އަހަރެން ރަށުގޭގައި މާމައާއިއެކު ރޮށިފިހަން ހުންނަގަޑިއެވެ. މާމަމަތިން ހަނދާންވުމުން އަހަރެން ދެރަވިއެވެ. އަހަރެން މޯޅިއަކަށް ދެމިލީމެވެ. ކުއްލިއަކަށް ރޭގެ ހަނދާންތައް އާވިއެވެ. ދުވެފައި ކަހަލަގޮތަކަށް އަހަންނަށް ބޭރަށް ނުކުމެވުނެވެ. އެއްކަލަ ދޮންވެލިގަނޑުމަތީގައި ހިނގާފައި އަހަރެން މިސްރާބުޖެހީ ދެމީހުން ވާހަކަދައްކަން ތިބިތަނާއި ދިމާލަށެވެ. އަހަންނަށް އަދިވެސް ގަބޫލުކުރަން ދަތިވިއެވެ. އެއީ ހުވަފެނެއް ނޫންބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ރޭގައި ވެހުނު ވާރޭގެ އަސަރުތައް ގަސްގަހުގެ ފަތްތަކުން ފާޅުވާން ހުއްޓެވެ. ކަނޑުގެ ލޮނުގަނޑު ރަން ސާލެއްހެން ވިދަމުންދިޔައެވެ. އަހަރެންގޮސް ހުއްޓުނީ ދެމީހުން އިށީދެނގެން ތިބި ތަނަށެވެ. މިއީ ހަމައެތަނޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެންގެ މޮޔަކަމާއިމެދު އަހަންނަށް ހެވުނެވެ. އެވަގުތު އެނބުރި ކޮޓަރިއަށް ދާން އެނގޭނެބާވައޭ ހިތަށްއެރިއެވެ. ގެސްޓުންގެ މީހުން ހެނދުނު ހެނދުނާ ސަންބެޑްމަތީގައި ތިބިތަން އަހަންނަށް ފެނުނެވެ. އެމީހުން ތިބިގޮތް ފެނިފައި އަހަންނަށް ޝަހާދަތް ކިޔާލެވުނެވެ. އަވަހަށް އެތަނުން ދިޔައީމެވެ. ނަސީބަކުން ކޮޓަރިއަށްދާން އެނގުނެވެ. ރޫމްނަންބަރ ތޭވީހަށެވެ.

ރޫމަށްވަދެ އަހަރެން ފްރެޝްވެލީމެވެ. ތައްޔާރުވެ ނިމުނުތަނާހެން މީހަކު ދޮރުގައި ޓަކިޖަހާލިއެވެ. އަހަރެން ދޮރުހުޅުވާ ބަލާލިއިރު ދޮރުމަތީގައިހުރީ .................. (ނުނިމޭ)