Readers

Welcome to the blog of Zoyasham Stories. Here I've shared my long Dhivehi Stories with you. My blogs are made for those who are interested in reading dhivehi (specially fiction) stories. I hope you will love my all works and help me to write more. Please do comment to improve my writings. Make reading as a habit. It will improve your knowledge and language. Take your time well and enjoy reading stories.

Monday, November 19, 2012

Mulhi Umurahves Loabi Vaanameve...... (09)


މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.... (ނުވަވަނަ ބައި)

(އަށްވަނަ ބަޔާއިގުޅޭ)..............
 
ކޮޓަރިޔާއި ހަމަޔަށް ދިޔަތަނުން ޖެހިގެން ހުރި ކޮޓަރިން އަންހެން ކުއްޖަކު ނުކުތެވެ. ހިމަތޮޅި ރީތި ދޮން ކުއްޖެކެވެ. ލައިގެންހުރީ ޒަމާނީ ހެދުމެކެވެ. ކުރުކޮށް ކޮށާފައިވާ ބުޅިއިސްތަށިގަނޑު އޭނަގެ މޫނާއި ވަރަށް ގުޅެއެވެ. އަހަރުމެން އެންމެނަށްވެސް އެދިމާލަށް ބަލާލެވުނެވެ. އެކުއްޖާ ހިނިތުންވެލާފައި އަހަރުމެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ''އެއީ ނުހާ... އަހަރެންގެ ކޮއްކޮ.....'' ސަމާހު ކޮޓަރިތެރެއަށް ވަންނަމުން މިހެންބުނެލުމާއިއެކު އެއީ ސީމައްތަގެ ތިންވަނަ ދަރިފުޅުކަން އަހަންނަށް އެނގުނެވެ. ސަމާހު އިތުރު ކަމަކަށް ބޭނުންވެއްޖިއްޔާ ބުނެލުމަށް ބުނެފައި ކޮޓަރިން ދިޔައެވެ.

ކޮޓަރިއަކީ ވަރަށް ތަނަވަސް ދެކޮޓަރިވަރުގެ ބޮޑުކޮޓަރިއެކެވެ. ކޮޓަރީގެ ދެފަރާތުގައި ޑަބަލްއެނދު ދެއެނދު ބެހެއްޓިފައި ހުއްޓެވެ. ދެއަލަމާރިވެސް ދެފަރާތުގައި ހުއްޓެވެ. މެދުގައި ސޯފާސެޓެއް ބެހެއްޓިފައި ހުއްޓެވެ. އަދި ޓީވީއަކާއިއެކު ކޮމްޕިއުޓަރ މޭޒެއްވެސް އެއްފަރާތުގައި ހުއްޓެވެ. އަހަރެން ނިހާލުމެންނާއި ކުޑަކޮށް ވާހަކަދައްކާލަން އިނދެފައި ފާޚަނާޔަށް ވަދެލާފައި އައިސް ޖައްސާލީ އެނދުގައެވެ. ނިހާލުމެން އޭރު ޓީވީ ޖައްސާލައިގެން ތިއްބެވެ. އިރުކޮޅަކުން އުބެއިދުބޭ ކޮޓަރިޔަށް އައެވެ. ހެދުނުގެ ނާސްތާކުރަން އަހަރުމެން ހޯދާށެވެ. އަހަރެން ބޭނުންވީ ނިދާށެވެ. އެހެންވެ އުބެއިދުބޭ ނިހާލުމެން ގޮވައިގެން ނާސްތާކުރަން ދިޔައެވެ.  ވެފައިވާ ވަރުބަލި ކަމާއިއެކު އަހަރެން ހަމަ ޖައްސާލުމާއިއެކު މާގިނައިރުތަކެއްނުވެ ނިދުނެވެ. އަރާމު ފުންނިންޖަކުންނެވެ. އަހަރެން ނިދުނީ ތޫގެ ޚިޔާލުގައި އޮވެއެވެ.

ދެޖީބަށް އަތްޖަހައިލައިގެން މަޑުމަޑުން ހިނަގާލާފައި އައިސް އަހަންނަށް ނުކުމެވުނީ އަތިރި މައްޗަށެވެ. އަހަންނަށް ވަށައިގެން ހޯދާލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭރުވަނީ އިރުއޮއްސެން ކައިރިވެފައެވެ. އިރުގެ ރަން ދޯދިތައް ވިލާތަކަށް އެޅިފައިވީއިރު ހީވަނީ  ކުރެހުންތެރިޔަކު ކުރާހާފައިވާ ހިތްގައިމު ރީތި ޚިޔާލީ މަންޒަރެއް ހެންނެވެ. މަޑު ހުދު ހިމުން ދޮންވެލިގަނޑާއި މަޑުނޫކުލައިގެ ބިއްލޫރިކޮޅެއްފަދަ ސާފު މޫދުގެ ލޮނުގަނޑު، ދިވެރިރާއްޖޭގެ ހިތްގައިމު ޤުދްރަތްތެރިކަމަށް ތަޢުރީފު ކުރާހާ ވަރުވެއެވެ. އަހަރެންގެ ޚިޔާލަށް ކުއްލިއަކަށް އައީ ތޫއެވެ. މިފަދަ ހިތްގައިމު މަންޒަރަކީ ތޫ ގެ ހިތަށް އަބަދުވެސް އުފާވެރިކަން ގެނެސްދޭ މަންޒރެކެވެ. އެކަނިވެރިވާ ވަގުތުތަކުގައި ޚިޔާލުތަކާއި ދުރަށް ދިޔުމަށް ތޫ އަބަދުވެސް ރަށުގައި އުޅޭއިރު އިރުއޮއްސޭ ގަޑީގައި އަތިރިޔަށް ދެއެވެ. އާދަޔާއި ޚިލާފު ފިނިވައިރޯޅިއެއް މޫނުގައި ބީހިލުމާއިއެކު ތޫގެ ވަސް އަހަންނަށް އިޙުސާސްކުރެވުނީ ކީއްވެގެން ކަމެއް ނޭގެއެވެ. އަހަރެން އަވަހަށް ފަސްއެނބުރި ބަލާލިއިރު ފެންނަމުންދިޔައީ ފުސް ދުންގަނޑެކެވެ. އަހަރެން އައިއިރު ނެތްއެއްޗެއް މިހާރު އެތަނަށް އައީ ކިހިނެއްހޭ އަހަރެންގެ ހިތަށްއެރިއެވެ. މަޑުމަޑުން އެދުންގަނޑު ދުރަށްދިޔައެވެ. އެއާއިއެކު އެދުންގަނޑު ތެރެއިން މީހަކު ފާޅުވަމުން ދިޔައެވެ. ކައިރިވަމުން ދިޔަވަރަކަށް އެއީ ކާކުކަން އަހަންނަށް އެނގުނެވެ. އަހަރެންގެ މޫނުމައްޗަށް ވަގުތުން ހިނިތުންވުމުގެ އަސަރު ފާޅުވިއެވެ. އެއީ އަހަރެންގެ ހިތުގެ ރާނީއެވެ. އަހަރެންގެ ދިރިއުޅުމަށް އަލިކަން ގެނެސްދޭ ހުޅުކޮޅެވެ. އަހަރެންގެ ދިރިހުރުމުގެ އަސްލެވެ. އަދި އެއީ އަހަރެންގެ ހިތުގެ ތެޅުންވެސްމެއެވެ. އާނއެކެވެ. އެއީ ތޫނޫން ދެވަނަ މީހެއްނޫނެވެ. އަހަރެން ދުވެލާފައިގޮސް ތޫ ކުރިމައްޗަށް ހުއްޓުނީމެވެ. ތޫހުރީ ހެވިލާފައި އަހަންނަށް ބަލަހައްޓައިގެންނެވެ. ލައިގެންހުރި ހުދުކުލައިގެ ހެދުން ތޫއާއި ވަރަށްގުޅެއެވެ. ހީވަނީ ހަމަ ހޫރުޕަރިއެއް ހެންނެވެ. ތޫގެ ދިގު ފަން އިސްތަށިގަނޑު ވަޔާއި ވިހުރެން ދޫކޮށްފައިވެއެވެ. އެއިން ބައެއް އިސްތަށިތައް ތޫގެ އޮމާން މޫނުގައި ދެފަރާތުން ބީހެމުން ދިޔައެވެ. ތޫގެ ހަށިގަނޑުގެ ލުއި މީރުވަސް އެކީ އެކައްޗަކަށް ފަޒާގައި ހަރުލާފައިވެއެވެ. އަހަންނަށް މާނޭވާ ލެވެމުންދިޔައެވެ. ތޫ މަޑުމަޑުން އަހަންނާއި ކައިރިޔަށް ޖެހިލިއެވެ. އަދި އޭނާގެ މަޑުއަތްތިލައިން އަހަރެންގެ ކޯތާފަތުގައި ފިރުމާލިއެވެ. އަހަންނަށް ހީވީ ދުނިޔެ ރަންވިހެންނެވެ. ނޭވާވެސް ވަގުތުން ހަމަޔަކަށް އެޅުނުކަހަލައެވެ. ތޫ މަޑުމަޑުން އަހަރެންގެ ދެއަތުގައި ހިފާލިއެވެ. އަދި އަހަރެން ބުންނަން ބޭނުންވެފައިވާ ވާހަކަޔަކީ ކޮބައިތޯ އަހާލިއެވެ. އެވަގުތު އަހަރެން ލަދުގަތެވެ. ހީވީ އަހަރެންގެ މަގާމުގައި ހުރީ ތޫހެންނެވެ. އަހަންނަށް އިސްޖަހާލެވުނެވެ. އެވާހަކަ ބުނާނެ ހިތްވަރު ނެތުމުންނެވެ. ތޫ މަޑުމަޑުން އަހަރެންގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން އަހަންނާއި ހަތަރުކަޅި ހަމަކުރިއެވެ. އެވަގުތު އަހަންނަށް ހިތްވަރުލިބުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އަހަރެން ތޫގެ މޫނުގައި ދެއަތުން ހިފާލީމެވެ. އަދި ނުލާހިކު ހަމަޖެހިލައިގެންހުރެ އަހަރެން ތޫދެކެ ވަރަށް ލޯބިވާ ވާހަކަ ބުނީމެވެ. ތޫ ފެނުނު އެންމެ ފުރަތަމަ ދުވަހުންފެށިގެން އަހަރެންގެ ހިތް ތޫއަށް ދެވިފައިވާ ވާހަކަބުނީމެވެ. އާވާރާއެއްފަދައިން ތޫ ހޯދަން މުޅި މާލެތެރޭގައި ދުއްވި ވާހަކަވެސް ބުނީމެވެ. އަހަރެންގެ ހިތުން އެހެންމީހަކަށް ޖާގައެއް ނެތްވާހަކަޔާއި ތޫއާއި ނުލައި އަހަންނަށް ނޫޅެވޭނެވާހަކަވެސް ވަރަށް އަސަރާއިއެކު ބުނީމެވެ. އަހަރެންގެ ވާހަކަތައް އަޑުއަހަން ތޫހުރީ ހިނިތުންވެލައިގެންނެވެ. އެމޫނުމަތިން ހައިރާންކަމުގެ ނުވަތަ ހިންހަމަނުޖެހުމުގެ އަސަރެއްވެސް ފެންނާކަށް ނެތެވެ. ހީވަނީ އަހަރެން ބުނުމުގެ ކުރިންވެސް ތޫއަށް އަހަރެންގެ ހިތުގެ ހާލަތު އެނގޭހެންނެވެ. ނޫނީ ތޫވެސް އަހަރެންދެކެ އިންތިހާޔަށް ލޯބިވާ ހެންނެވެ. އަހަރެންގެ ވާހަކަ ނިމުމާއިއެކު ތޫ ބާރަށް އަހަރެންގެ ހަށިގަނޑުގައި ބައްދާލިއެވެ. އުފަލުން ފޮޅިފައި ހުރެއެވެ. ''އޯހް.....އަޔާ...... އަހަރެންވެސް އަޔާދެކެ އިންތިހާޔަށް ލޯބިވަން.... އަޔާގެ ދުލުން ތިބަސްތައް އަޑުއަހަން އަހަރެން ބޭނުންވެފައިވާތާ ކޮންދުވަހެއް؟ ކީއްވެ ތިހާ ލަސްކުރީ؟...'' ތޫ އަހަރެންގެ ކަންފަތް ކައިރީގައި މަޑުމަޑުން ބުނި ޖުމްލަތައް އަހަންނަށް ގަބޫލުކުރަން ދަތިވިއެވެ. އަދިއެއްފަހަރު އެޖުމްލަތައް ތޫގެ ދުލުން ބުނާއަޑު އަހަން އަހަރެން ބޭނުންވިއެވެ. އެހެންވެ ދެވަނަފަހަރަށް އެބުނިއެއްޗެއް ތަކުރާރު ކޮށްލުމަށް ތޫގެ ކައިރިން އަހަރެން އެދުނީމެވެ. ތޫ އަހަރެންގެ ހަށިގަނޑުން ދޫކޮށްލުމަށްފަހު މުޅިހިސާބަށް އަޑުއިވޭ ވަރަށް ބާރަށް އޭނާ އަހަރެންދެކެ ލޯބިވާ ވާހަކަ ބުންޏެވެ. އެވަގުތު އަހަންނަށް ލިބުނު އުފާވެރިކަން ބަޔާންކުރަން ދައްޗެވެ. އަހަރެންގެ ނަސީބު އެހާރަނގަޅުވެދާނެކަމަށް އަހަރެން ހީވެސް ނުކުރަމެވެ. ތޫ އަނެއްކާވެސް އަހަރެން ގައިގައި ބައްދާލިއެވެ. އަހަރެންވެސް އެއްއަތުން ތޫގެ އުނަގަނޑުގައި ހިފާ ބާރުކޮށްލަމުން އަނެއްއަތުން އޭނާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައީމެވެ. ގަބޫލުކުރަން ދަތިވެފައިވާހާލުގައި އަހަންނަށް މިއީ ހުވަފެނެއް ނޫންހޭ ތޫކައިރިން އަހާލެވުނެވެ. ތޫ އަހަރެންގެ މޫނާއި މޫނުޖައްސަމުން ޔަގިން ނުވަނީހޭ އަހާލިއެވެ. އަހަރެން މަޑުމަޑުން ތޫގެ ނިތްކުރިއަށް ބޮސްދިނީމެވެ. ތޫހުރީ ދެލޯމަރައިގެންނެވެ. ''އަހަންނަށް އަދިވެސް ޔަގީނެއްނުވޭ މިއީ ހަގީގަތެއްކަމަށް.....'' އަހަރެން މިހެން ބުނެލުމާއިއެކު ތޫ ދެލޯ ހުޅުވާ ބަލާލިއެވެ. ''މިއީ ހުވަފެނަކަށް ވިޔަސް ހަގީގަތަކީ އަހަރެން ހަމައެކަނި ލޯބިވަނީ އަޔާދެކެކަން... މިހިތުން އެހެންމީހަކަށް ޖާގައެއް ނުދެވޭނެ. އަހަންނަކީ ހަމައެކަނި އަޔާގެ މިލްކެއް....'' ތޫ އަހަރެންގެ މޭމަތީގައި ލޯބިން ބޯއަޅާލިއެވެ. ''ދިރިއުޅުމުގައި ކޮންމެފަދަ ހަނގުރާމައަކާއި ކުރިމަތިލާންޖެހުނަސް އަހަރެން ދޫކޮށްނުލާތި.. އަހަރެން އަބަދުވެސް މިގޮތުގައި އަޔާއާއިއެކު ވާނަން.. އަޔާދެކެ ލޯބިވާނަން....'' ތޫ މިހާހިސާބަށް ބުނިތަނާ އަހަރެން އޭނާ ދުރުކޮށްލަމުން އޭނާގެ އަނގަމަތީގައި އަތްއެޅީމެވެ. ''ތިހެން ނުބުނާތި. ދިރިއުޅުމުގައި ތޫ ދޫކޮށްލަން ޖެހޭވަރުގެ އެއްވެސްކަމަކާއި އަހަރެން ކުރިމަތިލާކަށް ނުޖެހޭނެ. އެފަދަ ކަމެއް މެދުވެރިވިޔަސް އަހަރެން އިޚްތިޔާރު ކުރާނީ ތޫ. ތިއީ އަހަރެންގެ ފުރާނަ. އަހަރެންގެ ދިރިހުރުމުގެ އަސްލު. އަހަންނަށް ތޫއާއި ނުލައި ނޫޅެވޭނެ. ތޫއާއި ވަކިން ދިރިއުޅޭނެ ގޮތެއް އަހަރެންގެ ޚިޔާލަކަށްވެސް ނާދޭ....'' ތޫ އަހަރެންގެ އަތް ނަގަމުން އެއަތަށް ލޯބިން ބޮސްދިނެވެ. އަދި ދޮންވެލިގަނޑުމަތީގައ އިށީންނަމުން އަހަރެން އޭނާކައިރީގައި އިށީނުމަށް އެދުނެވެ. އަހަރެން އިށީނީމެވެ. ތޫއާއި ވަރަށް ކައިރީގައެވެ. އޭރުވަނީ އިރުއޮއްސިފައެވެ. ހަނދާއި ތަރިތަކުގެ އަލިން ދުނިޔެމަތި ވަނީ އުޖާލާވެފައެވެ. ''އަބަދުވެސް ހަނދާންކުރާތި. ލޯތްބަކީ ވަރަށް ފޮނިއެއްޗެއް. އަދި އެހާމެ ހިތިވެސް އެއްޗެއްމެ. ހިތިކަން ތަހައްމަލް ކުރަންޖެހުނަސް ހިތްވަރުދެރަނުކުރާތި.... ދިރިއުޅުން މަތިން ފޫހިނުވާތި... އެލޯތްބަށްޓަކައި ދިރިއުޅުން ކުރިޔަށް ގެންދާތި..... ލޯބިވާ ލޯބިވެރިއެއްގެ އެންމެ ހިނިތުންވުމެއްގެ ހަނދާނުގައިވެސް މުޅި އުމުރުހޭދަކޮށްލެވިދާނެ. އެއީ ތެދުވެރި ލޯބިކަމަށްވަންޏާމުން...'' ތޫ ދައްކަމުންދިޔަ އަގުހުރި ވާހަކަތައް އަޑުއަހަން އަހަރެން އިނީ އޭނާޔަށް ބަލަހައްޓައިގެންނެވެ. ތޫ އަހަންނާއި ދިމާލަށް ހިނތުންވުމާއިއެކު ބަލާލިއެވެ. ''ތިހާ މޮޅެތި ވާހަކަތައް ދަސްކުރީ ކޮންތާކުން؟'' ތޫގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އެއްފަރާތްކޮށްލަމުން އަހަރެން އޭނާގެ ކޯތާފަތުގައި ދެއިނގިލިން ފިރުމާލީމެވެ. ''ލޯތްބަކީ ދުނިޔޭގައިވާ އެންމެ ބާރުގަދަ ހަތިޔާރު.. އެލޯބި ހިތުގައި އަށަގެންފިއްޔާމުން ދިރިއުޅުމުގައި މީހާޔަށް ހުރިހާ ކަމެއް ދަސްވެގެންދާނެ.... އެހެޔޮ ދުވަހަކު ނުދަންނަކަމަކަށް ވިޔަސް...'' ތޫ ހެމުން ހެމުން ބުނެލިއެވެ. އަހަންނަށްވެސް ހެވުނެވެ. އަހަންނަށް މަޑުމަޑުން ތޫގެ މޫނާއި މޫނު ކައިރިކޮށްލެވުނެވެ. ދެމީހުންގެވެސް ހިތު ތެޅުން އަވަސްވެފައި ނޭވާ އަވަސްވިއެވެ. ތޫގެ މަޑުފިޔާތޮށިކުލައިގެ ތުންފަތަށް ބަލާލަމުން އަހަރެން އޭނަޔާއި ހަތަރުކަޅި ހަމަކުރީމެވެ. ކަމަކަށް ހުއްދަދޭ ފަދައިން ތޫ މަޑުމަޑުން ދެލޯ މަރާލިއެވެ. އަހަރެން ކުރިއަށްވުރެ ތޫއާއި ކައިރިވެލީމެވެ.

ސިއްސައިގެން ގޮސްފައި އަހަންނަށް ހޭލެވުނީ ބާރު އަޑެއް އިވުމުންނެވެ. ދެލޯ ރަނގަޅަށް ހުޅުވާ ބަލާލިއިރު އަހަރެން އޮތީ ނިދަން އޮތްގޮތަށް އެނދުގައެވެ. އިވުނީ ކޮންއަޑެއްތޯ ބަލާލިއިރު ސޯފާ މޭޒުމަތީގައި ބަހައްޓާފައިހުރި ބިއްލޫރި ޖަގެއް ވެއްޓި ތެޅުނީއެވެ. ފާރިޝްއާއި ސަމާހުއާއި ދެމީހުން އެސާފުކުރުމުގެ މަސައްކަތުގައި އުޅުނެވެ. އަހަންނަށް ގަޑިބަލާލެވުނެވެ. އޭރު ބާރަޖަހަން ކައިރިވަނީއެވެ. ލޮލަށް އަދިވެސް ނިދި ބަރުވެފައި ވުމާއިއެކު އަހަރެން އެނދުން ތެދުނުވެ އޮތްގޮތަށް އޮތީމެވެ. ފެނުނު ހުވަފެން މަތިން ހަނދާންވީ ދެނެވެ. އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. އަދި ދެލޯ ބޮޑުކޮށްލެވުނެވެ. ނިދިވެސް އެއްކޮށް ފިލާދިޔަ ކަހަލައެވެ. ހުވަފެނުގައި ވީކަންތައް ފޮޓޯތަކެއްހެން ކުރިމަތީގައި ފެންނަމުންދިޔައެވެ. ކިހާ ފޮނި އުފާވެރި ހުވަފެނެއް ހެއްޔެވެ! އަހަރެންގެ ހިތުގައިވާއެއްޗެއް ހުވަފެނުންވެސް ފެނުނީއެވެ. އެހުވަފެނުގައި ފެނުނުގޮތަށް ހަގީގަތަށް އެކަން އެގޮތަށް ވާނެނަމަ ކިހާ ރަނގަޅުހެއްޔެވެ! ހުވަފެން ކިތަންމެ ފޮނިވިޔަސް އަހަރެން ހުރީ ހާސްވެފައެވެ. މުޅިގައިން ދާހިއްލާފައެވެ. ހިތުގައި އުފެދުނު ނޭނގޭ ބިރުވެރިކަމެއްގެ ސަބަބުންނެވެ. ފެށުނީއްސުރެ އަހަންނަށް އަބަދުވެސް އެކިއެކި ކަންކަމާއި ގުޅިގެން ހުވަފެން ފެނެވެ. އަބަދުވެސް ހަގީގަތަށް ކަންތައްވަނީ އަހަންނަށް ފެންނަ ހުވަފެންތަކާއި އިދިކޮޅަށެވެ. އެއީ ހަގީގަތުގައި ވާގޮތްކަމެއް ނޫނީ އަހަންނަށް އަބަދުވެސް އެގޮތަށް ވިސްނޭތީ ވާގޮތެއް ކަމެއް ނޭގެއެވެ. އެނގޭހާވެސް އެއްޗަކީ އަހަންނަށް ހުވަފެނެއް ފެނިއްޖެނަމަ އަބަދުވެސް އަހަރެން ކުރިމަތިލާންޖެހޭނީ އޭގެ އިދިކޮޅެވެ. އަހަރެން މާޔޫސްވިއެވެ. މީހާ ފެންކަޅިވިއެވެ. އޭގެ މާނަޔަކީ ތޫއަހަރެންގެ ދެކެ ލޯބި ނުވުން ހެއްޔެވެ! ނޫނީ ތޫ އަހަރެންގެ ލޯބި ގަބޫލު ނުކުރުން ހެއްޔެވެ! ނޫނީ ތޫ އެހެންމީހަކު ދެކެ......... އަހަރެންގެ ސިކުޑިއަށް އަރާ ފައިބަމުންދިޔަ ވާހަކަތައް އަހަރެން ހުއްޓުވީމެވެ. ....................... (ނުނިމޭ)