Readers

Welcome to the blog of Zoyasham Stories. Here I've shared my long Dhivehi Stories with you. My blogs are made for those who are interested in reading dhivehi (specially fiction) stories. I hope you will love my all works and help me to write more. Please do comment to improve my writings. Make reading as a habit. It will improve your knowledge and language. Take your time well and enjoy reading stories.

Sunday, September 30, 2012

Mulhi Umurahves Loabi Vaanameve...... (07)

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.... (ހަތްވަނަ ބައި)

(ހަވަނަ ބަޔާއިގުޅޭ)..............

އެހެންވެ ދެވަނަފަހަރަށްވެސް އަހަރެން ތޫދެކެ ލޯބިވާވާހަކަ ބުނީމެވެ. ތޫއަހަރެންގެ މީހަކަށް މުޅިއުމުރަށް ހަދަން ބޭނުންވާ ވާހަކަ ބުނީމެވެ. ތޫއާއި އެންމެ ފުރަތަމަ ބައްދަލުވީ ދުވަހުން ފެށިގެން ހުރިހާ ވާހަކައެއްވެސް ކިޔައިދިނީމެވެ. އަހަންނަށް ހީވީ އެއްނޭވައިން ހުރިހާ ވާހަކައެއް ކިޔައިދެވުނުހެންނެވެ. ހިތް އަވަސްވެފައިވާލެއް ބޮޑުކަމުންނެވެ. ލޯބިވާވާހަކަ ދުލާއިހަމަޔަށް ގެނެވުމުން އަހަރެންގެ ހިތަށް ވަރަށް ހިންހަމަޖެހުން ލިބުނެވެ. ނަމަވެސް އެހާވަރަށް ހިތް ނުތަވަސްވެސް ވިއެވެ. ތޫގެ ޖަވާބެއް ނޭނގޭތީއެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ ތޫގެ ޖަވާބަކަށެވެ.

އަހަންނަށް ސިހިފައި ލޯހުޅުވާލެވުނީ ފްލައިޓަށް އެރި ލޮޅުންގަނޑަކުންނެވެ. އަހަރެން ބޭރުބަލާލީމެވެ. އަނދިރިކަމުން ތަނެއް ފެންނަވަރުނުވިޔަސް ގަދަޔަށް ވިދަމުންދިޔަކަން އެނގުނެވެ. ވިދުވަރުގެ އަލިން ކޮޅިގިނަވެފައި ވާރޭވެހެމުން ދިޔަކަންވެސް އަހަންނަށް އެނގުނެވެ. އެވަގުތު ކެބިންކުރޫއެއް އައިސް އަހަރެން ކައިރީގައި އެއްވެސް އެއްޗެއް ބޭނުންތޯއޭ އަހާލިއެވެ. އަހަރެން ހަމައެކަނި ފެއްތައްޓަކަށް އެދުނީމެވެ. ގަޑިބަލާލުމުން ފްލައިޓް ޖައްސަން ކައިރިވެއްޖެކަން އަހަންނަށް އެނގުނެވެ. މާގިނައިރުތަކެއްނުވެ ފްލައިޓް ލަންކާގެ ބަންޑާރަނައިކް އެއަރޕޯޓުގައި ޖެއްސިއެވެ. މެލޭޝިޔާއަށް ދާން ފުރުންއޮތީ އަދި ތިންގަޑިއިރު ފަހުންކަމަށް ވުމާއިއެކު ފަސިންޖަރުންނަށް ޖެހުނީ ލޮބީގައި މަޑުކޮށްލާށެވެ. އެތާގައި އަހަރެން ބޭރަށް ނޮގޮސް މަޑުކޮށްލީ އަހަރެން އިތުރުކަމެއް ކުރާހިތް ނުވާތީއެވެ. ބަނޑުހައިވިޔަސް އަހަރެންހުރީ ކާހިތް ނުވެފައެވެ. އެހެންމީހުން އެކިއެކި ކަންކަމުގައި ބޭރަށް ނުކުމެ އުޅުނެވެ. ލޮބީ ފިނިކަމުން އަހަރެން ހުރީވެސް ކުޑަކޮށް ފިނިވެފައެވެ. އަހަރެން ގޮސް ޖައްސާލީ އެންމެ ފަހަތުގައި ހުރި ސޯފާބަރީގައެވެ. ކުރާނެ އިތުރު ކަމެއް ނެތުމާއިއެކު އަހަރެން ލެޕްޓޮޕް ނަގައިގެން ހުޅުވާލީ ވަގުތު ކުރުކޮށްލުމުގެ ގޮތުންނެވެ. ނަމަވެސް ޑެކްސްޓޮޕްގައި އިން ތޫގެފޮޓޯ ފެނުމާއިއެކު އަހަރެން ހުއްޓުން އެރިއެވެ. އިތުރުކަމެއް ކުރާހިތެއް ނުވިއެވެ. އެރީތިކަމަށް ހިތާއިހިތުން ތަޢުރީފުކުރަމުން އެމޫނަށް ބަލަހައްޓައިގެން އަހަރެން އިނދެވުނެވެ. އިނދެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. އަހަންނަށް ހީވީ ތޫ އަހަރެންގެ ކުރިމަތީގައި ހެވިލާފައި އަހަންނާއި ދިމާލަށް ބަލަހައްޓައިގެން އިންހެންނެވެ. ހަގީގަތެއް ނޫންކަން އެނގުނީ ކައިރިންދިޔަ  ކުޑަކުއްޖަކު ފައިގައި އަޅާފައި ވެއްޓުމުންނެވެ. ވެއްޓުނުހާ އަވަހަށް އެކުއްޖާ ތެދުވެގެން ހިނގައިގަތެވެ. އެކުއްޖާގެ މީހުން ދުރުގައި ހީ...ހީފައި ބަލަންތިއްބެވެ. އަހަރެންގެ މޫނަށްވެސް ކުޑަ ހިނދުކޮޅަކަށްނަމަވެސް ހިތުންވުމުގެ އަސަރު ފާޅުވިއެވެ. އެކުޑަ މައުސޫމު ކުއްޖާގެ ހަރަކާތްތައް ފެނުމުންނެވެ. އެއަށްފަހު އަހަރެން ފެންކަޅިވިއެވެ. ތޫއަށް ބަލާލުމުންނެވެ. އަހަރެންގެ ފެންކަޅިވެފައިވާ މޫނުން އަހަރެންގެ ހިތުގެ ހާލަތު ރީއްޗަށް ފެންނަމުންދިޔައެވެ. އަހަރެން މަޑުމަޑުން ތޫގެ މޫނުގައި އަތް ކާއްތާލީމެވެ. ތުންފަތާއިހަމަޔަށް އަތްގެނެސް އަހަންނަށް ހުއްޓެވުނެވެ. މަޑު ފިޔާތޮށިކުލައިގެ އެތުންފަތުގައި އަހަންނަށް ހީވީ ހަގީގަތުގައިވެސް އަހަންނަށް ބީހެވުނުހެންނެވެ. އަހަރެންގެ ހުރިހާ އިސްތައްޓެއް ކޮޅަށްޖެހުނެވެ. ހިތުގެ ވިންދު އަވަސްވިއެވެ. އަހަރެންގެ ހަނދާނަށް އައީ ތޫއާއިއެކު އަހަރެން ހޭދަކުރި އުފާވެރި ވަގުތުކޮޅެއްގެ ހަނދާނެވެ. އެއީ ދުވަހަކު އަހަރެން ހިތުން ފިލައިގެން ނުދާނޭ ވަގުތުކޮޅެކެވެ. ހަމައެކަނި އެވަގުތުކޮޅުގެ ހަނދާނުގައިވެސް އަހަރެން މުޅިއުމުރު ހޭދަކޮށްލަފާނަމެވެ. އެއީ އަހަރެންގެ ހަޔާތުގައި މިހާތަނަށް ލިޔެވިގެންދިޔަ އެންމެ ފޮނި ހަނދާނެވެ. އަދި ކުރެވުނު އެންމެފޮނި އިހުސާސްވެސްމެއެވެ.  

ތޫގެ ޖަވާބެއް ލިބޭތޯ އަހަރެން ފަސްވަރަކަށް މިނިޓްވަންދެން އިނީމެވެ. އޭރު އަހަރެންގެ ހިތް އާދަޔާ ޚިލާފަށް ތެޅެމުންދިޔައެވެ. އިމްތިޚާނެއް ބޯމަތިވުމުން ކުރާކަހަލަ އިޙުސާސެއް އަހަންނަށް ކުރެވެމުންދިޔައެވެ. ހިތާއިހިތުން ތޫ އަހަރެންގެ ލޯބި ގަބޫލުކުރުމަށްއެދި އަހަރެން ދުޢާވެސް ކުރީމެވެ. ތޫގެ ފަރާތުން ލިބުނު ހަމަހިމޭކަމުން އަހަރެންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. އަހަރެން މަޑުމަޑުން އެނބުރި ތޫއަށް ބަލާލީމެވެ. ތޫއިނީ ލެނގިލައިގެން އިން ދަނގަޑުގައި ބޯޖައްސާލައިގެން ދެލޯމަރައިގެންނެވެ. އެމޫނުމަތިން އެއްވެސްކަހަލަ ހާސްކަމެއް، ނުތަނަވަސް ކަމެއް އަދި ހިންހަމަނުޖެހުމުގެ އަސަރެއްވެސް ފެންނާކަށް ނެތެވެ. އަހަރެން އިރުކޮޅަކު ތޫއަށް ބަލަންއިނީމެވެ. އިނދެފައި މަޑުމަޑުން ތޫއަށް ގޮވާލީމެވެ. ތޫގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އަހަރެން ދެވަނަފަހަރަށްވެސް ގޮވީމެވެ. ޖަވާބެއް ނުލިބުނެވެ. ދެން އަހަރެން މަޑުމަޑުން ތޫގެ ކޮނޑުގައި ހިފާ ތަޅުވާލީމެވެ. ތޫއިނީ ނިދާފައެވެ. އަހަންނަށް ފުންނޭވާއެއްލެވުނެވެ. އަދި އެހާމެ މާޔޫސްވެސްވިއެވެ. އަހަރެން ދެއްކި އެއްވެސް ވާހަކައެއް ތޫއަށް އަޑުނީވުމުންނެވެ. އެހާމެ ރަނގަޅު ވަގުތެއްގައި، އެހާމެ މަސައްކަތުން ހިތްވަރުކޮށްފައި ހިތުގައިވާ ހުރިހާ އެއްޗެއް ބުނެވުނުއިރު އަޑުއިއްވަން ބޭނުންވިމީހާއަށް އެއްވެސްއެއްޗެއް އަޑެއްނީވުނެވެ. ތަޤުދީރު އަހަންނާއި ކުރަނީ ކޮންކަހަލަ ސަމާސާއެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންގެ ނަސީބާއިމެދު އަހަރެން ދެރަވިއެވެ. ދެން އެފަދަވަގުތެއް ލިބޭނެބާވައޭ އަހަންނަށް ހިތާއިހިތާއި ސުވާލުކޮށްލެވުނެވެ. އަހަންނަށް ބަލާލެވުނީ ދިމާކުރިމަތިން ފެންނަން ހުރި ހަނދަށެވެ. އެވަގުތު ހަނދު ވިލާކޮޅަކާއި ނިވާވެލިއެވެ. ހަނދުވެސް އަހަރެންގެ ނަސީބާއިމެދު މަލާމަތްކުރަމުން ފިލީބާއޭ އަހަރެންގެ ހިތަށްއެރިއެވެ.

މާޔޫސްވެފައިވާ ނަޒަރަކުން އަހަރެން އަނެއްކާވެސް ތޫއަށް ބަލާލީމެވެ. ނިދާފައިވާއިރު އެމައުސޫމު މޫނުގެ ރީތިކަން ދެގުނައަށް ރީއްޗެވެ. އަހަރެންގެ މޫނުމަތިން މާޔޫސްކަން ފިލައިގެންދާކަށް މާގިނަވަގުތެއް ނުނެގިއެވެ. އެއަށްވުރެ އެމޫނުގެ ޖާދޫ މާވަރުގަދައެވެ. އަހަރެން ތޫއަށް ބަލަހައްޓައިގެން އިންދާ ތޫ ވެއްޓެން އުޅޭހެން ދެފަހަރަކު ހީވިއެވެ. އެގޮތަށް ވެއްޓި ތޫގެ އަރާމު ނިދިގަނޑު ހަލާކުވާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. އެހެންވެ ނުކެރިފައި ހުރެވެސް އަހަރެން މަޑުމަޑުން ކައިރޔަށް ޖެހިލާފައި ތޫގެ ބޯގެނެސް އަހަރެންގެ ކޮނޑުމަތީގައި ބާއްވާލީމެވެ. ތޫއަށް ހޭނުލެވުނުކަން ނަސީބެވެ. އެހެންނޫންނަމަ އެފަދަ އުފާވެރި ވަގުތުކޮޅެއް ތޫއާއިއެކު ހޭދަކޮށްލަން ނުލިބުނީހެވެ. ތޫ ހަމަޖެހިލައިގެން ރީއްޗަށް ނިދާލާފައި އޮތެވެ. ގައިމަތީގައި އަޅާފައިވާ ފޮތިގަނޑުން ބައެއް ނެގިފައި އޮތުމާއިއެކު އަހަރެން އޯގާތެރިކަމާއިއެކު އެނަގާ ތޫގެ ހަށިގަނޑުގައި އޮޅާ ރަނގަޅަށް ނިވާކުރީމެވެ. ފިނިވެގެންވެސް ތޫގެ އަރާމު ނިންޖަށް އުނދަގޫ ވެދާނެތީއެވެ. އަހަންނަށް ބަލާލެވުނީ ތޫގެ މޫނަށެވެ. ނިދީގައިވެސް އެމޫނުމަތިން ހިނިތުންވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އަހަންނަށް ހިތާއިހިތުން އެހިތްގައިމުކަމަށް ތަޢުރީފުކޮށްލެވުނެވެ. އެހާކައިރިން ތޫގެ މޫނުފެނުމާއިއެކު އަހަރެން ގައިން ހީބިހިނެގިއެވެ. ބުނެދޭން ނޭނގޭ ކަހަލަ ފޮނި އިހުސާސްތަކެއް ކުރެވެމުންދިޔައެވެ. އެއިޙުސާސްތައް ކޮންޓްރޯލް ކުރަންވެސް އުނދަގޫވިއެވެ. ނުވާންވީ ކީއްވެހެއްޔެވެ؟ އަހަރެން ހިތާއި ފުރާނައިން ލޯބިވާ ފަރިކަމަނާ އޮތީ އަހަރެންގެ ކޮނޑުމަތީގައި އަރާމު ފުންނިންޖަކުން ނިދާފައެވެ. އޭނާގެ ހަށިގަނޑުވަނީ އަހަރެންގެ ހަށިގަނޑާއި ޖެހިފިތިފައެވެ. ވައިރޯޅިއަކަށްވެސް އެދޭތެރެއިން ނުދެވޭހާ ވަރަށެވެ. އެހަށިގަނޑުގެ ލުއިމީރުވަސް އަހަރެންގެ ނޭފަތުގައި ޖެހިޖެހި ހުއްޓެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ތޫގެ މޫނުމަތީގައި ވަޔާއިއެކު ބީހެމުންދިޔަ ކުރުއިސްތަށިތައް އެއްފަރާތް ކޮށްލެވުނެވެ. އެއާއިއެކު އެރީތިކަމަށް ގެއްލިފައި އިނދެ މަޑުމަޑުން އަހަންނަށް އެރީތި ދޮންޖަންބެއްފަދަ ކޯތާފަތުގައި އަތުގެ ނުފުށުން ބީހިލެވުނެވެ. އެވަގުތު ތޫ ކުޑަކޮށް ތެޅިލިއެވެ. އަހަންނަށް ކުރެވުނުކަންތައް އިހުސާސްވީ ދެނެވެ. ވަގުތުން އަހަރެން އަނެއްފަރާތަށް އެނބުރުނީމެވެ. އަހަރެން ވަރަށް ލަދުގަތެވެ. އެހާމެ ދެރަވެސްވިއެވެ. ތޫގެ ހުއްދަޔާއިނުލައި އަހަންނަށް އެމޫނުގައި ބީހިލެވުމުންނެވެ. އެއީ ގޯހެކެވެ. އެފަދަ ކަމެއް ކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. ހިތުތެރޭގައި އުތުރިއަރަމުންދިޔަ ޝައިތާނާގެ ވަސްވާސްތަކުން ހިތް މައިތިރި ކުރަން އަހަރެން މަސައްކަތް ކުރީމެވެ. އެހެން ޚިޔާލުތަކުން ސިކުޑި ބަރުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

އަހަރެން ސިހުނީ ދާދި ކައިރިން ފޯނެއްގެ އަޑުހަރު ރިންގުގެ އަޑަށެވެ. ބަލާލިއިރު ކުރިމަތީގައި އިން މަންމައުމުރުގެ އަންހެނެއްގެ ފޯނު ރިންގްވީއެވެ. އެއަޑަށް އެތަނުގެ އެންމެންގެ ސަމާލުކަން ދަމައިގަތެވެ. އެއީ ރިންގްޓޯންއަކަށްއިނީ ނައިފަރު ދޮހޮއްކުގެ ރީތި މުސްކުޅިލަވައަކަށް ވީތީ ކަންނޭނގެއެވެ. އެމީހާ އެންމެނަށް ބަލާލާފައި ލަދުން ހިނިތުންވެލިއެވެ. އަދި ފޯނާއި ކުޅެން ފެއްޓިއެވެ. އޭރުވެސް އަހަންނަށް އިނދެވުނީ ތޫގެ މޫނުގައި އަތްލީގޮތަށެވެ. ވަގުތު ފާއިތުވީވަރު އަހަންނަށް އެނގުނީ ގަޑިޔަށް ބަލާލުމުންނެވެ. މަންމަޔަށް ގުޅަންވެސް ހަނދާންވީ އެވަގުތުއެވެ. އަދި ފާޚަނާޔަކަށް ދާންބޭނުންވެފައިވާ ވަރުވެސް އިޙުސާސްވީ ދެނެވެ. އަހަރެން ލެޕްޓޮޕް ލައްޕާލަމުން ދަބަހަށްލީމެވެ. ފޯނަށްބަލާލިއިރު ފޯނުއޮތީ ފްލައިޓްމޯޑަށް ލީގޮތަށެވެ. އަހަރެން މަންމަގެ ނަންބަރަށް ޑައިލްކުރަމުން ލޮބީއިން ބޭރަށް ނުކުތީމެވެ. އަދި މަންމަޔާއި ވަހަކަދައްކަން ކުޑައިރުކޮޅަކު މަޑުކޮށްލާފައި ފާޚަނާޔާއި ދިމާލަށް މިސްރާބުޖެހީމެވެ.

އަހަރެން އެނބުރި ލޮބީއަށްއައީ ކައިގެންނެވެ. ކާހިތްނުވެފައި ހުރެވެސް ކެއީ ހަށިގަނޑު ވަރުބަލިވުމުން ސަލާމަތް ކުރުމަށްޓަކައެވެ. ލޮބީތެރެއިން ނުދަންނަ ފިރިހެން ކުއްޖަކު އަހަންނާއި ވާހަކަދެއްކިއެވެ. އެކުއްޖާއިނީ އަހަރެން ކުރިންއިންތަނުގައި އިށީދެނގެންނެވެ. ކައިރީގައި އަހަރެންވެސް ޖައްސާލުމާއިއެކު ހިނިތުންވެލާފއި އެކުއްޖާ ވާހަކަދެއްކީއެވެ. ރަޚްމަތްތެރި ގޮތަކަށް ވާހަކަދެއްކުމުން އަހަރެންވެސް ވާހަކަދެއްކީމެވެ. އެކުއްޖާވެސް ދަތުރުކުރީ އެކަނި ކަމަށްވުމާއިއެކު ރަޚްމަތްތެރި ވެލަންވެގެން ވާހަކަދެއްކީއެވެ. އެއީ ހައިކަލްކިޔާ ދިވެހި ކުއްޖެކެވެ. އެކުއްޖާގެ ވާހަކައިން އެއީ މެލޭޝިޔާގައި ކިޔަވަންއުޅޭ އަހަންނާއި އެއްއުމުރެއްގެ ކުއްޖެއްކަން އެނގުނެވެ. ހައިކަލް އަހަންނާއި ވަރަށްގިނަ ވާހަކަތައްދެއްކިއެވެ. އެއީ މަޖާމިޒާޖެއްގެ ހިންހެޔޮ، އަޚްލާގް ރަނގަޅު ކުއްޖެއްކަން އޭނަގެ ވާހަކަތަކުން އެކުޑަ ވަގުތުކޮޅުގެ ތެރޭގައި އަހަންނަށް އެނގުނެވެ. އަހަރެން އޭނަގެ ވާހަކަތަކާއި ވަރަށް ގަޔާވިއެވެ. އަހަރެންގެ ހިތާމަތަކަށް ކުޑަ ލުޔެއް ލިބުނުހެން ހީވީމައެވެ. އަހަރެން ވަރަށް ނިހާލުމެންމަތިން ހަނދާންވިއެވެ. ދިރިއުޅުމުގެ ހުރިހާ އެއްޗެއް ދޫކޮށްލާފައި އަހަރެން މެލޭޝިޔާއަށްދަނީ އާދިރިއުޅުމެއް ފެއްޓުމުގެ ބޭނުމުގައެވެ. އެގޮތުން އަހަރެން ޖެހޭނީ އާރައްޓެހިންވެސް ހޯދާށެވެ. ހައިކަލްއަކީ ރައްޓެއްސެއްގެ ގޮތުގައި ދެކެން ރަނގަޅު ޒުވާނެކެވެ. ހައިކަލް ކިތަންމެ ގިނަ ވާހަކައެއް ދެއްކިޔަސް އަހަރެން މާގިނަ ވާހަކަތަކެއް ނުދައްކަމެވެ. ހައިކަލްގެ ސުވާލުތަކަށް ކުރުޖަވާބުދިނީމެވެ. އެއީ ނުދަންނަ މޫނަކަށް ވުމާއިއެކު އޭނަޔާއި ހިއްސާކުރާކަށް އަހަންނަށް މާގިނަވާހަކަތަކެއް ނޭނގުނެވެ. ފަހަރުގައި އެއީ އަހަރެންގެ ބަދަލުވެފައިވާ މިޒާޖުގެ ސަބަބުން ކަމަށްވެސްވެދާނެވެ. ..................... (ނުނިމޭ)

Laaraa (05)


ލާރާ (ފަސްވަނަ ބައި)

(ހަތަރުވަނަ ބަޔާއިގުޅޭ)..................

އެލެކްސް އަހަރެން އެރަށަށް ގެނައީ އަހަންނަށް ހެދުންގަތުމަށެވެ. މަހެއްވަންދެން ތަކުރާރުނޮކޮށް ލެވޭވަރަށް އޭނާ އަހަންނަށް ހަވީރު ހެދުންގަނެފައި ދިނެވެ. ހުސް އޭނާގެ ޗޮއިސްއެވެ. އެއީ އަހަރެން ލައިއުޅޭ ވައްތަރުގެ ހެދުންތަކެއްވެސް ނޫނެވެ. ހުސް އަތްކުރު ޓޮޕާއި ޖިންސެވެ. އަހަރެން އެހެދުމުގައި ހުރިތަންފެނުމުން އެލެކްސްހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަހަންނަށް ހިވީ ގައިން އެއްބައި މަދު ހެންނެވެ. އެކަމަކު އެހެދުމުގައި އަހަރެން ހުންނައިރު އެލެކްސްއަށް މާރީއްޗެވެ. އެހެދުންތަކުގެ އިތުރަށް ކުރު ސޯޓާއި ޓީޝާޓުވެސް ގަތީމެވެ. އަދި ރީތިވާން ބޭނުންވާ ހުރިހާ ސާމާނެއްވެސް ގަތީމެވެ. ދެން އެލެކްސް އަހަރެން ގޮވައިގެން ދިޔައީ ސެލޫނަކަށެވެ. އެތަނަށްގޮސް އަހަރެން ފޭޝިޔަލް ހެއްދީމެވެ. އަދިވެސް ޒީނަތްތެރިވުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންތައްވެސް ކުރީމެވެ. ހުރިހައި ކަމެއް ނިންމާލުމަށްފަހުވެސް މޫނުގައި މަލަންކޮޅު އަޅަން އަހަރެން ހަނދާން ނައްތައެއްނުލަމެވެ. ހަމައެތާގައި އެމަލަންކޮޅު އަޅައިގެން ބޭރަށް ނުކުތްއިރު އެލެކްސް ބޭރުގައި އިން ސޯފާއެއްގައި މެގަޒިންއެއް ހިފައިގެން އެއަށް ގެއްލިފައި އިނެވެ. އަހަރެން އެލެކްސްއަށް ގޮވާލުމާއިއެކު އެލެކްސް ބަލާލިއެވެ. އޭނަ ހުރީ އަހަންނަށް ބަލަހައްޓައިގެން ހުއްޓިފައެވެ. ފަހަރުގައި އަހަރެންގެ ބަދަލުވެފައިވާ ސިފަ ފެނުމުން ކަމަށްވެދާނެވެ. އަހަރެން ކުޑަކޮށް ލަދުވެސް ގަތެވެ. އަހަރެން އިސްޖަހާލުމާއިއެކު އެލެކްސްއަށް  ހިނތުންވުމަކާއިއެކު އެއްޗެކޭނުބުނެ އެތަނުން ނުކުންނަން ހިނގައިގަތެވެ. އަހަރެންވެސް އޭނާގެ ފަހަތުން ނުކުތީމެވެ.

ދުވަސްތައް ހޭދަވީ އުފަލާއި މަޖަލުގައެވެ. ހުނުމާއި ސަމާސާ ކުރުމުގައެވެ. މިހުނުމާއި ސަމާސާގައި އަހަންނަށް އެލެކްސްއަށް މާބޮޑަށް ހިތްދެވުނެވެ. އިންތިހާޔަށެވެ. އެހާވަރުންވެސް އެލޯބި ފޮރުވީމެވެ. ދެންއައީ އަހަރުމެންގެ ކައިވެންޏެވެ. ވަރަށް ސިރުގައެވެ. އެއްވެސް ބަޔަކަށް ނޭގެއެވެ. ކައިވެންޏަށްފަހު ވެސް އެލެކްސް އަހަރެން ދެކުނީ ގާތްރައްޓެއްސެއްގެ ގޮތުގައެވެ. ދެމީހުން އުޅުނީ ހަމަ ކުރީގައިވެސް އުޅޫނުގޮތަށެވެ. އެކަމަކު އަހަރެންގެ ޚިޔާލާއި ވިސްނުން ބަދަލުވިއެވެ. މިކަން އޭނަޔަށްވެސް ފާހަނގަ ކުރެވުނެވެ. އޭނާ އަހަންނަށް ޤަދަރުކުރިއެވެ. އަހަންނަށް ތަޢުރީފު ކުރެއެވެ. އަހަރެންކަހަލަ އަތްބެއް ނުލިބޭނެއޭވެސް ބުނެއެވެ. މައްސަލައަކީ އެންމެ މައްސަލައެކެވެ. އެއީ އޭނަގެ ފިރުމުންތަކަށް އަހަރެން ކެތްމަދުވުމެވެ. ހިތަށް ހާސްފަހަރު އަހަންނަކީ ކާކުކަން ބުނެލާނަމޭ ހިތަށްއަރައެވެ. ނަމަވެސް އަދި ވަގުތު ނުޖެހެއޭ ސިކުޑިބުނަމުން ދެއެވެ. އެލެކްސް އޭނާ ލޯބިވާކުއްޖަކު ހުންނަވާހަކަ އަހަރެންގާތު ބުންޏެވެ. އަހަރެން ދެރައެއްނުވަމެވެ. އޭގެ ބަދަލުގައި އޭނާގެ ދުލުން އެހެންބުނާ ކޮންމެފަހަރަކު އަހަރެން ވަނީ އުފަލެވެ. އެއީ އަހަރެންކަން އަހަންނަށް އެނގޭތީއެވެ. ކައިވެންޏަށް ހަފްތާއެއްވީދުވަހު އަހަރުމެން ލަންޑަނަށް ފުރީމެވެ. އަހަރެން ހުރީ އެބިމުގައި ފައިޖެއްސޭލެއް ލަސްވެފައެވެ. އެއީ އަހަރެންގެ ގެ ދެކެލުމަށެވެ. އަދި އަހަރެންގެ ހިތުގައިވާ ހުރިހާ ޝަކުވާތައް އޭގެ ވެރިންނަށް ރައްދު ކުރުމަށްޓަކައިވެސްމެއެވެ.

ފުރިދުވަހު މެންދުރު އަހަރުމެންނަށް ގައުމަށް ދެވުނެވެ. އެލެކްސްގެ ކާރުގައި އަހަރެން އެގެއަށް ދިޔައީމެވެ. އެމާހައުލަކީ ގިނަދުވަސްވިޔަސް އަހަންނަށް އާމާހައުލެއް ނޫނެވެ. އަހަރެންބެލީ އެލެކްސްގެ ގެއާއި ޖެހިގެންހުރި އަހަރެންގެ ގެއަށެވެ. އެހާ ގިނަދުވަސްވީއިރުވެސް އެގެއަށް މާބޮޑުބަދަލެއް އައިސްފައިނުވެއެވެ. ނަމަވެސް އެލެކްސްގެ ގެވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ. ތިންބުރިޔަށް ހުރި ގޭވަނީ ފަސްބުރިޔަށް ނަގާފައެވެ. ހީވަނީ ބޮޑު ގަނޑުވަރެއް ހެންނެވެ. ގޯތިތެރޭގައިވެސް އެކިވައްތަރުގެ މާމެލާމެލީގެ ގަސްތައް ހައްދާފައިވެއެވެ. ދޮރުން ވަންނަތާ ކުރިމަތީގައި ބޮޑު ފެންއަރުވާ ވަޑާމެއް ހުއްޓެވެ. މަންމަޔާއި ބައްޕަ ކޮންމެގޮތަކަށް ކަންތައް ކުރިޔަސް އަހަރެންހުރީ އެމީހުން ދުށުމަށް ކެތްމަދުވެފައެވެ. ގްރޭންޑްމާއާއި ގްރޭންޑްޕާވެސް މެއެވެ.

އެލެކްސްގެ ގޭގެ ދޮރު ހުޅުވާލުމާއިއެކު ފެނުނީ އޭނާގެ މަންމަޔާއި ބައްޕައެވެ. އަހަރެމެންގެ އުމުރަށް އައިބަދަލާއި އެއްވަރަށް އެމީހުންނަށްވެސް ހުރީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެދެމީހުން އެކީގައި ކަހަލަގޮތަކަށް އައިސް އެލެކްސްގެ ގައިގައި ބައްދައިގަތެވެ. ރާއްޖޭގައި އެލެކްސް އުޅުނަސް މަހަކު އެއްފަހަރު ކަހަލަގޮތަކަށް އޭނާ މަންމަމެން ކައިރިޔަށް ދާކަމަށް އޭނާ ބުނެފައި ވެއެވެ. އިރުކޮޅަކުން އެތަނަށް އެހެން އަންހެނަކު އައެވެ. އޭނާވެސް އައިސް އެލެކްސް ގައިގައި ބައްދައި ގަންނަމުން ވެލްކަމް ހަނީއޭ ބުނެލިއެވެ. އަހަރެން ހައިރާންވެފައި ބަލަން ހުރީމެވެ. އެއީ އަހަރެން ދަންނަ މީހެއްނޫނެވެ. ކުރިން އެގެއިން ދެކުނު މީހެއްވެސް ނޫނެވެ. އަހަރެންގެ ހިތުގައި ނޭގޭ ރިހުމެއް އުފެދުނެވެ. އެލެކްސް އަހަންނާއި ދިމާލަށް ބަލާލިއެވެ. ''މިއީ އަހަރެންގެ އަންހެނުން ޕޯލީ....'' އެލެކްސް އެންމެން ތަޢާރަފް ކޮށްފައި އެއަންހެންމީހާވެސް ތައާރަފްކޮށްލިއެވެ. އެލެކްސްގެ ދުލުން ބޭރުވި އެޖުމްލައިން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ކަހަލައެވެ. މުޅިމީހާ އެތެރެއިން ފުޑުފުޑުވިއެވެ. އަހަރެންގެ ހިތުގައި އެތަކެއް ޝަކުވާތަކެއް އުފެދުނެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ހިތަށްވަމުން ދިޔަތަދު ލޮލާއި ހަމަޔަސްވެސް އައެވެ. ނަމަވެސް ހަލުވިކޮށް އެސްފިޔަޖަހާލަމުން އަހަރެން އެހެންމީހުންނަށް އެކަން ސިއްރުކުރުމަށް މަސައްކަތް ކުރީމެވެ. ނަމަވެސް އެލެކްސްއަށް އެކަން ފާހަގަ ކުރެވުނީ ކަންނޭގެއެވެ. އެސްފިޔަ ޖަހާނުލާ އޭނާ އަހަންނާއި ދިމާލަށް ބަލަންހުރީތީއެވެ. އެލެކްސް ގޭމީހުންނަށް އަހަރެން ތަޢާރަފްކޮށްދިނެވެ. އެވަގުތު ގޭގައި ގެންގުޅޭ ހެދުމުގައި ހުރި މީހަކު ކުޑަ ބޭބީއެއް ގޮވައިގެން އައެވެ. އަހަންނަށް ބަލާލެވުނީ އެލެކްސްގެ މޫނަށެވެ. އެވަގުތު އެލެކްސް އެއީ އޭނާގެ ދަރިފުޅުކަމަށް ބުންނެވެ. އަހަރެންގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ދިރިއުޅުމަށް ކުރި ހުރިހާ އުންމީދެއް ސިކުންތުކޮޅަކުން ވިއްސި ވިހާލެވިގެންދިޔައީއެވެ. އެލެކްސްއަކީ އެހެންމީހެއްގެ މިލްކެކެވެ. އަހަންނަށް އެލެކްސްއާއި ބައްދަލުވެވުނުއިރު ވަގުތުވަނީ ފާއިތުވެފައެވެ. އަހަރެންގެ ދިރިއުޅުމާއިއެއްވަރަށް އަހަރެންގެ ހުވަފެންތައްވެސް ވަނީ ބަދަލުވެފައެވެ. ''ލީޝާ މިގެއަށް ގެނެވުނީ ހަމައެކަނި މިދަރިފުޅުގެ ހުރިހާކަމެއް ބެލެހެއްޓުމަށް...'' އެލެކްސްގެ މަންމަ އެތުއްތު ދަރިފުޅު ބޮލުގައި ފިރުމާލަމުން އަހަރެންގެ އަތަށްދިނެވެ. އެވަގުތު އަހަންނަށް ބަލާލެވުނީ ޕޯލީއަށެވެ. ދަރިފުޅުގެ މަންމަ ހުއްޓާ އެހެންމީހަކާއި ދަރިފުޅު ބެލުމުގެ ކަންތައް ހަވާލުކުރަނީ ކީއްވެހޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެން ލޯބިން އެދަރިފުޅު އުރާލީމެވެ. އަދި ފެންކަޅިވެފައިހުރެ އެދަރިފުޅަށް ބަލާލީމެވެ. އަހަރެންގެ ލޯ ކަރުނުން ތެމުނެވެ. ހިތްރޯވެ އަދަމުންދިޔައެވެ. އަހަންނަށް މިނަސީބުކުރެއްވީ ކޮންކަހަލަ ކަމެއްބާއޭ ހިތަށްއެރިއެވެ. އަހަންނަކީ އަހަރެންގެ ފިރިމީހާގެ ދެވަނަ އަނބިމީހާއެވެ. އެވެސް އެހެންމީހުންނަށް ސިއްރުންނެވެ. ލޯބިވާމީހާއާއި ކައިވެނިކޮށްގެންވެސް އަހަންނަށް އުޅެންމިޖެހުނީ ގޭގައި ގެންގުޅޭ މީހެއްގެ ހައިސިއްޔަތުންނެވެ. އަހަންނަށް ހީވީ ޚުދް އަހަރެންގެ ނަފުސުވެސް އަހަންނަށް މަލާމާތް ކުރާހެންނެވެ.

ގޭގައި ގެންގުޅޭމީހަކު އަހަންނަށް އަހަރެންގެ ކޮޓަރި ދެއްކިއެވެ. އެލެކްސްގެ ބައްޕަގެ އެދުމުގެ މަތިންނެވެ. އަހަރެން ކޮޓަރިޔަށް ދިޔައީމެވެ. އެލެކްސްގެ ދަރިފުޅާއިއެކުއެވެ. އެދަރިފުޅު އަހަރެންގެ އަތުތެރޭގައި ލޯބިން ނިދާލާފައި އޮތެވެ. އަހަރެން ކަޅިޖަހާނުލާ އެދަރިފުޅަށް ބަލަމުންދިޔައީމެވެ. އެދަރިފުޅު އެންމެ ވައްތަރީ އެލެކްސްއާއިއެވެ. އެހެންވެ އެލެކްސާއި އެއްވަރަށް އެދަރިފުޅުވެސް އެހާ ރީއްޗެވެ. އަހަރެންގޮސް އެނދުގައި އިށީނީމެވެ. ގަނޑުވެފައިވާ ބުދެއްހެންނެވެ. އެލެކްސްގެ ލޯބި ނުލިބުނަސް ހެވެވެ. އޭނާ ދެކެވާ ލޯބި އޭނާގެ ދަރިފުޅަށްދެވިދާނެވެ. އަހަރެންގެ ދިރިއުޅުމުގެ މަގުސަދު ޖެހޭނީ ބަދަލުކޮށްލާށެވެ. އެދަރިފުޅުގެ ހައްގުގައެވެ. ލާރާ އަބަދައްޓަކައި ޖެހޭނީ ކަފުންކޮށްފައި ވަޅުލާލާށެވެ. ލީޝާގެ ގޮތުގައި އެލެކްސްއާއި އިންގޮތަށް ދިރިއުޅުމުގެ އެންމެ ފަހުވަގުތާއިހަމަޔަށްވެސް އުޅޭނީ އެގޮތުގައެވެ. އެލެކްސްގެ ދަރިފުޅު ތަރުބިއްޔަތުކޮށް އެދަރިފުޅު އަޚުލާގު ރަނގަޅު މާތް ކުއްޖަކަށް ހެދުމަކީ މިއަދު އަހަރެންގެ ޒިންމާއެކެވެ. މިއަދުން ފަށައިގެން އަހަރެންގެ މަންޒިލަކަށް ވާންޖެހޭނީ އެކަމެވެ. މިކަހަލަ އެތަކެއް ވާހަކަތަކަކުން އަހަރެންގެ ހިތް ހަމަޖައްސަން އަހަރެން މަސައްކަތް ކުރީމެވެ.

އަހަރެން ސިހުނީ  މީހަކު ދޮރު ހުޅުވާލުމުންނެވެ. ބަލާލިއިރު އެއީ އެލެކްސްއެވެ. އެލެކްސް އެތެރެއަށްވަނެވެ. އެވަގުތު އަހަރެން ހިފަހައްޓަމުންއައި ކަރުނަތަށް އިޚްތިޔާރުން ބޭރުވެގެން އޮހިގަތެވެ. ދެރަވިވަރުންނެވެ. އެލެކްސްގެ ކުރިމަތީގައި އަހަރެން ރޯކަށް ބޭނުމެއް ނުވިއެވެ. އެހެންވެ އަތުގެ ނުފުށުން ކަރުނަތައް ފޮހެލާފައި ހިތްވަރުކުރެވޭތޯ ބެލީމެވެ. އެލެކްސް އަހަންނަށް ބަލަންހުއްޓެވެ. ދެރަވެފައެވެ. ''ސޮރީ. އަހަރެން ކުރީގައި މެރިޑްއޭ ނުބުނެވުމުން.'' އެލެކްސް އިސްޖަހާލިއެވެ. އަހަންނާއި ހަތަރުކަޅި ހަމަކުރަން ބޭނުންނުވީ ކަންނޭގެއެވެ. އަހަރެން ކުޑަމީހާ އެނދުގައި ރީއްޗަށް ބާއްވާލީމެވެ. ނުވެއްޓޭނެ ގޮތަށެވެ. އަދިއެއަށްފަހު އެލެކްސް ކައިރިޔަށް ދިޔައީމެވެ. ''ކީއްވެ އޮޅުވާލީ؟'' އަހަންނަށް ގިސްލެވުނެވެ. ''ކީއްވެ އަހަރެން ކައިރީގައި ހުރިހާ ކަމެއް ކުރިން ނުބުނީ؟ އަހަންނާއި ކައިވެނި ކުރަން ބޭނުންވަނީ ހަމައެކަނި އެލެކްސްގެ ދަރިފުޅު ބަލަންކަމުގައި ކީއްވެ ނުބުނީ؟ ދަރިފުޅުބަލަން އަހަންނާއި ކައިވެނި ކުރީ ކޮންބޭނުމަކު؟ ކައިވެނި ނުކުރިޔަސް އެލެކްސް އަހަރެން ކައިރީގައި އެކަމަށް އެދުނުނަމަ އުފަލުން ކޮށްދިނީމުސް... އަހަންނަކީވެސް އިންސާނެކޭ.... އަހަރެންގެވެސް ހިތެއް އޮވެޔޭ...'' އަހަންނަށް ރޮމުން ބިންމައްޗަށް ތިރިވެވުނެވެ. ''އެލެކްސްއާއި ކައިވެނި ކުރެވުމުން އަހަރެން ހީކުރީ އަހަރެންގެ ދިރިއުޅުން ބަދަލުވީކަމަށް.... އެކަމަކު.....'' އަހަންނަށް މިހާހިސާބަށް ބުނެވުނުތަނާ އެލެކްސް އަހަރެންގެ ކޮނޑުގައި ހިފާ ތެދުކުރިއެވެ. ''ލީ... ޕްލީޒް.. ހުއްޓާލާ.... އަހަރެން ލީއަށް ދެރަގޮތެއް ނަހަދާނަން.... ލީއަށް މަދުވާނެ އެއްވެސް އެއްޗެއް ނޯންނާނެ..... އަހަންނަށް އެނގޭ ލީއަށް ހަގީގަތް އެނގުމުން ދެރަވާނެކަން. ކުރީގައި އަހަންނަށް ހުރިހާ ވާހަކައެއް ކިޔައި ނުދެވުނީ މަޖުބޫރުވީވަރުން. އަހަރެން ހީކުރީ ހުރިހާ ކަމެއް އެނގިގެން ލީ އަހަންނާއިއެކު ލަންޑަނަށް ނައަންނާނެ ކަމަށް. އެހެންވެ ކައިވެނި ކުރަންބުނީވެސް. އަހަންނަށް މިވަގުތު ލީގެ ބޭނުން ވަރަށް މުހިންމު.. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިފުޅު އެހެންދީނެއްގެ މީހަކަށް ވާކަށް. ޕޯލީއަކީ ކްރިސްޓިޔަނެއް.'' އެލެކްސް ފެންކަޅިވެފައިހުރެ ބުނެލިއެވެ. އަހަންނަށް އެނާގެ މޫނަށް ބަލާލެވުނެވެ. ''އަހަރެންގެ އަންހެނުންނަކީ އަހަރެންގެ މަންޒިލެއްނޫން. އަހަރެންގެ މަންޒިލަކީ އެހެންމީހެއް. އެއީ އަހަރެންގެ ގެއްލިފައިވާ ލޯބި.'' އެލެކްސް ވަރަށް އަސަރާއިއެކު ވާހަކަދައްކަމުން ދިޔައެވެ. ''އެއީ ވަރަށް ދިގުވާހަކައެއް. އެހެންފަހަރަކުން ކިޔައިދޭނަން. އަހަރެން ޕޯލީއާއި މެރީކުރީ މަންމަމެންގެ އެދުމުގެ މަތިން. އަދި ދަރިއެއް ހޯދީވެސް އެމީހުން ބޭނުންވެގެން. މިލޯބި ލާރާ އަހަރެން ދެކެނީ އަހަރެން ހަމައެކަނި ލޯބިވާ ލާރާގެ ނިޝާނެއްގެ ގޮތުގައި. މިތުއްތު ލާރާގެ މޫނަށް ބަލާލާ ކޮންމެފަހަރަކު އަހަންނަށް އަހަރެންގެ ލާރާގެ ހަނދާންތައް އާވޭ. އެމޫނު ސިފަވެގެންދޭ...'' އެލެކްސް ނިދާފައިއޮތް ތުއްތު  ލާރާގެ ކޮލުގައި ލޯބިން ފިރުމާލަ ފިރުމާލާއިނެވެ. އަހަންނަށް ހުރެވުނީ ހައިރާންވެފައި ބަލަހައްޓައިގެންނެވެ. 
.................. (ނުނިމޭ)

Thursday, September 27, 2012

Mulhi Umurahves Loabi Vaanameve...... (06)

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.... (ހަވަނަ ބައި)

(ފަސްވަނަ ބަޔާއިގުޅޭ)..............

ވަގުތުކައިރިވަރަކަށް ބޯޓަށް އަރަމުން ދިޔަ މީހުންވެސް އޭރު ގިނަވަމުން ދިޔައެވެ. ކޮންމެ މީހެއްގެ މޫނަށްވެސް އަހަރެން ވަކިވަކިން ބަލަން އިނީމެވެ. ތޫއާދޭތޯއެވެ. ނަމަވެސް ފުރަން ފަސްމިނިޓްވީ އިރުވެސް ތޫއެއްނާދެއެވެ. އަހަރެން މާޔޫސްވިއެވެ. ނިހާލުމެން ތޫއަންނާނެކަމަށް ބުނަމުން އަހަރެންގެ ހިތްހަމަޖައްސަން މަސައްކަތް ކުރަމުން ދިޔައެވެ. އެމީހުން އެދުނީ އެންމެފަހުން ތޫއަށް ގުޅުމަށެވެ. ފޯނުމަތިން ހަނދާންވީވެސް އެވަގުތުއެވެ. އަހަރެން އަވަސްއަވަހަށް ފޯނުނަގާ ތޫގެ ނަންބަރަށް ޑައިލް ކުރަން އުޅުނީމެވެ. ނަމަވެސް އޭގެ ކުރިން އަހަންނަށް ފޯނެއްއައެވެ. އަހަންނަށް ބަލާލެވުނީ ނިހާލުމެން މޫނަށެވެ. ހައިރާންވެ ހުރެއެވެ. ގުޅަނީ ތޫއެވެ. އަހަރެން އަވަސްއަވަހަށް ފޯނުނެގީމެވެ. ''ތޫ ކޮންތާކު؟'' ތޫ އެއްޗެކޭ ބުނުމުގެ ކުރިން އަވަހަށް އަހަންނަށް އަހާލެވުނެވެ. ''އަހަރެން މިއިނީ ކާރު ތެރޭގައި. ވަރަށް ލަސްވެއްޖެ. މިހާރު ބޯޓު ނައްޓާ ނުލާކަމެއްވެސް ނޭނގޭ.... ކާރެއް ނުލިބިގެން ލަސްވީ.....'' ތޫވެސް އަވަސްވެފައިވާ އަޑަކުން ބުނެލިއެވެ. ''ބޯޓު ނައްޓައެއް ނުލައޭ....'' އަހަންނަށް ބުނެވުނުއެއްޗެއް ހަނދާންވީ މާފަހުންނެވެ. ނިހާލު އަހަރެން ގައިގައި ވިކައިގަތުމުންނެވެ. ތޫ ކީކޭހޭ ކިޔާފައި އެކަމާއި ސުވާލުކުރިއެވެ. އަދި އަހަންނަށް އެނގުނީ ކިހިނެއްހޭވެސް އަހާލިއެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭގުނެވެ. އަނގައޮޅުނެވެ. އަހަރެން އިތުރަށް ވާހކަނުދައްކާ އަވަހަށް ދިޔުމަށް ބުނެފައި ފޯނުކަނޑާލީމެވެ. ފޯނު ބާއްވަމުން އަހަރެން ހިންހަމަޖެހުމުގެ ނޭވާއެއް ލީމެވެ. ތޫ އަންނަކަން އެނގޭތީއެވެ. އަހަރެން ބަލާލީ ރައްޓެހިންގެ މޫނަށެވެ. އެމީހުން ހެވިލާފައި ބަލަންތިއްބެވެ.  

މާގިނައިރުތަކެއްނުވެ ތޫ ބޯޓަށްއެރިއެވެ. ތޫގެ ނަޒަރުގައި އެނަމެފުރަތަމަވެސް އަޅައިގަތީ އަހަރުމެންނެވެ. އޭނާ ހުރީ ލޮލުން ފެންނަ އެއްޗެއް ގަބޫލުކުރަން ދަތިވެފައި ކަހަލަގޮތަކަށެވެ. ކައިރިޔަށް އައިސް ތޫ އަހަރެންގެ މޭމަތީގައި އިނގިލިން ޖައްސާލިއެވެ. އެއިނގިލީގައި އަހަރެން ހިފުމުން ތޫއަށް ހައިރާންކަމާއެކު ބަލާލެވުނެވެ. އަދި ހަމަރަނގަޅަށްވެސް އަހަރެން އެތާގައި ހުރީތޯ އަހާލިއެވެ. އަހަރުމެން ހެމުން އާއެކޭ ބުނީމެވެ. ތޫގެ މޫނުމައްޗަށް ހިނިތުންވުން އައީ ދެނެވެ. އަހަރުމެން ދާތީ އޭނާ ވަރަށް އުފާވާ ވާހަކަ ބުންޏެވެ. އެވަގުތު ބޯޓުގެ އިންޖީނު ސްޓާޓް ކޮށްލިއެވެ. އަހަރެން ވަގުތުން ބޭރަށް ނުކުތީމެވެ. މަންމަމެން ތިބިތޯ ބެލުމަށްޓަކައެވެ. އެމީހުން އޭރުވެސް ތިއްބެވެ. އަހަރެން ހަނާއެޅީމެވެ. އެވަގުތު ފޯނަށް މެސެޖެއް އައެވެ. ކުޑާއްތަގެ މެސެޖެކެވެ. ''ދެންމެ ބޯޓަށްއެރީ ތޫދޯ........ ފަހަރި ވަރަށް ކިއުޓް......'' އަހަރެން ބަލާލި ކުޑާއްތަގެ މޫނަށެވެ. ހިނިތުންވުމާއިއެކުއެވެ. އަދި އާނއެކޭ ބުނެލުމުގެ ގޮތުން ބޯޖަހާލީމެވެ. ކުޑާއްތަވެސް ހީނލިއެވެ. ބޯޓް ޖެޓީން ނައްޓާލީ އަހަރެން އެމީހުންނަށް ހަނާއަޅަމުން ބަލަން ހުއްޓައެވެ. ބޯޓް ފަޅުން ނުކުތުމުން މަންމަމެން ކާރަށް އަރައިގެން ނައްޓާލިއެވެ. އެމީހުން ދިޔުމާއިއެކު އަހަރެން އެތެރެއަށް ވަނީމެވެ. އޭރު ތޫ ނިހާލުމެން ކައިރީގައި ޖައްސާލައިގެން އިނެވެ. އެމީހުން ތޫއަށް ދަތުރު ހަމަޖެހުނު ގޮތުގެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދި އެރަށަށްގޮސް ތިބޭތަނުގެ ވާހަކަވެސް ބުންޏެވެ. ތޫއަށް އުބެއިދުބޭއަކީ ކާކުކަމާއި އަދި އެގޭ ހުންނަނީ  ކިހާހިސާބެއްގައި ކަންވެސް އެނގުނެވެ.   

ބޯޓް ނައްޓާލައިގެން މާގިނައިރު ނުވަނީސް ބޯޓުގައި ތިބި ގިނަމީހުން ޖައްސާލީ ނިދާށެވެ. އެކޮޅަށް ދެވޭނީ ހެނދުނުގައިކަމަށް ވާތީއެވެ. އަހަރުމެން ދިޔައީ ބޯޓުގެ މައްޗަށެވެ. އެތާގައި ފިރިހެން ވެރިންގެ ދެތިން ބަޔަކުއުޅުނެވެ. އަހަރުމެންވެސް ގޮސް އެއްފަރާތެއްގައި ޖައްސާލީމެވެ. ތޫއިނީ އަހަރެންގެ ކައިރީގައެވެ. ބޯޓުގެ މަތި ވަރަށް ފިނިއެވެ. އަހަރެން ވަށައިގެނ ބަލާލީމެވެ. އުޑާއި ކަނޑު ހާމަޔަށް ފެންނަން އޮތެވެ. އަރާމު ފިނި ވައިރޯޅިތައް ގައިގައި ބާރުބާރަކަށް ބީހެމުން ދިޔައެވެ. ފުރިހަމަވާން ކައިރިވެފައިވާ ހަނދު ދުނިޔޭގެ ރީތިކަމަށް ސަނާކިޔަމުންދިޔައެވެ. ހީވާގޮތުންނަމަ ރެއަކީ ހަނދުމަހުން ތޭރަ ވިލޭރޭއެވެ. އުޑުމަތި ސާފު ރީތި ރެއެއްކަމުން ގިނައަދަދެއްގެ ތަރިތައް ވިދާ ބަބުޅަމުން ރޭގަނޑުގެ ރީތިކަމަށް އިތުރު ފުރިހަމަކަން ގެނެސްދެމުން ދިޔައެވެ. އަހަރެން ތޫއަށް ބަލާލިއިރު ތޫއިނީ މިރީތި މަންޒަރަށް ގެއްލިފައެވެ. އަހަރެންގެ ތުންފަތްމައްޗަށް ލުއިހިނިތުންވުމެއް ވެރިވިއެވެ. ހާމަޔަށް ފެންނަންހުރި ރީތި ހަނދަށްވުރެ އެމޫނުގެ އުޖާލާކަމާއި ރީތިކަން އެތައްގުނަޔަކަށް އިތުރުވުމުންނެވެ.

ދައްކާނެ މާގިނަ ވާހަކަތަކެއް ނެތުމާއިއެކު އެރޭ މަތީގައި ތިބެގެން އަހަރުމެން އެކިއެކި ކުޅިވަރުތައް ކުޅުނީމެވެ. ބަސްގޭމުތަކާއި ލަވަބާޒީއެވެ. އަދި އެމީހެއްގެ ހަޔާތުގައި ދިމާވެފައިވާ އެންމެ މަޖާކަމެއްގެ ވާހަތައްވެސް އެކަކުއަނެކަކާއި ހިއްސާ ކުރީމެވެ. ޖޯކުތައް ކިޔައިދީ ހުނުނީމެވެ. އެވަގުތުއެއީ ޙަޔާތުން ފިލުވާލަން ދަތި ވަގުތެކެވެ. ތޫގެ ހުނުމާއި ހިނިތުންވުން އަހަރެންގެ ހިތުގެ އެންމެ ފުނުގައި ބިންވަޅުނެގިގެން ދިޔައެވެ. އެހިނިތުންވުން އަބަދުގެ އަބަދަށް އެމޫނުމަތީގައި ވުމަށާއި އެއުފާވެރިކަން ތޫގެ ޙަޔާތުގައި އަބަދުގެ އަބަދަށް ވުމަށްއެދި އެވަގުތު އަހަންނަށް ދުޢާކުރެވުނު ވަރެއްވެސް ނޭގެއެވެ. އަހަންނަށް ވެގެންވާނަމަ ތޫގެ ޙަޔާތަށް ހިތާމައިގެ ހިޔަނިވެސް އެޅުނަކަނުދޭނަމެވެ. އަހަރެންގެ މީހަކަށް ތޫ ވެއްޖިއްޔާ ދުނިޔޭގެ ހުރިހާ އުފަލެއް ތޫއަށް ހޯދައިދޭނަމެވެ. އެލޮލުން ކަރުނައިގެ އެންމެތިކެއްވެސް ބޭކާރުކޮށް ނުލާނަމެވެ. ތޫގެ ހިނިތުންވުމަށް ގެއްލިފައި އިންވަރު އަހަންނަށް އިހުސާސްކުރެވުނީ ބޯޓް ތެޅިލުމުންނެވެ. އެވަގުތު ތޫ އައިސްޖެހުނީ އަހަރެންގެ ގައިގައެވެ. ވަގުތުން ތޫ ސޮރީއޭ ބުނެލިއެވެ. އަހަންނަށް ހުރެވުނީ ތޫއަށް ބަލާށެވެ. އަވާރާވެފައެވެ. އަދި އެއްފަހަރު ބޯޓް ތެޅިލާނެނަމައޭ އަހަރެންގެ ހިތަށް އެވަގުތުއެރިއެވެ.

ކުޑަހުވަދުއަށް ދެވެންދެން ބޯޓުމަތީގައި ނުނިދައި މަޖާކުރުމުގައި ތިބެން ނިންމައިގެން އަޔަސް މެންދަމަށް އެޅުނުފަހުން އެންމެންގެ ލޮލުން ނިދީގެ އަސަރު ފާޅުވާން ފެއްޓިއެވެ. އަހަރެން ފިޔަވައެވެ. ނިދި އަހަންނާއި އެތައް މޭލެއްގެ ދުރުގައިވާ ކަހަލައެވެ. ސަމާހުއޮތީވެސް  ފާރިޝްގެ އުނގުގައި ބޯއަޅައިގެން ނިދާފައެވެ. ފިނިކަމުން އެފަކީރު އޮތީވެސް ކުރުގެޅިގެންނެވެ. ފާރިޝްމެން ބޭނުންވީ ތިރިއަށް ދިއުމަށެވެ. ތޫއަށް ނުފެންނަހެން އަތުގެ އިޝާރާތުން ބެސްޓް އޮފް ލަކްއޭ ބުނުމަށްފަހު އެމީހުން ތިރިޔަށް ދިޔައެވެ. އެމީހުންނާއެކުގައި ތޫވެސް ދާންބޭނުންނަމަ ދިޔުމަށް އަހަރެން ބުނީމެވެ. ނަމަވެސް ހިތާއިހިތުން ތޫ ނުދިއުމަށް އަހަރެން އެދުނީމެވެ. ވީވެސް އެހެންނެވެ. ތޫ އަދި ނިދި ނައަންނަ ކަމަށް ބުނެފައި އަހަރެން ކައިރީގައި މަޑުކުރިއެވެ. ނިހާލުމެން ދިޔުމަށްފަހު އެތާގައި ތިބީ އަހަންނާއި ތޫއެކަންޏެވެ. ތޫއަހަރެންގެ ކައިރިއަށް ޖެހިލިއެވެ. އަހަރެން ވަރަށް ހިންހަމަޖެހުނެވެ. އެހާ އެކަނިވެރިގޮތަކަށް ތޫގައިރީގައި އަހަންނަށް އިނދެވުނު އެއީ ފުރަތަމަ ފަހަރެވެ. ތޫއިނީ އަހަރެންގެ ކުރިމަތީގައި މާސިންގާ ބިޔަ ކަނޑަށް ބަލަހައްޓައިގެންނެވެ. ތޫގެ އިސްތަށިގަނޑުން ބޮޑުބައެއް ވަޔާއިއެކު އަހަރެންގެ މޫނުގައި ބީހެމުންދިޔައެވެ. އަހަރެންގެ އިހުސާސްތައް އަހަންނަށް ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. އެހެންވެ ހިތާއި އިދިކޮޅަށް އަހަރެން އަނެއްފަރާތަށް މޫނުއަބުރާލީމެވެ. އިރުކޮޅަކު އެހެން އިނދެފައި އަހަރެން ތެދުވެގެން ގޮސް ދަނގަޑުކައިރިއަށް ހުއްޓުނީމެވެ. އަދި ތޫއާއި ދިމާލަށް އެނބުރުނީމެވެ. އެރޭ އަހަރުމެން ޙަޔާތުގެ ބައެއްވާހަކަތައް ޝެއަރ ކުރީމެވެ. ދުނިޔޭގެ ވާހަތައް ދެއްކީމެވެ. އެކަނިވިޔަސް އަހަރުމެން ދެމީހުންގެ ދެމެދުގައި އެނޫންކަމެއް ނޯވެއެވެ. ތޫގެ ޙަޔާތުން އަހަންނަށް ނޭނގޭ ބައެއްކަންތައް އެރޭ އަހަންނަށް އެނގުނެވެ. އެއީ ތޫއަށް ފަތަން ނޭނގޭކަމާއި ކުރަފިދެކެ ތޫ އިންތިހާޔަށް ބިރުގަންނަކަމެވެ. އަދި ތޫ އެންމެ ހިންހަމަޖެހެނީ އިރުއޮއްސެމުން ދާގަޑީގައި ފިނިވަޔާއިއެކު ދޮންވެލިގަނޑުމަތީގައި ޖައްސާލައިގެން އިނުންކަމެވެ. ރަށުގައި އުޅޭއިރު ސިކުޑި ތާޒާކޮށްލުމަށް ތޫ ވަރަށްގިނައިން އެކަންކުރާވާހަކަވެސް ތޫބުންޏެވެ.

ގަޑިން އެކެއްޖެހީވެސް އަހަރުމެން އެހެން ވާހަކަދައްކަން ތިއްބައެވެ. އަހަރެން ތޫކައިރީގައި ތިރިއަށް ދިޔުމަށް އެދުނީމެވެ. ތޫ ނިދަން ބޭނުންވެދާނެތީއެވެ. ނަމަވެސް ތޫބޭނުންވީ ސާފު ވައިގެ ތެރޭގައި އިނުމަށެވެ. އަހަރެންގެ ހިތުގެ އަޑު ތޫއަށް އެނގެނީބާއޭވެސް ބައެއްފަހަރު އަހަރެންގެ ހިތަށް އަރައެވެ. ތޫ މާބޮޑަށް ފިނިވެގެން އުޅޭކަން ތޫގެ ހަރަކާތްތަކުން އަހަންނަށް އެނގުނެވެ. ބޯޓުމަތީގައި ފިނިވެދާނެތީ މަންމަ އަހަރެން އަތަށްދިން ބޯފޮތިގަނޑުމަތިން ހަނދާންވީ އެވަގުތުއެވެ. އަހަރެން ފޮތިގަނޑު ނަގައިގެން އައިސް ތޫގެ ގައިގައި އޮޅާދިނީމެވެ. ތޫ އަހަންނަށް ބަލާލީ ޝުކުރުގެ ނަޒަރަކުންނެވެ. ތޫ އަހަންނާއި ދިމާލަށް ބަލާލާފައި އޭނާކައިރިގައި އިށީނުމަށް އެދުނެވެ. އެއެދުމާއި ދެކޮޅުހަދާކަށް އަހަންނަށް ނުކެރުނެވެ. އަހަރެން ތޫއާއި ވަރަށް ކައިރީގައި އިށީނީމެވެ. ދެމީހުންތިބީ ޖެހިގެން ކަހަލަގޮތަކަށެވެ. ދެމީހުންގެ ދެމެދަށް ދެންވެރިވީ ހިމޭންކަމެވެ. އެ ހިމޭކަމުން އަހަންނަށް އުނދަގޫ ވާންފެއްޓިއެވެ. އެހެންކަމުން އަހަރެން ފޯނުނަގައިގެން ފޮޓޯތައް ދައްކާފައި އަހަރެންގެ އާޢިލާގެ އެންމެން ތޫއަށް ތަޢާރަފްކޮށްދިނީމެވެ. އެންމެންގެ އެކިއެކި ވާހަކަތައް ކިޔައިދިނީމެވެ. އާޢިލާއިން އަހަންނާއި އެންމެކައިރީ އަހަރެންގެ ބެސްޓް ބަޑީއަކީ ކުޑާއްތަ ކަމުގައިވެސް ބުނީމެވެ. އަހަރެން ދައްކާ ވާހަކަތައް އަޑުއަހާށާއި ފޮޓޯތަކަށް ބަލަން ތޫއިނީ ހެވިފައެވެ. ތޫވެސް އޭނާގެ އާޢިލާގެ މީހުންގެ ފޮޓޯތައް ދެއްކިއެވެ. އެމީހުންގެ ވާހަކަތައް ކިޔައިދިނެވެ. އެވަގުތު އަހަރެން އިނީ ވަރަށް އުފަލުންނެވެ. އަހަރެންގެ ހިތުގައި އުތުރިއަރަމުން ދިޔަ ޝުޢޫރުތައް ބަޔާންކުރަން ދައްޗެވެ. އެހެންގޮތަކަށް ބުނާނަމަ އެދުވަހާއި ހަމަޔަށް އެވަގުތަކީ އަހަރެންގެ ހަޔާތުގައި ލިޔެވުނު އެންމެ އުފާވެރި ސޮފްޙާއެވެ. އެވަގުތު ނިމިގެން ނުދާނޭނަމައޭ އަހަރެންގެ ހިތަށް އެތައްފަހަރަކުއެރިއެވެ. ނަމަވެސް ވަގުތަކީ ހިފެހެއްޓޭނޭ އެއްޗެއް ނޫނެވެ. އެހެންނޫންނަމަ އެވަގުތު އަހަރެން އުމުރަށް ހިފެހެއްޓީމުސްއެވެ.

އެރޭ އަހަންނަށް އިހުސާސްވީ ތޫގެ ހިތުގައިވެސް އަހަންނަށްޓަކައި ޚާއްސަކަމެއް ވާކަމެވެ. އޭނަވެސް އަހަރެންދެކެ ލޯބިވާކަމެވެ. އޭނަގެ ދުލުން ނުބުންޏަސް މިޒާޖުން އަހަންނަށް ނަގައިގަނެވުނީ އެހެންނެވެ. އަހަރެންގެ ކޮންމެ ވާހަކައެއް އޭނަ ކަނުލާ އަޑުއެހުމާއި އަހަންނަށް އޭނަރައްދުކޮށްދޭ ލޯބިވެތި ހިނތުންވުމުން ރަމްޒުކޮށްދެނީ ލޯބިކަމަށް އަހަރެންގެ ޅަސިކުޑި އަހަންނަށް ވިސްނުވައިދެމުން ދިޔައެވެ. އަދި އަހަރެން ކިތަންމެ އިންތިޒާރު ކުރިޔަސް އަންހެން ކުއްޖަކު އިސްވެ ލޯބި ހުށަނާޅާނެކަންވެސް ވިސްނުވައިދިނެވެ. އެހެންވެ އަހަރެން ބޭނުންވީ އެވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށެވެ. އަހަރެން އެކިއެކި ވާހަކަ ދައްކަމުންގޮސް ވަރަށް ހިތްވަރުކޮށްލާފައި ތޫކައިރީގައި އަހަރެން ވަރަށް ބޮޑުވާހަކައެއް ބުނަންބޭނުންވެފައި އޮތްކަމަށް ބުނީމެވެ. އޭރު ގަޑިން ތިނެއް ޖަހަން ކައިރިވަނީއެވެ. އަހަރެން އިނީވެސް  ތޫއަށް ފުރަގަސްދީގެންނެވެ. އެވާހަކަބުނާއިރު ތޫއާއި ހަތަރުކަޅި ހަމަކުރަން ބޭނުންނުވާތީއެވެ. ތޫ ވަރަށް މަޑުން ކޮންވާހަކައެއްހޭ އަހާލިއެވެ. އެއްޗެކޭ ނުބުނެ އިރުކޮޅެއް ވަންދެން އަހަރެން އިނީމެވެ. ބާރުބާރަށް ތެޅެމުންދިޔަ އަހަރެންގެ ހިތް ކުޑަކޮށް މައިތިރި ކުރުމަށްޓަކައެވެ. އެއަށްފަހު ފުންނޭވާއެއްލާފައި ތޫކައިރީގައި އަހަރެން ލޯބިވާ ވާހަކަބުނީމެވެ.  އަހަރެންގެ ދުލުން އެހެން ބުނެވިއްޖެކަން އަހަންނަށްވެސް ގަބޫލުކުރަން ދަތިވިއެވެ. އެހެންވެ ދެވަނަފަހަރަށްވެސް އަހަރެން ތޫދެކެ ލޯބިވާވާހަކަ ބުނީމެވެ.  .................. (ނުނިމޭ)


Wednesday, September 26, 2012

Laaraa (04)

ލާރާ (ހަތަރުވަނަ ބައި)

(ތިންވަނަ ބަޔާއިގުޅޭ)...................

ރޫމަށްވަދެ އަހަރެން ފްރެޝްވެލީމެވެ. ތައްޔާރުވެ ނިމުނުތަނާހެން މީހަކު ދޮރުގައި ޓަކިޖަހާލިއެވެ. އަހަރެން ދޮރުހުޅުވާ ބަލާލިއިރު ދޮރުމަތީގައިހުރީ އެލެކްސްއެވެ. އޭނާގެ މޫނު ސާފުކޮށް ފެނުނީ އަދިކިރިޔާއެވެ. އަހަންނަށް ހުރެވުނީ އަނގަ ހުޅުވިފައެވެ. ''އަހަރެން ފެނުނީމަ އަނގަ ހުޅުވެނީ ކީއްވެތަ؟'' އެލެކްސް ސަމާސާ ރާގަކަށް ބުނެލިއެވެ. އޭރު އަހަރެން ހުރީ ބޮލުގައ ތުވާލި އޮޅައިގެންނެވެ. ''އެތެރެއަށް ވަނުމަށް ހުއްދައެއް ނުދޭނަންތަ؟'' އޭނާ އެހިއެވެ. ''ނޫނޭ... ވަދޭ... އަވަހަށް ވަދޭ....'' އަހަރެން ތަންދެމުން ބުނެލީމެވެ. އެލެކްސް އެތެރެއަށްވަދެ ދޮރުލެއްޕިއެވެ. އަހަރެން އަވަހަށް އެނދުމަތީގައި ހުރި އަހަރެންގެ ހެދުންތައް ނަގައި އޭނަ ކައިރީގައި އެނދުގައި އިށީނުމަށް ބުނީމެވެ. އޭނާ އެނދުގައި އޮށޯވެގެން އޮންނަ ކަހަލަގޮތަކަށް އިށީނެވެ. އަހަރެން ގޮސް ހުއްޓުނީ ލޯގަނޑު ކުރިމައްޗަށެވެ. އަހަރެން އަބަދުވެސް ލަނީ އަތްދިގު ހެދުމާއި ހަރުވާޅެވެ.

ބޯފޮހެމުން އަހަރެން ލޯގަނޑުން ފެންނަންހުރި އެލެކްސްއަށް ބެލީމެވެ. އޭނާއޮތީ އަހަންނަށް ބަލާށެވެ. އަހަންނަށް ހުއްޓުންއެރިއެވެ. އޭނާ ހަމަބަލަނީއެވެ. އަހަރެން އަހާލާހިތްވިއެވެ. ކަލާ ތިހާވަރަށް ތިބަލަނީ ކީއްވެހެއްޔެވެ؟ އަހަރެން ސިހުނީ އެލެކްސް ކަރުކެހެލި އަޑަށެވެ. އެލެކްސް އޭނާ ވާހަކައެއް ބުނަންހޭ އަހާލިއެވެ. އަހަރެން އިސްތަށިގަނޑުން ފެންހިއްކަމުން އާނއެކޭ ބުނީމެވެ. ''އަހަންނަށް ކީއްވެގެންތަ ހީވަނީ ލީޝާ އަހަރެން ދަންނަހެން؟ ނޭނގޭ.... ކޮންމެވެސް ތަނަކުން އަބަދުވެސް ދެކޭ ދަންނަ މޫނެއްތިއީ....'' އޭނާ މިހެން ބުނީ އިނގިރޭސިންނެވެ. އެވަގުތު އަހަރެންގެ ހިތް ބުންޏެވެ. އަހަރެން ފެންނަނީ ކަލާގެ ހުވަފެންތަކުންނެވެ. ހަމަ ނޭނގެނީ ހެއްޔެވެ؟.... ރަނގަޅަށް އަހަންނަށް ބަލާފައި ބުނެބަލާށެވެ. އަހަންނަކީ ކަލާގެ ލޯބިވާ ކަލާގެ ލާރާއެވެ. ނޫންހެއްޔެވެ؟..... ''ލީޝާ... އެލެކްސް ގޮވާލިއަޑަށް އަހަރެން ސިހުނެވެ. ''ޔާ.... ތިބެދާނެއްނު ވައްތަރު މީހުންވެސް. އެހެންނޫނަސް އަހަންނަކީ ދިވެއްސެއް ތިއީ އިނގިރޭސިއެއް. އަހަރެން ދުވަހަކުވެސް ރާއްޖެއިން ބޭރަކަށް ނުދަން. އަދި މިކަހަލަ މާހައުލަކަށްވެސް ނައަންނަން. ދެން ކީއްވެ؟.....'' އަހަރެންގެ ހިތުގައިވާ ޝުއޫރުތައް ސިއްރުކުރުމަށް އަހަރެން އަވަސްއަވަހަށް އެލެކްސްގެ ސުވާލަށް ޖަވާބުދިނީމެވެ.

''ބަލާމީހަކު ނުބުނާނެ ތީ ދިވެއްސެކޭ... ވާހަކަދެއްކުންވެސް އެހާމޮޅު. އެހާމެރީތި. މިރިސޯޓުގައިވެސް ނުހުންނާނެ ތިހާފުރިހަމަ ރީތި އަންހެނަކު. އަދިކޮބާ؟.... ތިދެލޮލުގެ ކަޅިވެސް ތިހިރީ މަޑުނޫކުލައިގަ. މިހުރިހާ ކަންތައް އިއްތިފާގަކަށް ވެދާނެތަ؟'' އެލެކްސް ހުރީ އަދިވެސް އަހަންނަށް ބަލާށެވެ. އޭނާގެ އެބެލުމުން އަހަރެން ލަދުގަތެވެ. އުނދަގޫވެސްވިއެވެ. އަހަންނަށް އިތުރަށް ބުނާނެއެއްޗެއް ނޭނގުނެވެ. އަސްލު އަހަންނަކީ ދެވެއްސެއް ނޫންކަން އޭނާޔަށް އެހީވާހީވުމަކީ ތެދެކެވެ. އަހަރެން ވައްތަރީ އަހަރެންގެ ބައްޕަޔާއިއެވެ. ''ކީއްވެ ޖަވާބެއް ނުދިނީ؟'' އެލެކްސް އަހާލިއެވެ. ''ހަމަވެދާނެއްނު....'' އަހަންނަށް އިތުރަށް އެންމެ އެއްޗެއްވެސް ބުނަންނޭނގުނެވެ. އެލެކްސްއަށް އަހަރެން ދޮގުހަދަނީކަން ޝައްކުވަނީ ކަންނޭނގެއެވެ. ''ކޮބާ ބައްޕަޔާއި މަންމަ؟....'' އެލެކް އަނެއްކާވެސް އެހެން ސުވާލެއް ކޮށްލިއެވެ. މަންމަޔާއި ބައްޕަގެ ވާހަކައިވުމުން އަހަރެންގެ ހިތަށް ވަރަށް އުނދަގޫވިއެވެ. އެހާމެ ތަދުވެސްވިއެވެ. ކުރަމުންދިޔަ ކަންތައް ހުއްޓާލާފައި، އަހަންނަށް ދެލޯމަރާލެވުނީ އެހިތި ހަނދާންތައް އާވުމުންނެވެ. އަބަދުވެސް ވާފަދައިން މިފަހަރުވެސް އެހަނދާންތަކުން އަހަރެންގެ ދެލޯ ތެންމާލިއެވެ. ނަމަވެސް އެހެންފަހަރެކޭ އެއްގޮތަށް މިފަހަރު އަހަރެންގެ ލޮލަށް ޖަމާވި ކަރުނަތައް އަހަންނަށް ހިފަހައްޓާނުލެވުނެވެ. ފަހަރުގައި އެލެކްސް ކުރިމަތީގައި ވީމަކަމަށްވެދާނެވެ. ''މަރުވެއްޖެ. ވަރަށް ކުޑައިރު.'' އަހަންނަށް މިހެން ބުނެވުނީ ގިސްލަމުންނެވެ. އެލެކްސް އަވަހަށް އެނދުން ތެދުވިއެވެ. އޭނާ އަހަރެންގެ ކައިރިއަށްއައެވެ. އަހަރެން ހުރީ އިސްޖަހައިގެންނެވެ. އެލެކްސް ސޮރީއޭ ބުނަމުން އަހަރެންގެ ކޮނޑުގައި އަތްޖެއްސިއެވެ. އެވަގުތު އަހަރެން އިސްއުފުލައި އެލެކްސްއަށް ބެލީމެވެ. އަހަރެންގެ ކަރުނަތައް ކޯތާފަތްމަތިން ފައިބަމުން ދިޔައެވެ. ''ތިއީ.... އަހަރެން ދަންނަން...'' އެލެކްސް ވަރަށް ރަނގަޅަށް އަހަންނަށް ބަލަންހުރެފައި މިހެން ބުނެލުމާއިއެކު އަހަރެން އޭނާޔަށް ފުރަގަސްދިނީމެވެ. އޭރު އަހަރެންގެ ހިތުގެ ވިންދު ވަރަށް އަވަސްވިއެވެ. އަހަރެން ހިތަށްއެރިއެވެ. އެލެކްސްއަށް އަހަންނަކީ ކާކުކަން އެނގުނީބާވައެވެ.

''މިދުނިޔެއަކު ނޫޅޭނެ އަހަރެންގެ އެއްވެސް ބަޔަކު. ޢާއިލާ މީހުން ކައިރީގައި އުޅެބޮޑުވީ ނޯކަރެއްހެން. ކޮށްޓެއްގައި ބަންދުވެފައި އިން ދޫންޏެއްހެން. އަހަންނަށް ތިކޮށްދޭ ކަންތަކަށް ވަރަށްބޮޑަށް ޝުކުރުވެރިވަން....'' އަހަރެންގެ އަޑުގައި ހުރީ ހިތްދަތިކަމެވެ. އަހަރެންގެ ވާހަކަ އަޑުއަހާފައި އެލެކްސް ވަރަށް ދެރަވިއެވެ. ''އަހަރެން ކަމަކަށް އެދުނިއްޔާ ކޮށްދޭނަންތަ؟'' އެލެކް އަހަންނާއި ސުވާލުކުރިއެވެ. އޭރުވެސް އަހަރެން ހުރީ އެލެކްސްއަށް ފުރަގަސްދީގެންނެވެ. ''އާނ... ތިޔައީ އަހަރެންގެ ސާހިބުމީހާ... އަހަރެންގެ ހަށިގަނޑަކު އަހަރެންގެ މިލްކެއް ނެތް...'' އަހަރެން ވިސްނުމެއްނެތި ބުނީމެވެ. ''އަހަންނާއި މެރީކޮށްފާނަންތަ؟ އެއީ ލީޝާ ބޭނުމިއްޔާ.....'' އެލެކްސްގެ އެޖުމްލައިން އަހަންނަށް ވަގުތުން އެނބުރި އޭނާޔަށް ބަލާލެވުނެވެ. އެއީ އެލެކްސްގެ ދުލުން އަހަރެން އަޑުއަހަން ކެތްމަދުވެފައިހުރި ބަހެކެވެ. އެކަމަކު އެލެކްސްއަށް އަހަންނަކީ ކާކުކަންވެސް ނޭނގެނީސް އަހަންނާއި މެރީ ކުރުމުގެ ބޭނުމަކީ ކޮބާހޭ އަހަރެންގެ ހިތަށްއެރިއެވެ. އޭނާ އޭނާގެ ލޯބިވާ ލާރާއާއި މެރީނުކޮށް އެހެން އަންހެން ކުއްޖެއްގެ ގާތުގައި މެރީކުރަން އެދުމުގެ ބޭނުމަކީ ކޮބާހޭވެސް އަހަރެންގެ ހިތަށްއެރިއެވެ. އަހަރެންގެ ހިތުތެރޭގައި އެތަކެއް ސުވާލެއް އުފެދުނެވެ. އެކަމަކުވެސް ޖަވާބަކަށް ނޭދެމެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ ވާންއުޅޭ އަލަތު ފިރިމީހާއެވެ. ''އެލެކްސް ބޭނުންގޮތެއް...'' އަހަރެންގެ ހިތް އުފަލުން ނަށަމުންދިޔައެވެ. ނަމަވެސް އެކަމެއް އަހަރެން ބޭރަކަށް ނުދައްކަމެވެ.

''އަހަރެން ބޭނުން ލަންޑަނަށް ދިޔުމުގެ ކުރީގައި މެރީކުރަން. އެކަމަކު އަހަރެންގެ ފެމިލީގެ މީހަކަށް މިކަން އެނގިގެންނުވާނެ. އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް މެރީކުރަން. އަހަންނަށް އެނގޭ ލީޝާ ކުރަންބޭނުންވާ ބައިވަރު ސުވާލު ހުންނާނެކަން. އެކަމަކު ހުރިހާ ސުވާލެއްގެ ޖަވާބު އަހަންނަށް ދެވެންއޮތީ އެކޮޅަށް ގޮސްސަ. އޯކޭތަ؟....'' އެލެކްސް އަހަރެންގެ ކޮނޑުގައި އަތްޖެއްސިއެވެ. އަހަރެން އާއެކޭ ބުނަމުން އެލެކްސްއަށް އިސްއުފުލާ ބަލާލީމެވެ. އެލެކްސް ބުނިފަދައިން އަހަރެންގެ ހިތުތެރޭގައި ޖަވާބު ބޭނުންވާ އެތަކެއް ސުވާލެއް ހުއްޓެވެ. "ލީ ކިޔަސް އޯކޭތަ؟'' އެލެކްސް އަހަންނާއި ސުވާލުކުރީ ވަރަށް ގާތްގޮތަކަށެވެ. އަހަރެން މަޑުމަޑުން ބޯޖަހާލީމެވެ. ''އަހަރެންދެކެ ބިރު ނުގަންނަށްޗޭ! އަހަރެން އަބަދުވެސް ލީ ދެކޭނީ ގާތް ރައްޓެއްސެއްގެ ގޮތުގަ. އަހަންނަށް ކުށެއް ކުރެވެންޏާ ކުރީބައިގަ މަޢާފް.'' އެހާހިސާބަށް އެލެކްސްއަށް ބުނެވުނުތަނާ އަހަންނަށް އިޚްތިޔާރަކާނުލައި އޭނާގެ އަނގަމަތީގައި އަތްއެޅުނެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ''އަހަންނަކީ މާކުރިއްސުރެވެސް ކަލާގެ މިލްކެއް.'' ވިސްނުމަކާއި ނުލައި އަހަންނަށް މިހެން ބުނެވުނެވެ. ބުނެވުނުއެއްޗެއް ހަނދާންވީ އެލެކްސް އެކަމާއި ކަންބޮޑުވުމުންނެވެ. އެލެކްސް ސީދާ ބަލަންހުރީ އަހަރެންގެ މޫނަށެވެ. ސުވާލުން ފުރިގެންވާ ދެލޮލަކުންނެވެ. އަހަރެން އަތްނެގީމެވެ. ''ކާންދާން ބަލާދޯ ތިއައީ.'' އަހަރެން ހަމަޖެހިލަމުން އަނެއްފަރާތަށް އެނބުރި ވާހަކަ އޮޅުވައިލެވޭތޯ މަސައްކަތް ކުރީމެވެ. އެކަމަކު އޭނާ މާހުށިޔާރެވެ. އަހަރެންގެ އަތުގައިހިފާ އޭނަޔާ ދިމާލަށް އަނބުރާލިއެވެ. ''ތީކާކު؟...'' އެލެކްސް ކުރީ ވަރަށް އެހެންކަހަލަ ސުވާލެކެވެ. ''ލީޝާ... އަހަންނަކީ ލީޝާ...... ކިހިނެއްވީ؟'' އަހަރެން ވަރަށް ހަމަޖެހިލަމުން އެލެކްސްއަށް އޮޅުވާލަން މަސައްކަތްކުރީމެވެ. ''ކަމެއްނުވޭ.... ކީއްވެ އެހެންބުނީ......'' އަހަރެންގެ ހިތުގައިވާއެއްޗެއް ނޭނގުނަސް ކަންބޮޑުވުމާއިއެކު އަހަރެން ދެއްކި ވާހަކަތަކުން އެލެކްސްއަށް ރަނގަޅަށްވެސް އޮޅުނެވެ. އޭނާޔަށް މިހާރު ކުޑަކޮށް ޝައްކުވަނީ ކަންނޭނގެއެވެ. އަހަންނާއި ލާރާއި ވައްތަރުހެން އޭނާޔަށް ހީވަނީ ކަންނޭނގެއެވެ. މިވީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަހަރެން ދެމީހުން އެކަކު އަނެކަކަށް ވަރަށް ބޮޑަށް އެނގިއްޖެވެ. ހީވަނީ އަބަދުވެސް ދިމާވާ ބައްދަލުވާ ދެމީހުންހެންނެވެ. ''އެއީ އަހަރެން އެހެންބުނި އެއްޗެއްނޫން..'' އަހަރެން ވާހަކަ އޮއްބާލީމެވެ. އެލެކްސް ހަމަޖެހިލައިގެން އެނދުގައި އިށީނެވެ. އަދި ކާންދާން ބުނުމުން އަހަރެން އޭނަޔާއިއެކު ކާންދިޔައީމެވެ. އޭނާ އަހަރެން އެންމެނަށް ތަޢާރަފްކޮށްދިނެވެ. އެންމެންވެސް ދެއްކީ އަހަރެންގެ ރީތިވާހަކައެވެ. ރާއްޖެ ކުއްޖެކޭ ބުނުމުން އެމީހުންނަށްވެސް ގަބޫލުކުރަންދަތިވިއެވެ.

ކެއުން ނިންމާލުމަށްފަހު ދާންޖެހުނީ ރިސޯޓާއި ވަރަށް ކައިރީގައިއޮތް މީހުންއުޅޭ ރަށަކަށެވެ. އެލެކްސްއާއިއެކުއެވެ. އޭނާގެ އެދުމުގެ މަތިންނެވެ. އެއޮށްހުރިހާއިރުވެސް އަހަރެން އެލެކްސްއަށް ފެންނަހިސާބުގައި މޫނުމައްޗަށް ހިނިތުންވުމެއް ނުގެންނަމެވެ. އަހަރެން އުޅެންޖެހުނީ އެކަމަށް ވަރަށް ވިސްނައިގެންނެވެ. މޫނުގައި އެކަޅުތިލަ އެހިސާބުގައި ނިއިންނަނަމައޭ އަހަރެންގެ ހިތަށްއެރިއެވެ. އެރަށަށްދާން ފުރުމުގެ ކުރިން އަހަންނަށް ލިބުނު މޮޅު ޚިޔާލުން އަހަރެން އެކަޅުތިލަ އިންނަހިސާބުގައި ކުޑަ މަލަންކޮޅެއް އެޅީމެވެ. އަހަރެން ހީކުރިފަދައިން އެލެކްސްގެ ސުވާލާއި އަހަރެން ކުރިމަތިލާން ޖެހުނެވެ. އެހެންވެ އަހަރެން އެލެކްސްއާއި ކުރިމަތިލީ އެކަމަށް ތައްޔާރުވެގެންނެވެ. އަހަރެން ދެއްކި ބަހަނާ އެލެކްސްއަށް ފަސޭހައިން ގަބޫލުކުރެވުނެވެ. ލޯންޗުތެރޭގައި އެލެކްސްގެ މަޖާވާހަކަތަކުން އަހަންނަށް ވަރަށް ހެވުނެވެ. ދިހަވަރަކަށް މިނިޓްގެ އެދަތުރަށްފަހު އަހަރުމެން އެރަށަށް ފޭބީމެވެ.

އެލެކްސް އަހަރެން އެރަށަށް ގެނައީ އަހަންނަށް ހެދުންގަތުމަށެވެ. މަހެއްވަންދެން ތަކުރާރުނޮކޮށް ލެވޭވަރަށް އޭނާ އަހަންނަށް ހެދުންގަނެފައި ދިނެވެ. ހުސް އޭނާގެ ޗޮއިސްއެވެ. އެއީ އަހަރެން ލައިއުޅޭ ވައްތަރުގެ ހެދުންތަކެއްވެސް ނޫނެވެ. ހުސް އަތްކުރު ޓޮޕާއި ޖިންސެވެ. އަހަރެން އެހެދުމުގައި ހުރިތަންފެނުމުން އެލެކްސްހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. 
...................... (ނުނިމޭ)



Tuesday, September 25, 2012

Mulhi Umurahves Loabi Vaanameve...... (05)


މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.... (ފަސްވަނަ ބައި)

(ހަތަރުވަނަ ބަޔާއިގުޅޭ)..............

އަޑެއް އިވިގެން އަހަރެން ފަސްއެނބުރި ބަލާލިއިރު ނިހާލްއާއި ފާރިޝްގެއަށް އައިސްގެން އުޅެނީއެވެ. އެމީހުންނާއިއެކުގައި ފާރިޝްގެ ސާދައަހަރުގެ ފިރިހެން ކޮއްކޮ ސަމާހުވެސް ހުއްޓެވެ. އެމީހުންގެ ކޮނޑުގައި ދަބަސް އަޅުވާފައި ހުއްޓެވެ. ބަލާބެލުމަށް ހީވަނީ ތަނަކަށް ދާން ތައްޔާރުވެގެން އައީ ހެންނެވެ. އަހަރެން ތެދުވެލާފައި އެމީހުން ކައިރިއަށް ދިޔައީމެވެ. އަދި ތިއީ ކޮންކަމެއްހޭ އަހާލީމެވެ. ''އަހަރުމެން ޗުއްޓީއަށް ރަށަކަށް ދާން މިއުޅެނީ.... އަޔާން ނުދާނަންތަ؟...'' ފާރިޝް ދަބަސް ބަހައްޓަމުން ހީލާފައި އަހާލިއެވެ. ''ރަށަކަށޭ... އަހަރެން އެއްވެސް ތަނަކަށް ދާހިތެއް ނެތް.... ތިމީހުންދޭ'' އަހަންނަށް މިހެން ބުނެވުނުތަނާ މަންމަ އެމީހުންކައިރީ ސައިބޯން އަންނަން ބުންޏެވެ. އަހަރެން އަންނާށޭ ބުނެފައި އެނބުރުނުތަނާ ނިހާލް އަހަރެން ކައިރީ ދަނީ ކޮންރަށަކަށްތޯވެސް ނާހާނަންތޯ އަހާލިއެވެ. އަހަރެން ފަސްއެނބުރި އެމީހުންގެ މޫނަށް ބަލާލީމެވެ. ''ކުޑަހުވަދުއަށް ދާންވެގެން މިއުޅެނީ....... އަދިވެސް ނުދާނަންތަ؟'' ނިހާލް އޭނާގެ ޖީބުން ހަތަރު ޓިކެޓް ނަގާފައި ދައްކާލިއެވެ. ''ބޭނުން ނުވަންޏާ.......'' މިހެންބުނެ ނިހާލު އުޅުނީ އެވީދާލާށެވެ. ނުވަތަ އަހަރެންގެ ހިތް ތަޅުވާލާށެވެ. އަހަރެން ފުންމައިގެން ގޮސްފައި ނިހާލުއަތުން ޓިކެޓް އަތުލީމެވެ. އަހަރެން އުފަލުން ފޮޅުނެވެ. އަހަންނަށް ހަމައެކަނި އަހާލެވުނީ ކިހިނެއްހޭ އެކަންޏެވެ. އެވަގުތު ބައްޕަ ފަހަތުން ވާހަކަ ދެއްކިއެވެ.

އަހަރެން ގެއަށް އައުމުގެ ކުރީގައި ނިހާލުމެން ގެއަށް އައިސް ބައްޕަޔާއި ވާހަކަދައްކައިގެން އެދަތުރު ހަމަޖެއްސީއެވެ. ބައްޕަ ކައިރީގައި އެމީހުން ބުނީ ގިނަ ރައްޓެހިން އެރަށުގައި ތިބުމާއިއެކު ޗުއްޓީ އެރަށުގައި ހޭދަކޮށްލަން ބޭނުންވަނީ ކަމުގައެވެ. އަދި އެމީހުން އަހަންނަށް ސަޕްރައިޒަކަށް މިދަތުރު ހަމަޖައްސަން ބޭނުންވާ ވާހަކަވެސް ބުންޏެވެ. ބައްޕަ އެއްބަސް ވީ ބައްޕަ ހަމަޖައްސާ ތަނެއްގައި އަހަރުމެން ތިބުމަށެވެ. އަހަރުމެންގެ ކަންތައް ބައްޕަޔަށް ރަނގަޅަށް ބެލޭނީ އޭރުން ކަމުގައިވާތިއެވެ. އެއީ ރަށު ކައުންސިލަރުގެ ގެއެވެ. އުބެއިދު އެއީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށް ބައްޕަ ބުންޏެވެ. އެގޮތާއި އެއްބަސް ވެގެން އެރޭ ފުރަންއޮތް ބޯޓުން ފުރަން ހަތަރު ޓިކެޓް ނެގިވާހަކައެވެ. ޓިކެޓް ނަގައިދިނީވެސް ބައްޕައެވެ. އެއީ ތޫވެސް ދާ ބޯޓެވެއެވެ. އަހަންނަށް ހުރެވުނު ތަނެއްވެސް ނޭނގެއެވެ. ޅަކުއްޖެއް ފަދައިން ޝުކުރިއްޔާއޭ ބުނަބުން އަހަރެން ބައްޕަގެ ގައިގައި އޮޅުލައި ގަތީމެވެ. ބައްޕަ ރަނގަޅަށް އުޅުމަށް ބުނަމުން އަހަރެންގެ ބުރަކަށީގައި ލޯބިން ފިރުމާލިއެވެ. އަހަރެން ބެނުންނަމަ ބައްޕަ ލޯންޗެއްވެސް ހަމަޖައްސައިދީފާނަމޭ ބަންޕަ ބުންޏެވެ. ނަމަވެސް އަހަރެން ބޭނުމީ ބޯޓުން ދާން ކަމަށް އަހަރެން ބައްޕަކައިރީގައި ބުނީމެވެ. ބައްޕަ ފާޑަކަށް އަހަންނަށް ބަލަންހުރުމުން އެހިތުގައި ވާއެއްޗެއް އަހަންނަށް ވިސްނުނެވެ. އެހެންކަމުން ވަގުތުން އަހަންނަށް ބުނެލެވުނެވެ. އަހަރެން ބޭނުންވަނީ ބޯޓުގައި ދަތުރުކޮށްގެން ތަފާތު ތަޖުރިބާއެއް ކޮށްލަންކަމުގައެވެ. އެވަގުތު އަހަންނަށް ބަލާލެވުނީ ރައްޓެހިންގެ މޫނަށެވެ. އެމީހުން ހެވިފައި ތިއްބެވެ. ބޯޓުން އަހަރެން ދާންބޭނުންވާ ސަބަބު އެމީހުންނަށް އެނގޭތީއެވެ. އަހަރެންގެ މޫނުމަތިން ބަދަލުވީ ކުލަވަރު ދުރުގައި ބަލަންތިބި ތުއްތަޔާއި ކުޑާއްތައަށް ފާހަނގަ ކުރެވުނެވެ. އެމީހުންގެ ސުވާލުތަކާއި އަހަރެން ފަހުން ކުރިމަތިލާން ޖެހޭނެކަން އަހަންނަށް އެނގުނެވެ. ނަމަވެސް އެވަގުތު އަހަރެން ނިހާލުމެން ގޮވައިގެން ދިޔައީ ސައިބޯށެވެ.

ފުރުން އޮތީ އެރޭ ނުވައެއްޖަހާއިރު ކަމަށްވުމުން ނިހާލުމެން ތިބީ އަހަރެންގެ ގޭގައެވެ. ސައިބޮއި ނިމިގެން އަހަރެން ތޫއަށް ގުޅަން އުޅުނީމެވެ. އެއުފާވެރި ޚަބަރު ދިނުމަށްޓަކައެވެ. ނަމަވެސް ފޯނުނަގައިގެން ޑައިލް ކުރަން އުޅެފައި ވިސްނުނީ ސަޕްރައިޒެއް ދިނުމަށެވެ. އެއީ އަންހެން ކުދިން ސަޕްރައިޒް ދެކެ ލޯބިވާނެކަން އެނގޭތީއެވެ. ފޮށްޓަށް އެއްޗެހި އަޅާ އަހަރެންވެސް ތައްޔާރުވެލީމެވެ. ވަގުތު ދާލެއް އަހަރެން ހުރީ ލަސްވެފައެވެ. ހިތުގެ އަޑިން އަހަރެން ނިހާލުމެންނަށް ޝުކުރު އަދާކުރީމެވެ. އަހަންނަށް ނުކުރެވުނު ކަމެއް އެމީހުން އަހަންނަށްޓަކައި ކޮށްދިނީމައެވެ. އެދަތުރު އެމީހުން ހަމަޖެއްސީ އަހަރެންގެ އުފަލަށްޓަކައެވެ. ރައްޓެހިންގެ ލޯތްބާއި، އެކުވެރިކަމާއި އެމީހުންގެ ބޭނުންތެރިކަން އެނގޭނީ ކަމެއްޖެހުމުންކަން އެދުވަހު އަހަންނަށް އެނގުނެވެ. އަހަންނަށް ލިބިފައިވަނީ އަހަންނަށް ހެޔޮއެދޭ ރަނގަޅު ދެރަޚްމަތްތެރިންނެވެ.  

މަޢްރިބް ނަމާދަށް ބަންގި ގޮވިއަޑުއިވިމުން އަހަރުމެން ހަތަރު މީހުން ދިޔައީ ނާމާދަށް މިސްކިތަށެވެ. ނަމާދުކޮށްލައިގެން އައިސް ގެއަށް ވަންތަނުން ކުޑާއްތަ އަހަރެން ދަމާފައި ގެންގޮސް އޭނަގެ ކޮޓަރިއަށް ވެއްދިއެވެ. ނިހާލުމެން ކައިރީ މަޑުކޮށްލުމަށް ބުނެފައި އައިއިރު ތުއްތަވެސް ކުޑާއްތަ ކޮޓަރީގައި އިނެވެ. ކުޑާއްތަ އަހަރެން ގޮވައިގެންގޮސް ބޭންދީ އެނދުގައެވެ. އަދި ދެމީހުންވެސް އަހަންނާއި ސުވާލުކުރިއެވެ. އެހާވަރަކުން ހެވިލާފައި ކުޑަހުވަދުއަށް ދާން އަހަރެން އެއްބަސްވި ސަބަބެއް އޮޅުންފިލުވަން އެމީހުން ބޭނުންވަނީއެވެ. އެމީހުން ހީކުރީ އަހަރެން އެރަށަށް ދަނީ އަންހެން ކުއްޖެއްގެ ސަބަބުން ކަމަށެވެ. ނޭގިވެސް އެމީހުންނަށް ހީކުރެވުނީ ރަނގަޅަށް ނޫންހެއްޔެވެ؟ ނަމަވެސް އެމީހުން ހީކުރީ ރަނގަޅަށް ކަމަށް ބުނެދޭން އަހަންނަކަށް ނުކެރުނެވެ. ތުއްތަ ހުރުމުންނެވެ. ތުއްތަ ފަހަރުގައި މަންމަޔާއި އެވާހަކަ ހިއްސާކޮށްފާނެވެ. މަންމަޔަށް އެނގިއްޖިއްޔާ އެކަން ބައްޕަޔަކަށް ސިއްރެއް ނުވާނެވެ. ކުޑާއްތަ އެކަނިނަމަ އަހަރެން ވެފައިވާ އުފަލެއްގެ ބޮޑުކަމުންވެސް އޭނަޔަށް ހުރިހާ ވާހަކައެއްވެސް ކިޔައިދިނީމުސްއެވެ. ކުޑާއްތަ އަހަންނާއި ދިމާކޮށްފައި އަހަންނާއި އަނެއްކާވެސް ސުވާލުކުރީ ފޯނެއް އައިސްގެން ތުއްތަ ބޭރަށް ދިޔުމުންނެވެ. ތުއްތަ ބޭރަށް ހަމަ ނުކުތުމާއިއެކު އަހަރެން ކުޑާއްތަ ކައިރީގައި ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ތޫ އެންމެފުރަތަމަ ފެނުނު ގޮތާއި، ތޫ ހޯދަން އަހަރުމެން ކުރި މަސައްކަތާއި، ދެން ތޫއާއި ބައްދަލުވީ ގޮތާއި، އަދި މިހާރު ތޫއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަމާއި އަދި އަހަރެން ކުޑަހުވަދުއަށް ދާން އެއްބަސްވީ ސަބަބެވެ. އޭގެ އިތުރުން ތޫ ހުންނަގޮތްވެސް ކިޔައިދިނީމެވެ. މިހުރިހާ ވާހަކައެއް އަޑުއަހާފައި ކުޑާއްތަ އަހަންނާއި ދިމާލަށް ފާޑަކަށް ހެވިލާފައި ބަލަން އިނެވެ. ކުޑާއްތަ ތޫގެ ފޮޓޯއެއް ބަލަން ބޭނުންވިއެވެ. ނަމަވެސް އެހާ ގާތްއިރުވެސް އަހަރެންގެ އަތުގައި ތޫގެ ފޮޓޯއެއްނެތްކަން އެއީ ހައިރާންވާވަރުގެ ކަމެއްކަން ކުޑާއްތަ ބުންޏެވެ. އަހަރެން ހަމައެކަނި ބުނީ އަހަރެން ބޭނުންނަމަ ތޫއަށް ނާންގާ ފޮޓޯއެއްވެސް ނެގިދާނެކަމާއި ނަމަވެސް ތޫގެ ހުއްދަޔާއި ނުލައި އެކަން ކުރަން ބޭނުންނުވީކަމުގައެވެ. ''ހާދަ ލޯތްބެކޭ ތިވަނީ.......ފައިނަލީ..... އަހަރެންގެ ދޮނޫއަށް ލޯބިވެވިއްޖެ'' ކުޑާއްތަ އަހަރެންގެ ކޮލުގައި ދެއަތުން ލޯބިން ހިފާލަމުން ހިނިތުންވެލިއެވެ. ''ކޮންއިރަކު އިންޓްރޮޑިޔުސް ކޮށްދޭނީ؟... ދޮނޫ ތިހާވަރަށް ލޯބިވާ ކުއްޖަކު ކުޑާއްތަ ބަލާލަން ބޭނުންވޭ..'' ކުޑާއްތަ މިހެން އަހާލުމުން އަހަންނަށް ހެވުނެވެ. އަދި ކުޑާއްތަ ކައިރީގައި ތޫއަށް އެއްވެސް ކަމެއް ނޭގޭނެ ވާހަކަ ބުނީމެވެ. ކުޑާއްތަ މަޝްވަރާ ކުރީ ތޫކައިރީގައި އަހަރެން އެވާހަކަ ވީހާވެސް އަވަހަކަށް ބުނުމަށެވެ. އެހެންނޫނިއްޔާ ތެޔޮނާށި ކާޅު ޖަހައިގެންފާނޭވެސް ބުންޏެވެ. އަދި އަހަރުމެން އެރަށަށްދާ ދަތުރު ނިމިގެން މިކޮޅަށް އަންނައިރު ތޫ އަހަރެންގެ މީހަކަށް ހަދައިގެން ގޮވައިގެން އަންނަންވެސް ކުޑާއްތަ ބުންނެވެ. އަހަންނަށް ބުނަން ނުކެރެންޏާ ކުޑާއްތަ ބުނެފާނަމޭވެސް ބުންޏެވެ. ނަމަވެސް އަހަރެން އަމިއްލައަށް ތޫއަށް އެކަން އަންގާނެކަމަށް ބުނުމުން ކުޑާއްތަ ހިނތުންވެލިއެވެ. އަހަރެން ކުޑާއްތައަށް ތޫގެ ނަންބަރު ދިނީމެވެ. އަދި އަހަރެން ނުބުނަނީސް ތޫއަށް ނުގުޅުމަށްވެސް ބުނީމެވެ. ދަމުން އަހަރެން ކުޑާއްތަކައިރިން އެދުނީ އެވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުދެއްކުމަށެވެ. ކުޑާއްތަ ހީލާފައި ބޯޖަހާލުމުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނެވެ. ހިތުގައިވާއެއްޗެއް ކުޑާއްތައާއި ޝެއަރ ކުރެވުމުން އަހަރެން ހުރީ ވަރަށް ބޮޑަށް ހިންހަމަޖެހިފައެވެ. އުފާވެފައެވެ. އެ އުފާވެރިކަން އަބަދަށް އެގޮތުގައި ދެމިއޮތުމަށް އަހަންނަށް ހިތާއި ހިތުން ދުއާކުރެވުނެވެ.

އަށްގަޑި ބައިވިއިރު އަހަރުމެން ފުރަން ބޯޓުކައިރިއަށް ދިޔައީމެވެ. އަހަރެން ބޯޓަށް ލައިދިނުމަށްޓަކައި މަންމަމެންވެސް ދިޔައެވެ. އޭރު މަދުމަދުން ފުރަން މީހުން ބޯޓަށް އަރަމުން ދިޔައެވެ. އެއީ ދެބުރިއަށް ނަގާފައިވާ ރީތި ބޯޓެކެވެ. ބޯޓުގެ ބޭރުގައި ހިޔަލަބޯޓް ލިޔެފައި އޮތެވެ. އަހަރެން ހޯދާލީ ތޫފެނޭތޯއެވެ. އެވަގުތު ކުޑާއްތަ އަހަރެންގެ ގައިގައި ކޮށްޓާލާފައި އެމަންޖެ ކޮބާހޭ އަހާލިއެވެ. އެއްވެސް މީހަކަށް ނީވޭވަރަށް ސިއްރުންނެވެ. އަހަރެން ބޭނުންވީ ތޫ އައުމުގެ ކުރިން ގޭމީހުން އެތަނުން ފޮނުވާލާށެވެ. އެހެންވެ އެންމެންނާއި ސަލާން ކުރުމަށްފަހު ދާން އެދުނީމެވެ. މަންމަމެން ބޭނުންވީ ބޯޓް ނައްޓާލަންދެން އެމީހުން އެތަނުގައި ތިބުމަށެވެ. ދެން އެހެން ގޮތެއް ނެތުމުން ބޯޓުން ޖާގަ ހޯދަންޖެހޭނެ ކަމަށް ބުނަމުން އަހަރުމެން ބޯޓަށް އެރީމެވެ. އެވަގުތު އަހަންނަށް މެސެޖެއް އައެވެ. ބަލާލިއިރު ކުޑާއްތަގެ މެސެޖެކެވެ. ''ބެސްޓް އޮފް ލަކް.... އެނބުރި އަންނައިރު ފަހަރި ގޮވައިގެން އަންނާތި.....'' ކުޑާއްތަގެ މިކުރު މެސެޖުން އަހަންނަށް ހިނިތުން ވެލެވުނެވެ. އުފަލުންނެވެ. އަހަރެން ފަސްއެނބުރި ކުޑާއްތައަށް ބަލާލީމެވެ. އެވަގުތު ކުޑާއްތަ ހިނިތުންވެލަމުން އަހަންނަށް ހަނާއެޅިއެވެ. އަހަރެންވެސް ހަނާއަޅާފައި އެތެރެއަށް ވަނީމެވެ. އެންމެ ފުރަތަމަވެސް އަހަންނަށް ވަށައިގެން ހޯދާލެވުނެވެ. ބޯޓުގައި ބައެއްމީހުން ހޭލާ އަދި ބައެއްމީހުން ނިދާފައި ތިއްބެވެ. އެއެންމެންގެ ތެރެއިން އަހަންނަށް ހޯދުނީ އެއްމޫނެކެވެ. ތޫއެވެ. ނަމަވެސް ތޫއަހަންނަކަށް ނުފެނުނެވެ. އެހެންވެ ތޫ އަދި ނައަންނަނީކަން އެނގުނެވެ. ކުޑައިރުކޮޅަކު ކޮޅަށްތިބެފައި އަހަރުމެންވެސް ބޯޓުގެ ތެރެއިން ޖާގަ ހޯދައިގެން ޖައްސާލީމެވެ.

ގަޑީގެ ސިކުންތު ކަށި ހިނގަމުންދިޔަވަރަކަށް އަހަރެންގެ ހިތް ރޯމަހެއް ތެޅޭހެން ބާރުބާރަށް ތެޅެމުން ދިޔައެވެ. ތޫއާއި ބައްދަލުކުރުމަށެވެ. ތޫއަށް އަހަރެން ފެނުމާއިއެކު އޭނާއަށް ވާނީ ކިހިނެއް ހެއްޔެވެ؟... އޭނާ އުފާވާނޭ ހެއްޔެވެ؟ އޭނާވެސް އަހަންނާއި ބައްދަލުކުރުމަށް މިވަރަށް ބޭނުންވާނޭ ހެއްޔެވެ؟ ޖަވާބެއްނެތް އެތައް ސުވާލެއް އަހަރެންގެ ސިކުޑީގައި އެނބުރެމުން ދިޔައެވެ. ވަގުތުކައިރިވަރަކަށް ބޯޓަށް އަރަމުން ދިޔަ މީހުންވެސް އޭރު ގިނަވަމުން ދިޔައެވެ. ކޮންމެ މީހެއްގެ މޫނަށްވެސް އަހަރެން ވަކިވަކިން ބަލަން އިނީމެވެ. ތޫއާދޭތޯއެވެ. ނަމަވެސް ފުރަން ފަސްމިނިޓްވީ އިރުވެސް ތޫއެއްނާދެއެވެ. އަހަރެން މާޔޫސްވިއެވެ. ނިހާލުމެން ތޫއަންނާނެކަމަށް ބުނަމުން އަހަރެންގެ ހިތްހަމަޖައްސަން މަސައްކަތް ކުރަމުން ދިޔައެވެ. އެމީހުން އެދުނީ އެންމެފަހުން ތޫއަށް ގުޅުމަށެވެ. ފޯނުމަތިން ހަނދާންވީވެސް އެވަގުތުއެވެ. އަހަރެން އަވަސްއަވަހަށް ފޯނުނަގާ ތޫގެ ނަންބަރަށް ޑައިލް ކުރަން އުޅުނީމެވެ. ނަމަވެސް އޭގެ ކުރިން އަހަންނަށް ފޯނެއްއައެވެ. އަހަންނަށް ބަލާލެވުނީ ނިހާލުމެން މޫނަށެވެ. ހައިރާންވެ ހުރެއެވެ. ................................. (ނުނިމޭ)



Friday, September 14, 2012

Mulhi Umurahves Loabi Vaanameve...... (04)

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.... (ހަތަރުވަނަ ބައި)


(ތިންވަނަ ބަޔާއިގުޅޭ)..............

            މާޒީގެ އުފާވެރި ސޮފްޙާތަކުން އަހަންނަށް ބޭރަށް އާދެވުނީ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވުމުންނެވެ. ގުޅަނީ މަންމައެވެ. އަހަރެން ފޯނުނެގީމެވެ. ''ހަލޯ..... ދަރިފުޅާ.... ކޮންތާކު؟ ލަންކާ އެއަރޕޯޓުގަތަ؟ އެތަނަށް ދެވިއްޖެތަ؟'' މަންމަ އެއްފަހަރާ ހުރިހާ ސުވާލުތަކެއް އަމުނާލިއެވެ. ޓްރާންސިޓްވެގެން ދާންޖެހޭތީވެ އަހަންނަށް ލަންކާއަށް ދެވުނުތޯ މަންމަ ބަލާލީއެވެ. ކުރީގައި ފުރަންއޮތް ގަޑީގައި ފުރުނުނަމަ އަހަރެން އޭރުވާނީ ލަންކާގައެވެ. އަހަރެން ފުރުން ލަސްވީވާހަކަ މަންމަ ކައިރީގައި ބުނީމެވެ. އެވަގުތު އަހަރެން ފޯނުގެ ގަޑިއަށް ބަލާލީމެވެ. ''އޯހް..... މިހާރު ބޯޑިން ފެށިދާނެ....'' އަހަރެން އަވަސްއަވަހަށް އެތަނުން ތެދުވީމެވެ. އަދި މަންމަ ކައިރީގައި ލަސްވެއްޖެ ވާހަކަޔާއި، ފްލައިޓް ނެއްޓުމުގެ ކުރިން ގުޅާނެކަމަށް ބުނެފައި އަހަރެން ފޯނު ބޭއްވީމެވެ. ފޯނު ޖީބަށް ލުމަށްފަހު އެތަނަށް އާދެވޭނޭ އެންމެ ފަހުފަހަރު ކަމަށް ހިތަށް އަރުވަމުން އަހަރެން ވަށައިގެން ނަޒަރު ހިންގާލީމެވެ. ދެތިން ސިކުންތު ވަންދެން ތޫ އެންމެ ފުރަތަމަޔަށް އަހަންނަށް ފެނުނުތަނަށް ބަލަން ހުރީމެވެ. ފެންކަޅިވެފައި ހުރެއެވެ. ''ތޫ..... އަހަރެން ވަރަށް ލޯބިވޭ ތޫދެކެ. މިލޯބި އަބަދުވެސް މިހިތުގައި ވާނެ. މުޅި އުމުރަށް...... ތޫ ނޫން އެހެންމީހަކުދެކެ އަހަންނަށް ލޯތްބެއް ނުވެވޭނެ.... އަހަރެން ތޫދެކެވާ ލޯބި ތޫއަށް އިހުސާސް ކުރެވޭނެ ނަމަ.....'' މަޑުމަޑުން އަހަރެން އަމިއްލަ ނަފުސާއި ދައްކަމުން ދިޔަ ވާހަކަތައް ހުއްޓާލީ ކުރިމަތީގައި އޮތް ފެރީ ފުރަން އެއަށް މީހުން އަރަން ފެށުމުންނެވެ. އަހަރެން ލެޕްޓޮޕް ކޮނޑުގައި އަޅުވާލަމުން ދާން ހިނގައިގަތީމެވެ. ތަންކޮޅަކަށް ގޮސްފައި އަދިއެއްފަހަރު ފަސްއެނބުރި އެތަނަށް ބަލާލީމެވެ. ތޫގެ ހަނދާނުގައެވެ.

އަހަރެން އިނީ ލަންކާއަށްދާ ފްލައިޓް ތެރޭގައެވެ. ފްލައިޓް ނެއްޓުމުގެ ކުރިން އަހަރެން މަންމަޔަށް ގުޅީމެވެ. އެއަށްއަރާ މާގިނައިރުތަކެއް ނުވަނީސް އެ ނައްޓާލިއެވެ. އަހަރެން އިނީ ވިންޑޯސް ޝީޓްގައި ކަމުން ބޭރުން އަހަންނަށް ރީއްޗަށް ތަންތަން ފެންނަމުން ދިޔައެވެ. ލޯމަތިން ގެއްލެންދެން އަހަރެން އެތަންތަނަށް ބަލަންއިނީމެވެ. ތޫމަތިން އަހަރެން ވަރަށް ހަނދާންވިއެވެ. ތޫ ދެން ދުވަހަކުވެސް ނުފެންނާނެކަން އެނގޭތީއެވެ. ފްލައިޓް މަތީގައި މުނިފޫހި ފިލުވުމުގެ ގިނަ ވަޞީލަތްތަކެއް ހުއްޓަސް އަހަރެން އެ ބޭނުންކުރާ ހިތެއްނުވިއެވެ. ބޭނުންވީ ހަމައެކަނި ތޫއާއިއެކުގައި ވޭތުކުރި އުފާވެރި ދުވަސްތައް މަތިން ހަނދާންކޮށްލުމެވެ. ކޮންމެ ދުވަހަކާއި، ވަގުތާއި، ދެއްކި ވާހަކަތައް ލިޔެފައިވާ ޑައިރީއެއް ފަދައިން އަހަރެންގެ ސިކުޑީގައި ވެއެވެ. އެދުވަސްތައް މަތިން ހަނދާން ކޮށްލާ ކޮންމެ ފަހަރަކު އެމަންޒަރުތައް ނަގާފައިވާ ފޮޓޯތަކެއް ފަދައިން ލޯމަތިން ސިފަވެއެވެ. އަހަރެން ބޭނުންވީ ތޫގެ ހަނދާންތަކާއިއެކު އަނެއްކާވެސް ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އެހެންވެ އަހަރެން ކެބިން ކުރޫއަކަށް ގޮވާފައި ފްލައިޓް ޖެއްސުމުގެ ކުރިން އަހަންނަށް ނޮގޮވުމަށް ބުނީމެވެ. އެއަށްފަހު އަހަރެން ގޮނޑީގައި ހަމަޖެހިލަމުން ދެލޯ މަރާލީމެވެ. އިތުރު އެހެންތަނެއް ނުބެލުމަށްޓަކައެވެ. ހަމައެކަނި ހިތުގައި ކުރެހިފައިވާ ތޫގެ ސޫރަ ދެކިލުމަށްޓަކައެވެ. އެހަނދާންތަކުން ސިކުޑި ތާޒާކޮށްލުމަށްޓަކައެވެ.

''އަޔާން......'' އަހަރެން ސިހުނީ ތޫގެ އަޑުންނެވެ. އޭރު އަހަރެން އިނީ ހޯލުކުރިމަތީގައި ހުރި ބެންޗުގައެވެ. ނިހާލްމެންނާއިއެކުއެވެ. އަހަރެންއިނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ދެރަވެފައެވެ. ފުރަތަމަ ސެމިސްޓަރގެ އެންމެ ފަހުދުވަހަށް ވީތީއެވެ. ދެން ދެމަހެއްހާ ދުވަސްވަންދެން އަހަންނަށް ތޫ ނުފެންނާނެކަން އެނގޭތީއެވެ. މި ފާއިތުވެދިޔަ ސެމިސްޓަރ ތެރޭގައި އަހަރުމެން ދެމީހުންގެ ގުޅުން ވަރަށްބޮޑަށް ބަދަހިވިއެވެ. މި ގުޅުމަށް ދޭނެ ނަމެއް ނޭގުނަސް ދެމީހުންގެ އެކިއެކި ވާހަކަތައް ދެމީހުން ޝެއަރ ކުރަމެވެ. ސުކޫލުން ބޭރުގައި ދެމީހުން ފޯނުން ވާހަކަދައްކަމެވެ. ބައެއްރޭރޭ ވަރަށްގިނައިރު ވަންދެންވެސް އަހަރުމެން ދެމީހުން ވާހަކަދައްކަން ތިބެމެވެ. އަހަރުމެން ދުނިޔޭގެ ހުރިހާ ވާހަކަތައެއް ދައްކަމެވެ. ނަމަވެސް ލޯބީގެ ވާހައެއް ނުދައްކަމެވެ. އަހަންނަށް ދައްކަން ނުކެރެނީއެވެ. އެހެންވެ އޭނާވެސް ނުދައްކަނީ ކަމަށް ވެދާނެވެ. އެހެންނޫނަސް އެއީ ވަރަށް ލަދުރަކި ކުއްޖެކެވެ. އޭނާގެ އެމިޒާޖު އަހަންނަށް ވަރަށް ކަމުދެއެވެ. ބައެއްފަހަރު ގަސްތުގައި އަހަރެން އޭނާޔަށް ބަލަމެވެ. ލަދުގަންނަވަރަށެވެ. އެއީ ތޫ އަބަދުވެސް އަހަރެން ކައިރީގައި އަހަރެންގެ ބަލާލުމުގައި ހިތްކަތިލާކަހަލަ ގޮތެއް ހުންނަވާހަކަ ބުނާތީއެވެ. އޭނަ މިހެން ބުނާ ކޮންމެ ފަހަރަކު އަހަރެން ވަރަށް ހިންހަމަޖެހެއެވެ. އަހަރެން ބޭނުންވަނީ އޭނަގެ ހިތް ކަތިލެވިގެންވެސް އަހަރެންދެކެ އޭނާޔަށް އިންތިހާޔަށް ލޯބިވެވުމެވެ.

ތޫ އަހަރެން ކައިރީގައި އިށީންނަމުން އަހަންނަށް ބަލާލިއެވެ. އެދެލޯ އަހަރެންގެ މާޔޫސްކަން މުޅިން ފިލުފާލި ފަދައެވެ. އަހަރެން ތޫއަށް ވަރަށް ރަނގަޅަށް ބަލާލީމެވެ. ހަމައެކަނި ވޫލްކޮޅަކުން އައްސާލެވިފައިވާ އޭނާގެ ފަންދިގު އިސްތަށިގަނޑު އެއްކޮނޑުމަތިން ކުރިމައްޗަށް ވައްޓާލެވިފައިވެއެވެ. ކުރުކޮށް ކޮށާލެވިފައިވާ ބައެއް އިސްތަށިތަށް ވަޔާއިއެކު އޭނާގެ މޫނުގައި ބީހެމުންދިޔައެވެ. އަހަންނަށް އިނދެވުނީ ތޫއަށް ބަލާށެވެ. ގެއްލިފައި ކަހަލަ ގޮތަކަށެވެ. ''އަޔާން......'' އަހަރެންގެ ފަރާތުން ޖަވާބެއް ނުލިބުމުން ތޫ އަނެއްކާވެސް ގޮވާލިއެވެ. ''ކޮންކަމަކަށް ގެއްލިފައި؟'' ތޫ އަހަރެންގެ މޫނުމައްޗަށްވާގޮތަށް އަތުން ހަނާއެޅިއެވެ. އަހަރެންގެ ރައްޓެހިންވެސް ތޫއާއި ބައިވެރިވެގެން އަހަންނާއި ދިމާކޮށް ހެދިއެވެ. ދުވާލުގަޑީގައިވެސް އަހަރެން ގެއްލިފައި އިންނާތީއެވެ. ތޫއައީ އޭނާ އެރޭ ފުރާ ބޯޓުން ރަށަށް ދާވާހަކަ ބުނާށެވެ. ފުރުން ހަމަޖެހުނީ ކުއްލިއަކަށް ކަމާއި އޭނާ ވަރަށް ރަށަށް ދާން ބޭނުންވާކަން ތޫ ހާމަކުރިއެވެ. އަހަރެން ކުރިއަށްވުރެ ބޮޑަށް ދެރަވިއެވެ. އެހާއަވަހަށް ތޫ ދާތީއެވެ. އަހަރެންގެ މޫނުމަތީގައި އަރާފައިބަމުން ދިޔަ ކުލަވަރުތައް ތޫއަށް ނޭގުނަސް އަހަރެންގެ ރައްޓެހިންނަށް އެނގުނެވެ. އެމީހުން ކައިރީގައި ބުނެފައި އެދުވަހު އަހަރެން ތޫއާއިއެކު އޭނާ ގެއަށް ލައިދިނުމަށް ދިޔައީމެވެ. ފުރަތަމަ ފަހަރަށެވެ. އަބަދު އިންކާރުކޮށްފައިވެސް ތޫއެދުވަހު އޭނަޔާއިއެކު ދިޔުމަށް ހުއްދަދިނެވެ. ފަހަރުގައި ގިނަދުވަކަށް ދެން ބައްދަލުނުވާނެތީ ކަމަށްވެސް ވެދާނެވެ. ދިޔަ މަގުމަތީގައި އަހަރެން މާގިނަ ވާހަކައެއް ނުދައްކަމެވެ. ހަމައެކަނި ތޫ ދައްކާ ވާހަކަތައް އަޑުއަހާފައި ކުރު ޖަވާބު ދިނީއެވެ. އަހަންނަށް ބަދަލެއް އައިސްފައިވާކަން ތޫއަށް ފާހަގަ ކުރެވުނެވެ. އެކަމާއި ސުވާލުވެސް ކުރިއެވެ. އަހަރެން އެއްވެސް ކަމެއް ނުވާކަމަށް ބުނެ ތޫކައިރީގައި ދޮގުހެދީމެވެ. އިރުކޮޅެއް ވަންދެން އަހަރެން ތޫމެންގޭ ބޭރު ދޮރާށި ކައިރީގައި އޭނަޔާއި ވާހަކަދައްކަން ހުރީމެވެ. ތޫކައިރީގައި އަހަރެން ރަނގަޅަށް ބަލައިގެން އުޅުމަށް ބުނީމެވެ. ރަށަށް ދެވުނުހާ އަވަހަކަށް އަހަންނަށް ފޯނުކުރަން ބުނީމެވެ. އަދި އަވަހަށް އައުމަށްވެސް އެދުނީމެވެ. ތު އަހަރެން ދައްކާވާހަކަޔަކަށް އާނބަސް ބުނަމުން ދިޔައީ ކުޑަކުއްޖަކު ފަދައިންނެވެ. ހިނތުންވެލަމުންނެވެ. އެވަގުތު އެތައްފަހަރަކު އަހަރެން ތޫދެކެވާލޯބި ހާމަކުރަން ބޭނުންވިއެވެ. ތޫ ގެއްލެން އުޅޭހެން އަހަންނަށް ހީވާތީއެވެ. ލޯބިވާ ވާހަކަ ބުންނަންވެސް އުޅުނީމެވެ. ނަމަވެސް ހިތުގައި ވާއެއްޗެއް ދުލާއިހަމަޔަށް ނައެވެ. އެއަށްވުރެ މާ ބަލިކަށިއެވެ. ތޫ އަހަންނާއި ދޭތެރޭ ދެކެފާނެ ގޮތަކާއި ދޭތެރޭ ވިސްނުނީއެވެ. އަހަރުމެން ދެމީހުންގެ ދެމެދުގައި ގޮތް ރަޚްމަތްތެރި ކަމުގެ ގުޅުންވެސް ގެއްލިދާނެތީ ބިރުގަތީއެވެ. ދުވާލުގެ އަލިކަންފަދައިން އަހަރެންގެ ހިންހަމަޖެހުމަކީ އެއީއެވެ. މޫނުމައްޗަށް ގެނެވޭ ހިނިތުންވުމުގެ އަސްލަކީވެސް އެރަޙްމަތްތެރިކަމެވެ. ތޫގެ ހިތުގައިވާ އެއްޗެއް ނޭނގި ކުރިޔަށް އެންމެ ފިޔަވަޅެއްވެސް ނޭޅުމަށް އަހަރެންގެ ސިކުޑި ބުނަމުންދިޔައެވެ. ބައެއްފަހަރު ސިކުޑިން ބުނާއެއްޗެއްވެސް ގަބޫލު ކުރަންޖެހޭނެއެވެ. ތޫ ގެއަށްލާފައި އަހަންނަށް ގެއަށްދެވުނުއިރު އަސުރުނަމާދަށް ބަންގިދޭން ކައިރިވަނީއެވެ. އަހަރެން ހެދުންބަދަލުކޮށް ތައްޔާރުވެލައިގެން ހަވަހަށް ދިޔައީ މިސްކިތަށެވެ.

އެދުވަހު ސައިގެ ސުފުރާމަތިން ގޭމީހުން ބައްދަލުވިއެވެ. އަހަރެންގެ މޫނުމަތިން އެހެންދުވަހު ފެންނަ އުފާވެރިކަން ފެންނަން ނެތުމުން ބައްޕަ އަހަރެންގެ ހާލުއަހުވާލު ބެލިއެވެ. އަހަރެން ކުޑަކޮށް ބޮލުގައި ރިއްސާތީ ކަމަށް ބުނީމެވެ. ''ދަރިފުޅަށް މިލިބުނީ ބޮޑު ޗުއްޓީއެއްނު. ރައްޓެހިންނާއިއެކު އެއްވެސް ތަނަކަށް ނުދަންތަ؟'' ބައްޕަ ބުނިއެއްޗެއް އަހަންނަށް އެނގުނީ މާފަހުންނެވެ. ތޫ ފެންނަ ހިސާބަށް ފިޔަވައި އަހަރެން އެއްވެސް ތަނަކަށް ދާހިތެއް ނުވެއެވެ. ނަމަވެސް އެހެން އަހަރެން ބައްޕަކައިރީގައި ބުނާނީ ކިހިނެއްހެއްޔެވެ؟..... އަހަރެން ތަނަކަށް ދާން ބޭނުންނުވާ ވާހަކަ މޮޅިވެފައިވާ ރާގަކަށް ބުނީމެވެ. ''މިއަންނަ ހުކުރުގައި އެބައޮތް އޮފީސް ދަތުރެއް. ދޮނޫ ބޭނުމިއްޔާ ކުޑާއްތަ ދޮނޫ ގޮވައިގެން ގޮސްދާނަން. ދާންބޭނުންތަ؟...'' އަހަރެންގެ އެންމެ ހަގުދައްތަ، އަހަރެންގެ ނަމުން ކުޑާއްތަ މިހެން އަހާލުމާއިއެކު އަހަންނަށް ބަލައިލެވުނީ ދެންތިބި މީހުންގެ މޫނަށެވެ. ދޮނޫއަކީ ގޭމީހުން ލޯބިން ކުޑައިރު އަހަންނަށް ކިޔާ އުޅުނު ނަމެކެވެ. ނަމަވެސް ކުޑާއްތަ މިހާރުވެސް އަހަންނަށް ގޮވާނީ އެނަމުންނެވެ. ''ވަރަށް ސަޅި ބިޓުންދާނެ. ދޮނޫ ބޭނުމިއްޔާ ސެޓްވެސް ކޮށްދީފާނަން.... އަދިވެސް ނުދާނަންތަ؟'' އަހަރެންގެ ޖަވާބެއް ނުލިބުމުން ކުޑާއްތަ އަހަރެން ކައިރިއަށް ޖެހިލާފައި އެހެންމީހުންނަށް ނީވޭވަރަށް ސިއްރުން ބުނެލިއެވެ. ކުޑާއްތަގެ ސަމާސާ މިޒާޖުގެ ސަބަބުން ކޮންމެ ފަދަ އެއްޗެއްވެސް ބުނެފާނެވެ. އަހަންނާއި ކުޑާއްތައާއި ދެމެދުގައި ވާނީ ދޮޅުއަހަރުގެ ތަފާތެވެ. އެހެންކަމުން ދައްތައަކާއި ކޮއްކޮއަކަށް ވުރެ ބޮޑަށް އަހަރުމެން ދެމީހުންގެ ރަޙްމަތްތެރިކަން ބޮޑެވެ. އަހަރުމެން ދެމީހުން އެކަކު އަނެކަކަށް ވަރަށް ދިމާކޮށް ހަދަމެވެ. އަހަރެން ލައިފްގެ ހުރިހާ ވާހަކައެއް ކުޑާއްތައާއި ޝެއަރ ކުރަމެވެ. ނަމަވެސް ތޫގެ ވާހަކަ އަހަރެން ނުދައްކަމެވެ. ކުޑާއްތަ އަހަންނާއި ދިމާކުރާނެ ވަރު ހިތަށްއަރާފައެވެ. ބޮޑަށް އެކަހަލަ ވާހަކައެއް ދައްކަން ނުވެސް ކެރެނީއެވެ. ކުޑާއްތަ ކައިރީގައި އަހަރެން ސާފުކޮށް އެއްވެސް ތަނަކަށް ދާހިތްނުވާ ވާހަކަ ބުނީމެވެ. އެވަގުތު ތުއްތަވެސް އަހަންނާއި ސުވާލުކުރިއެވެ. އެއްވެސް ތަނަކަށް ދާން ބޭނުންނުވާ ސަބަބެކެވެ. އެހެންޏާ އަބަދުވެސް ލިބޭ ޗުއްޓީތަކުގައި އަހަރެން ތަންތަނަށް ދާތީއެވެ. ގޭމީހުންނާއިއެކުގައެވެ. ރައްޓެހިންނާއިއެކުގައެވެ.

އަޑެއް އިވިގެން އަހަރެން ފަސްއެނބުރި ބަލާލިއިރު ............................. (ނުނިމޭ)



Tuesday, September 11, 2012

Mulhi Umurahves Loabi Vaanameve...... (03)

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.... (ތިންވަނަ ބައި)


(ދެވަނަ ބަޔާއިގުޅޭ)..............

ބައްދަލުވުން ކުރިޔަށް ދިޔައިރުވެސް އަހަންނަށް ހޯދުނީ އެކުއްޖަކު ފެނޭތޯއެވެ. ނަމަވެސް ފުދޭވަރަކަށް ކުދިންގިނަވެފައި އަންހެންކުދިންތިބީ ފިރިހެންކުދިންގެ ކުރީގައި ކަމުން ފަހަތުން އެކުއްޖަކު ސިފަކުރާކަށް ނޭނގުނެވެ. މިކަމާއި އުޅެގެން އަހަންނަށް ބައްދަލުވުމުގައި ދެއްކި އެއްވެސް ވާހަކަޔަކަށް ސަމާލުކަމެއް ނުދެވުނެވެ. ބައްދަލުވުންވެސް ނިމިއްޖެއެވެ. ހުރިހާ ކުދިންނާއި ބެލެނިވެރިން ހޯލުންވެސް ނުކުންނަންފެށިއެވެ. އަހަރެން އަވަސް އަވަހަށް ރައްޓެހިންނާއި ދުރަށް ހޯލުގެ އެއްކައިރިޔަށް ޖެހިލާފައި އެކުއްޖާ ފެނޭތޯ ހޯދީމެވެ. ނުފެނުނެވެ. ހޯލުން ނުކުމެގެންވެސް އެހާވަރަށް ހޯދީމެވެ. ނަމަވެސް ނުފެނުނެވެ. މީހުން ގިނަވުމުން ކަންނޭގެއެވެ. އަހަރެން ވަރަށް ވަރަށް މާޔޫސްވިއެވެ. ތުއްތަޔާއި ރައްޓެހިންވެސް އަހަރެން ހޯދަމުން ބޭރަށް ނުކުތެވެ. ހިތްދަތިވެފައިވާ ހާލު އަހަރުމެން ގެޔަށް ދިޔުމަށްޓަކާ ހިނގައިގަތީމެވެ. އޭރުވެސް އަހަރެން ތަންތަން ހޯދީމެވެ. އަހަރެން އުޅޭގޮތުން ތުއްތަ ކިހިނެއްވީހޭ އަހާލިއެވެ. އަހަންނަށް ބަލާލެވުނީ އަހަރެންގެ ރައްޓެހިންގެ މޫނަށެވެ. އެމީހުން ދިމާކުރާ ފާޑަކަށް ހީލަހީލާ ތިއްބެވެ. ތުއްތަ އަނެއްކާވެސް ހަމައެސުވާލު ކުރިއެވެ. މިފަހަރު އަހަރެން ކަމެއް ނުވެޔޭބުނެ ހިނިތުންވެލީމެވެ. ގެއަށްދިޔަ މަގުމަތީގައި އަހަރެންގެ ހިތް އަހަރެން ހަމަޖައްސައިދިނީ އެކުއްޖާއާއި އަދި ބައްދަލުވާނެކަމަށް ބުނަމުންނެވެ. އެއީ އެއް ސުކޫލެއްގައި ކިޔަވަންޏާ ކޮންމެވެސް ދުވަހަކުން ފެންނާނެކަން އެނގޭތީއެވެ.

އަހަރެންގެ ނަސީބު ތަންދިމާކުރީ އަހަރެން ހީކުރި ވަރަށްވުރެވެސް ރަނގަޅަށެވެ. އެއީ ކިޔެވުން ފެށުނު ފުރަތަމަ ދުވަހެވެ. އަހަންނާއި ނިހާލް ފިޒިކްސް ކްލާސް ނިންމާލާފައި ދިޔައީ ބަޔޮލޮޖީ ކުލާހަށެވެ. ކުލާހުގެ އެތެރެއަށްއެޅި ފުރަތަމަ ފިޔަވަޅާއިއެކު އަހަންނަށް އެހެންކަހަލަ އިހުސާސެއް ކުރެވުނެވެ. އެއްކަލަ ސެންޓުގެ ވަސް އަހަރެންގެ ނޭފަތުގައި ޖެހުނުހެން ހީވެގެންނެވެ. އަހަރެން އެއްމިޔަކަނުން ހީނލުމަށްފަހު ހިތަށް ވިސްނުވައިދިނީ އެއީ އާކަމެއް ނޫންކަމެވެ. އެވަހާއިއެކު އަހަރެން ރޭދުވާ ހޭދަކުރާތީވެ އެވަސް ވަނީ އަހަރެންގެ ނޭފަތުގައި ހަރުލާފައި ކަމެވެ.   އަހަރެން ހިނގައިގަތްތަނުން ގަލަމެއް ވެއްޓިގެންއައިސް އަހަރެންގެ ކުރިމަށްޗަށް ޖެހުނެވެ. އެވަގުތުއަހަރެން ގަލަން ނަގާ އޭގެ ވެރިފަރާތަށް ރައްދުކުރުމަށް އެދިމާލަށް ބަލައިލީމެވެ. އެކުއްޖާވެސް ޑެސްކު ކައިރީގައި ވެއްޓިފައިހުރި އެހެނިހެން ސާމާނުތައް ނެގުމަށްފަހު އަހަންނާއި ދިމާލަށް ބަލައިލިއެވެ. އަހަންނަށް ފެންނަމުން ދިޔަމަންޒަރު ގަބޫލުކުރަން ދަތިވިއެވެ. އަހަރެންގެ ހުވަފެންތަކުގެ ރާނީ ހުރީ އަހަރެންގެ ކުރިމަތީގައެވެ. އޭނާގެ ގަލަން އޮތީ އަހަރެންގެ އަތުގައެވެ. އޭނަ ފެންނަ ކޮންމެފަހަރަކު އަހަންނަށް ވާގޮތްތައް މިފަހަރުވެސްވިއެވެ. ގަލަން ހިފަހައްޓައިގެން އަހަރެން ބަލަން ހުރުމުން އެކުއްޖާ ގަލަން ހޯދުމަށް އަތްދިއްކޮށްލިއެވެ. ހިނިތުންވެލައިގެން ހުރެއެވެ. ނިހާލަށް އެއީ އެއަންހެންކުއްޖާކަން ޝައްކުވިއެވެ. ނިހާލު ކޮޑުން އަހަރެންގައިގައި ޖަހާލުމުން ސިހިފައި އަހަންނަށް ނިހާލުއަށް ބަލާލެވުނެވެ. ''އެއްކަލަ ކުއްޖާދޯ؟........ ހާދަ ވަރުގަދަ އިއްތިފާގެއް؟'' ނިހާލު ސިއްރުން އަހަރެން ކަންފަތް ކައިރީ ބުނެލިއެވެ. އަހަރެން ހީނލަމުން ގަލަން ދިއްކޮށްލީމެވެ. މިފަހަރުވެސް ވާހަކަދައްކާނެހާ ހިތްވަރެއް އަހަންނަށް ނުލިބުނެވެ. އަހަރެން އަވަސްއަވަހަށް ހިނގާފައިގޮސް ފަހަތުގައި ހުރި ގޮޑިއެއްގައި ޖައްސާލީމެވެ. ''ކީއްވެ އެއްޗެކޭ ނުބުނީ؟.... ކުޑަމިނުން ނަންވެސް އަހާލިނަމަ...'' ނިހާލު އައިސް ކައިރީގައި ހުރި ގޮޑީގައި ޖައްސާލަމުން އެހެންމީހަކަށް އަޑުނީވޭވަރަށް ބުނެލިއެވެ. އަހަންނަށް ނިހާލުގެ ސުވާލަކަށް ސަމާލުކަމެއް ނުދެވުނެވެ. އަވަސް ނޭވާލަމުން އަހަރެން މަސައްކަތް ކުރަމުންދިޔައީ އަހަރެންގެ ބާރުބާރަށް ތެޅެމުންދިޔަ ހިތް މައިތިރި ކުރެވޭތޯއެވެ. ދޭތެރެއަކުން އަހަރެން އެއްކަލަ ކުއްޖާއަށް ކަޅިއެއްލާލަމެވެ. ފަހަތުން ފެނުނަސް އެއީ އޭނަކަން އެނގުމުން ހިތަށް ވަރަށް ހިންހަމަޖެހުން ލިބުނެވެ. އެއްވެސް ކަމެއްނެތި އަހަންނަށް ހިނިތުންވެލެވެއެވެ. ކުލާސް ނިމުނުއިރުވެސް އަހަރެންގެ ހާލަކީ މިއީއެވެ. އެދުވަހު އަހަރެން ބާކީދިޔަ ހުރިހާ ކުލާހަކަށް އެކުއްޖާވެސް ދިޔައެވެ. އެކަކުއަނެކަކަށް އަހަރުމެން ދެމީހުންނަކީ ދެ ބީރައްޓެހިންކަމުގައި ވިޔަސް ލޯބައްދަލުވާ ކޮންމެ ފެނިލުމަކުންވެސް އަހަރުމެން އެކަކު އަނެކަކަށް ހިނިތުންވުމެއް ރައްދުކުރަމެވެ. އޭނާގެ ހިނިތުންވުމުގައި ޖާދުވީ ބާރެއްވާ ކަހަލައެވެ. އެހިނިތުންވުން އަހަރެން އެހެން ހުރިހާކަމަކުން ހަނދާންނެތިކޮށްލުވައެވެ. ފުރަތަމަދުވަސް ދިޔައީ އެކަހަލަ ގޮތަކަށެވެ.

އަހަރެން ގެއަށް އައީވެސް އެކުއްޖާ ގެއަށް ދިޔުމުންނެވެ. ދުރުން އަހަންނާއި އަހަރެންގެ ރައްޓެހިންތިބީ އެމަންޒަރު ސިއްރުން ބަލާށެވެ. އެކުއްޖާ ރައްޓެއްސަކާއިއެކު ދާންވެގެން ދެވުނީ ފުދޭވަރަކަށް ލަހުންކަމަށް ވުމާއިއެކު އަހަންނަށް ޖެހުނީ ނިހާލުމެންވެސް ހިފަހައްޓައިގެން މަޑުކޮށްލާށެވެ. އާދައިގެ މަތިން މިކަންވެސް ވީ އެމީހުންނަށް މަޖާކަމަކަށެވެ. ނުވާންވީ ކީއްވެހެއްޔެވެ! އެއީ ދުވަހަކު އަހަރެން ކުރިކަމެއް ނޫނެވެ. އެދުވަހު ގެއަށްގޮސް އަހަރެން އުޅުނުގޮތް އެހެން ހުރިހާ ދުވަހަކާއި މުޅިންތަފާތުވިއެވެ. މޫނުމަތިން ހިނިތުންވުން އެއްފަހަރު ކެނޑިނުދެއެވެ. ތަސްވީރެއް ފަދައިން އެއަންހެންކުއްޖާގެ އެކި މަންޒަރުތައް އަހަރެންގެ ސިކުޑީގައި ދާއިމަށް އެނބުރެމުންދިޔައެވެ. ފާޚަނަޔަށް ވަދެ ފެންވަރައިލައިގެން ހުސްގަޔާ ލޯގަނޑުން ބަލާލިއިރު އެލޯގަނޑުންވެސް ފާޅުވީ އެއަންހެން ކުއްޖާއެވެ. އަހަންނަށް ލަދުން ވަގުތުން ތުވާލިން ހަށިގަނޑު ފޮރުވާލެވުނެވެ. އަދި އަމިއްލަ މޮޔަކަމާއިމެދު ހިނިއާދެވުނެވެ.

އެރޭގެ ދިގުކަމާއިމެދު އަހަރެން ހަމަ ހައިރާންވިއެވެ. ހެނދުނުވާލެއް އަހަރެން ހުރީ ލަސްވެފައެވެ. ކުރާނެ މާބޮޑުކަމެއް ނެތުމާއިއެކު އަހަރެން ފަނަރަވަރަކަށް މިނިޓް ވަންދެން ގޭމް ކުޅުނީމެވެ. ނަމަވެސް އެއަކަށް މާބޮޑު ފަރުވާތެރިކަމެއް ނުދެވުނެވެ. ބޭނުންވީ ވީހާވެސް އަވަހަކަށް ނިދާލާށެވެ. އަވަހަށް އަނެއްދުވަހަށް ލޯހުޅުވުމަށްޓަކައެވެ. އެހެންކަމުން ކިޔަންފަށާފައިވާ ވާހަކައެއް ނަގައިގެން ކިޔަންފެށީމެވެ. އެއީ އަހަންނަށް އެންމެފަސޭހައިން ނިދޭ ގޮތްކަމަށް ވާތީއެވެ. ނަމަވެސް ނިދުނީވެސް އެހާ ގިނައިރުވީ ފަހުންނެވެ. އަދި ހަމަ ލޯޖެހުމާއިއެކު ހޭލެވެއެވެ. އިރުއަރަންދެން އަހަރެން އުޅުނީ މިސަކަރާތެއްގައެވެ.

ދެހަފްތާވަރު ފާއިތު ވަންދެން އަހަރެން އުޅެންޖެހުނީ މިހާލެއްގައެވެ. މި ދެހަފްތާ ތެރޭގައި އަހަންނަށް ހަމައެކަނި އެނގުނީ އެކުއްޖާގެ ނަން އެކަންޏެވެ. އެވެސް އެހެންމީހެއްގެ ދުލުން ކީއަޑު އިވިގެންނެވެ. ތޫބާއެވެ. އޭނާގެ ރައްޓެހިން އޭނަޔާދިމާލަށް ލޯބިން ގޮވަނީ ހަމައެކަނި ތޫއޭ ކިޔާފައެވެ. އެއްކުލާހެއްގައި ކިތަންމެ ވަގުތެއް ހޭދަކުރިކަމުގައިވިޔަސް އިސްވެ އަހަންނަށް ތޫއާއި ވާހަކަދައްކާކަށް ނުކެރެއެވެ. އަހަންނަށްވުރެ ނިހާލުވެސް މާކެރެއެވެ. އޭނަ މަދުމަދުން ތޫއާއި ވާހަކަދައްކައެވެ. ތޫ ފެންނަ ހިސާބުގައި އަހަރެން އަބަދުވެސް މަސައްކަތްކުރަނީ އަހަރެންގެ އިހުސާސްތައް އޭނާއަށް ފޮރުވޭތޯއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަހެން ދެމީހުންގެ ދޭތެރޭގައިވާ ބީރައްޓެހިކަން ދުވަހެއް ދުވަހަކަށް ކެނޑެމުންދިޔައެވެ. ތޫފެނުމުން އަހަންނަށް ކުރާ އިހުސާސްތަކަށް ބަދަލެއް ނަޔަސް އެއިހުސާސްތައް ކޮންޓްރޯލް ކުރަން އަހަންނަށް ދަސްވިއެވެ. ހިތުތެރޭގައި އަބަދުވެސް އުންމީދުގެ ހުޅުކޮޅެއް ދިއްލިފައި އިނދެއެވެ. ތޫ އަހަރެންގެ މީހަކަށް ކޮންމެވެސް ދުވަހަކުން ވާނެކަމެވެ. ތޫއާއި އެންމެފުރަތަމަ އަހަރެން ވާހަކަދެއްކީ ކުލާސްތެރެއިންނެވެ. ބަޔޮލޮޖީއިން ހަވާލުކުރި ޕެޔަރ ޕްރޮޖެކްޓެއްގައި ދެމީހުން މަސައްކަތް ކުރަންޖެހުމުންނެވެ. އަހަންނަށް އެންމެފުރަތަމަ ތޫއާއި ވާހަކަދެއްކުނީ އަޅައަޅައި ގަންނަމުންނެވެ. ފިރިހެނަކަށްވެހުރެ އަހަރެންގެ ފިނޑިކަމާއިމެދު ހައިރާންވިއެވެ. ނަމަވެސް އެއީ އަހަރެން ތޫދެކެވާ ލޯތްބެވެ. މިހިތުން އޭނަޔަށް ދެވިފައިވާ ގަދަރާއި މަތިވެރި މަގާމެވެ. އެއީ އަހަންނާއި ތޫގެ ގުޅުމުގެ ފެށުމެވެ. އަދި ތޫ ހޯދުމަށް އަހަރެން އެޅި ލޯބީގެ ފުރަތަމަ ފިޔަވަޅުވެސްމެއެވެ.

އެއްމަސްދުވަހަށް މަސައްކަތް ކުރަންޖެހުނު މިބުނި ޕްރޮޖެކްޓް ނިމުނުއިރު އަހަރުމެން ދެމީހުންގެ ގުޅުން ހީކުރިވަރަށްވުރެ ބަދަހިވިއެވެ. ތޫއަކީ ވަރަށް އެކުވެރި މަޖާ މިޒާޖެއްގެ ކުއްޖެކެވެ. އެއީ ވަރަށް މަޑުމައިތިރި، ހިތްތިރި، ކެތްތެރި އަދި އެހާމެ ހިތްވަރުގަދަ ކުއްޖެއްވެސްމެއެވެ. ތޫއާއި ބެހޭގޮތުން އަހަންނަށް ވަރަށް ގިނައެއްޗެހި އެނގުނެވެ. ދޭތެރެއަކުން އޭނަ ދިރިއުޅުމުގެ ވާހަކަތައް ހިއްސާ ކުރާތީއެވެ. ތޫގެ އުފަންރަށަކީ ދ. ކުޑަހުވަދޫއެވެ. ތޫގެ މަންމަޔާއި ބައްޕަގެ ހަތްކުދިން ތިބެއެވެ. އޭގެތެރެއިން ތޫއަކީ އެންމެ ދޮށީ ކުއްޖާއެވެ. ތޫގެ އާޢިލާއަކީ ރަށުގެ ފަގީރު އާއިލާއެކެވެ. މާލޭގައި ތޫ ދިރިއުޅެނީ އޭނާގެ ބައްޕަގެ ރައްޓެއްސެއް ކައިރީގައެވެ. އެންމެ ކުޑައިރުއްސުރެ ތޫގެ އުންމީދަކީ ކިޔަވައިގެން ހަރުދަނާ މީހަކަށް ވެގެން އާޢިލާގެ ޒިންމާނެގުމެވެ. އޭނާއަށްވުރެ ހަގަށްތިބި ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދަދިނުމެވެ. ކިޔަވައިނިމިގެން ތޫ ބޭނުންވަނީ ޑޮކްޓަރަކަށް ވުމެވެ. ނަމަވެސް އެހުވަފެން ހަގީގަތަކަށް ނުވާނެކަމަށް ތޫބުނެއެވެ. އެއީ އެކަމަށް ހޭދަވާނޭ ދުވަސްތައް ގިނަވުމުންނެވެ. އެހުވަފެން އަވަހަކަށް ކާމިޔާބު ނުވިނަމަވެސް ކޮންމެވެސް ދުވަހަކުން އޭނާ ޑޮކްޓަރަކަށް ވުމަކީ އޭނާގެ އަބަދުގެވެސް އުންމީދެވެ. ތޫގެ މިޒާޖާއި އަދި އޭނަޔާއި ބެހޭގޮތުން އަހަންނަށް އެނގެމުން ދިޔަވަރަކަށް އަހަރެންގެ ހިތުން ތޫއަށް ދެވިފައިވާ މަޤާމް ދިޔައީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންނެވެ. ތޫދެކެ އަހަރެންވާ ތެދުވެރި ލޯބި ދިޔައީ ދުވަހެއް ދުވަހަކަށް ފުންވަމުންނެވެ.

            މާޒީގެ އުފާވެރި ސޮފްޙާތަކުން އަހަންނަށް ބޭރަށް އާދެވުނީ .......................... (ނުނިމޭ)