Readers

Welcome to the blog of Zoyasham Stories. Here I've shared my long Dhivehi Stories with you. My blogs are made for those who are interested in reading dhivehi (specially fiction) stories. I hope you will love my all works and help me to write more. Please do comment to improve my writings. Make reading as a habit. It will improve your knowledge and language. Take your time well and enjoy reading stories.

Monday, November 19, 2012

Mulhi Umurahves Loabi Vaanameve...... (09)


މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.... (ނުވަވަނަ ބައި)

(އަށްވަނަ ބަޔާއިގުޅޭ)..............
 
ކޮޓަރިޔާއި ހަމަޔަށް ދިޔަތަނުން ޖެހިގެން ހުރި ކޮޓަރިން އަންހެން ކުއްޖަކު ނުކުތެވެ. ހިމަތޮޅި ރީތި ދޮން ކުއްޖެކެވެ. ލައިގެންހުރީ ޒަމާނީ ހެދުމެކެވެ. ކުރުކޮށް ކޮށާފައިވާ ބުޅިއިސްތަށިގަނޑު އޭނަގެ މޫނާއި ވަރަށް ގުޅެއެވެ. އަހަރުމެން އެންމެނަށްވެސް އެދިމާލަށް ބަލާލެވުނެވެ. އެކުއްޖާ ހިނިތުންވެލާފައި އަހަރުމެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ''އެއީ ނުހާ... އަހަރެންގެ ކޮއްކޮ.....'' ސަމާހު ކޮޓަރިތެރެއަށް ވަންނަމުން މިހެންބުނެލުމާއިއެކު އެއީ ސީމައްތަގެ ތިންވަނަ ދަރިފުޅުކަން އަހަންނަށް އެނގުނެވެ. ސަމާހު އިތުރު ކަމަކަށް ބޭނުންވެއްޖިއްޔާ ބުނެލުމަށް ބުނެފައި ކޮޓަރިން ދިޔައެވެ.

ކޮޓަރިއަކީ ވަރަށް ތަނަވަސް ދެކޮޓަރިވަރުގެ ބޮޑުކޮޓަރިއެކެވެ. ކޮޓަރީގެ ދެފަރާތުގައި ޑަބަލްއެނދު ދެއެނދު ބެހެއްޓިފައި ހުއްޓެވެ. ދެއަލަމާރިވެސް ދެފަރާތުގައި ހުއްޓެވެ. މެދުގައި ސޯފާސެޓެއް ބެހެއްޓިފައި ހުއްޓެވެ. އަދި ޓީވީއަކާއިއެކު ކޮމްޕިއުޓަރ މޭޒެއްވެސް އެއްފަރާތުގައި ހުއްޓެވެ. އަހަރެން ނިހާލުމެންނާއި ކުޑަކޮށް ވާހަކަދައްކާލަން އިނދެފައި ފާޚަނާޔަށް ވަދެލާފައި އައިސް ޖައްސާލީ އެނދުގައެވެ. ނިހާލުމެން އޭރު ޓީވީ ޖައްސާލައިގެން ތިއްބެވެ. އިރުކޮޅަކުން އުބެއިދުބޭ ކޮޓަރިޔަށް އައެވެ. ހެދުނުގެ ނާސްތާކުރަން އަހަރުމެން ހޯދާށެވެ. އަހަރެން ބޭނުންވީ ނިދާށެވެ. އެހެންވެ އުބެއިދުބޭ ނިހާލުމެން ގޮވައިގެން ނާސްތާކުރަން ދިޔައެވެ.  ވެފައިވާ ވަރުބަލި ކަމާއިއެކު އަހަރެން ހަމަ ޖައްސާލުމާއިއެކު މާގިނައިރުތަކެއްނުވެ ނިދުނެވެ. އަރާމު ފުންނިންޖަކުންނެވެ. އަހަރެން ނިދުނީ ތޫގެ ޚިޔާލުގައި އޮވެއެވެ.

ދެޖީބަށް އަތްޖަހައިލައިގެން މަޑުމަޑުން ހިނަގާލާފައި އައިސް އަހަންނަށް ނުކުމެވުނީ އަތިރި މައްޗަށެވެ. އަހަންނަށް ވަށައިގެން ހޯދާލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭރުވަނީ އިރުއޮއްސެން ކައިރިވެފައެވެ. އިރުގެ ރަން ދޯދިތައް ވިލާތަކަށް އެޅިފައިވީއިރު ހީވަނީ  ކުރެހުންތެރިޔަކު ކުރާހާފައިވާ ހިތްގައިމު ރީތި ޚިޔާލީ މަންޒަރެއް ހެންނެވެ. މަޑު ހުދު ހިމުން ދޮންވެލިގަނޑާއި މަޑުނޫކުލައިގެ ބިއްލޫރިކޮޅެއްފަދަ ސާފު މޫދުގެ ލޮނުގަނޑު، ދިވެރިރާއްޖޭގެ ހިތްގައިމު ޤުދްރަތްތެރިކަމަށް ތަޢުރީފު ކުރާހާ ވަރުވެއެވެ. އަހަރެންގެ ޚިޔާލަށް ކުއްލިއަކަށް އައީ ތޫއެވެ. މިފަދަ ހިތްގައިމު މަންޒަރަކީ ތޫ ގެ ހިތަށް އަބަދުވެސް އުފާވެރިކަން ގެނެސްދޭ މަންޒރެކެވެ. އެކަނިވެރިވާ ވަގުތުތަކުގައި ޚިޔާލުތަކާއި ދުރަށް ދިޔުމަށް ތޫ އަބަދުވެސް ރަށުގައި އުޅޭއިރު އިރުއޮއްސޭ ގަޑީގައި އަތިރިޔަށް ދެއެވެ. އާދަޔާއި ޚިލާފު ފިނިވައިރޯޅިއެއް މޫނުގައި ބީހިލުމާއިއެކު ތޫގެ ވަސް އަހަންނަށް އިޙުސާސްކުރެވުނީ ކީއްވެގެން ކަމެއް ނޭގެއެވެ. އަހަރެން އަވަހަށް ފަސްއެނބުރި ބަލާލިއިރު ފެންނަމުންދިޔައީ ފުސް ދުންގަނޑެކެވެ. އަހަރެން އައިއިރު ނެތްއެއްޗެއް މިހާރު އެތަނަށް އައީ ކިހިނެއްހޭ އަހަރެންގެ ހިތަށްއެރިއެވެ. މަޑުމަޑުން އެދުންގަނޑު ދުރަށްދިޔައެވެ. އެއާއިއެކު އެދުންގަނޑު ތެރެއިން މީހަކު ފާޅުވަމުން ދިޔައެވެ. ކައިރިވަމުން ދިޔަވަރަކަށް އެއީ ކާކުކަން އަހަންނަށް އެނގުނެވެ. އަހަރެންގެ މޫނުމައްޗަށް ވަގުތުން ހިނިތުންވުމުގެ އަސަރު ފާޅުވިއެވެ. އެއީ އަހަރެންގެ ހިތުގެ ރާނީއެވެ. އަހަރެންގެ ދިރިއުޅުމަށް އަލިކަން ގެނެސްދޭ ހުޅުކޮޅެވެ. އަހަރެންގެ ދިރިހުރުމުގެ އަސްލެވެ. އަދި އެއީ އަހަރެންގެ ހިތުގެ ތެޅުންވެސްމެއެވެ. އާނއެކެވެ. އެއީ ތޫނޫން ދެވަނަ މީހެއްނޫނެވެ. އަހަރެން ދުވެލާފައިގޮސް ތޫ ކުރިމައްޗަށް ހުއްޓުނީމެވެ. ތޫހުރީ ހެވިލާފައި އަހަންނަށް ބަލަހައްޓައިގެންނެވެ. ލައިގެންހުރި ހުދުކުލައިގެ ހެދުން ތޫއާއި ވަރަށްގުޅެއެވެ. ހީވަނީ ހަމަ ހޫރުޕަރިއެއް ހެންނެވެ. ތޫގެ ދިގު ފަން އިސްތަށިގަނޑު ވަޔާއި ވިހުރެން ދޫކޮށްފައިވެއެވެ. އެއިން ބައެއް އިސްތަށިތައް ތޫގެ އޮމާން މޫނުގައި ދެފަރާތުން ބީހެމުން ދިޔައެވެ. ތޫގެ ހަށިގަނޑުގެ ލުއި މީރުވަސް އެކީ އެކައްޗަކަށް ފަޒާގައި ހަރުލާފައިވެއެވެ. އަހަންނަށް މާނޭވާ ލެވެމުންދިޔައެވެ. ތޫ މަޑުމަޑުން އަހަންނާއި ކައިރިޔަށް ޖެހިލިއެވެ. އަދި އޭނާގެ މަޑުއަތްތިލައިން އަހަރެންގެ ކޯތާފަތުގައި ފިރުމާލިއެވެ. އަހަންނަށް ހީވީ ދުނިޔެ ރަންވިހެންނެވެ. ނޭވާވެސް ވަގުތުން ހަމަޔަކަށް އެޅުނުކަހަލައެވެ. ތޫ މަޑުމަޑުން އަހަރެންގެ ދެއަތުގައި ހިފާލިއެވެ. އަދި އަހަރެން ބުންނަން ބޭނުންވެފައިވާ ވާހަކަޔަކީ ކޮބައިތޯ އަހާލިއެވެ. އެވަގުތު އަހަރެން ލަދުގަތެވެ. ހީވީ އަހަރެންގެ މަގާމުގައި ހުރީ ތޫހެންނެވެ. އަހަންނަށް އިސްޖަހާލެވުނެވެ. އެވާހަކަ ބުނާނެ ހިތްވަރު ނެތުމުންނެވެ. ތޫ މަޑުމަޑުން އަހަރެންގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން އަހަންނާއި ހަތަރުކަޅި ހަމަކުރިއެވެ. އެވަގުތު އަހަންނަށް ހިތްވަރުލިބުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އަހަރެން ތޫގެ މޫނުގައި ދެއަތުން ހިފާލީމެވެ. އަދި ނުލާހިކު ހަމަޖެހިލައިގެންހުރެ އަހަރެން ތޫދެކެ ވަރަށް ލޯބިވާ ވާހަކަ ބުނީމެވެ. ތޫ ފެނުނު އެންމެ ފުރަތަމަ ދުވަހުންފެށިގެން އަހަރެންގެ ހިތް ތޫއަށް ދެވިފައިވާ ވާހަކަބުނީމެވެ. އާވާރާއެއްފަދައިން ތޫ ހޯދަން މުޅި މާލެތެރޭގައި ދުއްވި ވާހަކަވެސް ބުނީމެވެ. އަހަރެންގެ ހިތުން އެހެންމީހަކަށް ޖާގައެއް ނެތްވާހަކަޔާއި ތޫއާއި ނުލައި އަހަންނަށް ނޫޅެވޭނެވާހަކަވެސް ވަރަށް އަސަރާއިއެކު ބުނީމެވެ. އަހަރެންގެ ވާހަކަތައް އަޑުއަހަން ތޫހުރީ ހިނިތުންވެލައިގެންނެވެ. އެމޫނުމަތިން ހައިރާންކަމުގެ ނުވަތަ ހިންހަމަނުޖެހުމުގެ އަސަރެއްވެސް ފެންނާކަށް ނެތެވެ. ހީވަނީ އަހަރެން ބުނުމުގެ ކުރިންވެސް ތޫއަށް އަހަރެންގެ ހިތުގެ ހާލަތު އެނގޭހެންނެވެ. ނޫނީ ތޫވެސް އަހަރެންދެކެ އިންތިހާޔަށް ލޯބިވާ ހެންނެވެ. އަހަރެންގެ ވާހަކަ ނިމުމާއިއެކު ތޫ ބާރަށް އަހަރެންގެ ހަށިގަނޑުގައި ބައްދާލިއެވެ. އުފަލުން ފޮޅިފައި ހުރެއެވެ. ''އޯހް.....އަޔާ...... އަހަރެންވެސް އަޔާދެކެ އިންތިހާޔަށް ލޯބިވަން.... އަޔާގެ ދުލުން ތިބަސްތައް އަޑުއަހަން އަހަރެން ބޭނުންވެފައިވާތާ ކޮންދުވަހެއް؟ ކީއްވެ ތިހާ ލަސްކުރީ؟...'' ތޫ އަހަރެންގެ ކަންފަތް ކައިރީގައި މަޑުމަޑުން ބުނި ޖުމްލަތައް އަހަންނަށް ގަބޫލުކުރަން ދަތިވިއެވެ. އަދިއެއްފަހަރު އެޖުމްލަތައް ތޫގެ ދުލުން ބުނާއަޑު އަހަން އަހަރެން ބޭނުންވިއެވެ. އެހެންވެ ދެވަނަފަހަރަށް އެބުނިއެއްޗެއް ތަކުރާރު ކޮށްލުމަށް ތޫގެ ކައިރިން އަހަރެން އެދުނީމެވެ. ތޫ އަހަރެންގެ ހަށިގަނޑުން ދޫކޮށްލުމަށްފަހު މުޅިހިސާބަށް އަޑުއިވޭ ވަރަށް ބާރަށް އޭނާ އަހަރެންދެކެ ލޯބިވާ ވާހަކަ ބުންޏެވެ. އެވަގުތު އަހަންނަށް ލިބުނު އުފާވެރިކަން ބަޔާންކުރަން ދައްޗެވެ. އަހަރެންގެ ނަސީބު އެހާރަނގަޅުވެދާނެކަމަށް އަހަރެން ހީވެސް ނުކުރަމެވެ. ތޫ އަނެއްކާވެސް އަހަރެން ގައިގައި ބައްދާލިއެވެ. އަހަރެންވެސް އެއްއަތުން ތޫގެ އުނަގަނޑުގައި ހިފާ ބާރުކޮށްލަމުން އަނެއްއަތުން އޭނާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައީމެވެ. ގަބޫލުކުރަން ދަތިވެފައިވާހާލުގައި އަހަންނަށް މިއީ ހުވަފެނެއް ނޫންހޭ ތޫކައިރިން އަހާލެވުނެވެ. ތޫ އަހަރެންގެ މޫނާއި މޫނުޖައްސަމުން ޔަގިން ނުވަނީހޭ އަހާލިއެވެ. އަހަރެން މަޑުމަޑުން ތޫގެ ނިތްކުރިއަށް ބޮސްދިނީމެވެ. ތޫހުރީ ދެލޯމަރައިގެންނެވެ. ''އަހަންނަށް އަދިވެސް ޔަގީނެއްނުވޭ މިއީ ހަގީގަތެއްކަމަށް.....'' އަހަރެން މިހެން ބުނެލުމާއިއެކު ތޫ ދެލޯ ހުޅުވާ ބަލާލިއެވެ. ''މިއީ ހުވަފެނަކަށް ވިޔަސް ހަގީގަތަކީ އަހަރެން ހަމައެކަނި ލޯބިވަނީ އަޔާދެކެކަން... މިހިތުން އެހެންމީހަކަށް ޖާގައެއް ނުދެވޭނެ. އަހަންނަކީ ހަމައެކަނި އަޔާގެ މިލްކެއް....'' ތޫ އަހަރެންގެ މޭމަތީގައި ލޯބިން ބޯއަޅާލިއެވެ. ''ދިރިއުޅުމުގައި ކޮންމެފަދަ ހަނގުރާމައަކާއި ކުރިމަތިލާންޖެހުނަސް އަހަރެން ދޫކޮށްނުލާތި.. އަހަރެން އަބަދުވެސް މިގޮތުގައި އަޔާއާއިއެކު ވާނަން.. އަޔާދެކެ ލޯބިވާނަން....'' ތޫ މިހާހިސާބަށް ބުނިތަނާ އަހަރެން އޭނާ ދުރުކޮށްލަމުން އޭނާގެ އަނގަމަތީގައި އަތްއެޅީމެވެ. ''ތިހެން ނުބުނާތި. ދިރިއުޅުމުގައި ތޫ ދޫކޮށްލަން ޖެހޭވަރުގެ އެއްވެސްކަމަކާއި އަހަރެން ކުރިމަތިލާކަށް ނުޖެހޭނެ. އެފަދަ ކަމެއް މެދުވެރިވިޔަސް އަހަރެން އިޚްތިޔާރު ކުރާނީ ތޫ. ތިއީ އަހަރެންގެ ފުރާނަ. އަހަރެންގެ ދިރިހުރުމުގެ އަސްލު. އަހަންނަށް ތޫއާއި ނުލައި ނޫޅެވޭނެ. ތޫއާއި ވަކިން ދިރިއުޅޭނެ ގޮތެއް އަހަރެންގެ ޚިޔާލަކަށްވެސް ނާދޭ....'' ތޫ އަހަރެންގެ އަތް ނަގަމުން އެއަތަށް ލޯބިން ބޮސްދިނެވެ. އަދި ދޮންވެލިގަނޑުމަތީގައ އިށީންނަމުން އަހަރެން އޭނާކައިރީގައި އިށީނުމަށް އެދުނެވެ. އަހަރެން އިށީނީމެވެ. ތޫއާއި ވަރަށް ކައިރީގައެވެ. އޭރުވަނީ އިރުއޮއްސިފައެވެ. ހަނދާއި ތަރިތަކުގެ އަލިން ދުނިޔެމަތި ވަނީ އުޖާލާވެފައެވެ. ''އަބަދުވެސް ހަނދާންކުރާތި. ލޯތްބަކީ ވަރަށް ފޮނިއެއްޗެއް. އަދި އެހާމެ ހިތިވެސް އެއްޗެއްމެ. ހިތިކަން ތަހައްމަލް ކުރަންޖެހުނަސް ހިތްވަރުދެރަނުކުރާތި.... ދިރިއުޅުން މަތިން ފޫހިނުވާތި... އެލޯތްބަށްޓަކައި ދިރިއުޅުން ކުރިޔަށް ގެންދާތި..... ލޯބިވާ ލޯބިވެރިއެއްގެ އެންމެ ހިނިތުންވުމެއްގެ ހަނދާނުގައިވެސް މުޅި އުމުރުހޭދަކޮށްލެވިދާނެ. އެއީ ތެދުވެރި ލޯބިކަމަށްވަންޏާމުން...'' ތޫ ދައްކަމުންދިޔަ އަގުހުރި ވާހަކަތައް އަޑުއަހަން އަހަރެން އިނީ އޭނާޔަށް ބަލަހައްޓައިގެންނެވެ. ތޫ އަހަންނާއި ދިމާލަށް ހިނތުންވުމާއިއެކު ބަލާލިއެވެ. ''ތިހާ މޮޅެތި ވާހަކަތައް ދަސްކުރީ ކޮންތާކުން؟'' ތޫގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އެއްފަރާތްކޮށްލަމުން އަހަރެން އޭނާގެ ކޯތާފަތުގައި ދެއިނގިލިން ފިރުމާލީމެވެ. ''ލޯތްބަކީ ދުނިޔޭގައިވާ އެންމެ ބާރުގަދަ ހަތިޔާރު.. އެލޯބި ހިތުގައި އަށަގެންފިއްޔާމުން ދިރިއުޅުމުގައި މީހާޔަށް ހުރިހާ ކަމެއް ދަސްވެގެންދާނެ.... އެހެޔޮ ދުވަހަކު ނުދަންނަކަމަކަށް ވިޔަސް...'' ތޫ ހެމުން ހެމުން ބުނެލިއެވެ. އަހަންނަށްވެސް ހެވުނެވެ. އަހަންނަށް މަޑުމަޑުން ތޫގެ މޫނާއި މޫނު ކައިރިކޮށްލެވުނެވެ. ދެމީހުންގެވެސް ހިތު ތެޅުން އަވަސްވެފައި ނޭވާ އަވަސްވިއެވެ. ތޫގެ މަޑުފިޔާތޮށިކުލައިގެ ތުންފަތަށް ބަލާލަމުން އަހަރެން އޭނަޔާއި ހަތަރުކަޅި ހަމަކުރީމެވެ. ކަމަކަށް ހުއްދަދޭ ފަދައިން ތޫ މަޑުމަޑުން ދެލޯ މަރާލިއެވެ. އަހަރެން ކުރިއަށްވުރެ ތޫއާއި ކައިރިވެލީމެވެ.

ސިއްސައިގެން ގޮސްފައި އަހަންނަށް ހޭލެވުނީ ބާރު އަޑެއް އިވުމުންނެވެ. ދެލޯ ރަނގަޅަށް ހުޅުވާ ބަލާލިއިރު އަހަރެން އޮތީ ނިދަން އޮތްގޮތަށް އެނދުގައެވެ. އިވުނީ ކޮންއަޑެއްތޯ ބަލާލިއިރު ސޯފާ މޭޒުމަތީގައި ބަހައްޓާފައިހުރި ބިއްލޫރި ޖަގެއް ވެއްޓި ތެޅުނީއެވެ. ފާރިޝްއާއި ސަމާހުއާއި ދެމީހުން އެސާފުކުރުމުގެ މަސައްކަތުގައި އުޅުނެވެ. އަހަންނަށް ގަޑިބަލާލެވުނެވެ. އޭރު ބާރަޖަހަން ކައިރިވަނީއެވެ. ލޮލަށް އަދިވެސް ނިދި ބަރުވެފައި ވުމާއިއެކު އަހަރެން އެނދުން ތެދުނުވެ އޮތްގޮތަށް އޮތީމެވެ. ފެނުނު ހުވަފެން މަތިން ހަނދާންވީ ދެނެވެ. އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. އަދި ދެލޯ ބޮޑުކޮށްލެވުނެވެ. ނިދިވެސް އެއްކޮށް ފިލާދިޔަ ކަހަލައެވެ. ހުވަފެނުގައި ވީކަންތައް ފޮޓޯތަކެއްހެން ކުރިމަތީގައި ފެންނަމުންދިޔައެވެ. ކިހާ ފޮނި އުފާވެރި ހުވަފެނެއް ހެއްޔެވެ! އަހަރެންގެ ހިތުގައިވާއެއްޗެއް ހުވަފެނުންވެސް ފެނުނީއެވެ. އެހުވަފެނުގައި ފެނުނުގޮތަށް ހަގީގަތަށް އެކަން އެގޮތަށް ވާނެނަމަ ކިހާ ރަނގަޅުހެއްޔެވެ! ހުވަފެން ކިތަންމެ ފޮނިވިޔަސް އަހަރެން ހުރީ ހާސްވެފައެވެ. މުޅިގައިން ދާހިއްލާފައެވެ. ހިތުގައި އުފެދުނު ނޭނގޭ ބިރުވެރިކަމެއްގެ ސަބަބުންނެވެ. ފެށުނީއްސުރެ އަހަންނަށް އަބަދުވެސް އެކިއެކި ކަންކަމާއި ގުޅިގެން ހުވަފެން ފެނެވެ. އަބަދުވެސް ހަގީގަތަށް ކަންތައްވަނީ އަހަންނަށް ފެންނަ ހުވަފެންތަކާއި އިދިކޮޅަށެވެ. އެއީ ހަގީގަތުގައި ވާގޮތްކަމެއް ނޫނީ އަހަންނަށް އަބަދުވެސް އެގޮތަށް ވިސްނޭތީ ވާގޮތެއް ކަމެއް ނޭގެއެވެ. އެނގޭހާވެސް އެއްޗަކީ އަހަންނަށް ހުވަފެނެއް ފެނިއްޖެނަމަ އަބަދުވެސް އަހަރެން ކުރިމަތިލާންޖެހޭނީ އޭގެ އިދިކޮޅެވެ. އަހަރެން މާޔޫސްވިއެވެ. މީހާ ފެންކަޅިވިއެވެ. އޭގެ މާނަޔަކީ ތޫއަހަރެންގެ ދެކެ ލޯބި ނުވުން ހެއްޔެވެ! ނޫނީ ތޫ އަހަރެންގެ ލޯބި ގަބޫލު ނުކުރުން ހެއްޔެވެ! ނޫނީ ތޫ އެހެންމީހަކު ދެކެ......... އަހަރެންގެ ސިކުޑިއަށް އަރާ ފައިބަމުންދިޔަ ވާހަކަތައް އަހަރެން ހުއްޓުވީމެވެ. ....................... (ނުނިމޭ)

Thursday, October 11, 2012

Mulhi Umurahves Loabi Vaanameve...... (08)

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.... (އަށްވަނަ ބައި)

(ހަތްވަނަ ބަޔާއިގުޅޭ)..............

ހައިކަލް ކިތަންމެ ގިނަ ވާހަކައެއް ދެއްކިޔަސް އަހަރެން މާގިނަ ވާހަކަތަކެއް ނުދައްކަމެވެ. ހައިކަލްގެ ސުވާލުތަކަށް ކުރުޖަވާބުދިނީމެވެ. އެއީ ނުދަންނަ މޫނަކަށް ވުމާއިއެކު އޭނަޔާއި ހިއްސާކުރާކަށް އަހަންނަށް މާގިނަވާހަކަތަކެއް ނޭނގުނެވެ. ފަހަރުގައި އެއީ އަހަރެންގެ ބަދަލުވެފައިވާ މިޒާޖުގެ ސަބަބުން ކަމަށްވެސްވެދާނެވެ. މެލޭޝިޔާއަށް ދާން ފުރަންދެން ހައިކަލް އަހަންނާއި އެކިއެކި ވާހަކަދެއްކިއެވެ. އަހަރެންވެސް ހެވިލާފައި ހައިކަލްގެ ވާހަކަތަކާއި ބައިވެރިވީމެވެ. ބޯޓަށް އަރަންދިޔައީވެސް ދެމީހުން އެކުއެކީގައެވެ. ނަމަވެސް ބޯޓުގެ ތެރެއިން ދެމީހުން ވަކިވީ ދެމީހުން ދެބައިގައި އިންނަން ޖެހުމުންނެވެ. އަހަރެން ދަތުރުކުރީ ބިސްނަސް ކުލާހުންނެވެ. އޭނާ ދަތުރުކުރީ އިކޮނޮމީ ކުލާހުންނެވެ. އަހަރެން ޝީޓުގައި އިށީނދެ ހަމަޖެހިލީމެވެ. ކުޑަވަގުތުކޮޅަކަށް އަހަންނަށް ހައިކަލްއާއި ދޭތެރޭ ވިސްނުނެވެ. އޭނާ ބުނިގޮތުން އޭނާ އުޅެނީ ކައިވެނިކޮށްގެންނެވެ. އެއީވެސް އޭނާ އެންމެ ލޯބިވީ އަންހެންކުއްޖާއާއިއެވެ. އެކުއްޖާވެސް އޭނާދެކެ އިންތިހާޔަށް ލޯބިވެއެވެ. އެލޯބި ހޯދާކަށް އޭނާ އެއްވެސް ކަނޑެއް ގިރާނުކުރެއެވެ. އެއްވެސް ހިތާމައެއް ތަހައްމަލް ނުކުރެއެވެ. ހައިކަލްގެ މޫނުމަތިން ފެންނަން ހުންނަ ހިނތުންވުމާއި އުފާވެރިކަމުގެ އަސްލަކީ އޭނާގެ އެއުފާވެރި ދިރިއުޅުމެވެ. އޭނާ ދެރަވެ ހިތާމަކުރަންޖެހޭ ވަރުގެ ކަމެއް ނެތެވެ. ނަސީބު ތަންދިމާކުރިގޮތުން އޭނާޔަށްވަނީ ދިރިއުޅުމުގައި އޭނާ ބޭނުންވާ ހުރިހާ އުފަލެއް ލިބިފައެވެ. ހައިކަލްގެ ނަސީބާއިމެދު އަހަންނަށް ފުންކޮށް ވިސްނާލެވުނެވެ. އެފަދަ ނަސީބެއް އަހަންނަށް ލިބުނުނަމަ އަހަރެންވެސް ވާނީ އެފަދަ އުފާވެރި މީހަކަށެވެ. ނަމަވެސް ނަސީބަކީ ކަތީބަކު ދޭއެއްޗެއްނޫންތާއެވެ! އެހެންނޫންނަމަ އެނަސީބު އަހަރެން ބޮޑުއަގުދީފައިވެސް ގަތީމުހެވެ. ދުނިޔޭގައި އިންސާނުން ދިރިއުޅޭނީ އެކިފަހަރު އެކި ހާލަތުގައެވެ. އެންމެން އަބަދަކު އުފަލުގައި ނޫޅޭނެވެ. އެއްބަޔަކު އުފާކުރާއިރު ހިތާމަކުރާމީހުންވެސް ތިބޭނެވެ. މުއްސަދިން އުޅޭއިރު ފަގީރުންވެސް އުޅޭފަދައިންނެވެ. އަހަރެންގެ ސިކުޑީގައި މިފަދަ އެތަކެއް ޚިޔާލުތަކެއް ޓަކިޖަހަމުން ދިޔައެވެ. ހިތް ނުތަނަވަސްކުރަމުން މާޔޫސްކުރަމުންނެވެ. ދުނިޔެމަތިން ފޫހިކުރަމުން ދިރިއުޅުންމަތިން ފޫހިކުރަމުންނެވެ.

ބޯޓް ނައްޓާލުމާއިއެކު އަހަރެން ފުންނޭވާއެއްލަމުން ގޮނޑީގައި ހަމަޖެހިލީމެވެ. ބޭރުބަލާލިއިރު ތަނެއްދޮރެއް ފެންނަ ވަރެއް ނުވިއެވެ. ވިއްސާރަކަމުންނެވެ. އަހަރެންގެ ކައިރީގައި އިން ޝީޓުގައި އިނީ ބޭރުމީހެކެވެ. ޖެހިގެން އެފަރާތަށް އަންހެނަކުވެސް އިނެވެ. އުޅޭގޮތުން ހީވަނީ އޭނާގެ އަންހެނުން ހެންނެވެ. އެމީހުން ވާހަކަދައްކަނީ ނުދަންނަ ބަހުރުވައަކުން ކަމަށްވުމާއިއެކު ކިޔާނުކިޔާއެއްޗެއް ސާފެއްނުވިއެވެ. އަހަރެން ކުޑައިރުކޮޅަކު އެދެމީހުންގެ ހަރަކާތްތަކަށާއި ދައްކާ ވާހަކަތަކަށް ސަމާލުކަންދީގެން އިނީމެވެ. ޚިޔާލުތަކާއި ދުރަށް ދިޔުމަށްޓަކައެވެ. ބޯޓުތެރޭގައި ފިނިކަން އަހަންނަށް އިހުސާސުކުރެވުނީ އިރުކޮޅެއް ވުމުންނެވެ. އޭރު ބޯޓު މައްޗައްއަރާ ހަމަޖެހިލައިފިއެވެ. އަހަރެން ފްލައިޓުން ދީފައިއިން ފޮތިގަނޑު އުރައިން ނައްޓާލުމަށްފަހު ގައިގައި އޮޅާލީމެވެ. ފޮތިގަނޑު ގައިގައި އޮޅާލުމާއިއެކު އަހަރެން ހަނދާންވީ ތޫމަތިންނެވެ. ކުޑަހުވަދުއަށްދިޔަ ބޯޓުމަތީގެ އުފާވެރި ހަނދާންތަކެވެ. ދިރިއުޅުމުގެ ކޮންމެކަމަކުންވެސް އަހަންނަށް އޭނާގެ ހަނދާންތައް އާވެއެވެ. އުފާވެރި ހަނދާންތަކާއި ތަހައްމަލް ކުރަންދަތި ހިތްދަތި ހަނދާންތަކެވެ. ދިރިއުޅުމުގައި އެމީހަކަށް ލިބޭނޭ އެންމެބޮޑުވޭނަކީ ހިތާއި ފުރާނައިން ލޯބިވާ ލޯބިވެރިއެއްގެ ހިތްދަތި ހަނދާންތަކެވެ. އެއީ ގިނަފަހަރަށް ތަހައްމަލް ނުވެވޭވަރުގެ ބޮޑުއަނިޔާއެކެވެ. ހިތްދަތިލޯބިން އަމިއްލަ ފުރާނަދޭމީހުންނަކީ އެފަދަ އަނިޔާގެ ހެއްކެކެވެ.  އެކަން އަހަންނަށް ޔަގީން ކުރެވިއްޖެވެ. އެފަދަ ކޮންމެ ވަގުތެއްގައި ތޫއާއި އަހަރެން ބައްދަލުނުވިނަމަ ކިހާރަނގަޅުހޭ އަހަރެންގެ ހިތަށްއަރައެވެ. ނަމަވެސް އަމިއްލަ ފުރާނަޔަށް ގެއްލުމެއް ދިނުމަށްވުރެ އަހަރެންގެ އީމާންތެރިކަން ވަރުގަދައެވެ. އަހަރެން ދެކޭގޮތުގައި ލޯތްބަކީ ހަމައެކަނި ހާސިލް ކުރުމެއްނޫނެވެ. އެއީ ލޯބިވާ ލޯބިވެރިއަކަށް ހިނިތުންވުމާއި އުފާވެރިކަން ހޯދައިދިނުންވެސް މެއެވެ. އެލޯތްބަށްޓަކައި އަމިއްލަ ހުރިހާ އުފަލެއް ޤުރުބާން ކުރުންވެސްމެއެވެ. ތޫއަށްޓަކައި އަހަރެންގެ އުފާތައް ގުރުބާންކޮށް ދިރިއުޅުންވެސް އެހެންތަނަކަށް ބަދަލުކުރުމަށް އަހަންނަށް ހިތްވަރުލިބުނީ އަހަރެންގެ މިބުނި ނަޒަރިއްޔާއިންނެވެ. ބޯޓުގެ ބާރު އަޑުފަށްގަޑާއި މީހުން ދައްކަމުންދިޔަ ވާހަކަތަކުން ސިކުޑިއެއް އެއްފަރާތްކޮށް އަހަރެން ވިސްނަމުން ދިޔައީ ތޫއާއި ދޭތެރޭގައެވެ. އަހަރެންގެ ޚިޔާލުތައް މަޑުމަޑުން ދަތުރުކުރީ ތޫއާއިއެކު އަހަރެން ހޭދަކުރި ވަގުތުތަކަށެވެ.

އިރު ފެނުން ތޮޅިލިއިރުވެސް އަހަރުމެން ދެމީހުންތިބީ ތިބިތަނުގައި ހަމައެގޮތަށެވެ. އަހަރެންގެ ލޮލަކަށް ހަމައެއްފަހަރުވެސް ނިންޖެއްދާދެއެވެ. އަހަރެން ހުރީވެސް ނިދަން ބޭނުންނުވެފައެވެ. އެއީ ތޫއާއިއެކު ލިބުނު އެފަދަ އުފާވެރި ވަގުތެއް ކުރުކޮށް ނުލުމަށްޓަކައެވެ. އަހަރެންގެ ހިތުގައި އެތަކެއް ފޮނި ޝުޢޫރުތަކެއް ހިނގަމުންގޮސް އާދުވަހަކަށް ދުނިޔެ މަރުޙަބާކިޔެވެ. މި އާދުވަސް އަހަރެންގެ ހިތުގައި ފަވާލެވޭނެކަމަށް އުންމީދުކުރަމުން އަހަރެން ހިތާއި ހިތުން ދުޢާކުރަމުންދިޔައީމެވެ. ދޯނި ކުޑަކޮށް ތެޅިލުމާއިއެކު ސިހިފައި ތޫއަށް ހޭލެވުނެވެ. އެވަގުތު ތޫ އިސްއުފުލާ އަހަންނަށް ބަލާލިއެވެ. ދެމިހުންތިބީ ކައިރިކައިރީގައި ކަމުން ދެމީހުންގެ ހަތަރުކަޅި އެހާ ކައިރިން ބައްދަލުވި ވަގުތު އަހަންނަށް ހީވީ އަހަރެންގެ ހަށިގަނޑުގައި ކަރަންޓްޖެހުނު ހެންނެވެ. ހަށިގަނޑުގެ ހުރިހާ އިސްތައްޓެއް ކޮޅަށްޖެހުނެވެ. އެދެލޮލުގެ ތޫނު ނަޒަރުން އަހަރެންގެ ހިތް މުޅިން ކަތިލައިފިއެވެ. ތޫ ލަދުން އަވަހަށް ދުރަށް ޖެހިލިއެވެ. އަދި އެހާމެ އަވަހަށް ސޮރިއޭ ބުނެލިއެވެ. އަހަރެން ސޮރީބުނީ ކީއްވެހޭ އަހާލުމުން ތޫ ވަކި ޖަވާބެއް ނުދިނެވެ. ނަމަވެސް އޭނާގެ މޫނަށްއަރާ ފައިބަމުން ދިޔަކުލަވަރުން އަހަންނަށް ސަބަބު އެނގުނެވެ. އެފަދަގޮތަކަށް އަހަރެންގެ ކޮނޑުމަތީގައި ނިދަން އޮވެވުމުން އެކަމާއި ތޫ މަޢާފަށް އެދުނީއެވެ. އަހަރެން ހިނިތުންވެލާފައި އިޓްސް އޯކޭއޭ ބުނެލީމެވެ. ދެން އަހަރުމެން ދެމީހުންގެ ދެމެދަށް ވެރިވީ ހަމަހިމޭންކަމެވެ. އެކަކަށްވެސް އަނެކަކު ހިތުގައި ވާއެއްޗެއް ނޭގޭފަދައެވެ. ތޫ މަޑުމަޑުން ހިނގާފައިގޮސް ދަނގަޑުގެ ކައިރިޔަށް ހުއްޓުނެވެ.

ކުޑައިރުކޮޅެއްވަންދެން ހުރެލާފައި އަހަރުމެންގެ ހަމަހިމޭކަން ފޫއަޅުވާލީ ތޫއެވެ. ''އެފެންނަނީ އަހަރުމެންގެ ރަށް'' ކައިރިން ފެންނަމުންދިޔަ ރަށަކަށް އިޝާރާތް ކުރަމުން ތޫ އަހަންނާއި ދިމާލަށް ބަލާލާފައި ހިނިތުންވެލިއެވެ. އަހަރެންވެސް އެތާ ކައިރިޔަށްގޮސް އެރަށަށް ރަނގަޅަށް ބަލާލީމެވެ. އޭރު އިރުގެ އަލިން ދުނިޔެ އުޖާލާކޮށްލައިފިއެވެ. ކުޑައިރުކޮޅަކުން ނިހާލުމެންވެސް އެތަނަށް އައެވެ. ''އަދިވެސް ދެކުދިން ނުނިދާތަ؟'' އަހަރެން ހީކުރީ ތިދެމީހުން ފިނިން މަރުވީކަމަށް.....'' ނިހާލު ސަމާސާ ރާގަކަށް ބުނެލިއެވެ. ''އަހަރުމެންވެސް ނިދިން... ދެންމެ ހޭލެވިގެން ތެދުވީ.....ދޯ ތޫ...'' އަހަރެން މިހެން ބުނުމާއިއެކު ތޫ އަހަންނަށް ބަލާލާފައި ލަދުވެތި ހިނިތުންވުމެއް ރައްދުކުރިއެވެ. އެހިނިތުންވުމުން އަހަރެންގެ ބަޑުހައިކަން ފިލައިދިޔައެވެ. އަހަރެން އެހެން ބުންޏަސް އަހަރެންގެ ލޮލުން ނުނިދާކަން ނިހާލުމެންނަށް އެނގުނެވެ. އެމީހުން ހެވިލާފައި އަހަންނާއި ދިމާލަށް ބަލަންތިބުމުން އަހަންނަށް އެކަން އެނގުނެވެ.

މާގިނައިރުތަކެއްނުވެ ބޯޓު ކުޑަހުވަދޫ ފަޅުންވަދެ ޖެޓީއާއި ކައިރިކުރިއެވެ. ޖެޓީކައިރީގައި ފުދޭވަރަކަށް މީހުންތިއްބެވެ. ހީވާގޮތުންނަމަ ބޯޓުން އަންނަ މީހުން ބަލާ އައިސްތިބީއެވެ. އަހަރެން ބިސްމި ކިޔާފައި ފުރަތަމަ ފައިތިލަ އެރަށުގައި ޖެއްސީމެވެ. އެރަށުން އަހަރެންގެ ދިރިއުޅުމުގެ އެންމެބޮޑު މަގްސަދު ހާސިލުވުމަށްއެދި ހިތާއިހިތުން ދުޢާކުރަމުންނެވެ. އަހަރެން ވަށައިގެންތިބި މީހުންނަށް ބަލާލީމެވެ. އެއެންމެންގެ ނަޒަރު އަހަރުމެންނަށް ހުއްޓިފައި ހުއްޓެވެ. ފަހަރުގައި ނުދަންނަ ބަޔަކަށްވީމަ ކަމަށްވެސް ވެދާނެވެ. އެވަގުތު މީހަކުއައިސް އަހަންނާއި ސަލާންކުރަން އަތްދިއްކޮށްލިއެވެ. ''ފަހީމުގެ ދަރިފުޅު އަޔާންދޯ.....'' އަހަރެން ސަލާމުގެ ޖަވާބު ބަލައިގަންނަމުން ސުވާލުގެ ނަޒަރަކުން އެމީހާއަށް ބަލަލީމެވެ. ''މިއީ އުބައިދުބެ....'' އެވަގުތު އަހަރެން ހިނިތުންވެލާފައި ރައްޓެހިގޮތަކަށް އަހަރެން އެނގުނީ ކިހިނެއްތޯ އަހާލީމެވެ. އުބެއިދުބޭ ބުނީ އަހަރެން އަހަރެންގެ ބައްޕަޔާއި ވައްތަރުކަމުން އެނގުނީ ކަމަށެވެ. އެބުނީ ތެދެކެވެ. އަހަރެން ބައްޕަޔާއި ވަރަށް ވައްތަރުވާނެވެ. ހަމަ ހީވާނީ ކާބަން ކޮޕީއެއްހެންނެވެ. އުބައިދުބެ އަހަރުމެންގެ ސާމާނުތައް ކާރަށް އެރުވުމުގައި އުޅުނެވެ. އަހަރެން ބަލާލީ ތޫއަށެވެ. ތޫ އޭނާގެ ބައްޕަޔާއި ދެކޮއްކޮ ކައިރީގައި އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ތޫދެއްކި ފޮޓޯތަކުން އެމީހުން ވަކިކުރާކަށް އަހަންނަކަށް އުނދަގުލެއް ނުވިއެވެ. އަހަރެން ތޫކައިރިޔަށް ދިޔައީ އެނަޒަރުން އަހަރެން ކައިރީގައި އަންނަން ބުނާހެން ހީވެގެންނެވެ. އެންމެފުރަތަމަވެސް އަހަރެން ސަލާމްކުރަން އަތްދިއްކުރަމުން ތޫގެ ބައްޕަޔަށް ތަޢާރަފްވެލީމެވެ. ތޫގެ ބައްޕަވެސް ވަރަށް ގާތްގޮތަކަށް އަހަންނާއި ވާހަކަދެއްކިއެވެ. އަހަންނަށް ތޫއާއި އެއްވެސް ވާހަކައެއް ނުދެއްކިގެން އުޅެނީސް އޭނާ އަމިއްލައަށް އަހަރުމެން ބަލާ އުބައިދުބެމެންގެއަށް ހަވީރު ދާނެވާހަކަ ބުންޏެވެ. ތޫ ބުނެފައިވާގޮތުން އުބެއިދުމެންގޭ ހުންނަނީ ތޫމެންގެއާއި ވަރަށް ދުރުގައެވެ. ތޫމެންގޭ ހުންނަނީ ރަށުގެ ފުއްޓަރުފަރާތު އަތިރިއާއި ވަރަށް ކައިރީގައެވެ. ތޫ އެހެންބުނުމާއިއެކު ހަވީރު މާލަސްވާނެޔޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެން ބޭނުންވަނީ ތޫ އަބަދުއަހަރެންގެ ކުރިމަތީގައި ފެންނަން ހުންނާށެވެ. ނަމަވެސް ތޫގެ ބައްޕަ ހުރުމާއިއެކު އަހަންނަށް އިތުރުއެއްޗެއް ބުނާކަށް ނުކެރުނެވެ. އާނއެކޭ ބުނުމުގެ ގޮތުން ހަމައެކަނި އަހަރެން ކުޑަކޮށް ބޯޖަހާލީމެވެ. އަހަރެން އެތާ ހުއްޓާ ތޫމެން ދާން ހިނގައިގަތެވެ. ދަމުން ތޫއަހަންނަށް ފަސްއެނބުރި ދެފަހަރު ބެލިއެވެ. އަހަރެންގެ ހަށިގަނޑުގައި ބުނެދޭން ނޭނގޭކަހަލަ އެތަކެއް އިޙުސާސެއް ދައުރުވަމުންދިޔައެވެ. ލޯބީގެ ފޮނިކަން ހިތުގެ އެންމެ ފުންމިނަށް ވާޞިލްކޮށްދެމުންނެވެ.  

އަހަރުމެންވެސް ދެންދިޔައީ ގެއަށެވެ. އެގެއަކީ ވަރަށް ރީއްޗަށް ޒަމާނީ ފެންވަރަށް ހަދާފައިވާ ދެބުރިގެއެކެވެ. އަހަރުމެން ގެއަށް ވަނުމާއިއެކު އަންހެނަކު އަވަހަށް ސައިބޯން އަންނާށޭ ކިޔާފައި ޖޫހާއި ބިސްކޯދުހިފައިގެން ސިޓިންރޫމަށް އައެވެ. އެމީހާ އަހަރުމެންނަށް ތަޢާރަފްވެލިއެވެ. އެއީ އުބެއިދުބޭގެ އަންހެނުން ސީމައްތައެވެ. އެތާގައި އުބެއިދުބޭގެ ދޮށީ ދަރިފުޅު ސަމާހުއާއި ހަގުދަރިފުޅު ޒައިކްވެސް ތިއްބެވެ. ސީމައްތަ ބުނިގޮތުން އެގޭގައި އެމީހުންނާއި އެމީހުންގެ ތިންކުދިން ފިޔަވައި އިތުރު ބަޔަކު ނޫޅެއެވެ. އެއޮށްބޮޑުގޭގައި އުޅެނީ ހާދަ ކުޑަ ޢާއިލާއެކޭ އަހަރެންގެ ހިތަށްއެރިއެވެ. ސައިބޮއި ނިމިގެން އުބެއިދުބެ އެދުނީ އަވަހަށް ފެންވަރާ ތައްޔާރުވެލައިގެން ދަތުރުގެ ވަރުބަލިކަން ފިލުވާލުމަށް އަހަރުމެން އަރާމުކޮށްލަން ދިޔުމަށެވެ. އުބެއިދުބޭގެ އެދުމުގެ މަތިން ސަމާހު އަހަރުމެން ގޮވައިގެން ކޮޓަރިޔަށް ދިޔައެވެ. އެއީ މަތީގައިއިން ކޮޓަރިއެކެވެ. ކޮޓަރިޔާއި ހަމަޔަށް ދިޔަތަނުން ޖެހިގެން ހުރި ކޮޓަރިން އަންހެން ކުއްޖަކު ނުކުތެވެ. ....................... (ނުނިމޭ)


Laaraa (06)

ލާރާ (ހަވަނަ ބައި)

(ފަސްވަނަ ބަޔާއިގުޅޭ)..................

މިލޯބި ލާރާ އަހަރެން ދެކެނީ އަހަރެން ހަމައެކަނި ލޯބިވާ ލާރާގެ ނިޝާނެއްގެ ގޮތުގައި. މިތުއްތު ލާރާގެ މޫނަށް ބަލާލާ ކޮންމެފަހަރަކު އަހަންނަށް އަހަރެންގެ ލާރާގެ ހަނދާންތައް އާވޭ. އެމޫނު ސިފަވެގެންދޭ...'' އެލެކްސް ނިދާފައިއޮތް ތުއްތު ލާރާގެ ކޮލުގައި ލޯބިން ފިރުމާލަ ފިރުމާލާއިނެވެ.  އަހަންނަށް ހުރެވުނީ ހައިރާންވެފައި ބަލަހައްޓައިގެންނެވެ. އަހަރެންގެ ހިތަށް ލިބުނު ވޭން އެލެކްސްގެ ވާހަކަތަކުން އެއްކޮށް ފިލައިގެންދިޔައެވެ. ''ލާރާ ހޯދަން އަހަރެން ވަރަށް މަސައްކަތް އެބަކުރަން. މުޅި އުމުރު އެމަސައްކަތުގައި ހޭދަކޮށްލަންޖެހުނަސް ފަރުވާލެއް ނެތް. އިރާދަ ކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އަހަންނަށް ލާރާ ފެންނާނެ. އަހަރެން ލާރާ އަހަރެންގެ މީހަކަށް ހަދާނަން. މިތުއްތު ދަރިފުޅަށް އެމަންމަގެ ލޯބިދޭނަން...'' އެލެކްސް ތުއްތު ލާރާއަށް ބަލަމުން ދިޔައެވެ. އެލެކްސްގެ ދަރިފުޅަށް ކިޔަނީ ލާރާކަން އެނގުމުން އަހަރެން ވަރަށް ހިންހަމަޖެހުނެވެ. އެލެކްސް އަހަންނާއި ދިމާލަށް ބަލާލުމުން އަހަންނަށް ހިނިތުންވެލެވުނެވެ. އެތެރެއިން އުފަލުން ފޮޅިފައިހުރެއެވެ. އަހަރެން އެލެކްސްދެކެ ލޯބިވާ ވަރަށް އޭނާވެސް އަހަރެންދެކެ ލޯބިވާކަން އެނގުނީ އަދި ކިރިޔާއެވެ.

އަހަރެން ހަމަޖެހިލީމެވެ. ''ލާރާ އެލެކްސް ހަޔާތަށް އައުމުން އަހަރެން.....'' އަހަރެން ބުނަން އުޅުނު އެއްޗެއް ނުބުނެވެނީސް އެލެކްސް އަހަރެން ހުއްޓުވިއެވެ. އަހަރެން ބޭނުންވީ އެލެކްސް ބުނާއެއްޗެއް ބަލާލާށެވެ. ''ލާރާ އަހަރެންގެ ޙަޔާތަށް އަޔަސް އަހަރެން ލީއަކަށް ދެރަގޮތެއް ނަހަދާނަން. ލީ ބޭނުންވާކަހަލަ އުފާވެރި ދިރިއުޅުމެއް ލީއަށް ހޯދައިދެވޭތޯ އަހަރެން އަބަދުވެސް މަސައްކަތް ކުރާނަން. މިހާރެކޭ އެއްގޮތަށް އެދުވަހަކުންވެސް ލީ ބޭނުންގޮތެއް ނިންމުމުގެ އިޚްތިޔާރު ލީއަށް އޮންނާނެ. އަހަރެންގެ ލާރާއަކީ އެއަށްވުރެ މާ އަންޑަސްޓޭންޑިންގ މީހެއް. އޭނާވެސް ލީއަށް ތެރަގޮތެއް ވާކަށް ނޭދޭނެ.'' އެލެކްސްގެ ވާހަކަތަކުން އަހަރެން ވަރަށް ހިންހަމަޖެހުނެވެ. އެހާމެ އެތެރެއިން ހެވުނެވެ. އަހަރެން އެލެކްސްއަށް އޭނާގެ ލޯބި ލިބޭނެކަމުގެ ޔަގީންކަންދީ ހިތްވަރު ދިނީމެވެ. އެލެކްސް އަހަރެން އަންޑަސްޓޭންޑިންގ ވީކަމާއިމެދު އަހަންނަށް ޝުކުރުވެރިވިއެވެ. އެއަށްފަހު ކޮޓަރިން ދިޔައެވެ. އަހަރެން ލާރާ ނަގައި މެޔާއި ލައްކޮށްލަމުން ލޯބިކޮށްލީމެވެ. އަދި މިއީ ދަރިފުޅުގެ މަންމަކަމުގައި މަޑުމަޑުން ބުނީމެވެ. އެކުޑަ ނޫރު އަހަރެންގެ އުނގުތެރޭގައި ނިދާފައި އޮތް އިރު އަހަންނަށް އިހުސާސް ވަމުންދިޔަ އުފާވެރިކަން ބުނެދޭންވެސް ނޭނގެއެވެ. ހަމައެއާއިއެކު އަހަރެންގެ ލޮލަށް އުފާވެރިކަމުގެ ކަރުނަ ޖަމާވިއެވެ. އެކަރުނަތައް އޭގެ މަގާމު ދޫކޮށް ވެއްޓިއްޖިއްޔާ ވެއްޓޭނީ އަހަރެންގެ އުނގަށެވެ. އަހަރެން ހަލުވިކޮށް އެސްފިޔަ ޖަހާލަމުން އެކަރުނަތައް ވެއްޓުނަނުދީ ހިފެހެއްޓީމެވެ. އަހަރެންގެ އުނގުތެރޭގައި ނީދާފައިވާ އަހަރެންގެ ލޯބިވާ ދަރިފުޅަށް އޭގެއިން ޖެހޭކަށް އަހަރެން ބޭނުންނުވާތީއެވެ. އެއީ އެކަރުނަތިކިންވެސް އޭނާޔަށް އަނިޔާއެއް ލިބިދާނެހެން ހީވާތީއެވެ.

އަހަރެން ވޭތުކުރަމުން ދިޔައީ އުފާވެރި ދުވަސްކޮޅެކެވެ. ލަންޑަނުގައި ހަފްތާއެއް ހޭދަވިއިރު އަހަންނަށް ހީވީ އެތައްހާސް ދުވަހުގެ އުފާ އަހަންނަށް ލިބުނު ހެންނެވެ. އަހަރެން ކުޑަ ލާރާއާއި މަޖާކޮށް ވާހަކަދައްކާއިރު އޭނަގެ އެހުންނަ މަޖާ ހުނުމުގެ ސަބަބުން އަހަރެން ހުންނަނީ ވަރަށް އުފާވެފައެވެ. އަބަދުވެސް އަހަރެން ވަގުތު ހޭދަކުރަނީ އޭނަޔާއި އެކީގައެވެ. އެލެކްސް އަބަދުވެސް އުޅެނީ އޭނަގެ އޮފީސް ކަންތަކުގައި ބިޒީވެގެންނެވެ. ޗުއްޓީގައި މިކޮޅުގައި ހުންނައިރުވެސް އޭނަ އަބަދު އުޅެނީ މިކޮޅުގެ އޮފީސް މަސައްކަތުގައި މަސްޣޫލުވެގެންނެވެ. ވޭތު މިދިޔަ ހަފްތާ ތެރޭގައި އަހަންނަށް ވަރަށްގިނަ އެއްޗެހި އެނގުނެވެ. އެލެކްސްއަށް ޕޯލީގެ ފަރާތުން އެއްވެސް އުފަލަކާއި ހިންހަމަޖެހުމެއް ނުލިބޭކަމެވެ. އެއްތަނެއްގައި އުޅުނަސް އެދެމީހުންގެ ގުޅުން ރަނގަޅުނޫންކަމެވެ. ޕޯލީ އުޅެނީ އަބަދުވެސް ބޭރުގައެވެ. ރައްޓެހިންނާއިއެކު އުފަލާއި މަޖާކުރުމުގައެވެ. އޭނާޔަށް ފިރިމީހާއަކީ މާމުހިންމު މީހެއްނޫނެވެ. އަހަރެން އެކަމާއިމެދު ވަރަށް ދެރަވެއެވެ. އެލެކްސްއަށްވެސް ރަނގަޅު އަންބެއްގެ އޯގާތެރިކަން ބޭނުންވާނެކަން އަހަންނަށް އިޙުސާސް ކުރެވެއެވެ. އަހަރެން އެމަގާމުގައި ހުރިނަމަ އެލެކްސްއަށް އެއްވެސް ހިތްދަތިކަމެއް އިޙުސާސް ވިޔަކަ ނުދޭނަމެވެ. އެހާވަރަށް ލޯބިދޭނަމެވެ.

ވަގުތަކީ މެންދުރު ވަގުތެވެ. ގޭގައި އަހަންނާއި އެލެކްސް އަދި ބޭބީ ފިޔަވައި އިތުރު މީހަކު ނޫޅެއެވެ. އަހަރެން ބޭބީ ނިންދަވާލާފައި ބޭރަށް ނުކުތް ވަގުތެވެ. ގޭގައި މީހަކު ނޫޅޭކަން އަހަންނަށް އެނގެއެވެ. އެހެންވެ އަހަރެން މިސްރާބުޖެހީ އެލެކްސްގެ ކޮޓަރިޔާއި ދިމާލަށެވެ. ނަސީބަކުން ދޮރުވެސް ހުރީ ހުޅުވާފައެވެ. އަހަރެން ދޮރުކައިރިޔަށް ހުއްޓިހުރެ އެތެރެއަށް ނަޒަރުހިންގާލީމެވެ. އެލެކްސް ފެނޭތޯއެވެ. އެވަގުތު އެލެކްސް އުޅެނީ ފާޚަނައިގައިކަން އަހަންނަށް އެނގުނެވެ. އަހަރެން އެތެރެއަށް ވަނީމެވެ. ވަނުމާއިއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ ފާރުގައި ހަރުކޮށްފައިހުރި ފޮޓޯތަކެވެ. އަހަންނާއި އެލެކްސްގެ ކުޑައިރުގެ ފޮޓޯތަކެވެ. މުޅި ކޮޓަރީގައިހުރީ އަހަރުމެންގެ ފޮޓޯތަކެވެ. އަހަރެން ވަކިންހުރި ފޮޓޯތައްވެސް ވަރަށްގިނައެވެ. އަހަރެން ވަރަށް އުފާވިއެވެ. ކޮންމެ ފޮޓޯއަކަށްވެސް ބަލާލުމާއިއެކު އެހަނދާންތައް މަންޒަރުތަކެއް ފަދައިން ލޯމަތިން ސިފަވަމުންދިޔައެވެ. އަހަރެން ސިހުނީ އެލެކްސް ފާޚަނާއިން ނުކުތުމުންނެވެ. އަހަރެން ވަރަށް ލަދުގަތެވެ. ދާން ހިނގައިގަތްތަނާ އެލެކްސް މަޑުކޮށްލުމަށް އެދުނެވެ. އޭނާ އަހަންނަށް ބަލާލި ވަގުތު އޭނާގެ ކަޅި ހުއްޓުނީ އަހަރެންގެ މޫނުގައި އިން މަލަން ކޮޅަށެވެ. އޭނާގެ ސުވާލަކަށްވީ އެމަލަންކޮޅެވެ. އަދިވެސް ރަނގަޅު ނުވަނީހޭ އަހާލުމުން އަހަރެން ކުރުކޮށް ޖަވާބުދިނުމަށް އާއެކޭ ބުނީމެވެ. އަހަރެން އެލެކްސްއާއި ފޮޓޯތަކާއި ބެހޭގޮތުން ސުވާލުކުރީމެވެ. އޭނާގެ ހުރިހާ ޖަވާބެއް މިފަހަރު އަހަންނަށް ލިބުނެވެ. ލިބުނީވެސް އަހަރެން ބޭނުންވީ ގޮތަށެވެ. އޭނާ އަހަރެން ކުރިމަތީގައި ހުރެގެން އަހަރެންދެކެ ލޯބިވާވަރު ހާމަކުރިއެވެ. ހަގީގަތުގައިވެސް އަހަންނަކީ ލާރާކަން އޭނަޔަށް އެނގޭނަމަ ކިހާރަނަގަޅުހޭ އެވަގުތު ހިތަށްއެރިއެވެ. އެއީ ވަގުތުވެސް ރަނގަޅުވީމައެވެ.

އެލެކްސް އޭނާ އަހަންނާއިނުލައި ވޭތުކުރި ޙަޔާތް ކުރުގޮތަކަށް ކިޔައިދިންއިރު އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އަހަރެން ހޯދުމަށް މިއަދުވެސް އޭނާވަނީ ނާކާމިޔާބުވެފައިކަން އޭނާ ބުންޏެވެ. އަދި މިހާރު އޭނާގެ އުންމީދު ފުސްވަމުންދާކަމަށްވެސް އޭނާ ބުންޏެވެ. އަދި އޭނާ ބޭނުންވަނީ ޕޯލީ އަބަދައްޓަކައި ދޫކޮށްލުމަށް ކަމަށް ބުނުމުން އަހަރެން ސިހުނެވެ. އެއީ ޕޯލީވެސް ބޭނުންވާގޮތް ކަމަށް އެލެކްސް އަހަރެންގާތު ބުންޏެވެ. ޕޯލީއަށް ލާރާއިބެހޭ ހުރިހާ ހަގީގަތެއް އެނގޭނެކަމަށް އޭނާ ބުންޏެވެ. އަހަރެންއިނީ އެނދުގައި އިށީދެގެންނެވެ. އެލެކްސް އަހަރެން ކައިރިޔަށް އައިސް ދެކަކޫމައްޗަށް ތިރިވިއެވެ. އަހަރެން އިސްޖެހީމެވެ. އެވަގުތު އެލެކްސް އަހަރެންގެ ދެއަތުގައި ހިފިއެވެ. އޭނާ އަހަރެންގެ އުނގުގައި ބޯއަޅާލިއެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. އެލެކްސްވަނީ މިއަދު ވަރުބަލިވެފައިކަމަށް ބުންޏެވެ. ލާރާހޯދުމަށް ދަތުރުކޮށްކޮށެވެ. އޭނާބޭނުންވަނީ ތަނެއްގައި މަޑުކޮށްލުމަށެވެ. ދިރިއުޅުމުގެ އުފަލާއި އަރާމު ހޯދުމަށެވެ. އޭނާ ބޭނުންވަނީ މީހެއްގެ އެހީއެވެ. އަހަރެން އެލެކްސްގެ އިސްތަށިގަނޑުގައި ފިރުމާލީމެވެ. އެވަގުތު އަހަރެން ހިތަށްއެރިއެވެ. އަހަންނަކީ ލާރާކަން އަހަރެން ސިއްރުކުރަންވީ ކީއްވެހެއްޔެވެ؟ މިއަދު އަހަރެންގެ ފިރިމީހާއެވަނީ އެކަނިވެފައެވެ. ޙަޔާތުގެ މައިދާނުގައި ބައިވެރިޔަކަށް ބޭނުންވެފައެވެ. ނަމަވެސް ސިކުޑި އެކަމާއި އެއްބަހެއްނުވިއެވެ. ޕޯލީއާއި ދެމީހުން ވަރިނުވަނީސް ބުނުމަކީ ރަނގަޅުކަމެއްކަމަށް އަހަންނަށް ނުފެނުނެވެ.

އެލެކްސް އަދިވެސް އަހަރެންދެކެނީ ރައްޓެއްސެއްގެ ގޮތުގައެވެ. އެގޮތުން އަހަރެން އޭނަޔަށް އަޅާލަމެވެ ވަގުތު ތަންދޭގޮތުން އަހަރެންގެ ވާޖިބު އަދާކުރަމެވެ. އެއީ އެލެކްސްއަށް ޚިދްމަތްކުރުމުގައެވެ. އެލެކްސް އެގޮތަށް ކޮންމެފަހަރަކު އަހަންނާއި ކައިރިވުމުން އަހަރެންގެ އިޚްތިޔާރުން ބޭރުވާކަހަލައެވެ. އަހަރެންގެ ސިއްރު އަމިއްލައަށް ފަޅާއަރުވާލާނަމޭވެސް ހާސްފަހަރަކު ހިތަށްއަރައެވެ. ނަމަވެސް އެލެކްސް އަހަންނާއި ކައިރިވަނީ އަހަރެން ދެކޭ ނަޒަރަކުންނޫނެވެ. އަހަރެން އެލެކްސްއަށް އެވަގުތުވެސް ހިތްވަރުދިނީމެވެ. އެލެކްސް އެދުވަހު އަހަރެން ގެންދިޔައީ އަހަރެންގެ ގެއަށެވެ. ގޭގައި ބަޔަކު ނޫޅޭތީ، އޭނާ އޮފީހަށް ދާންޖެހުމުން ބޭބީއާއި އަހަންނާއި ދެމީހުން އެކަނިވާނެތީ އަހަރުމެން އެގެއަށް ގެންދިޔައީއެވެ. އަހަންނާއި ފުރަތަމަވެސް ދިމާވީ ގްރޭންޑްމާއެވެ. ގްރޭންޑްޕާ އެވަގުތު ފެންނާކަށްނެތެވެ. އެލެކްސް އަހަރެންގެ ވާހަކަ ގްރޭންޑްމާ ކައިރީގައި ކިޔައިދިނެވެ. އެއަށްފަހު އޭނާ އޮފީހަށްދިޔައީ އަހަރެން އެގޭގައި ބަހައްޓާފައެވެ. ގްރޭންޑްމާ ވަރަށްބަލިކަށިއެވެ. މުސްކުޅިއެވެ. ގްރޭންޑްމާ އަހަރެން އަތުން ބޭބީ ނެގިއެވެ. އަހަރެންހުރީ ބަސްހުއްޓި ކަޅިހުއްޓިފައެވެ. އެގެއަކީ އަހަރެން ދިރިއުޅުމުގެ އެއްބައި ހޭދަކުރިގެއެވެ. އަހަރެން ވަށައިގެން ބަލާލީ މަންމަޔާއި ބައްޕަގެ ހިލަމެއްވޭތޯއެވެ. ނަމަވެސް އެގެއެކޭ ފަޅުގެއެކޭ އެއްވަރެވެ. މުޅި ގޭތެރޭގައިވަނީ ހަމަހިމޭންކަމެވެ. ކުރީގެ ހަލަބޮލި މާހައުލުވަނީ މުޅިން ބަދަލުވެފައެވެ.  

ގްރޭންޑްމާ ބޭބީ ގޮވައިގެންގޮސް ކޮޓަރީގައި ބޭއްވިއެވެ. ބޭބީއޮތީ ހޭލާއެވެ. ނަމަވެސް ރޯލެއް މަދުކަމުން ގެންގުޅެން އެންމެނަށްވެސް ވަރަށްފަސޭހައެވެ. ގޭތެރޭގެ ވަރަށް ގިނަތަންތާގައި މަންމަޔާއި ބައްޕަގެ ފޮޓޯތައް ހުއްޓެވެ. އަދި އަހަންނާއި، މަންމަޔާއި ބައްޕަގެ ބޮޑު ފޮޓޯއެއް ގޭގެ ސިޓިންރޫމުގައި ހުއްޓެވެ. އަހަރެންގެ ހިތުގައި އެދެމީހުންނާއިމެދު ރޯވި އަލިފާންގަނޑު އަދިވެސް ނުނިވެއެވެ. އެކަމަކު ގްރޭންޑްމާ ފެނުމުން ވަރަށް ބައްދާލާ ހިތްވިއެވެ. މާމަގެ ބަލިކަން ހިތަށްއެރުމުންނެވެ. މާމަ އަހަންނާއިމެދު ސުވާލުކުރިއެވެ. އަދި މާމަގެ ދަރިއަކު ރާއްޖޭގައި ވީކަމަށް ބުންޏެވެ. އަހަރެން މަންމަޔާއި ބައްޕަގެ ފޮޓޯއަށް ނަޒަރުހިންގައި އެއީ ކޮންބައެއްތޯ އަހާލީމެވެ. އަހަރެންގެ ސުވާލުން މާމަގެ މޫނުމަތީގައިހުރި ހިނިތުންވުން ގެއްލުނެވެ. މާމަ އެއީ ކޮންބައެއްކަން ބުނެދިނެވެ. މާމަގެ އަޑުގައި ހުރީ ނުތަނަވަސްކަމާއި މަޑުމޮޅިކަމެވެ. ދެން މާމަގެ ދުލުން ނުކުތް ޖުމްލައިން އަހަންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. މުޅިދިނިޔެ ބަންޑުންޖެހުނުހެންނެވެ. މާމަބުނީ މީގެ އެތަކެއް އަހަރު ކުރީގައި ދިމާވި އެކްސިޑެންޓެއްގައި އެދެމީހުން ނިޔާވެފައިވާ ވާހަކައެވެ. އަހަރެންގެ ގައިން ވަރުދޫވިކަހަލައެވެ. އަހަރެން ގޮޑިއަށްވެއްޓުނެވެ. ފެންކަޅިވެފައިވާ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތުމާއިއެކު ރޮއެގަނެވިއްޖެވެ. ގްރޭންޑްމާ ހާސްވިއެވެ. އަހަންނަކީ ކާކުހޭ އެހީ ދެނެވެ. އަހަރެން ފަސްޖެހުމެއްނެތި މިއީ މާމަގެ ލާރާކަމަށް ބުނީމެވެ. އަހަރެންގޮސް މާމަގެ އުނގުތެރެއަށް ވެއްޓި ރޮއެގަތީމެވެ. ބާރަށެވެ. އޭރު މާމަގެ ހަށިގަނޑު ތުރުތުރު އަޅަމުންދިޔައެވެ. މާމަ އަހަރެންގެ ގައިގައި އޮޅުލާފައި ބޮސްދެމުންދިޔައެވެ. ........................... (ނުނިމޭ)


Sunday, September 30, 2012

Mulhi Umurahves Loabi Vaanameve...... (07)

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.... (ހަތްވަނަ ބައި)

(ހަވަނަ ބަޔާއިގުޅޭ)..............

އެހެންވެ ދެވަނަފަހަރަށްވެސް އަހަރެން ތޫދެކެ ލޯބިވާވާހަކަ ބުނީމެވެ. ތޫއަހަރެންގެ މީހަކަށް މުޅިއުމުރަށް ހަދަން ބޭނުންވާ ވާހަކަ ބުނީމެވެ. ތޫއާއި އެންމެ ފުރަތަމަ ބައްދަލުވީ ދުވަހުން ފެށިގެން ހުރިހާ ވާހަކައެއްވެސް ކިޔައިދިނީމެވެ. އަހަންނަށް ހީވީ އެއްނޭވައިން ހުރިހާ ވާހަކައެއް ކިޔައިދެވުނުހެންނެވެ. ހިތް އަވަސްވެފައިވާލެއް ބޮޑުކަމުންނެވެ. ލޯބިވާވާހަކަ ދުލާއިހަމަޔަށް ގެނެވުމުން އަހަރެންގެ ހިތަށް ވަރަށް ހިންހަމަޖެހުން ލިބުނެވެ. ނަމަވެސް އެހާވަރަށް ހިތް ނުތަވަސްވެސް ވިއެވެ. ތޫގެ ޖަވާބެއް ނޭނގޭތީއެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ ތޫގެ ޖަވާބަކަށެވެ.

އަހަންނަށް ސިހިފައި ލޯހުޅުވާލެވުނީ ފްލައިޓަށް އެރި ލޮޅުންގަނޑަކުންނެވެ. އަހަރެން ބޭރުބަލާލީމެވެ. އަނދިރިކަމުން ތަނެއް ފެންނަވަރުނުވިޔަސް ގަދަޔަށް ވިދަމުންދިޔަކަން އެނގުނެވެ. ވިދުވަރުގެ އަލިން ކޮޅިގިނަވެފައި ވާރޭވެހެމުން ދިޔަކަންވެސް އަހަންނަށް އެނގުނެވެ. އެވަގުތު ކެބިންކުރޫއެއް އައިސް އަހަރެން ކައިރީގައި އެއްވެސް އެއްޗެއް ބޭނުންތޯއޭ އަހާލިއެވެ. އަހަރެން ހަމައެކަނި ފެއްތައްޓަކަށް އެދުނީމެވެ. ގަޑިބަލާލުމުން ފްލައިޓް ޖައްސަން ކައިރިވެއްޖެކަން އަހަންނަށް އެނގުނެވެ. މާގިނައިރުތަކެއްނުވެ ފްލައިޓް ލަންކާގެ ބަންޑާރަނައިކް އެއަރޕޯޓުގައި ޖެއްސިއެވެ. މެލޭޝިޔާއަށް ދާން ފުރުންއޮތީ އަދި ތިންގަޑިއިރު ފަހުންކަމަށް ވުމާއިއެކު ފަސިންޖަރުންނަށް ޖެހުނީ ލޮބީގައި މަޑުކޮށްލާށެވެ. އެތާގައި އަހަރެން ބޭރަށް ނޮގޮސް މަޑުކޮށްލީ އަހަރެން އިތުރުކަމެއް ކުރާހިތް ނުވާތީއެވެ. ބަނޑުހައިވިޔަސް އަހަރެންހުރީ ކާހިތް ނުވެފައެވެ. އެހެންމީހުން އެކިއެކި ކަންކަމުގައި ބޭރަށް ނުކުމެ އުޅުނެވެ. ލޮބީ ފިނިކަމުން އަހަރެން ހުރީވެސް ކުޑަކޮށް ފިނިވެފައެވެ. އަހަރެން ގޮސް ޖައްސާލީ އެންމެ ފަހަތުގައި ހުރި ސޯފާބަރީގައެވެ. ކުރާނެ އިތުރު ކަމެއް ނެތުމާއިއެކު އަހަރެން ލެޕްޓޮޕް ނަގައިގެން ހުޅުވާލީ ވަގުތު ކުރުކޮށްލުމުގެ ގޮތުންނެވެ. ނަމަވެސް ޑެކްސްޓޮޕްގައި އިން ތޫގެފޮޓޯ ފެނުމާއިއެކު އަހަރެން ހުއްޓުން އެރިއެވެ. އިތުރުކަމެއް ކުރާހިތެއް ނުވިއެވެ. އެރީތިކަމަށް ހިތާއިހިތުން ތަޢުރީފުކުރަމުން އެމޫނަށް ބަލަހައްޓައިގެން އަހަރެން އިނދެވުނެވެ. އިނދެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. އަހަންނަށް ހީވީ ތޫ އަހަރެންގެ ކުރިމަތީގައި ހެވިލާފައި އަހަންނާއި ދިމާލަށް ބަލަހައްޓައިގެން އިންހެންނެވެ. ހަގީގަތެއް ނޫންކަން އެނގުނީ ކައިރިންދިޔަ  ކުޑަކުއްޖަކު ފައިގައި އަޅާފައި ވެއްޓުމުންނެވެ. ވެއްޓުނުހާ އަވަހަށް އެކުއްޖާ ތެދުވެގެން ހިނގައިގަތެވެ. އެކުއްޖާގެ މީހުން ދުރުގައި ހީ...ހީފައި ބަލަންތިއްބެވެ. އަހަރެންގެ މޫނަށްވެސް ކުޑަ ހިނދުކޮޅަކަށްނަމަވެސް ހިތުންވުމުގެ އަސަރު ފާޅުވިއެވެ. އެކުޑަ މައުސޫމު ކުއްޖާގެ ހަރަކާތްތައް ފެނުމުންނެވެ. އެއަށްފަހު އަހަރެން ފެންކަޅިވިއެވެ. ތޫއަށް ބަލާލުމުންނެވެ. އަހަރެންގެ ފެންކަޅިވެފައިވާ މޫނުން އަހަރެންގެ ހިތުގެ ހާލަތު ރީއްޗަށް ފެންނަމުންދިޔައެވެ. އަހަރެން މަޑުމަޑުން ތޫގެ މޫނުގައި އަތް ކާއްތާލީމެވެ. ތުންފަތާއިހަމަޔަށް އަތްގެނެސް އަހަންނަށް ހުއްޓެވުނެވެ. މަޑު ފިޔާތޮށިކުލައިގެ އެތުންފަތުގައި އަހަންނަށް ހީވީ ހަގީގަތުގައިވެސް އަހަންނަށް ބީހެވުނުހެންނެވެ. އަހަރެންގެ ހުރިހާ އިސްތައްޓެއް ކޮޅަށްޖެހުނެވެ. ހިތުގެ ވިންދު އަވަސްވިއެވެ. އަހަރެންގެ ހަނދާނަށް އައީ ތޫއާއިއެކު އަހަރެން ހޭދަކުރި އުފާވެރި ވަގުތުކޮޅެއްގެ ހަނދާނެވެ. އެއީ ދުވަހަކު އަހަރެން ހިތުން ފިލައިގެން ނުދާނޭ ވަގުތުކޮޅެކެވެ. ހަމައެކަނި އެވަގުތުކޮޅުގެ ހަނދާނުގައިވެސް އަހަރެން މުޅިއުމުރު ހޭދަކޮށްލަފާނަމެވެ. އެއީ އަހަރެންގެ ހަޔާތުގައި މިހާތަނަށް ލިޔެވިގެންދިޔަ އެންމެ ފޮނި ހަނދާނެވެ. އަދި ކުރެވުނު އެންމެފޮނި އިހުސާސްވެސްމެއެވެ.  

ތޫގެ ޖަވާބެއް ލިބޭތޯ އަހަރެން ފަސްވަރަކަށް މިނިޓްވަންދެން އިނީމެވެ. އޭރު އަހަރެންގެ ހިތް އާދަޔާ ޚިލާފަށް ތެޅެމުންދިޔައެވެ. އިމްތިޚާނެއް ބޯމަތިވުމުން ކުރާކަހަލަ އިޙުސާސެއް އަހަންނަށް ކުރެވެމުންދިޔައެވެ. ހިތާއިހިތުން ތޫ އަހަރެންގެ ލޯބި ގަބޫލުކުރުމަށްއެދި އަހަރެން ދުޢާވެސް ކުރީމެވެ. ތޫގެ ފަރާތުން ލިބުނު ހަމަހިމޭކަމުން އަހަރެންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. އަހަރެން މަޑުމަޑުން އެނބުރި ތޫއަށް ބަލާލީމެވެ. ތޫއިނީ ލެނގިލައިގެން އިން ދަނގަޑުގައި ބޯޖައްސާލައިގެން ދެލޯމަރައިގެންނެވެ. އެމޫނުމަތިން އެއްވެސްކަހަލަ ހާސްކަމެއް، ނުތަނަވަސް ކަމެއް އަދި ހިންހަމަނުޖެހުމުގެ އަސަރެއްވެސް ފެންނާކަށް ނެތެވެ. އަހަރެން އިރުކޮޅަކު ތޫއަށް ބަލަންއިނީމެވެ. އިނދެފައި މަޑުމަޑުން ތޫއަށް ގޮވާލީމެވެ. ތޫގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އަހަރެން ދެވަނަފަހަރަށްވެސް ގޮވީމެވެ. ޖަވާބެއް ނުލިބުނެވެ. ދެން އަހަރެން މަޑުމަޑުން ތޫގެ ކޮނޑުގައި ހިފާ ތަޅުވާލީމެވެ. ތޫއިނީ ނިދާފައެވެ. އަހަންނަށް ފުންނޭވާއެއްލެވުނެވެ. އަދި އެހާމެ މާޔޫސްވެސްވިއެވެ. އަހަރެން ދެއްކި އެއްވެސް ވާހަކައެއް ތޫއަށް އަޑުނީވުމުންނެވެ. އެހާމެ ރަނގަޅު ވަގުތެއްގައި، އެހާމެ މަސައްކަތުން ހިތްވަރުކޮށްފައި ހިތުގައިވާ ހުރިހާ އެއްޗެއް ބުނެވުނުއިރު އަޑުއިއްވަން ބޭނުންވިމީހާއަށް އެއްވެސްއެއްޗެއް އަޑެއްނީވުނެވެ. ތަޤުދީރު އަހަންނާއި ކުރަނީ ކޮންކަހަލަ ސަމާސާއެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންގެ ނަސީބާއިމެދު އަހަރެން ދެރަވިއެވެ. ދެން އެފަދަވަގުތެއް ލިބޭނެބާވައޭ އަހަންނަށް ހިތާއިހިތާއި ސުވާލުކޮށްލެވުނެވެ. އަހަންނަށް ބަލާލެވުނީ ދިމާކުރިމަތިން ފެންނަން ހުރި ހަނދަށެވެ. އެވަގުތު ހަނދު ވިލާކޮޅަކާއި ނިވާވެލިއެވެ. ހަނދުވެސް އަހަރެންގެ ނަސީބާއިމެދު މަލާމަތްކުރަމުން ފިލީބާއޭ އަހަރެންގެ ހިތަށްއެރިއެވެ.

މާޔޫސްވެފައިވާ ނަޒަރަކުން އަހަރެން އަނެއްކާވެސް ތޫއަށް ބަލާލީމެވެ. ނިދާފައިވާއިރު އެމައުސޫމު މޫނުގެ ރީތިކަން ދެގުނައަށް ރީއްޗެވެ. އަހަރެންގެ މޫނުމަތިން މާޔޫސްކަން ފިލައިގެންދާކަށް މާގިނަވަގުތެއް ނުނެގިއެވެ. އެއަށްވުރެ އެމޫނުގެ ޖާދޫ މާވަރުގަދައެވެ. އަހަރެން ތޫއަށް ބަލަހައްޓައިގެން އިންދާ ތޫ ވެއްޓެން އުޅޭހެން ދެފަހަރަކު ހީވިއެވެ. އެގޮތަށް ވެއްޓި ތޫގެ އަރާމު ނިދިގަނޑު ހަލާކުވާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. އެހެންވެ ނުކެރިފައި ހުރެވެސް އަހަރެން މަޑުމަޑުން ކައިރޔަށް ޖެހިލާފައި ތޫގެ ބޯގެނެސް އަހަރެންގެ ކޮނޑުމަތީގައި ބާއްވާލީމެވެ. ތޫއަށް ހޭނުލެވުނުކަން ނަސީބެވެ. އެހެންނޫންނަމަ އެފަދަ އުފާވެރި ވަގުތުކޮޅެއް ތޫއާއިއެކު ހޭދަކޮށްލަން ނުލިބުނީހެވެ. ތޫ ހަމަޖެހިލައިގެން ރީއްޗަށް ނިދާލާފައި އޮތެވެ. ގައިމަތީގައި އަޅާފައިވާ ފޮތިގަނޑުން ބައެއް ނެގިފައި އޮތުމާއިއެކު އަހަރެން އޯގާތެރިކަމާއިއެކު އެނަގާ ތޫގެ ހަށިގަނޑުގައި އޮޅާ ރަނގަޅަށް ނިވާކުރީމެވެ. ފިނިވެގެންވެސް ތޫގެ އަރާމު ނިންޖަށް އުނދަގޫ ވެދާނެތީއެވެ. އަހަންނަށް ބަލާލެވުނީ ތޫގެ މޫނަށެވެ. ނިދީގައިވެސް އެމޫނުމަތިން ހިނިތުންވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އަހަންނަށް ހިތާއިހިތުން އެހިތްގައިމުކަމަށް ތަޢުރީފުކޮށްލެވުނެވެ. އެހާކައިރިން ތޫގެ މޫނުފެނުމާއިއެކު އަހަރެން ގައިން ހީބިހިނެގިއެވެ. ބުނެދޭން ނޭނގޭ ކަހަލަ ފޮނި އިހުސާސްތަކެއް ކުރެވެމުންދިޔައެވެ. އެއިޙުސާސްތައް ކޮންޓްރޯލް ކުރަންވެސް އުނދަގޫވިއެވެ. ނުވާންވީ ކީއްވެހެއްޔެވެ؟ އަހަރެން ހިތާއި ފުރާނައިން ލޯބިވާ ފަރިކަމަނާ އޮތީ އަހަރެންގެ ކޮނޑުމަތީގައި އަރާމު ފުންނިންޖަކުން ނިދާފައެވެ. އޭނާގެ ހަށިގަނޑުވަނީ އަހަރެންގެ ހަށިގަނޑާއި ޖެހިފިތިފައެވެ. ވައިރޯޅިއަކަށްވެސް އެދޭތެރެއިން ނުދެވޭހާ ވަރަށެވެ. އެހަށިގަނޑުގެ ލުއިމީރުވަސް އަހަރެންގެ ނޭފަތުގައި ޖެހިޖެހި ހުއްޓެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ތޫގެ މޫނުމަތީގައި ވަޔާއިއެކު ބީހެމުންދިޔަ ކުރުއިސްތަށިތައް އެއްފަރާތް ކޮށްލެވުނެވެ. އެއާއިއެކު އެރީތިކަމަށް ގެއްލިފައި އިނދެ މަޑުމަޑުން އަހަންނަށް އެރީތި ދޮންޖަންބެއްފަދަ ކޯތާފަތުގައި އަތުގެ ނުފުށުން ބީހިލެވުނެވެ. އެވަގުތު ތޫ ކުޑަކޮށް ތެޅިލިއެވެ. އަހަންނަށް ކުރެވުނުކަންތައް އިހުސާސްވީ ދެނެވެ. ވަގުތުން އަހަރެން އަނެއްފަރާތަށް އެނބުރުނީމެވެ. އަހަރެން ވަރަށް ލަދުގަތެވެ. އެހާމެ ދެރަވެސްވިއެވެ. ތޫގެ ހުއްދަޔާއިނުލައި އަހަންނަށް އެމޫނުގައި ބީހިލެވުމުންނެވެ. އެއީ ގޯހެކެވެ. އެފަދަ ކަމެއް ކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. ހިތުތެރޭގައި އުތުރިއަރަމުންދިޔަ ޝައިތާނާގެ ވަސްވާސްތަކުން ހިތް މައިތިރި ކުރަން އަހަރެން މަސައްކަތް ކުރީމެވެ. އެހެން ޚިޔާލުތަކުން ސިކުޑި ބަރުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

އަހަރެން ސިހުނީ ދާދި ކައިރިން ފޯނެއްގެ އަޑުހަރު ރިންގުގެ އަޑަށެވެ. ބަލާލިއިރު ކުރިމަތީގައި އިން މަންމައުމުރުގެ އަންހެނެއްގެ ފޯނު ރިންގްވީއެވެ. އެއަޑަށް އެތަނުގެ އެންމެންގެ ސަމާލުކަން ދަމައިގަތެވެ. އެއީ ރިންގްޓޯންއަކަށްއިނީ ނައިފަރު ދޮހޮއްކުގެ ރީތި މުސްކުޅިލަވައަކަށް ވީތީ ކަންނޭނގެއެވެ. އެމީހާ އެންމެނަށް ބަލާލާފައި ލަދުން ހިނިތުންވެލިއެވެ. އަދި ފޯނާއި ކުޅެން ފެއްޓިއެވެ. އޭރުވެސް އަހަންނަށް އިނދެވުނީ ތޫގެ މޫނުގައި އަތްލީގޮތަށެވެ. ވަގުތު ފާއިތުވީވަރު އަހަންނަށް އެނގުނީ ގަޑިޔަށް ބަލާލުމުންނެވެ. މަންމަޔަށް ގުޅަންވެސް ހަނދާންވީ އެވަގުތުއެވެ. އަދި ފާޚަނާޔަކަށް ދާންބޭނުންވެފައިވާ ވަރުވެސް އިޙުސާސްވީ ދެނެވެ. އަހަރެން ލެޕްޓޮޕް ލައްޕާލަމުން ދަބަހަށްލީމެވެ. ފޯނަށްބަލާލިއިރު ފޯނުއޮތީ ފްލައިޓްމޯޑަށް ލީގޮތަށެވެ. އަހަރެން މަންމަގެ ނަންބަރަށް ޑައިލްކުރަމުން ލޮބީއިން ބޭރަށް ނުކުތީމެވެ. އަދި މަންމަޔާއި ވަހަކަދައްކަން ކުޑައިރުކޮޅަކު މަޑުކޮށްލާފައި ފާޚަނާޔާއި ދިމާލަށް މިސްރާބުޖެހީމެވެ.

އަހަރެން އެނބުރި ލޮބީއަށްއައީ ކައިގެންނެވެ. ކާހިތްނުވެފައި ހުރެވެސް ކެއީ ހަށިގަނޑު ވަރުބަލިވުމުން ސަލާމަތް ކުރުމަށްޓަކައެވެ. ލޮބީތެރެއިން ނުދަންނަ ފިރިހެން ކުއްޖަކު އަހަންނާއި ވާހަކަދެއްކިއެވެ. އެކުއްޖާއިނީ އަހަރެން ކުރިންއިންތަނުގައި އިށީދެނގެންނެވެ. ކައިރީގައި އަހަރެންވެސް ޖައްސާލުމާއިއެކު ހިނިތުންވެލާފއި އެކުއްޖާ ވާހަކަދެއްކީއެވެ. ރަޚްމަތްތެރި ގޮތަކަށް ވާހަކަދެއްކުމުން އަހަރެންވެސް ވާހަކަދެއްކީމެވެ. އެކުއްޖާވެސް ދަތުރުކުރީ އެކަނި ކަމަށްވުމާއިއެކު ރަޚްމަތްތެރި ވެލަންވެގެން ވާހަކަދެއްކީއެވެ. އެއީ ހައިކަލްކިޔާ ދިވެހި ކުއްޖެކެވެ. އެކުއްޖާގެ ވާހަކައިން އެއީ މެލޭޝިޔާގައި ކިޔަވަންއުޅޭ އަހަންނާއި އެއްއުމުރެއްގެ ކުއްޖެއްކަން އެނގުނެވެ. ހައިކަލް އަހަންނާއި ވަރަށްގިނަ ވާހަކަތައްދެއްކިއެވެ. އެއީ މަޖާމިޒާޖެއްގެ ހިންހެޔޮ، އަޚްލާގް ރަނގަޅު ކުއްޖެއްކަން އޭނަގެ ވާހަކަތަކުން އެކުޑަ ވަގުތުކޮޅުގެ ތެރޭގައި އަހަންނަށް އެނގުނެވެ. އަހަރެން އޭނަގެ ވާހަކަތަކާއި ވަރަށް ގަޔާވިއެވެ. އަހަރެންގެ ހިތާމަތަކަށް ކުޑަ ލުޔެއް ލިބުނުހެން ހީވީމައެވެ. އަހަރެން ވަރަށް ނިހާލުމެންމަތިން ހަނދާންވިއެވެ. ދިރިއުޅުމުގެ ހުރިހާ އެއްޗެއް ދޫކޮށްލާފައި އަހަރެން މެލޭޝިޔާއަށްދަނީ އާދިރިއުޅުމެއް ފެއްޓުމުގެ ބޭނުމުގައެވެ. އެގޮތުން އަހަރެން ޖެހޭނީ އާރައްޓެހިންވެސް ހޯދާށެވެ. ހައިކަލްއަކީ ރައްޓެއްސެއްގެ ގޮތުގައި ދެކެން ރަނގަޅު ޒުވާނެކެވެ. ހައިކަލް ކިތަންމެ ގިނަ ވާހަކައެއް ދެއްކިޔަސް އަހަރެން މާގިނަ ވާހަކަތަކެއް ނުދައްކަމެވެ. ހައިކަލްގެ ސުވާލުތަކަށް ކުރުޖަވާބުދިނީމެވެ. އެއީ ނުދަންނަ މޫނަކަށް ވުމާއިއެކު އޭނަޔާއި ހިއްސާކުރާކަށް އަހަންނަށް މާގިނަވާހަކަތަކެއް ނޭނގުނެވެ. ފަހަރުގައި އެއީ އަހަރެންގެ ބަދަލުވެފައިވާ މިޒާޖުގެ ސަބަބުން ކަމަށްވެސްވެދާނެވެ. ..................... (ނުނިމޭ)

Laaraa (05)


ލާރާ (ފަސްވަނަ ބައި)

(ހަތަރުވަނަ ބަޔާއިގުޅޭ)..................

އެލެކްސް އަހަރެން އެރަށަށް ގެނައީ އަހަންނަށް ހެދުންގަތުމަށެވެ. މަހެއްވަންދެން ތަކުރާރުނޮކޮށް ލެވޭވަރަށް އޭނާ އަހަންނަށް ހަވީރު ހެދުންގަނެފައި ދިނެވެ. ހުސް އޭނާގެ ޗޮއިސްއެވެ. އެއީ އަހަރެން ލައިއުޅޭ ވައްތަރުގެ ހެދުންތަކެއްވެސް ނޫނެވެ. ހުސް އަތްކުރު ޓޮޕާއި ޖިންސެވެ. އަހަރެން އެހެދުމުގައި ހުރިތަންފެނުމުން އެލެކްސްހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަހަންނަށް ހިވީ ގައިން އެއްބައި މަދު ހެންނެވެ. އެކަމަކު އެހެދުމުގައި އަހަރެން ހުންނައިރު އެލެކްސްއަށް މާރީއްޗެވެ. އެހެދުންތަކުގެ އިތުރަށް ކުރު ސޯޓާއި ޓީޝާޓުވެސް ގަތީމެވެ. އަދި ރީތިވާން ބޭނުންވާ ހުރިހާ ސާމާނެއްވެސް ގަތީމެވެ. ދެން އެލެކްސް އަހަރެން ގޮވައިގެން ދިޔައީ ސެލޫނަކަށެވެ. އެތަނަށްގޮސް އަހަރެން ފޭޝިޔަލް ހެއްދީމެވެ. އަދިވެސް ޒީނަތްތެރިވުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންތައްވެސް ކުރީމެވެ. ހުރިހައި ކަމެއް ނިންމާލުމަށްފަހުވެސް މޫނުގައި މަލަންކޮޅު އަޅަން އަހަރެން ހަނދާން ނައްތައެއްނުލަމެވެ. ހަމައެތާގައި އެމަލަންކޮޅު އަޅައިގެން ބޭރަށް ނުކުތްއިރު އެލެކްސް ބޭރުގައި އިން ސޯފާއެއްގައި މެގަޒިންއެއް ހިފައިގެން އެއަށް ގެއްލިފައި އިނެވެ. އަހަރެން އެލެކްސްއަށް ގޮވާލުމާއިއެކު އެލެކްސް ބަލާލިއެވެ. އޭނަ ހުރީ އަހަންނަށް ބަލަހައްޓައިގެން ހުއްޓިފައެވެ. ފަހަރުގައި އަހަރެންގެ ބަދަލުވެފައިވާ ސިފަ ފެނުމުން ކަމަށްވެދާނެވެ. އަހަރެން ކުޑަކޮށް ލަދުވެސް ގަތެވެ. އަހަރެން އިސްޖަހާލުމާއިއެކު އެލެކްސްއަށް  ހިނތުންވުމަކާއިއެކު އެއްޗެކޭނުބުނެ އެތަނުން ނުކުންނަން ހިނގައިގަތެވެ. އަހަރެންވެސް އޭނާގެ ފަހަތުން ނުކުތީމެވެ.

ދުވަސްތައް ހޭދަވީ އުފަލާއި މަޖަލުގައެވެ. ހުނުމާއި ސަމާސާ ކުރުމުގައެވެ. މިހުނުމާއި ސަމާސާގައި އަހަންނަށް އެލެކްސްއަށް މާބޮޑަށް ހިތްދެވުނެވެ. އިންތިހާޔަށެވެ. އެހާވަރުންވެސް އެލޯބި ފޮރުވީމެވެ. ދެންއައީ އަހަރުމެންގެ ކައިވެންޏެވެ. ވަރަށް ސިރުގައެވެ. އެއްވެސް ބަޔަކަށް ނޭގެއެވެ. ކައިވެންޏަށްފަހު ވެސް އެލެކްސް އަހަރެން ދެކުނީ ގާތްރައްޓެއްސެއްގެ ގޮތުގައެވެ. ދެމީހުން އުޅުނީ ހަމަ ކުރީގައިވެސް އުޅޫނުގޮތަށެވެ. އެކަމަކު އަހަރެންގެ ޚިޔާލާއި ވިސްނުން ބަދަލުވިއެވެ. މިކަން އޭނަޔަށްވެސް ފާހަނގަ ކުރެވުނެވެ. އޭނާ އަހަންނަށް ޤަދަރުކުރިއެވެ. އަހަންނަށް ތަޢުރީފު ކުރެއެވެ. އަހަރެންކަހަލަ އަތްބެއް ނުލިބޭނެއޭވެސް ބުނެއެވެ. މައްސަލައަކީ އެންމެ މައްސަލައެކެވެ. އެއީ އޭނަގެ ފިރުމުންތަކަށް އަހަރެން ކެތްމަދުވުމެވެ. ހިތަށް ހާސްފަހަރު އަހަންނަކީ ކާކުކަން ބުނެލާނަމޭ ހިތަށްއަރައެވެ. ނަމަވެސް އަދި ވަގުތު ނުޖެހެއޭ ސިކުޑިބުނަމުން ދެއެވެ. އެލެކްސް އޭނާ ލޯބިވާކުއްޖަކު ހުންނަވާހަކަ އަހަރެންގާތު ބުންޏެވެ. އަހަރެން ދެރައެއްނުވަމެވެ. އޭގެ ބަދަލުގައި އޭނާގެ ދުލުން އެހެންބުނާ ކޮންމެފަހަރަކު އަހަރެން ވަނީ އުފަލެވެ. އެއީ އަހަރެންކަން އަހަންނަށް އެނގޭތީއެވެ. ކައިވެންޏަށް ހަފްތާއެއްވީދުވަހު އަހަރުމެން ލަންޑަނަށް ފުރީމެވެ. އަހަރެން ހުރީ އެބިމުގައި ފައިޖެއްސޭލެއް ލަސްވެފައެވެ. އެއީ އަހަރެންގެ ގެ ދެކެލުމަށެވެ. އަދި އަހަރެންގެ ހިތުގައިވާ ހުރިހާ ޝަކުވާތައް އޭގެ ވެރިންނަށް ރައްދު ކުރުމަށްޓަކައިވެސްމެއެވެ.

ފުރިދުވަހު މެންދުރު އަހަރުމެންނަށް ގައުމަށް ދެވުނެވެ. އެލެކްސްގެ ކާރުގައި އަހަރެން އެގެއަށް ދިޔައީމެވެ. އެމާހައުލަކީ ގިނަދުވަސްވިޔަސް އަހަންނަށް އާމާހައުލެއް ނޫނެވެ. އަހަރެންބެލީ އެލެކްސްގެ ގެއާއި ޖެހިގެންހުރި އަހަރެންގެ ގެއަށެވެ. އެހާ ގިނަދުވަސްވީއިރުވެސް އެގެއަށް މާބޮޑުބަދަލެއް އައިސްފައިނުވެއެވެ. ނަމަވެސް އެލެކްސްގެ ގެވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ. ތިންބުރިޔަށް ހުރި ގޭވަނީ ފަސްބުރިޔަށް ނަގާފައެވެ. ހީވަނީ ބޮޑު ގަނޑުވަރެއް ހެންނެވެ. ގޯތިތެރޭގައިވެސް އެކިވައްތަރުގެ މާމެލާމެލީގެ ގަސްތައް ހައްދާފައިވެއެވެ. ދޮރުން ވަންނަތާ ކުރިމަތީގައި ބޮޑު ފެންއަރުވާ ވަޑާމެއް ހުއްޓެވެ. މަންމަޔާއި ބައްޕަ ކޮންމެގޮތަކަށް ކަންތައް ކުރިޔަސް އަހަރެންހުރީ އެމީހުން ދުށުމަށް ކެތްމަދުވެފައެވެ. ގްރޭންޑްމާއާއި ގްރޭންޑްޕާވެސް މެއެވެ.

އެލެކްސްގެ ގޭގެ ދޮރު ހުޅުވާލުމާއިއެކު ފެނުނީ އޭނާގެ މަންމަޔާއި ބައްޕައެވެ. އަހަރެމެންގެ އުމުރަށް އައިބަދަލާއި އެއްވަރަށް އެމީހުންނަށްވެސް ހުރީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެދެމީހުން އެކީގައި ކަހަލަގޮތަކަށް އައިސް އެލެކްސްގެ ގައިގައި ބައްދައިގަތެވެ. ރާއްޖޭގައި އެލެކްސް އުޅުނަސް މަހަކު އެއްފަހަރު ކަހަލަގޮތަކަށް އޭނާ މަންމަމެން ކައިރިޔަށް ދާކަމަށް އޭނާ ބުނެފައި ވެއެވެ. އިރުކޮޅަކުން އެތަނަށް އެހެން އަންހެނަކު އައެވެ. އޭނާވެސް އައިސް އެލެކްސް ގައިގައި ބައްދައި ގަންނަމުން ވެލްކަމް ހަނީއޭ ބުނެލިއެވެ. އަހަރެން ހައިރާންވެފައި ބަލަން ހުރީމެވެ. އެއީ އަހަރެން ދަންނަ މީހެއްނޫނެވެ. ކުރިން އެގެއިން ދެކުނު މީހެއްވެސް ނޫނެވެ. އަހަރެންގެ ހިތުގައި ނޭގޭ ރިހުމެއް އުފެދުނެވެ. އެލެކްސް އަހަންނާއި ދިމާލަށް ބަލާލިއެވެ. ''މިއީ އަހަރެންގެ އަންހެނުން ޕޯލީ....'' އެލެކްސް އެންމެން ތަޢާރަފް ކޮށްފައި އެއަންހެންމީހާވެސް ތައާރަފްކޮށްލިއެވެ. އެލެކްސްގެ ދުލުން ބޭރުވި އެޖުމްލައިން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ކަހަލައެވެ. މުޅިމީހާ އެތެރެއިން ފުޑުފުޑުވިއެވެ. އަހަރެންގެ ހިތުގައި އެތަކެއް ޝަކުވާތަކެއް އުފެދުނެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ހިތަށްވަމުން ދިޔަތަދު ލޮލާއި ހަމަޔަސްވެސް އައެވެ. ނަމަވެސް ހަލުވިކޮށް އެސްފިޔަޖަހާލަމުން އަހަރެން އެހެންމީހުންނަށް އެކަން ސިއްރުކުރުމަށް މަސައްކަތް ކުރީމެވެ. ނަމަވެސް އެލެކްސްއަށް އެކަން ފާހަގަ ކުރެވުނީ ކަންނޭގެއެވެ. އެސްފިޔަ ޖަހާނުލާ އޭނާ އަހަންނާއި ދިމާލަށް ބަލަންހުރީތީއެވެ. އެލެކްސް ގޭމީހުންނަށް އަހަރެން ތަޢާރަފްކޮށްދިނެވެ. އެވަގުތު ގޭގައި ގެންގުޅޭ ހެދުމުގައި ހުރި މީހަކު ކުޑަ ބޭބީއެއް ގޮވައިގެން އައެވެ. އަހަންނަށް ބަލާލެވުނީ އެލެކްސްގެ މޫނަށެވެ. އެވަގުތު އެލެކްސް އެއީ އޭނާގެ ދަރިފުޅުކަމަށް ބުންނެވެ. އަހަރެންގެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ދިރިއުޅުމަށް ކުރި ހުރިހާ އުންމީދެއް ސިކުންތުކޮޅަކުން ވިއްސި ވިހާލެވިގެންދިޔައީއެވެ. އެލެކްސްއަކީ އެހެންމީހެއްގެ މިލްކެކެވެ. އަހަންނަށް އެލެކްސްއާއި ބައްދަލުވެވުނުއިރު ވަގުތުވަނީ ފާއިތުވެފައެވެ. އަހަރެންގެ ދިރިއުޅުމާއިއެއްވަރަށް އަހަރެންގެ ހުވަފެންތައްވެސް ވަނީ ބަދަލުވެފައެވެ. ''ލީޝާ މިގެއަށް ގެނެވުނީ ހަމައެކަނި މިދަރިފުޅުގެ ހުރިހާކަމެއް ބެލެހެއްޓުމަށް...'' އެލެކްސްގެ މަންމަ އެތުއްތު ދަރިފުޅު ބޮލުގައި ފިރުމާލަމުން އަހަރެންގެ އަތަށްދިނެވެ. އެވަގުތު އަހަންނަށް ބަލާލެވުނީ ޕޯލީއަށެވެ. ދަރިފުޅުގެ މަންމަ ހުއްޓާ އެހެންމީހަކާއި ދަރިފުޅު ބެލުމުގެ ކަންތައް ހަވާލުކުރަނީ ކީއްވެހޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެން ލޯބިން އެދަރިފުޅު އުރާލީމެވެ. އަދި ފެންކަޅިވެފައިހުރެ އެދަރިފުޅަށް ބަލާލީމެވެ. އަހަރެންގެ ލޯ ކަރުނުން ތެމުނެވެ. ހިތްރޯވެ އަދަމުންދިޔައެވެ. އަހަންނަށް މިނަސީބުކުރެއްވީ ކޮންކަހަލަ ކަމެއްބާއޭ ހިތަށްއެރިއެވެ. އަހަންނަކީ އަހަރެންގެ ފިރިމީހާގެ ދެވަނަ އަނބިމީހާއެވެ. އެވެސް އެހެންމީހުންނަށް ސިއްރުންނެވެ. ލޯބިވާމީހާއާއި ކައިވެނިކޮށްގެންވެސް އަހަންނަށް އުޅެންމިޖެހުނީ ގޭގައި ގެންގުޅޭ މީހެއްގެ ހައިސިއްޔަތުންނެވެ. އަހަންނަށް ހީވީ ޚުދް އަހަރެންގެ ނަފުސުވެސް އަހަންނަށް މަލާމާތް ކުރާހެންނެވެ.

ގޭގައި ގެންގުޅޭމީހަކު އަހަންނަށް އަހަރެންގެ ކޮޓަރި ދެއްކިއެވެ. އެލެކްސްގެ ބައްޕަގެ އެދުމުގެ މަތިންނެވެ. އަހަރެން ކޮޓަރިޔަށް ދިޔައީމެވެ. އެލެކްސްގެ ދަރިފުޅާއިއެކުއެވެ. އެދަރިފުޅު އަހަރެންގެ އަތުތެރޭގައި ލޯބިން ނިދާލާފައި އޮތެވެ. އަހަރެން ކަޅިޖަހާނުލާ އެދަރިފުޅަށް ބަލަމުންދިޔައީމެވެ. އެދަރިފުޅު އެންމެ ވައްތަރީ އެލެކްސްއާއިއެވެ. އެހެންވެ އެލެކްސާއި އެއްވަރަށް އެދަރިފުޅުވެސް އެހާ ރީއްޗެވެ. އަހަރެންގޮސް އެނދުގައި އިށީނީމެވެ. ގަނޑުވެފައިވާ ބުދެއްހެންނެވެ. އެލެކްސްގެ ލޯބި ނުލިބުނަސް ހެވެވެ. އޭނާ ދެކެވާ ލޯބި އޭނާގެ ދަރިފުޅަށްދެވިދާނެވެ. އަހަރެންގެ ދިރިއުޅުމުގެ މަގުސަދު ޖެހޭނީ ބަދަލުކޮށްލާށެވެ. އެދަރިފުޅުގެ ހައްގުގައެވެ. ލާރާ އަބަދައްޓަކައި ޖެހޭނީ ކަފުންކޮށްފައި ވަޅުލާލާށެވެ. ލީޝާގެ ގޮތުގައި އެލެކްސްއާއި އިންގޮތަށް ދިރިއުޅުމުގެ އެންމެ ފަހުވަގުތާއިހަމަޔަށްވެސް އުޅޭނީ އެގޮތުގައެވެ. އެލެކްސްގެ ދަރިފުޅު ތަރުބިއްޔަތުކޮށް އެދަރިފުޅު އަޚުލާގު ރަނގަޅު މާތް ކުއްޖަކަށް ހެދުމަކީ މިއަދު އަހަރެންގެ ޒިންމާއެކެވެ. މިއަދުން ފަށައިގެން އަހަރެންގެ މަންޒިލަކަށް ވާންޖެހޭނީ އެކަމެވެ. މިކަހަލަ އެތަކެއް ވާހަކަތަކަކުން އަހަރެންގެ ހިތް ހަމަޖައްސަން އަހަރެން މަސައްކަތް ކުރީމެވެ.

އަހަރެން ސިހުނީ  މީހަކު ދޮރު ހުޅުވާލުމުންނެވެ. ބަލާލިއިރު އެއީ އެލެކްސްއެވެ. އެލެކްސް އެތެރެއަށްވަނެވެ. އެވަގުތު އަހަރެން ހިފަހައްޓަމުންއައި ކަރުނަތަށް އިޚްތިޔާރުން ބޭރުވެގެން އޮހިގަތެވެ. ދެރަވިވަރުންނެވެ. އެލެކްސްގެ ކުރިމަތީގައި އަހަރެން ރޯކަށް ބޭނުމެއް ނުވިއެވެ. އެހެންވެ އަތުގެ ނުފުށުން ކަރުނަތައް ފޮހެލާފައި ހިތްވަރުކުރެވޭތޯ ބެލީމެވެ. އެލެކްސް އަހަންނަށް ބަލަންހުއްޓެވެ. ދެރަވެފައެވެ. ''ސޮރީ. އަހަރެން ކުރީގައި މެރިޑްއޭ ނުބުނެވުމުން.'' އެލެކްސް އިސްޖަހާލިއެވެ. އަހަންނާއި ހަތަރުކަޅި ހަމަކުރަން ބޭނުންނުވީ ކަންނޭގެއެވެ. އަހަރެން ކުޑަމީހާ އެނދުގައި ރީއްޗަށް ބާއްވާލީމެވެ. ނުވެއްޓޭނެ ގޮތަށެވެ. އަދިއެއަށްފަހު އެލެކްސް ކައިރިޔަށް ދިޔައީމެވެ. ''ކީއްވެ އޮޅުވާލީ؟'' އަހަންނަށް ގިސްލެވުނެވެ. ''ކީއްވެ އަހަރެން ކައިރީގައި ހުރިހާ ކަމެއް ކުރިން ނުބުނީ؟ އަހަންނާއި ކައިވެނި ކުރަން ބޭނުންވަނީ ހަމައެކަނި އެލެކްސްގެ ދަރިފުޅު ބަލަންކަމުގައި ކީއްވެ ނުބުނީ؟ ދަރިފުޅުބަލަން އަހަންނާއި ކައިވެނި ކުރީ ކޮންބޭނުމަކު؟ ކައިވެނި ނުކުރިޔަސް އެލެކްސް އަހަރެން ކައިރީގައި އެކަމަށް އެދުނުނަމަ އުފަލުން ކޮށްދިނީމުސް... އަހަންނަކީވެސް އިންސާނެކޭ.... އަހަރެންގެވެސް ހިތެއް އޮވެޔޭ...'' އަހަންނަށް ރޮމުން ބިންމައްޗަށް ތިރިވެވުނެވެ. ''އެލެކްސްއާއި ކައިވެނި ކުރެވުމުން އަހަރެން ހީކުރީ އަހަރެންގެ ދިރިއުޅުން ބަދަލުވީކަމަށް.... އެކަމަކު.....'' އަހަންނަށް މިހާހިސާބަށް ބުނެވުނުތަނާ އެލެކްސް އަހަރެންގެ ކޮނޑުގައި ހިފާ ތެދުކުރިއެވެ. ''ލީ... ޕްލީޒް.. ހުއްޓާލާ.... އަހަރެން ލީއަށް ދެރަގޮތެއް ނަހަދާނަން.... ލީއަށް މަދުވާނެ އެއްވެސް އެއްޗެއް ނޯންނާނެ..... އަހަންނަށް އެނގޭ ލީއަށް ހަގީގަތް އެނގުމުން ދެރަވާނެކަން. ކުރީގައި އަހަންނަށް ހުރިހާ ވާހަކައެއް ކިޔައި ނުދެވުނީ މަޖުބޫރުވީވަރުން. އަހަރެން ހީކުރީ ހުރިހާ ކަމެއް އެނގިގެން ލީ އަހަންނާއިއެކު ލަންޑަނަށް ނައަންނާނެ ކަމަށް. އެހެންވެ ކައިވެނި ކުރަންބުނީވެސް. އަހަންނަށް މިވަގުތު ލީގެ ބޭނުން ވަރަށް މުހިންމު.. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިފުޅު އެހެންދީނެއްގެ މީހަކަށް ވާކަށް. ޕޯލީއަކީ ކްރިސްޓިޔަނެއް.'' އެލެކްސް ފެންކަޅިވެފައިހުރެ ބުނެލިއެވެ. އަހަންނަށް އެނާގެ މޫނަށް ބަލާލެވުނެވެ. ''އަހަރެންގެ އަންހެނުންނަކީ އަހަރެންގެ މަންޒިލެއްނޫން. އަހަރެންގެ މަންޒިލަކީ އެހެންމީހެއް. އެއީ އަހަރެންގެ ގެއްލިފައިވާ ލޯބި.'' އެލެކްސް ވަރަށް އަސަރާއިއެކު ވާހަކަދައްކަމުން ދިޔައެވެ. ''އެއީ ވަރަށް ދިގުވާހަކައެއް. އެހެންފަހަރަކުން ކިޔައިދޭނަން. އަހަރެން ޕޯލީއާއި މެރީކުރީ މަންމަމެންގެ އެދުމުގެ މަތިން. އަދި ދަރިއެއް ހޯދީވެސް އެމީހުން ބޭނުންވެގެން. މިލޯބި ލާރާ އަހަރެން ދެކެނީ އަހަރެން ހަމައެކަނި ލޯބިވާ ލާރާގެ ނިޝާނެއްގެ ގޮތުގައި. މިތުއްތު ލާރާގެ މޫނަށް ބަލާލާ ކޮންމެފަހަރަކު އަހަންނަށް އަހަރެންގެ ލާރާގެ ހަނދާންތައް އާވޭ. އެމޫނު ސިފަވެގެންދޭ...'' އެލެކްސް ނިދާފައިއޮތް ތުއްތު  ލާރާގެ ކޮލުގައި ލޯބިން ފިރުމާލަ ފިރުމާލާއިނެވެ. އަހަންނަށް ހުރެވުނީ ހައިރާންވެފައި ބަލަހައްޓައިގެންނެވެ. 
.................. (ނުނިމޭ)

Thursday, September 27, 2012

Mulhi Umurahves Loabi Vaanameve...... (06)

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.... (ހަވަނަ ބައި)

(ފަސްވަނަ ބަޔާއިގުޅޭ)..............

ވަގުތުކައިރިވަރަކަށް ބޯޓަށް އަރަމުން ދިޔަ މީހުންވެސް އޭރު ގިނަވަމުން ދިޔައެވެ. ކޮންމެ މީހެއްގެ މޫނަށްވެސް އަހަރެން ވަކިވަކިން ބަލަން އިނީމެވެ. ތޫއާދޭތޯއެވެ. ނަމަވެސް ފުރަން ފަސްމިނިޓްވީ އިރުވެސް ތޫއެއްނާދެއެވެ. އަހަރެން މާޔޫސްވިއެވެ. ނިހާލުމެން ތޫއަންނާނެކަމަށް ބުނަމުން އަހަރެންގެ ހިތްހަމަޖައްސަން މަސައްކަތް ކުރަމުން ދިޔައެވެ. އެމީހުން އެދުނީ އެންމެފަހުން ތޫއަށް ގުޅުމަށެވެ. ފޯނުމަތިން ހަނދާންވީވެސް އެވަގުތުއެވެ. އަހަރެން އަވަސްއަވަހަށް ފޯނުނަގާ ތޫގެ ނަންބަރަށް ޑައިލް ކުރަން އުޅުނީމެވެ. ނަމަވެސް އޭގެ ކުރިން އަހަންނަށް ފޯނެއްއައެވެ. އަހަންނަށް ބަލާލެވުނީ ނިހާލުމެން މޫނަށެވެ. ހައިރާންވެ ހުރެއެވެ. ގުޅަނީ ތޫއެވެ. އަހަރެން އަވަސްއަވަހަށް ފޯނުނެގީމެވެ. ''ތޫ ކޮންތާކު؟'' ތޫ އެއްޗެކޭ ބުނުމުގެ ކުރިން އަވަހަށް އަހަންނަށް އަހާލެވުނެވެ. ''އަހަރެން މިއިނީ ކާރު ތެރޭގައި. ވަރަށް ލަސްވެއްޖެ. މިހާރު ބޯޓު ނައްޓާ ނުލާކަމެއްވެސް ނޭނގޭ.... ކާރެއް ނުލިބިގެން ލަސްވީ.....'' ތޫވެސް އަވަސްވެފައިވާ އަޑަކުން ބުނެލިއެވެ. ''ބޯޓު ނައްޓައެއް ނުލައޭ....'' އަހަންނަށް ބުނެވުނުއެއްޗެއް ހަނދާންވީ މާފަހުންނެވެ. ނިހާލު އަހަރެން ގައިގައި ވިކައިގަތުމުންނެވެ. ތޫ ކީކޭހޭ ކިޔާފައި އެކަމާއި ސުވާލުކުރިއެވެ. އަދި އަހަންނަށް އެނގުނީ ކިހިނެއްހޭވެސް އަހާލިއެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭގުނެވެ. އަނގައޮޅުނެވެ. އަހަރެން އިތުރަށް ވާހކަނުދައްކާ އަވަހަށް ދިޔުމަށް ބުނެފައި ފޯނުކަނޑާލީމެވެ. ފޯނު ބާއްވަމުން އަހަރެން ހިންހަމަޖެހުމުގެ ނޭވާއެއް ލީމެވެ. ތޫ އަންނަކަން އެނގޭތީއެވެ. އަހަރެން ބަލާލީ ރައްޓެހިންގެ މޫނަށެވެ. އެމީހުން ހެވިލާފައި ބަލަންތިއްބެވެ.  

މާގިނައިރުތަކެއްނުވެ ތޫ ބޯޓަށްއެރިއެވެ. ތޫގެ ނަޒަރުގައި އެނަމެފުރަތަމަވެސް އަޅައިގަތީ އަހަރުމެންނެވެ. އޭނާ ހުރީ ލޮލުން ފެންނަ އެއްޗެއް ގަބޫލުކުރަން ދަތިވެފައި ކަހަލަގޮތަކަށެވެ. ކައިރިޔަށް އައިސް ތޫ އަހަރެންގެ މޭމަތީގައި އިނގިލިން ޖައްސާލިއެވެ. އެއިނގިލީގައި އަހަރެން ހިފުމުން ތޫއަށް ހައިރާންކަމާއެކު ބަލާލެވުނެވެ. އަދި ހަމަރަނގަޅަށްވެސް އަހަރެން އެތާގައި ހުރީތޯ އަހާލިއެވެ. އަހަރުމެން ހެމުން އާއެކޭ ބުނީމެވެ. ތޫގެ މޫނުމައްޗަށް ހިނިތުންވުން އައީ ދެނެވެ. އަހަރުމެން ދާތީ އޭނާ ވަރަށް އުފާވާ ވާހަކަ ބުންޏެވެ. އެވަގުތު ބޯޓުގެ އިންޖީނު ސްޓާޓް ކޮށްލިއެވެ. އަހަރެން ވަގުތުން ބޭރަށް ނުކުތީމެވެ. މަންމަމެން ތިބިތޯ ބެލުމަށްޓަކައެވެ. އެމީހުން އޭރުވެސް ތިއްބެވެ. އަހަރެން ހަނާއެޅީމެވެ. އެވަގުތު ފޯނަށް މެސެޖެއް އައެވެ. ކުޑާއްތަގެ މެސެޖެކެވެ. ''ދެންމެ ބޯޓަށްއެރީ ތޫދޯ........ ފަހަރި ވަރަށް ކިއުޓް......'' އަހަރެން ބަލާލި ކުޑާއްތަގެ މޫނަށެވެ. ހިނިތުންވުމާއިއެކުއެވެ. އަދި އާނއެކޭ ބުނެލުމުގެ ގޮތުން ބޯޖަހާލީމެވެ. ކުޑާއްތަވެސް ހީނލިއެވެ. ބޯޓް ޖެޓީން ނައްޓާލީ އަހަރެން އެމީހުންނަށް ހަނާއަޅަމުން ބަލަން ހުއްޓައެވެ. ބޯޓް ފަޅުން ނުކުތުމުން މަންމަމެން ކާރަށް އަރައިގެން ނައްޓާލިއެވެ. އެމީހުން ދިޔުމާއިއެކު އަހަރެން އެތެރެއަށް ވަނީމެވެ. އޭރު ތޫ ނިހާލުމެން ކައިރީގައި ޖައްސާލައިގެން އިނެވެ. އެމީހުން ތޫއަށް ދަތުރު ހަމަޖެހުނު ގޮތުގެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދި އެރަށަށްގޮސް ތިބޭތަނުގެ ވާހަކަވެސް ބުންޏެވެ. ތޫއަށް އުބެއިދުބޭއަކީ ކާކުކަމާއި އަދި އެގޭ ހުންނަނީ  ކިހާހިސާބެއްގައި ކަންވެސް އެނގުނެވެ.   

ބޯޓް ނައްޓާލައިގެން މާގިނައިރު ނުވަނީސް ބޯޓުގައި ތިބި ގިނަމީހުން ޖައްސާލީ ނިދާށެވެ. އެކޮޅަށް ދެވޭނީ ހެނދުނުގައިކަމަށް ވާތީއެވެ. އަހަރުމެން ދިޔައީ ބޯޓުގެ މައްޗަށެވެ. އެތާގައި ފިރިހެން ވެރިންގެ ދެތިން ބަޔަކުއުޅުނެވެ. އަހަރުމެންވެސް ގޮސް އެއްފަރާތެއްގައި ޖައްސާލީމެވެ. ތޫއިނީ އަހަރެންގެ ކައިރީގައެވެ. ބޯޓުގެ މަތި ވަރަށް ފިނިއެވެ. އަހަރެން ވަށައިގެނ ބަލާލީމެވެ. އުޑާއި ކަނޑު ހާމަޔަށް ފެންނަން އޮތެވެ. އަރާމު ފިނި ވައިރޯޅިތައް ގައިގައި ބާރުބާރަކަށް ބީހެމުން ދިޔައެވެ. ފުރިހަމަވާން ކައިރިވެފައިވާ ހަނދު ދުނިޔޭގެ ރީތިކަމަށް ސަނާކިޔަމުންދިޔައެވެ. ހީވާގޮތުންނަމަ ރެއަކީ ހަނދުމަހުން ތޭރަ ވިލޭރޭއެވެ. އުޑުމަތި ސާފު ރީތި ރެއެއްކަމުން ގިނައަދަދެއްގެ ތަރިތައް ވިދާ ބަބުޅަމުން ރޭގަނޑުގެ ރީތިކަމަށް އިތުރު ފުރިހަމަކަން ގެނެސްދެމުން ދިޔައެވެ. އަހަރެން ތޫއަށް ބަލާލިއިރު ތޫއިނީ މިރީތި މަންޒަރަށް ގެއްލިފައެވެ. އަހަރެންގެ ތުންފަތްމައްޗަށް ލުއިހިނިތުންވުމެއް ވެރިވިއެވެ. ހާމަޔަށް ފެންނަންހުރި ރީތި ހަނދަށްވުރެ އެމޫނުގެ އުޖާލާކަމާއި ރީތިކަން އެތައްގުނަޔަކަށް އިތުރުވުމުންނެވެ.

ދައްކާނެ މާގިނަ ވާހަކަތަކެއް ނެތުމާއިއެކު އެރޭ މަތީގައި ތިބެގެން އަހަރުމެން އެކިއެކި ކުޅިވަރުތައް ކުޅުނީމެވެ. ބަސްގޭމުތަކާއި ލަވަބާޒީއެވެ. އަދި އެމީހެއްގެ ހަޔާތުގައި ދިމާވެފައިވާ އެންމެ މަޖާކަމެއްގެ ވާހަތައްވެސް އެކަކުއަނެކަކާއި ހިއްސާ ކުރީމެވެ. ޖޯކުތައް ކިޔައިދީ ހުނުނީމެވެ. އެވަގުތުއެއީ ޙަޔާތުން ފިލުވާލަން ދަތި ވަގުތެކެވެ. ތޫގެ ހުނުމާއި ހިނިތުންވުން އަހަރެންގެ ހިތުގެ އެންމެ ފުނުގައި ބިންވަޅުނެގިގެން ދިޔައެވެ. އެހިނިތުންވުން އަބަދުގެ އަބަދަށް އެމޫނުމަތީގައި ވުމަށާއި އެއުފާވެރިކަން ތޫގެ ޙަޔާތުގައި އަބަދުގެ އަބަދަށް ވުމަށްއެދި އެވަގުތު އަހަންނަށް ދުޢާކުރެވުނު ވަރެއްވެސް ނޭގެއެވެ. އަހަންނަށް ވެގެންވާނަމަ ތޫގެ ޙަޔާތަށް ހިތާމައިގެ ހިޔަނިވެސް އެޅުނަކަނުދޭނަމެވެ. އަހަރެންގެ މީހަކަށް ތޫ ވެއްޖިއްޔާ ދުނިޔޭގެ ހުރިހާ އުފަލެއް ތޫއަށް ހޯދައިދޭނަމެވެ. އެލޮލުން ކަރުނައިގެ އެންމެތިކެއްވެސް ބޭކާރުކޮށް ނުލާނަމެވެ. ތޫގެ ހިނިތުންވުމަށް ގެއްލިފައި އިންވަރު އަހަންނަށް އިހުސާސްކުރެވުނީ ބޯޓް ތެޅިލުމުންނެވެ. އެވަގުތު ތޫ އައިސްޖެހުނީ އަހަރެންގެ ގައިގައެވެ. ވަގުތުން ތޫ ސޮރީއޭ ބުނެލިއެވެ. އަހަންނަށް ހުރެވުނީ ތޫއަށް ބަލާށެވެ. އަވާރާވެފައެވެ. އަދި އެއްފަހަރު ބޯޓް ތެޅިލާނެނަމައޭ އަހަރެންގެ ހިތަށް އެވަގުތުއެރިއެވެ.

ކުޑަހުވަދުއަށް ދެވެންދެން ބޯޓުމަތީގައި ނުނިދައި މަޖާކުރުމުގައި ތިބެން ނިންމައިގެން އަޔަސް މެންދަމަށް އެޅުނުފަހުން އެންމެންގެ ލޮލުން ނިދީގެ އަސަރު ފާޅުވާން ފެއްޓިއެވެ. އަހަރެން ފިޔަވައެވެ. ނިދި އަހަންނާއި އެތައް މޭލެއްގެ ދުރުގައިވާ ކަހަލައެވެ. ސަމާހުއޮތީވެސް  ފާރިޝްގެ އުނގުގައި ބޯއަޅައިގެން ނިދާފައެވެ. ފިނިކަމުން އެފަކީރު އޮތީވެސް ކުރުގެޅިގެންނެވެ. ފާރިޝްމެން ބޭނުންވީ ތިރިއަށް ދިއުމަށެވެ. ތޫއަށް ނުފެންނަހެން އަތުގެ އިޝާރާތުން ބެސްޓް އޮފް ލަކްއޭ ބުނުމަށްފަހު އެމީހުން ތިރިޔަށް ދިޔައެވެ. އެމީހުންނާއެކުގައި ތޫވެސް ދާންބޭނުންނަމަ ދިޔުމަށް އަހަރެން ބުނީމެވެ. ނަމަވެސް ހިތާއިހިތުން ތޫ ނުދިއުމަށް އަހަރެން އެދުނީމެވެ. ވީވެސް އެހެންނެވެ. ތޫ އަދި ނިދި ނައަންނަ ކަމަށް ބުނެފައި އަހަރެން ކައިރީގައި މަޑުކުރިއެވެ. ނިހާލުމެން ދިޔުމަށްފަހު އެތާގައި ތިބީ އަހަންނާއި ތޫއެކަންޏެވެ. ތޫއަހަރެންގެ ކައިރިއަށް ޖެހިލިއެވެ. އަހަރެން ވަރަށް ހިންހަމަޖެހުނެވެ. އެހާ އެކަނިވެރިގޮތަކަށް ތޫގައިރީގައި އަހަންނަށް އިނދެވުނު އެއީ ފުރަތަމަ ފަހަރެވެ. ތޫއިނީ އަހަރެންގެ ކުރިމަތީގައި މާސިންގާ ބިޔަ ކަނޑަށް ބަލަހައްޓައިގެންނެވެ. ތޫގެ އިސްތަށިގަނޑުން ބޮޑުބައެއް ވަޔާއިއެކު އަހަރެންގެ މޫނުގައި ބީހެމުންދިޔައެވެ. އަހަރެންގެ އިހުސާސްތައް އަހަންނަށް ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. އެހެންވެ ހިތާއި އިދިކޮޅަށް އަހަރެން އަނެއްފަރާތަށް މޫނުއަބުރާލީމެވެ. އިރުކޮޅަކު އެހެން އިނދެފައި އަހަރެން ތެދުވެގެން ގޮސް ދަނގަޑުކައިރިއަށް ހުއްޓުނީމެވެ. އަދި ތޫއާއި ދިމާލަށް އެނބުރުނީމެވެ. އެރޭ އަހަރުމެން ޙަޔާތުގެ ބައެއްވާހަކަތައް ޝެއަރ ކުރީމެވެ. ދުނިޔޭގެ ވާހަތައް ދެއްކީމެވެ. އެކަނިވިޔަސް އަހަރުމެން ދެމީހުންގެ ދެމެދުގައި އެނޫންކަމެއް ނޯވެއެވެ. ތޫގެ ޙަޔާތުން އަހަންނަށް ނޭނގޭ ބައެއްކަންތައް އެރޭ އަހަންނަށް އެނގުނެވެ. އެއީ ތޫއަށް ފަތަން ނޭނގޭކަމާއި ކުރަފިދެކެ ތޫ އިންތިހާޔަށް ބިރުގަންނަކަމެވެ. އަދި ތޫ އެންމެ ހިންހަމަޖެހެނީ އިރުއޮއްސެމުން ދާގަޑީގައި ފިނިވަޔާއިއެކު ދޮންވެލިގަނޑުމަތީގައި ޖައްސާލައިގެން އިނުންކަމެވެ. ރަށުގައި އުޅޭއިރު ސިކުޑި ތާޒާކޮށްލުމަށް ތޫ ވަރަށްގިނައިން އެކަންކުރާވާހަކަވެސް ތޫބުންޏެވެ.

ގަޑިން އެކެއްޖެހީވެސް އަހަރުމެން އެހެން ވާހަކަދައްކަން ތިއްބައެވެ. އަހަރެން ތޫކައިރީގައި ތިރިއަށް ދިޔުމަށް އެދުނީމެވެ. ތޫ ނިދަން ބޭނުންވެދާނެތީއެވެ. ނަމަވެސް ތޫބޭނުންވީ ސާފު ވައިގެ ތެރޭގައި އިނުމަށެވެ. އަހަރެންގެ ހިތުގެ އަޑު ތޫއަށް އެނގެނީބާއޭވެސް ބައެއްފަހަރު އަހަރެންގެ ހިތަށް އަރައެވެ. ތޫ މާބޮޑަށް ފިނިވެގެން އުޅޭކަން ތޫގެ ހަރަކާތްތަކުން އަހަންނަށް އެނގުނެވެ. ބޯޓުމަތީގައި ފިނިވެދާނެތީ މަންމަ އަހަރެން އަތަށްދިން ބޯފޮތިގަނޑުމަތިން ހަނދާންވީ އެވަގުތުއެވެ. އަހަރެން ފޮތިގަނޑު ނަގައިގެން އައިސް ތޫގެ ގައިގައި އޮޅާދިނީމެވެ. ތޫ އަހަންނަށް ބަލާލީ ޝުކުރުގެ ނަޒަރަކުންނެވެ. ތޫ އަހަންނާއި ދިމާލަށް ބަލާލާފައި އޭނާކައިރިގައި އިށީނުމަށް އެދުނެވެ. އެއެދުމާއި ދެކޮޅުހަދާކަށް އަހަންނަށް ނުކެރުނެވެ. އަހަރެން ތޫއާއި ވަރަށް ކައިރީގައި އިށީނީމެވެ. ދެމީހުންތިބީ ޖެހިގެން ކަހަލަގޮތަކަށެވެ. ދެމީހުންގެ ދެމެދަށް ދެންވެރިވީ ހިމޭންކަމެވެ. އެ ހިމޭކަމުން އަހަންނަށް އުނދަގޫ ވާންފެއްޓިއެވެ. އެހެންކަމުން އަހަރެން ފޯނުނަގައިގެން ފޮޓޯތައް ދައްކާފައި އަހަރެންގެ އާޢިލާގެ އެންމެން ތޫއަށް ތަޢާރަފްކޮށްދިނީމެވެ. އެންމެންގެ އެކިއެކި ވާހަކަތައް ކިޔައިދިނީމެވެ. އާޢިލާއިން އަހަންނާއި އެންމެކައިރީ އަހަރެންގެ ބެސްޓް ބަޑީއަކީ ކުޑާއްތަ ކަމުގައިވެސް ބުނީމެވެ. އަހަރެން ދައްކާ ވާހަކަތައް އަޑުއަހާށާއި ފޮޓޯތަކަށް ބަލަން ތޫއިނީ ހެވިފައެވެ. ތޫވެސް އޭނާގެ އާޢިލާގެ މީހުންގެ ފޮޓޯތައް ދެއްކިއެވެ. އެމީހުންގެ ވާހަކަތައް ކިޔައިދިނެވެ. އެވަގުތު އަހަރެން އިނީ ވަރަށް އުފަލުންނެވެ. އަހަރެންގެ ހިތުގައި އުތުރިއަރަމުން ދިޔަ ޝުޢޫރުތައް ބަޔާންކުރަން ދައްޗެވެ. އެހެންގޮތަކަށް ބުނާނަމަ އެދުވަހާއި ހަމަޔަށް އެވަގުތަކީ އަހަރެންގެ ހަޔާތުގައި ލިޔެވުނު އެންމެ އުފާވެރި ސޮފްޙާއެވެ. އެވަގުތު ނިމިގެން ނުދާނޭނަމައޭ އަހަރެންގެ ހިތަށް އެތައްފަހަރަކުއެރިއެވެ. ނަމަވެސް ވަގުތަކީ ހިފެހެއްޓޭނޭ އެއްޗެއް ނޫނެވެ. އެހެންނޫންނަމަ އެވަގުތު އަހަރެން އުމުރަށް ހިފެހެއްޓީމުސްއެވެ.

އެރޭ އަހަންނަށް އިހުސާސްވީ ތޫގެ ހިތުގައިވެސް އަހަންނަށްޓަކައި ޚާއްސަކަމެއް ވާކަމެވެ. އޭނަވެސް އަހަރެންދެކެ ލޯބިވާކަމެވެ. އޭނަގެ ދުލުން ނުބުންޏަސް މިޒާޖުން އަހަންނަށް ނަގައިގަނެވުނީ އެހެންނެވެ. އަހަރެންގެ ކޮންމެ ވާހަކައެއް އޭނަ ކަނުލާ އަޑުއެހުމާއި އަހަންނަށް އޭނަރައްދުކޮށްދޭ ލޯބިވެތި ހިނތުންވުމުން ރަމްޒުކޮށްދެނީ ލޯބިކަމަށް އަހަރެންގެ ޅަސިކުޑި އަހަންނަށް ވިސްނުވައިދެމުން ދިޔައެވެ. އަދި އަހަރެން ކިތަންމެ އިންތިޒާރު ކުރިޔަސް އަންހެން ކުއްޖަކު އިސްވެ ލޯބި ހުށަނާޅާނެކަންވެސް ވިސްނުވައިދިނެވެ. އެހެންވެ އަހަރެން ބޭނުންވީ އެވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށެވެ. އަހަރެން އެކިއެކި ވާހަކަ ދައްކަމުންގޮސް ވަރަށް ހިތްވަރުކޮށްލާފައި ތޫކައިރީގައި އަހަރެން ވަރަށް ބޮޑުވާހަކައެއް ބުނަންބޭނުންވެފައި އޮތްކަމަށް ބުނީމެވެ. އޭރު ގަޑިން ތިނެއް ޖަހަން ކައިރިވަނީއެވެ. އަހަރެން އިނީވެސް  ތޫއަށް ފުރަގަސްދީގެންނެވެ. އެވާހަކަބުނާއިރު ތޫއާއި ހަތަރުކަޅި ހަމަކުރަން ބޭނުންނުވާތީއެވެ. ތޫ ވަރަށް މަޑުން ކޮންވާހަކައެއްހޭ އަހާލިއެވެ. އެއްޗެކޭ ނުބުނެ އިރުކޮޅެއް ވަންދެން އަހަރެން އިނީމެވެ. ބާރުބާރަށް ތެޅެމުންދިޔަ އަހަރެންގެ ހިތް ކުޑަކޮށް މައިތިރި ކުރުމަށްޓަކައެވެ. އެއަށްފަހު ފުންނޭވާއެއްލާފައި ތޫކައިރީގައި އަހަރެން ލޯބިވާ ވާހަކަބުނީމެވެ.  އަހަރެންގެ ދުލުން އެހެން ބުނެވިއްޖެކަން އަހަންނަށްވެސް ގަބޫލުކުރަން ދަތިވިއެވެ. އެހެންވެ ދެވަނަފަހަރަށްވެސް އަހަރެން ތޫދެކެ ލޯބިވާވާހަކަ ބުނީމެވެ.  .................. (ނުނިމޭ)